بسـم اللَّه الرّحـمٰـن الـرّحيـم

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّـلام عليــكم ورحـمــة اللّـه وبـركاتـه.

ދިވެހިރާއްޖޭގެ ސިޔާސީ އަދި ޤައުމީ ހަޔާތުގެ ހަރުދަނާ އެއް ތަނބު ކަމުގައިވާ، ރައީސް ސުމުއްވުލް އަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ލިޔުއްވުމެއްގައިވޭ. "އަޅުގަނޑުގެ ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! ހަނދުމަފުޅުކުރައްވާށެވެ! ބަވަނަވެފައިވާ އުދަރެހަކުން ރޯޝަނީ ކުލަވަރެއް ދައްކާލެވޭނީވެސް ތެދުވެރި އިޚުލާޞްތެރި ޚިދުމަތުންނޭ. ބޯޖަންގައްޔެއްގެ ތެރެއިން ތަނަވަސް މަގެއް ކޮށާލެވޭނީވެސް، ހިތްވަރުހުރި ދަރީންގެ މުލައްދަނޑީގެ ބާރުންނޭ. ނަފުސުގެ މައްޗަށް އިތުބާރު ހުރި ބަޔަކަށް، މުސްތަޤުބަލު އަބަދުވެސް ފެންނާންވާނީ ހިތްފަސޭހަ ކުލަތަކަކުން ޒީނަތްތެރިވެފައި ވަނިކޮށޭ.''

އާދެ! ޝައްކެއްނެތް. ހަމަ މިބީދައިން، އަޅުގަނޑުގެ ޢަޒުމަކީ ތެދުވެރިކަމާއި އިޚުލާޞްތެރިކަން އަބަދުވެސް ކުރިޔަށް ނެރުން. ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތްކުރުން. މާތް ﷲ އިރާދަކުރެއްވިއްޔާ، މި އަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރު. ކުރިޔަށް އޮތީ، ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މިކަމުގައި އަޅުގަނޑުގެ މަންހަޖަކީ، ކުރީ އަހަރުގެވެސް މަންހަޖު. އެއީ، ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަށަވަރުކުރުން. ވަކިން ޚާއްޞަކޮށް، ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން. އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުން. އަދި، އިސްލާމީ ޝަރީޢަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާފަދަ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތް ކުރުން.

މިގޮތުގެމަތީން ފާއިތުވި އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރިން. އެއީ، ދިވެހީންގެ އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަށްޓަކައި. މާތްވެގެންވާ އިސްލާމްދީނާމެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި. އިސްލާމީ އަޚުވަންތަކަމުން މުޖުތަމަޢުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަޚުލާޤުން މުޖުތަމަޢުގެ ސުލޫކު ޒީނަތްތެރިކުރުމަށްޓަކައި. އެގޮތުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މިދިޔަ އަހަރު ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕްރޮގްރާމް ހިންގިފައި. އަދި މިއަހަރުވެސް، ރިސާލަތު ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިޔަށްދާނެ.

މީގެއިތުރަށް، ނަމާދަކީ ހުރިހާ މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއް ކަމުގައި ލައްވައިފައިވުމާއި، އެއީ އިސްލާމްދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވައިފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައިވެސް މުހިންމު މަޝްރޫޢެއް ވާނީ ފަށައިފައި.

ޝައްކެއްވެސް ނެތްގޮތުގައި، ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم. މިއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޣައިރު މުސްލިމުންވެސް އެ މައްޗަށް އިޢުތިރާފުވެ، އެތައް ފޮތެއް ލިޔެފައިވާ މައުޟޫޢެއް. އެހެންކަމުން، ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގައި. ވީމާ، އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުނގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް، އެކަމާ ގުޅުންހުރި ދާއިރާތަކަށާއި ޖަމުޢިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދަން ވާނީ ނިންމައިފައި.

މީގެ އިތުރުން، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް ވާނީ އަލުން އުފައްދައިފައި. މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ބެލެހެއްޓެމުން. އަދި ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7.8 މިލިއަން ރުފިޔާ، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ޚަރަދުކުރެވިފައި. ހަމައެއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމަށް 35 މަޝްރޫޢު މި އަހަރު ކުރިއަށް ގެންދެވޭނެ.

ޒަކާތަކީ މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އަނެއް ރުކުން. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ޒަކާތަކީ އިޖުތިމާޢީ ޢަދާލަތުގެ ވަރަށް ޚާއްޞަ އެއް އަސާސް. ޒަކާތުގެ ސަބަބުން އިންތިހާއީ ފަޤީރުކަން ނައްތައިލެވި، މާލީ ފުދުންތެރިކަމެއް މުޅި ޤައުމުގައި އަށަގެންނެވޭ. އޭގެ ސަބަބުން، ކުލުނާއި ލޯތްބާއި ހަމަޖެހުން ގާއިމުކުރެވޭ. މިއީ، އިސްލާމީ ތާރީޚު ކަށަވަރުކޮށްދީފައިވާ ޙަޤީޤަތެއް. އެހެންކަމުން، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދިކަން، މިދިޔަ އަހަރު މި ފިޔަވަޅުމަތީ ހުރެ އަޅުގަނޑު ވާނީ ދަންނަވައިފައި. ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާއަށް ބަލާއިރު، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްދޭން ފަށައިފައި. ޒަކާތުގެ ނިޒާމު، ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބު ކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި، ގަވާއިދުތައް އެކުލަވައިލައި ވާނީ ފާސްކުރެވިފައި. އަދި ޒަކާތުގެ މަސައްކަތްތައް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމަށްޓަކައި، "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ވަނީ ބޭއްވިފައި. މި ގޮތަށް ޒަކާތުގެ ނިޒާމު ޒަމާނީކުރެވި، އުސޫލުތައް ހިންގާން ފެށުމުން، ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އިރާދަކުރެއްވިއްޔާ އައިސް، އިންތިހާއީ ފަޤީރުކަން ނެތް ދުވަހެއް އިރާދަކުރެއްވިއްޔާ ދިވެހީން ދެކޭނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މަޖިލިސް މެންބަރުން؛

އަޅުގަނޑު ވެރިކަމާ ހަވާލުވެ ޤައުމާ މުޚާޠަބުކުރި ފުރަތަމަ ދުވަހު، ވީ އެންމެ ބޮޑު ވައުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެ ކަމުގެ ވައުދު. މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ ޢަޒުމް. އެއީ، އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކުވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް. އެހެންކަމުން، ކަނޑާއި އެއްގަމާއި، ވައިގެ ގޮތުންވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތް ކުރާނެ.

މިގޮތުން، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑު ދެގުނަކޮށް، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވާނީ ފަށައިފައި. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް އެބަ ކުރިޔަށްދޭ. ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް ހަލުވިމިނުގައި ކުރެވެމުން އެބަދޭ. ކޯސްޓްގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" 3 ނޮވެންބަރު 2024 ގައި ވާނީ އުފައްދައި، ޚިދުމަތަށް ނެރެފައި.

ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވެންޖެހޭ. އެގޮތުން، ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެމް.އެން.ޑީ.އެފް. އެއަރ ކޯރ، 15 މާރިޗު 2024 ގައި އަޅުގަނޑު ވާނީ އުފައްދައިފައި. އެއާއެކު، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް،
އެ ވެހިކަލްތަކުގެ އެހީގައި، މިހާރު ވަނީ ހޯދިފައި. މީގެއިތުރަށް، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެއަރ ސްޓޭޝަންތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވާނީ ފަށައިފައި.

ހަމައެއާއެކު، މި އަހަރުގެ ތެރޭގައި، އެމް.އެން.ޑީ.އެފް.ގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ. އަދި، ގިރިފުށީ ޓްރޭނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. މި ގެނެވޭ ކުރިއެރުންތަކުގެ ތެރޭގައި، އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި، ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ. ހަމަ މި ބީދައިން ދަންނަވާލަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެމް.އެން.ޑީ.އެފް.ގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީވެސް ވަރަށްބޮޑު ތަނުން އިތުރުކުރަންޖެހޭ. އެހެންކަމުން، ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް، މި އަހަރު ކުރަން ނިންމައިފައި ވާނެ.

ހަމަ އެފަދައިން، ޤައުމުގެ އަމަންއަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރުން ނުހަނު އިސްކަންދީގެން މިދަނީ މަސައްކަތްކުރަމުން. މިގޮތުން، 17 ނޮވެންބަރު 2023 ން ފެށިގެން މިއަދާ ހަމައަށް 27 ރަށެއްގައި، ޕޮލިސް ސްޓޭޝަން ވާނީ ހުޅުވައިފައި. އަދި މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނުވާ 39 ރަށުގައި، މި އަހަރު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެންދާނެ. ނަތީޖާއެއްގެ ގޮތުން، މި އަހަރު ނިމޭއިރު، ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ އެއްވެސް ރަށެއް ނޯންނާނެ. މީގެ އިތުރުން، 20 ރަށެއްގައި ގާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ.

ހަމައެއާއެކު، ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ފަށައިފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ވަސީލަތްތަކުގެ ގޮތުން މި އަހަރު އިތުރުކުރެވިގެންދާނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި، ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި އެންމެ ދުވަސްވީ އަމާނާތަކީ، ދިވެހި ދައުލަތުގެ ސިޔާދަތު ނުވަތަ ދިވެހީންގެ ކަންކަން، ދިވެހީންގެ މަސްލަހަތާއި ސަލާމަތަށްޓަކައި ދިވެހީން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު. އެހެންކަމުން، މިއަދުވެސް އަދި މާދަމާވެސް އަދި އަންނާން އޮތް ޒަމާންތަކުގައިވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާންވާނީ، ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫނާރާނޭހެން. ރާއްޖޭގެ އިޚުތިޔާރުގައި، ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ޤައުމަކާއެކު ގުޅުން ބަދަހިކުރެވެން ވާނެ. އަބަދުވެސް އަވަށްޓެރި ޤައުމުތައް މުހިންމު ވާނެ. ހަމައެއާއެކު، ބައިނަލްއަގުވާމީ ޞުލްޙައާއި، އަމާންކަމާއި، ދިވެހި ޤައުމުގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް، ދެން ހުރި ޤައުމުތަކާއެކުވެސް ގުޅިގެން މަސައްކަތް ކުރަންވާނެ. ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން. އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް، ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއްނުގަންނާނެ.

މިގޮތުން، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅައިފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖެއިން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅައިފައި. ހަމައެހެންމެ، އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި،
އ.ދ. އާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި، ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަށް އެދި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު، ދިވެހިރާއްޖެއިން ވާނީ ކޯ ސްޕޮންސަރ ކޮށްފައި.

ޣާޒާގެ ބިމަކީ ފަލަސްޠީނު ރައްޔިތުންގެ މިލްކެއް. ޣާޒާއިން ފަލަސްޠީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމަކީ، ފަލަސްޠީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުމަށް. އަދި ވަކި ދައުލަތެއް ގާއިމުކުރުމަށް ފަލަސްޠީނު ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމެއް ދެމިއޮތުމުގެ ވިސްނުން ނުވަތަ ޤައުމިއްޔަތަކީ، ކޮންމެ ޤައުމެއްގެވެސް އެންމެ އަސާސީ ޤައުމީ މަސްލަހަތު. މިގޮތުން، ދިވެހީން ދެމިތިބުމަށްޓަކައި، ދިވެހި ޤައުމިއްޔަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދިރުވައި އިއާދަކުރުމަށްޓަކައި ނުހަނު ގިނަ ކަންކަން، މިދިޔަ އަހަރު ވާނީ ކުރެވިފައި. ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދައި، އެ އިސްވަރުގެ ފުރަތަމަ އަހަރީ މަހާސިންތާ ވާނީ ބޭއްވިފައި. ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފައްދައި، ވިލަރެސްވެރީން ނަގައި، ދިރާސާތައް ވާނީ ފަށައިފައި.

ހަމައެއާއެކު، ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ކުރީއްސުރެ ކުރަމުންދިޔަ ޚާއްޞަ މަސައްކަތެއް ކަމުގައިވާ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަނުގެ 3ޑީ ސްކޭނިންގ ހެދުމާއި، ޒަމާނީ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާއްދީ ތަރިކަ ދަފުތަރުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އާންމުންނާއި، ކިޔަވާކުދިންނާއި، ދިރާސާކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން ޑޭޓާބޭސްއެއް މިހާރު ވާނީ ގާއިމުކޮށްފައި.

މީގެއިތުރަށް، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މި އަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވަރކެއް އުފައްދަން ފަށާނެ. ހަމައެހެންމެ، ތަރިކައިގެ ދާއިރާ ޑިޖިޓައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި، ކަޅުއޮށްފުންމިއާ ގުޅިފައިވާ ޕާކު، އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި، ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް، ހއ. އަތޮޅުގައި މި އަހަރު ފެށޭނެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި، ހއ. އުތީމު، ތަކަންދޫ، ބާރަށް ހިމެނޭނެ. މި މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި، އެ ރަށްރަށުގައި ހިމެނޭ މާއްދީ އެހެން ތަރިކަތައްވެސް ހިމާޔަތް ކުރުމުގައި ޝާމިލުކުރެވޭނެ. ސަބަބަކީ، މި މަޝްރޫޢު އެކުލަވައިލެވޭނީ ދިވެހީންގެ އަމިއްލަވަންތަކަން އިއާދަކުރުމުގެ ސިޔާސަތާއި އަދި ދިވެހި ތާރީޚުގައި މުޅިން އަލަށް ތަޢާރުފުކުރެވުނު ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ކަމަށްވާތީ.

ހަމައެއާއެކު، އަޅުގަނޑު ގަސްދުކުރަނީ، ވީހާވެސް ފުރިހަމަގޮތެއްގައި، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރު ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް، ހއ. އުތީމުގައި ފާހަގަކުރަން. އުތީމު މަހާރަދުންނާއި، ކަޅުއޮށްފުންމީގެ ފަހުލަވާނުން މި ޤައުމަށްޓަކައި އެ ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކުރާ، ވީ އެންމެ މަތީ ދަރަޖައެއްގައި އާކުރަން އަޅުގަނޑު ބޭނުން. އެ މަތިވެރި ޖިހާދުން ލިބޭ ފިލާވަޅުތައް، ޖީލުޖީލަށް ރައްދުވަމުން ފޯރަމުންދާން އަޅުގަނޑު ނިހާޔަތަށް ބޭނުން. މި ލޮބުވެތި ދިވެހި ޤައުމުގެ މިނިވަންކަމުގެ އަގާއި ޝަރަފާއި ޢިއްޒަތް، ހަމަ ކޮންމެ ދިވެހި ދަރިޔަކަށް އިޙްސާސްވެ، މި ލޮބުވެތި ޤައުމާ މެދު ފަޚުރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެދެން އަޅުގަނޑު އިންތިހާޔަށް ބޭނުން. ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމިއޮންނާނީ އޭރުން.

ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި އިޤުތިޞާދީ މި ހަރަކާތްތައް ކުރިޔަށްދާއިރު، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވައިލައި، ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙުތައް ގެނެސް، ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ހައިސިއްޔަތަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އެކި ދާއިރާތަކުން ޤައުމު ކުރިއަރުވައި ފާގަތި މުސްތަޤުބަލެއް ހޯދުމަކީ، އަޅުގަނޑުގެ އަމާޒު. އެގޮތުން، ޤައުމުގެ އިޤުތިޞާދީ ހާލަތަށް ބަލާއިރު، 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤުތިޞާދީ ކުރިއެރުން ހަލުއިވާނެ. އެގޮތުން، މި އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރަން.

މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވްވެސް ވަނީ އިތުރުވެފައި. 2024 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި. މިއީ، 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުންމީދީ އަންދާޒާއަކީ، އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު، ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދިޔުން.

އިޤުތިޞާދީ މި އުފާވެރި ނަތީޖާއާއެކު، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައި މިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީވެސް ދިވެހި ދައުލަތާއި، ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ވާނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައި. ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވައިލައި ތަންފީޒުކުރަން ފެށުމަކީ، މިގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅު. މި ބަދަލުގެ ހެޔޮ އަސަރު، ކައިރި މުސްތަޤުބަލެއްގައި ދައުލަތުގެ ރިޒަރވަށް އިރާދަކުރެއްވިއްޔާ ކުރަން ފަށާނެ. އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެ ތިޔާގިކަން އިރާދަކުރެއްވިއްޔާ ފޯރަން ފަށާނެ.

މިގޮތުން، މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ގާއިމުކުރެވޭނެ. އަދި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓް ކުރުމުގެ ގޮތުން، ބޭންކުތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ދެގުނަކޮށް، އެ އަދަދު 1,000 ޑޮލަރަށް އިތުރުކުރެވިގެންދާނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑުގެ ލިމިޓުތައް، 1,400 ޑޮލަރަށް ބޮޑުކުރެވިގެންދާނެ. މިކަންކަމަކީ، ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން. މި ޤާނޫނު ތަންފީޒުކުރުމުގައި ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީހޮޓާތައް އަދި މި ޤާނޫނުން، ޑޮލަރު މާރުކުރަންޖެހޭ އެންމެހައި ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރަން.

ޖުމުލަކޮށް ދަންނަވާނަމަ، މި ޤާނޫނުގެ ސަބަބުން، ބޭރުފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ، ޓޫރިޒަމް އިންޑަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި، ބޭންކިންގ ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ. އަދި މިއާއެކު، އަމިއްލަ ވިޔަފާރިއާއި، އާންމު ފަރުދުންގެ އެކި ބޭނުންތަކަށް ޑޮލަރު ލިބުން ފަސޭހަވެ، އެކްސްޗޭންޖް ރޭޓް މެދުވެރިކޮށް، ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ.

މީގެއިތުރުންވެސް، މިދިޔަ އަހަރު، އާދެ! 45 އަހަރަށްފަހު، ފޮރިން އިންވެސްޓްމަންޓް ޤާނޫނު މުޅިން ބަދަލުވުމާ ގުޅިގެން، ދިވެހިރާއްޖެއަކީ، އިންވެސްޓަރުންގެ މެދުގައި ވާދަވެރި އަދި ޝައުޤުވެރި މަންޒިލަކަށް ވެގެންދާނެކަމާމެދުގައިވެސް ޝައްކެއްނެތް.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤުތިޞާދުގެ ހަކަތަ. މިހެންކަމުން، މި ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި، 374 ވިޔަފާރިއަކަށް ޖުމުލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރެވިފައިވޭ.

މީގެއިތުރުންވެސް، ކޯވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ލުއިތަކެއް ވަނީ ފޯރުކޮށްދެވިފައި. އަދި އެ ވިޔަފާރިތައް އަލުން ކޮޅަށްޖެހުމަށް މަގުފަހިކުރުމުގެ ގޮތުން، މި ލޯނުތަކުގެ އިންޓަރެސްޓް މުޅިން މާފުކޮށް، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 8 އަހަރުން 10 އަހަރަށް ވާނީ އިތުރުކޮށްފައި. މި ނިންމުމުގެ ސަބަބުން، 2133 ފަރާތަކަށް 55 މިލިއަން ރުފިޔާގެ އިންޓަރެސްޓް މާފުކުރެވި، އަދި މިހާތަނަށް ލޯނު ދައްކައި ނުނިމޭ 1811 ފަރާތަކަށް، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެވުނު. އަދި، 2024 ވަނަ އަހަރުގެ ނޮވެންބަރު 17 ގެ ނިޔަލަށް، ލޯނު އެއްކޮށް ދައްކައި ނިންމައިފައިވާ 322 ފަރާތުގެ ތެރެއިން 316 ފަރާތަކަށް، އެ ފަރާތްތަކުން ކުރިން ދައްކައިފައިވާ އިންޓަރެސްޓަށްވާ ފައިސާގެ ގޮތުގައި، 3.36 މިލިއަން ރުފިޔާ ވަނީ އަނބުރާ އެފަރާތްތަކަށް ރައްދުކޮށްދީފައި.

ހަމައެއާއެކު، ދިވެހި ފަންނުވެރިންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެ، ހައްލުތައް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުގެ ވައުދާ އެއްގޮތަށް، ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލެވި މިހާރު ވަނީ ލޯންޗުކުރެވިފައި. މިއީ، ދިވެހި ސަރުކާރަކުން ކްރިއޭޓިވް އިންޑަސްޓްރީއަށް އަމާޒުކޮށްގެން، ޤައުމީ ފެންވަރުގައި މިފަދަ ޕްލޭނެއް އެކުލަވައިލި ފުރަތަމަ ފަހަރު.

މީގެއިތުރުންވެސް، އިންޓަރނޭޝަނަލް ޓްރާންސެކްޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމުގެ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ޗައިނާއާއި އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގައި ދެވޭ ޚިދުމަތްތަކަށް ފައިސާ ލިބުމަށް ފަސޭހަކޮށްދިނުމަށްޓަކައި، ވީ-ޗެޓް ޕޭ އަދި ރުޕޭ ކާޑު މެދުވެރިކޮށް، ފައިސާ ބަލައިގަތުމުގެ ނިޒާމުވެސް ވަނީ ތަޢާރުފުކުރެވިފައި. އަދި ދިވެހިރާއްޖޭގެ މާލީ ޚިދުމަތްތައް ތަރައްޤީކޮށް ޒަމާނީކުރުމުގެ މަސައްކަތުގެ ތެރެއިން، ދިވެހި ސަރުކާރުން އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަނާއެކު، ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް، އާދެ! ޔޫ.ޕީ.އައި. ދިވެހިރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން.

މީގެއިތުރުން، ވިޔަފާރިތަކަށް މާލީ ފަސޭހަތައް ހޯދައިދިނުމުގެ ގޮތުން، ދިވެހި ރުފިޔާއާއި، ޗައިނާގެ ފައިސާއިން މުޢާމަލާތު ކުރުމުގެ މަގު ފަހިކުރުމަށް، ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. އަދި ދިވެހި ރުފިޔާއާއި، އިންޑިއާގެ ރުޕީސްއިން މުޢާމަލާތު ކުރުމުގެ މަގު ފަހިކުރުމަށްޓަކައި ދިވެހި ސަރުކާރާއި، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކުވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. މި އެއްބަސްވުންތަކުގެ ދަށުން ދިވެހި ވިޔަފާރިވެރިންނަށް، ޗައިނާއާއި އިންޑިއާގެ ވިޔަފާރިތަކާއެކު ކުރާ ފައިސާގެ މުޢާމަލާތްތައް، ސީދާ ދިވެހި ފައިސާއިން ކުރުމުގެ މަގު ފަހިވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިއަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" މި އަހަރުގެ މޭ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި. އާދެ! ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބާއްވާ މި މައުރަޒުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤުތިޞާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި، އާ އުފެއްދުންތައް އުފައްދައި، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމަށާއި، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތަނަކުން މިފަދަ އުފެއްދުންތައް ފެންނާނޭ ފަދަ މާހައުލެއް ގާއިމުވެގެންދާނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ، އިޤުތިޞާދީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒު. މިގޮތުން، ރާއްޖޭގެ ބާޒާރުގެ އަގުތައް، އެވްރެޖްކޮށް، އެއް މިންވަރެއްގައި ހިފެހެއްޓުމަށް، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވުނު. ވަކިން ޚާއްޞަކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރަމަޟާން މަހުގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފަހައްޓައި، ރައްޔިތުން ބޭނުންވާ މުދާ، މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން، މިދިޔަ 1445 ވަނަ އަހަރުގެ ރަމަޟާން މަހު ވާނީ ކަށަވަރުކޮށްދީފައި.

މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން، ނުވަތަ ތަކެތީގެ އަގުތައް އެވްރެޖްކޮށް އިތުރުވެފައި ވަނީ 0.8 އިންސައްތައިން. މިއީ 2023 ވަނަ އަހަރު އިންފްލޭޝަން ހުރި މިންވަރު ކަމަށްވާ 2.9 އިންސައްތައަށްވުރެ ދަށް މިންވަރެއް. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކާއި، ރާއްޖޭގެ އިޤުތިޞާދީ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، މި އަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަނުދީ، އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ. އެކަމުން ރައްޔިތުންގެ ޚަރަދުބަރަދަށް ލުއިކަން ލިބި، އާންމު ތިޔާގިކަމަށް މަގުފަހިވެގެންދާނެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަކަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މިގެންދަނީ އަޅަމުން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި ޢިއްޒަތްތެރި މަޖިލީހުން ފާސްކޮށްދެއްވި، 2024 ވަނަ އަހަރުގެ ޖުމްލަ 53.1 ބިލިއަން ރުފިޔާގެ ބަޖެޓް، ޚަރަދު ވެފައިވާ ގޮތަށް ބަލައިލުމަކީ، މި ހިނދުގައި ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެން. މިގޮތުން ބަލާއިރު، ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވަނީ ރިކަރަންޓް ޚަރަދުތަކަށް. އޭގެތެރެއިން 13.6 ބިލިއަން ރުފިޔާއަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ޚަރަދުވި ފައިސާ. އަދި 4.7 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުގެ އިންޓަރެސްޓަށް ވަނީ ޚަރަދުވެފައި. ރިކަރަންޓް ޚަރަދުގެ ތެރެއިން އެކިކަހަލަ ގްރާންޓްތަކާއި، ސަބްސިޑީއަށް 10.5 ބިލިއަން ޚަރަދު ވެފައިވާއިރު، އޮޕަރޭޝަނަލް ޚިދުމަތްތައް ފަދަ ކަންކަމަށް 6 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައި. ކެޕިޓަލް ޚަރަދުގެ ގޮތުގައި، ޖުމުލަ 18.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އޭގެތެރެއިން 11.4 ބިލިއަން ރުފިޔާ ޚަރަދުވެފައި ވަނީ ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ހިންގުމަށް. ޕްރިންސިޕަލް ލޯން ރިޕޭމަންޓަށް 2.3 ބިލިއަން ރުފިޔާ ޚަރަދު ވެފައިވާއިރު، 2.1 ބިލިއަން ރުފިޔާ، އިންވެސްޓްމަންޓްތަކަށް ޚަރަދު ކުރެވިފައިވޭ. މީގެއިތުރުން، 1.8 ބިލިއަން ރުފިޔާ، ކެޕިޓަލް އިކްއިޕްމަންޓާއި، އެފަދަ އެހެނިހެން ތަކެއްޗަށް ޚަރަދުވެފައިވޭ. އަދި 0.7 ބިލިއަން ރުފިޔާ، ލޯނު އިޝޫކުރުމަށް ޚަރަދު ވެފައިވޭ. އާދެ! 17 ނޮވެންބަރު 2023ގެ ކުރިން ނަގައިފައިވާ ލޯނުތައް ދެއްކުމަށް، 2024 ވަނަ އަހަރުގެ ބަޖެޓުން ޖުމުލަ 3.9 ބިލިއަން ރުފިޔާ، ބޭރުގެ ދަރަނި އަދާކުރަން ޚަރަދުވެފައިވާއިރު، އެތެރޭގެ ދަރަނި ދެއްކުމަށް، 3.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައި. އަދި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާ އެކީގައި ހަދައިފައިވާ އެގްރީމަންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅައިފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައި.

އާމްދަނީއަށް ބަލާއިރު، 2024 ވަނަ އަހަރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމުލަ 35 ބިލިއަން ރުފިޔާ ލިބިފައިވޭ. ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅައިފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެކަމުގެ ހެޔޮ އަސަރުވެސް މިހާރު ވަނީ ދައުލަތުގެ މާލިއްޔާއަށާއި، ބޭރު ފައިސާގެ ރިޒަރވަށް ކުރަން ފަށައިފައި. ނަތީޖާއެއްގެ ގޮތުން، މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިޤުތިޞާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި. ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ޚަރަދުތައް މާބޮޑުކޮށް ހިންގުމަކީ ޒަމާންތަކެއް ވަންދެން ސަގާފަތެއް ކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މި ބޮޑު ޤައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ. އެހެންވެގެން، ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ޚަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަން.

ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން. މިގޮތުން، އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ކުޑަކުރުން. މީގެ ކުރިން، 2024 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި، އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާގެ އަދަދަކުން ބަޖެޓް ޑެފިސިޓް ވެފައިވޭ.

މި އަމާޒު ހާސިލުކުރުމަށް ރޭވުންތެރިކަމާއެކު އަޅުގަނޑުމެން އަޅަމުންމިދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި، ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް، އެއްވެސް މަޑުޖެހުމެއް ނުގެނެސް، ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލުވާނޭކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވީތީ އެބައޮތް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި 2030 ވަނަ އަހަރާ ހަމައަށްދާއިރު އައި.ސީ.ޓީ. ދާއިރާގެ ހިއްސާ 15 އިންސައްތައަށް މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް، ދިވެހިންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދީގެން ކުރިޔަށްގެންދާ މަސައްކަތެއް. މިގޮތުން، އައި.ސީ.ޓީ.ގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައިވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދަން. މިގޮތުން، މިދިޔަ ހަފުތާގައި، މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ނިންމުންތަކެއް ވާނީ ނިންމައިފައި. އޭގެތެރޭގައި، ސަރުކާރުގެ ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާ ކުރުން، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރުފުކުރުން، ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް ބިނާކުރުން، ސައިބަރ ސެކިޔުރިޓީ ހަރުދަނާ ކުރުން ފަދަ އެތައް ކަމެއް ހިމެނޭ. އާދެ! އަޅުގަނޑު މި އަހަރު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ކުރި ދަތުރަކީވެސް، މިކަމަށް މަގުކޮށުމަށްޓަކައި ކުރި ވަރަށް މުހިންމު ދަތުރެއް.

ރާއްޖޭގައި ޑިޖިޓަލް އައި.ޑީ.އެއްގެ ގޮތުގައި އީ-ފާސް ތަރައްޤީ ކުރެވިފައިވީ ނަމަވެސް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްތަކާ ހަމަކުރެވޭ މިންވަރަކަށް ޑިޖިޓަލް އައި.ޑީ. ތަރައްޤީކޮށް، އީ-ފާސްގެ އާކިޓެކްޗަރ ހަރުދަނާ ކުރެވިފައެއްނުވޭ. އެހެންވީމާ، މި ދާއިރާވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭހެން ތަރައްޤީކޮށް ކުރިއަރުވަންޖެހޭ. އެގޮތުން، އޯޕަން ޑާޓާ ޝެއަރިންގ ޕްލެޓްފޯމް ތަރައްޤީކޮށް، ޑިޖިޓަލް އައިޑެންޓިޓީގެ ޒަރީއާއިން ޚިދުމަތް ފޯރުކޮށްދޭނެ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނޭގޮތަށް މުޅި ސިސްޓަމް ބައްޓަންކުރަން ވަނީ ޖެހިފައި. 21 ވަނަ ޤަރުނުގައި ދިވެހިރާއްޖެއަށް މި ޒަމާނީ ބޮޑު ޑިޖިޓަލް އިންގިލާބީ ބަދަލު ގެންނަން އަޅުގަނޑު ބޭނުން.

މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ، ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދިޔުން. ސަރުކާރުގެ ސިޔާސަތުތައް، ހާމަކަންބޮޑު ގޮތެއްގައި މީހުންނަށް ފެންނަން ފެށުން. ސިޓީތަކާއި، އެހެނިހެން ފޯމުތައް ހުށަހެޅުމަށް، އިސްރާފުވެގެން ގެއްލިގެންދާ ވަގުތުތަކުން ސަލާމަތްވުން. އޭރުން ވަކި ސިސްޓަމެއްގެ ތެރެއިން ކަންކަމުގެ ސްޓޭޓަސް ބަލައިލެވި، ސަރުކާރުން އެޓެންޑް ވަމުންދާ ގޮތް ވަގުތުން ފެންނަމުންދާނެ. ތިމާގެ އަމިއްލަ ރެކޯޑްސްއަށް، އެއްވެސް ފަރާތަކުން އެކްސެސް ވިޔަސް، ބަދަލެއް ގެނައިކަމުގައި ވިޔަސް، އޭގެ ފުރިހަމަ މައުލޫމާތު، އެ މީހަކަށް ވަގުތުން ބަލައިލުމުގެ ހިތްހަމަޖެހުމާއި، ރައްކާތެރިކަން ޔަގީންވެގެންދާނެ. އާދެ! ޑިޖިޓަލައިޒޭޝަންގެ މި ނިޒާމު ގާއިމުވެގެންދާނީ، ވަކި އޮފީހެއް، ވަކި މުއައްސަސާއެއްގައެއް ނޫން. ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި. އެއްގޮތަކަށް، އެއް މިންގަނޑަކަށް. ދުނިޔޭގައި ކުރިއަރައިފައިވާ، މިފަދަ އިތުބާރުހުރި ފަސޭހަ ޒަމާނީ ގޮތްތައް، ލޮބުވެތި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން އަޅުގަނޑު ބޭނުން. ހަތަރު އަހަރުގެ މި މަޝްރޫޢު، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި، އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމާއެކު، ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ އަޅުގަނޑުގެ ޢަޒުމް. އަޅުގަނޑުގެ އެދުން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ، މިދިޔަ އަހަރު. އެގޮތުން، 2023 ވަނަ އަހަރާ އަޅައިބަލާއިރު، ފަތުރުވެރިން ޒިޔާރަތްކުރި އަދަދު، 9 އިންސައްތަ، ފާއިތުވީ އަހަރު ވަނީ އިތުރުވެފައި. މި އަހަރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރުން. މި އަމާޒު ހާސިލުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައި.

މީގެއިތުރަށް، މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅު، ތ. އަތޮޅު ފަދަ އަތޮޅުތަކުގައި، މި އަހަރުގެ ތެރޭގައި އިންވެސްޓް ކުރުމަށް ލުއިތަކެއް ދީގެންނާއި، އެނޫން އިންސެންޓިވްސް ދީގެން، ރިޒޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު. ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވާނީ ވައިޑް ބޮޑީ އެއަރ ކްރާފްޓް އިފުތިތާހު ކޮށްފައި. އަދި ޗައިނާގެ އިތުރު ސިޓީތަކަށާއި، އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތައް އެދަނީ ކުރެވެމުން. ހަމައެއާއެކު، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ވައިޑް ބޮޑީގެ އިތުރު އެއަރ ކްރާފްޓެއް، މި އަހަރުގެ އޮކްޓޫބަރުގައި ގެނައުމަށްވެސް ވަނީ ހަމަޖެހިފައި. މިކަމުގެ ސަބަބުން، ޔޫރަޕުގެ ބައެއް މަންޒިލްތަކަށްވެސް، ޤައުމީ އެއަރލައިން ސީދާ އުދުހެން ފަށާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި މި އޮންނަ ގޮތުން، އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުން، ޒަރޫރީ ބޭނުމަކަށް ވެފައި މި އޮންނަނީ. އެހެންކަމުން، އާންމު ރައްޔިތުންނަށްވެސް ޒަމާނުއްސުރެ އޮތް ދަތުރުފަތުރު ކުރުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދަން. އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް މި އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވުމާއި، ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް، މި އަހަރު ހުޅުވުމާއި، މ. މުލީ އެއަރޕޯޓް، އެޕްރީލް މަހު ހުޅުވުމަށް ދަނީ މަސައްކަތް ކުރެވެމުން. މީގެއިތުރުން، އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ،
ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓުގެ މަސައްކަތް، މި އަހަރު އެކި މަރުހަލާތަކުގައި ކުރިއަށްދާނެ. މީގެއިތުރަށް، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވެފައިވާ ވައުދާ އެއްގޮތަށް މަސައްކަތްތައް މި އަހަރު ފެށިގެންދާނެ.

މީގެއިތުރުން، ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ، ސަރުކާރުގެ ސިޔާސަތު. އެހެންކަމުން، މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރު.ޓީ.އެލް.ގެ ފެރީ ޚިދުމަތް ދޭން ފަށާނެ. މިގޮތުން، ދެން އެންމެ ފުރަތަމަ އާރު.ޓީ.އެލް. ޚިދުމަތް ފެށޭނީ، ރ. އަތޮޅުގައި. އެއީ،
މި އަހަރުގެ ޖޫން މަހު. ހަމަ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޖުލައި މަހުގެ ތެރޭގައި، ބ. އަތޮޅުގައި ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދަތުރުފަތުރުކުރުމުގެ ހަލުވި ނިޒާމެއް ގާއިމުވެގެންދިޔަ ނަމަވެސް، ދިވެހި ކޮންމެ ރައްޔިތަކަށް ބޭންކިންގ ޚިދުމަތް، އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކުން ލިބޭނޭގޮތް ފަހިވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކިތަންމެ އާބާދީ ކުޑަޔަސް، މި އަހަރު ނިމުމުގެ ކުރިން ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް. ބެހެއްޓި ޚިދުމަތް ދޭން ފަށާނެ. އަދި 19 ރަށެއްގައި އެމް.އައި.ބީ.ގެ އޭ.ޓީ.އެމް.ވެސް ބެހެއްޓި، ޚިދުމަތް ދޭން ފެށޭނެ. އަދި 2026 ވަނަ އަހަރު 10 ރަށެއްގައި އެމް.އައި.ބީ.ގެ އޭ.ޓީ.އެމް. ބެހެއްޓުމަށްވެސް ވަނީ ނިންމައިފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި މަސްވެރިކަމަކީ، ދިވެހީންގެ އައިޑެންޓިޓީއާއި، ދިވެހީންގެ ދެމިތިބުމާ ގުޅިފައިވާ، ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާ. ދިވެހި މަސްވެރިކަމުގެ ސިނާއަތް، ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު. މިގޮތުން، އަޅުގަނޑުގެ ރިޔާސީ ވައުދެއް ކަމުގައިވާ 48 ގަޑިއިރުގެ ތެރޭގައި، މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު، ދެމެހެއްޓެނިވި ގޮތެއްގައި މިހާރުވާނީ ގާއިމުކުރެވިފައި. ހަމައެހެންމެ، ނިމިދިޔަ ސަރުކާރުން މަސްވެރީންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރީންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެކީގައި މިހާރު ވަނީ ޚަލާޞްކޮށްފައި.

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށްޓަކައި، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލައް، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް، އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނެ. އަދި މީގެ ތެރެއިން ފެލިވަރާއި، ގދ. ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ. އަދި 2026 ގައި ހުޅުމާލޭގެ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިންގ ޕްލާންޓުގެ މަސައްކަތް ނިމޭނެ. އަދި ގދ. ފިޔޯރީއާއި، ފ. ނިލަންދޫގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖާއި، މަސް ޕްރޮސެސިންގ ޕްލާންޓް، 2027ގެ ކުރީކޮޅު ނިމޭނެ.

މީގެ ގިނަ މަޝްރޫޢުތަކަކީ، ބޭރުގެ ފަންޑިންގ އެޖެންސީތަކުން އެހީދީގެން ހިންގާ މަޝްރޫޢުތައް. މިގޮތުން، ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ، އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް. މ. މުލައް އަދި ކޫއްޑޫގެ މަޝްރޫޢަށް ފަންޑުކުރަނީ ސަޢޫދީ ފަންޑުން. އަދި ހއ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި، ހުޅުމާލެ ކަންނެލި ފެކްޓްރީއަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ގާއިމުކުރާ ފެސިލިޓީއެއް. އަދި ގދ. ފިޔޯރީއާއި، ފ. ނިލަންދޫ މަޝްރޫޢަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯނު ފެސިލިޓީއަކުން.

މަސްވެރިކަމުގެ ދާއިރާއަށް މި ގެނެވޭ ޒަމާނީ ކުރިއެރުމާއި، ނިޒާމީ ހަރުދަނާކަމުގެ ތެރެއިން އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، މަސްވެރީންގެ ޤައުމީ ދަފުތަރެއް އުފައްދައި، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ރަޖިސްޓަރީ ވެފައިވޭ. މި ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރީންނަށް، ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި، އެސް.ޓީ.އޯ. ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައި ކުރުމުގެ ފުރުޞަތު، މި އަހަރު ނިމުމުގެ ކުރީގައި މުޅިން ފަހިވެގެންދާނެ. އަޅުގަނޑު ބޭނުންވަނީ، ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން، ދައުލަތުން ޝަރަފުވެރިކަމާއެކު ބަލައިގަނެ، މިފަދަ އެތައް ފުރުޞަތުތަކެއް ފަހިކޮށްދޭން. މިއީ އެއް ޤައުމެއް. އެއް އާއިލާއެއް.

މަސްވެރީންނަށް، އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއްވެސް ޒަމާނުއްސުރެ އެބަހުރި. އެކަން ހައްލުކުރުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢޫދީ ފަންޑުގެ ލޯނުގެ އެހީގައި، ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

މީގެއިތުރުން، 100 ދޯނީގައި އާރު.އެސް.ޑަބްލިޔު. ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި، އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރު.އެސް.ޑަބްލިޔު. ސިސްޓަމަކާއި، ޖަނަރޭޓަރަކާއި އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އާރު.އެސް.ޑަބްލިޔު. ބޭނުންކުރަން ފެށުމުން މަސްވެރީން، އައިސް ގަންނަން ކުރާ ދަތުރުގެ ޚަރަދު ވަރަށްބޮޑު ތަނުން ކުޑަވެގެންދާނެ.

މިކަންކަމުގެ އިތުރުން، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، މަސްވެރީންނާއި އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑް ގާއިމުކޮށް، އެސް.ޓީ.އޯ. ރޭޓުގައި ޑީސަލާއި ތެޔޮ ވިއްކަން ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހީން މި ފަސްގަނޑުގައި ދެމިތިބުމުގެ އެންމެ އަސާސީ މައިގަނޑު ދެ ވަސީލަތަކީ، ދަނޑާއި ކަނޑު. ދިވެހި މަސްވެރިކަން ޒަމާނީކުރާގޮތަށް، ދިވެހި ދަނޑުވެރިކަންވެސް ޒަމާނީކުރަން އަޅުގަނޑު ވާނީ ވަޢުދުވެފައި. ދިވެހި އިޤުތިޞާދުގެ މުހިންމު ބައިވެރިޔަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރަން އަޅުގަނޑު ބޭނުން. އެގޮތުން، ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްޞަ ތަރައްޤީގެ މަސައްކަތްތަކެއް މި އަހަރު ކުރުމަށް ވަނީ ރޭވިފައި. އޭގެ ތެރޭގައި، ދަނޑުވެރިކަމުގެ ޚާއްޞަ އިޤުތިޞާދީ ޒޯނެއް ގާއިމުކުރެވިގެންދާނެ. ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް، ފުޑް ސެކިއުރިޓީ ގާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއް މި އަހަރު ފެށިގެންދާނެ. އަދި މި މަޝްރޫޢު، 2028 ވަނަ އަހަރު ނިމި، އޭގެ ފައިދާ ރާއްޖޭގެ އިޤުތިޞާދަށް ލިބެން ފަށާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އިޤުތިޞާދު، އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ޚާއްޞަކޮށް، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ރާއްޖޭގައި ޒަމާނުއްސުރެ އޮތް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ. މި މައްސަލަ ހައްލުކުރުމަށް، ދިވެހިރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި، އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު، ބައޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި އޮޕަރޭޝަނެއް، 2 މޭ 2024 ގައި ފަށައި، ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތުވެސް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. 59 ރަށެއްގައި ދިރިއުޅޭ ބިދޭސީ ހުރިހާ މަސައްކަތްތެރީންގެ މައުލޫމާތު މިހައިތަނަށް ވަނީ އެއްކުރެވިފައި. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހައިތަނަށް 43,294 ބިދޭސީންގެ މައުލޫމާތު ވަނީ އޮޕަރޭޝަން ކުރަނގިން އެއްކޮށްފައި. މީގެއިތުރުން، 17 ނޮވެންބަރު 2023 ން ފެށިގެން މިއަދާ ހަމައަށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6,076 ބިދޭސީން ވަނީ ފުރުވައިލެވިފައި. އޭގެކުރީގެ ފަސް އަހަރު، އާދެ، 2018 އިން 2023 އަށް ފުރުވައިލެވިފައި ވަނީ 2,649 ބިދޭސީން. މީގެއިތުރުން، 17 ނޮވެންބަރު 2023 ން ފެށިގެން މިއަދާ ހަމައަށް 24,540 ބިދޭސީންވަނީ ރެގިއުލަރައިޒް ކުރެވިފައި. އޭގެ ކުރީގެ ފަސް އަހަރު، ރެގިއުލަރައިޒް ކުރެވިފައި ވަނީ 21,425 ބިދޭސީން. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރުފުކުރެވި، މިހައިތަނަށް، އިމިގްރޭޝަން ވޮޗަށް 1,297 މައްސަލަ ވަނީ ހުށަހަޅައިފައި. މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލަ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އިޤުތިޞާދު ކުރިއެރުވުމަށް އޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ. މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުގެ ތެރޭގައި ޑީޕޯރޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައި. ޑްރަގް ކޯޓުގެ ރީހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އަމާޒުކޮށް، 10 ޑިސެންބަރު 2023 ގައި "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ފަރުވާ ކުރިޔަށް އެބަދޭ. އެގޮތުން، ފަރުވާ ނުފެށި ތިބި 700 މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ފަރުވާ މިހާރުވަނީ ފުރިހަމަކޮށްދެވިފައި. މީގެއިތުރަށް، މަސްތުވާތަކެއްޗާ ބެހޭ ޣައިރު ޤާނޫނީ މުއާމަލާތުތައް މޮނީޓަރކޮށް ބެލެހެއްޓުން މިދަނީ އިތުރަށް ހަރުދަނާކުރަމުން. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މަސްތުވާތަކެތި ވިއްކުމާއި، ޓްރެފިކް ކުރުން ހުއްޓުވުމުގެ ގޮތުން، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި، "ވެސެލް ޓްރެކިންގ ޑިވައިސް" ހަރުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް، ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް އަޅުގަނޑު ވައުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި މަރުކަޒުތައް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ.

ދިވެހިރާއްޖޭގައި، މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރިއާއި، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން ހުއްޓުވުމަށް، އަދި މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހިންގުން ހުއްޓުވުމަށާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދިނުމަށް، އަދި މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށްޓަކައި، ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ތެރޭގައި ބިލެއް ހުށަހަޅައިފައި.

ހަމައެއާއެކު، ޑްރަގް ވިޔަފާރީގެ ތެރެއިން ބާރުލިބިދޭ ގޭންގް ކުށްތަކާއި، މާރާމާރީތަކުން މުޖުތަމަޢު ސަލާމަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް "ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު"ގެ ނަމުގައި ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ 3 ވަނަ ދައުރުގެ ތެރޭގައި ބިލެއް ހުށަހަޅައިފައި. އެފަދަ ބިލެއް ހުށަހެޅުމުގެ މަގުސަދުގެ ތެރޭގައި، ޤައުމުގެ ނިސްބަތުގައި މުހިންމު ވަރަށް ގިނަ ކަންކަން ހިމެނޭ. އެގޮތުން ގޭންގުތަކާއި، އެނޫންވެސް އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގުރޫޕުތަކުން ހިންގާ، ޤާނޫނާ ޚިލާފު ޢަމަލުތައް، ކުށުގެ ގޮތުގައި ކަނޑައެޅުން. އެ ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުން. އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްޞަ ބާރުތަކެއް ދިނުން. ކުޑަކުދިންނާއި ޒުވާނުން އެފަދަ ނުރައްކާތެރި ކުށްކުރާ ވެށިތަކުން ދުރުކުރުވުން. އެފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫޢަވުމަށް މަގުފަހިކޮށްދިނުން. އަދި އެކަމަށްޓަކައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމާއި، އެފަދަ ކުށްތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭގޮތް ބެލުން. އަދި އެފަރާތްތަކާމެދު ޚާއްޞަ ފިޔަވަޅުތައް އެޅޭނެ އުސޫލުތަކެއް ކަނޑައެޅުން. އަޅުގަނޑު އުއްމީދުކުރަނީ މި ޢިއްޒަތްތެރި މަޖިލީހުން މި ފެށޭ ދައުރުގެ އެންމެ ކުރީކޮޅުގައި މިދެ ބިލުވެސް ފާސްކޮށްދެއްވާނެ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ތަރައްޤީއަށް ކަންކަން ފަހިކޮށް، ކުރިމަގަށްޓަކައި މަގު ކޮށަމުން އަލިކުރަމުންދާއިރު، އަޅުގަނޑުމެންގެ އިޚުތިޔާރުން ބޭރުންވެސް އެތައް ކަމެއް ހިނގާ. ރާއްޖެ ފަދަ މާކަނޑެއްގައި އެކި ކަންކޮޅުތަކުގައި ރަށްތައް އެތުރިފައި އޮތް، ބިންތިރި ރާއްޖެއަކަށް، ޤުދުރަތީ އެތައް ގޮންޖެހުންތަކަކާވެސް ކުރިމަތިލާންޖެހޭ.

އާދެ! މޫސުމަށް އަންނަ ބަދަލުތަކާއެކު، ރަށް ގިރުމާއި، އުދައެރުމުގެ މައްސަލައަކީ، ރާއްޖޭގެ ހުރިހާ ރަށަކަށްމެ ދިމާވެފައިވާ މައްސަލައެއް. މިއީ ދާއިމީ ހައްލެއް ހޯދަންޖެހޭ މައްސަލައެއް. އެންމެ ބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް އަވަސް ހައްލުތަކެއް ހޯދައި، މާތް ﷲގެ ވާގިފުޅާއެކު، މި އަހަރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ނަތީޖާ ނެރެވިގެންދާނެ. މިގޮތުން، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، 57 ރަށެއްގައި މަޝްރޫޢު މި އަހަރު ކުރިއަށް ގެންދެވޭނެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު، އެންމެ ބޮޑަށް ރަށްރަށުގައި ހައްލުކުރަން ޖެހިފައިވާ އަސާސީ އަނެއް މައްސަލައަކީ، ފެނާއި ނަރުދަމާގެ މައްސަލަ. މި ސަރުކާރު އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފެނުގެ ޚިދުމަތް ލިބެނީ 86 ރަށަށް. ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވެމުން ދަނީ 99 ރަށަށް. މިވީ 1 އަހަރާއި 2 މަސްދުވަހުގެ ތެރޭގައި މިހާރު އިތުރު 45 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 40 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށް ވާނީ ނިންމައިފައި. ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި، ނަރުދަމާގެ ޚިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅިން ނިންމައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް، 2026 ނިމުމުގެ ކުރީގައި ފޯރުކޮށްދީ ނިންމާނަން.

މީގެއިތުރުންވެސް، މޫސުމަށް އަންނަ ބަދަލުތަކަށް އެޑެޕްޓްވުމަށް ސަރުކާރުން އިސްނަގައިގެން، އެތައް ކަންކަމެއް އެބަ ކުރަން. މީގެތެރޭގައި، "5 މިލިއަން ގަސް މަޝްރޫޢު"ގެ ދަށުން ފާއިތުވި އަހަރު، 450,000 ގަސް ވަނީ އިންދައިފައި. އަދި 4.2 މިލިއަން ގަސް އިންދުމަށް، އެކި ފަރާތްތަކުން ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައި. ހަމައެއާއެކު، 33 އިންސައްތަ، އިއާދަކުރަނިވި ހަކަތައިގެ ޓާގެޓަށް ވާސިލުވުމަށްވެސް މިދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން، އިރުގެ އަލިން 15 މެގަވޮޓްގެ ކަރަންޓް އުފައްދާ ނިޒާމު، ފާއިތުވި އަހަރު ވާނީ ޤާއިމުކޮށްފައި.

ހަމައެއާއެކު، އިރުގެ އަލިން 100 މެގަވޮޓް އުފައްދައި، ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކައި މާލެއަތޮޅު ފަޅެއްގައި، ފްލޯޓިންގ ސޯލަރ ޕްރޮޖެކްޓެއް ހިންގުމަށް، ބޭރުގެ އިންވެސްޓަރަކަށް، ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕަރމިޓް އިޝޫކުރުމަށް މިހާރުވާނީ ނިންމައިފައި. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި ފަށައި، 2027 ވަނަ އަހަރުތެރޭގައި ނިންމައި، އޭގެ ނަފާ އިރާދަކުރެއްވިއްޔާ ލިބެން ފަށާނެ.

އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން، ކަރަންޓް އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް މަސައްކަތްތަކެއް މިދަނީ ކުރަމުން. އެގޮތުން، ފާއިތުވި އަހަރު ވާނީ "މަގޭ ސޯލާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފައި. އަދި "މަގޭ ސާފު ރާއްޖެ"ގެ ނަމުގައި، ކުނި މެނޭޖްކުރުމުގެ ޤައުމީ މަޝްރޫޢެއް އެކުލަވައިލައި، ތަންފީޒު ކުރަންވެސް ވާނީ މިދިޔަ އަހަރު ފަށައިފައި. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެކަށީގެންވާ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުތަކެއް، މި މަޝްރޫޢުގެ ދަށުން، މި އަހަރު ގާއިމުކޮށް ނިންމުމަށް އަޅުގަނޑު ވާނީ ކަނޑައަޅައިފައި. އަދި މި މަޝްރޫޢުގެ ތެރެއިން، ފާއިތުވެދިޔަ އަހަރު 17 ރަށެއްގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ގާއިމުކޮށް، ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ އަސާސީ މިފަދަ ކަންކަމުގެ ތެރެއިން ބައެއް ރަށްރަށަށް، އަރައިފޭބުމުގެ ދަތިކަން ފާހަގަކުރެވޭ. އޭގެ ސަބަބުން، ރައްޔިތުންނަށް ޖިސްމާނީ ހާނީއްކަތަކާއި، ނަފުސާނީ ނުތަނަވަސްކަން ފޯރަމުންދޭ. އަދި މާލީގޮތުން ބޮޑެތި ގެއްލުންތައް ވަމުންދޭ. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި މިއީވެސް ސަރުކާރުން ވަރަށް ގާތުން، ވަރަށް ސަމާލުކަން ދީގެން ބަލަންޖެހޭނެ، އެކަމުގެ ހައްލު ހޯދަން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެއް. ބައެއް ރަށްރަށުގެ ބަނދަރު ހަދަންޖެހޭ. ބައެއް ރަށްރަށުގެ ބަނދަރު ބޮޑުކުރަންޖެހޭ. ވީމާ، ސަރުކާރުގެ ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން މިކަންކަން ހައްލުކުރުމުގެ މަސައްކަތް މި އަހަރުވެސް ކުރިއަށްދާނެ. މިދިޔަ އަހަރު 9 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމިން. އޭގެ އިތުރަށް، 52 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އެބަދޭ. އަދި މި އަހަރުގެ ތެރޭގައި، މީގެއިތުރުން، އިތުރު 10 ރަށެއްގައި ބަނދަރުގެ މަޝްރޫޢު ފެށިގެންދާނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބަނދަރުގެ މައްސަލައިގެ އިތުރުން، މަގުގެ މައްސަލައަކީވެސް ހަމަ ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް. ރާއްޖޭގެ އެތައް ރަށެއްގައި އޮތް މައްސަލައެއް. ހަމައެކަނި މާލެއަށް ބަލައިލިޔަސް، މާލެއަކީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ ރަށް. މާލޭގެ ހުރިހާ މަގެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އޭގެ ސަބަބުން، އެތައް ތަކުލީފެއް ރައްޔިތުން އުފުލަންޖެހޭ. އެހެންވީމާ، މާލޭގެ ހުރިހާ މަގެއް، އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ބިޔަ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިދަނީ ވަމުން. އެގޮތުން، ފީޒިބިލިޓީގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. ހަމައެއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ 50 މަޝްރޫޢު މި އަހަރު ކުރިއަށްދާނެ.

މީގެ އިތުރުން، މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، މި އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅައިލުމުގެ މަސައްކަތް ނިންމައި، މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް، ސިނަމާލެ ބުރިޖްމަތީގައި އަޅައިފައިވާ ހޮޅި ބޭނުންކުރަން ފެށޭނެ. އަދި މާލެ ސަރަހައްދުގައި ފެން އުފެއްދޭނެ މިންވަރު، މި އަހަރު ތެރޭގައި 25 އިންސައްތަ އިތުރުކުރެވިގެންދާނެ. ހަމައެއާއެކު، މާލޭ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ޤާބިލުކަންވެސް، މި އަހަރުގެ ތެރޭގައި 30 އިންސައްތަ އިތުރުކުރެވިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅުގަނޑު ވެރިކަމާ ހަވާލުވިއިރު، ހުއްޓިފައިވާ މަޝްރޫޢުތަކެއް ހުރި. އަދި އިންތިޚާބާ ދިމާކޮށް، ކުރީގެ ސަރުކާރުން އެއްވެސް ބަޖެޓެއްނެތި، ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް މަސައްކަތް ނުފެށިހުރި މަޝްރޫޢުތަކެއްވެސް ހުރި. ވުމާއެކު، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމުމާއެކު، މަސައްކަތް ފަށައި، ކުރިއަށް ނުގޮސް ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން. މިގޮތުން، ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، ހުއްޓިފައިވާ ސްކޫލް އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، ހުއްޓިފައިވާ ހެލްތު ސެންޓަރުތަކާއި، ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާއި، އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް، މި މަހާއި، މާރިޗު މަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެށިގެންދާނެ. ހުރިހާ ބާވަތެއްގެ މަޝްރޫޢުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫޢުތަކާއެކު، ޖުމުލަ 1,043 މަޝްރޫޢު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ.

އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ، އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އައްޑޫ ލިންކް ރޯޑާއި، އެހެނިހެން މުހިއްމު މަގުތައް، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، މި އަހަރު ފެށިގެންދާނެ. އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސަރވޭއާއި، އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދައި، ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި، ބަޔަކު ހޯދަން އިޢުލާނު ކުރާނަން. އަދި އައްޑުއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް، މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިމި، އޭގެ ފަސޭހަކަން މި އަހަރުގެ ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ. މާލެ ސަރަހައްދަށް ބަލާއިރު، ތިލަމާލެ ބުރިޖަކީ، މި ސަރަހައްދުގެ ޢުމްރާނީ ތަރައްޤީގައި ވަރަށް މުހިއްމު މަސައްކަތެއް. ބުރިޖުގެ މަސައްކަތުގެ 50.88 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. ޑީޕްސީ ޕައިލް ކުރުމުގައި ލަސްވެގެން ގޮސްފައިވީނަމަވެސް، އަދިވެސް އަޅުގަނޑުމެން އުއްމީދު ކުރަނީ، ރާވައިފައިވާ ގޮތަށް، ތާވަލާ އެއްގޮތަށް މަޝްރޫޢު ނިމިގެންދާނެ ކަމަށް.

މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގގެ އެހީގައި، މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެށްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވަރ ޖެނެރޭޓް ކުރާ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށްވަނީ ހަމަޖެހިފައި. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، މި އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަންވެސް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބޯހިޔާވަހިކަމަކީ، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް، ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރެއިން އަޅުގަނޑު އެ މައްސަލައެއް ހައްލުކޮށްދޭން އެންމެ އިސްކަންދޭ މައްސަލަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގައި މި އޮތް ބޯހިޔާވަހިކަން ނެތުމުގެ ހިތާމަވެރި މައްސަލައަކީ، ޤައުމީ ބޮޑު މައްސަލައެއް. އެހެންކަމުން، ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ، މިފަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާނެ. އެއީ، ރާއްޖޭގެ މުޅި ތާރީޚުގައިވެސް މި މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓް. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް އަޅުގަނޑު ވީ ވައުދުގައި 58 ރަށެއް ހިމެނޭނެ. އޭގެ ތެރެއިން، ބ. އޭދަފުށީގައި 1,000 ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ކޮންޓްރެކްޓަރަކާ އެކުގައި ވަނީ ސޮއިކުރެވިފައި. ބާކީ 57 ރަށުގައި ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރުވާނީ އިޢުލާނުކޮށްފައި.

މާލެ ފިޔަވައި، އެހެން ރަށްރަށުގައި މި އަހަރު 12,940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް، މި އިޢުލާނުގެ ދަށުން ކޮންޓްރެކްޓަރުން ހޯދައިގެން ފެށުމަށް މިވަނީ ކަނޑައަޅައިފައި. މީގެ ތެރެއިން ވަރަށް ބޮޑު ބައެއް އިމާރާތް ކުރުމަށް ރާވައިފައި ވަނީ އާބާދީ ބޮޑު އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތު އޮތް ރަށްރަށުގައި. އެގޮތުން، ކުޅުދުއްފުށި ސިޓީގައި 2,000 ހައުސިންގ ޔުނިޓް، އައްޑޫ ސިޓީގެ 6 ރަށެއްގައި ޖުމްލަ 1,100 ހައުސިންގ ޔުނިޓް، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ކ. ތުލުސްދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ، މިއިން ކޮންމެ ރަށެއްގައި 500 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ވާނީ އިޢުލާނުކޮށްފައި. އިތުރު 22 ރަށެއްގައި 100 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް ވަނީ އިޢުލާނުކޮށްފައި. އަދި 100 ހައުސިންގ ޔުނިޓަށްވުރެ މަދުން އިމާރާތް ކުރުމަށްވެސް 20 ރަށެއް، މި އިޢުލާނުގައި ވާނީ ހިމަނައިފައި.

ސަރުކާރުގެ އަމާޒަކީ، މި ހުރިހާ ރަށެއްގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް، މި އަހަރު ތެރޭގައި ފެށިގެން ދިއުން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އެއްވެސް ޝައްކެއްނެތް ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި. މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ، ވެރިކަންކުރާ އެއް ސިޓީ. ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ މިންވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމީ ފެންނަން އޮތް ޙަޤީޤަތެއް. ވުމާއެކު، މި މައްސަލައަށް ފުރިހަމަ ދާއިމީ ހައްލެއް ގެނައުމަކީ، އިޖުތިމާޢީ ރޮނގުން އަޅުގަނޑުގެ އެންމެ ބޮޑު، އެންމެ މުހިންމު ވާޖިބު ކަމުގައި ދެކެން. އެހެންކަމުން، މި ސަރުކާރުން ނިންމައިފައި ވާނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދަން. މި މަސައްކަތްތައް ފުރިހަމަވެގެންދާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.

މިގޮތުން ބަލާއިރު، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކުވެސް ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމައި، 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި، މަގު ހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުން.

ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ރަށެއް. އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް، ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ހަމައެއާއެކު، އެ ތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި، މަގު ހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓަރަކާ އެކީގައި ސޮއިކުރެވިފައި. މާތްالله ގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ، އޭގެ ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ. ހަމައެފަދައިން، ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢުވެސް ވަރަށް އަވަހަށް އަލުން ފެށިގެންދާނެ. މީގެ އިތުރުން، ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށައިފައިވާ ބިން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހިއްކައި ނިމިގެންދާނެ. އަދި ގުޅީފަޅާއި، ގިރާވަރުފަޅާއި، ހުޅުމާލެ ފަޅުތެރެއިން ހިއްކާ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތީގެ ރަޖިސްޓަރީ، ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމުގެ ޔަޤީންކަންވެސް ދެން. އަދި ހަމައެއާއެކު، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި އަލަށް 4,000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް، މި އަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން.

ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މި އަހަރު ފެށިގެން ދާނެ. ހަމައެއާއެކު، އުތުރުތިލަފަޅާއި، ގިރާވަރުފަޅު އަދި ތިލަފުށި ގުޅުވައިދޭ ބުރިޖުގެ ޢަމަލީ މަސައްކަތް، މި އަންނަ އަހަރު ނިމުމުގެ ކުރިން ފެށުމަށްޓަކައި ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތްތައްވެސް މިހާރު ވަނީ ފެށިފައި. އަދި މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މި އަހަރު ސޯޝަލް ހައުސިންގގެ އާ މަޝްރޫޢުތައް ފެށިގެންދާނެ. އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ 4,000 ފްލެޓް ނިންމުމާއި އަދި އެ ފްލެޓުތައް ލިބޭނެ ކަމަށް އިޢުލާނުކޮށްފައިވާ 4,000 މީހުންގެ ލިސްޓާމެދު އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގަވައިފައިވާ އެންގުންތަކާއެކު، އެ ލިސްޓުގެ ޞައްޙަކަން ބެލުން އޮތީ، މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ބޮޑު ހައްސާސީ މައްސަލައެއްގެ ގޮތުގައި. މާތްالله ގެ އިރާދަފުޅާއެކު، ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި، މި މަހުގެ ތެރޭގައި ލިސްޓު އިޢުލާނު ކުރެވިގެންދާނެ. އަދި ފްލެޓުތައް ނިމެމުންދާ މިންވަރަކުން، ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލުކުރަމުން ގޮސް، މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރީގައި ހުރިހާ ފްލެޓެއް، އޭގެ ޙައްޤުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމައިލެވޭނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި އިމާރާތްކުރުމަށް ފަހެއް އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލޯނު ދިނުމަށް، މި އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވާނީ ކަނޑައަޅައިފައި. އެކަމަށް އެދޭ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ވާނީ ހުޅުވައިލައިފައި. އިރާދަކުރެއްވިއްޔާ، މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށޭނެ. މި އަހަރު ނިމިގެންދާއިރު، 1 ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށްޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް، މާތްالله ގެ ވާގިފުޅާއެކު، މި ސަރުކާރުން ފޯރުކޮށްދޭނަން. މި ލޯނު ސްކީމްގެ ދަށުން މާލޭގައިނަމަ، 6 މިލިއަން ރުފިޔާއާ ހަމައަށް އަދި މާލޭގައިނަމަ، ބެހެނިވެރިން އެކުވެގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. މީގެއިތުރުން، ދެމެހެއްޓެނިވި އާބާދީއާއި ތަރައްޤީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި، 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. އަދި އެހެން ހުރިހާ ރަށެއްގައި، 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. މިގޮތުން ނަގާ ލޯނުގެ ބޭނުންކޮށްގެން، މުޅިން އަލަށް ގެއެއް އިމާރާތްކުރުމާއި، ހަދަން ފަށައިފައި ނުނިމިހުރި ގެ ނިންމުމާއި، ހަދައިފައި ހުރި ގެއެއްނަމަ، މަރާމާތުކުރަންވެސް ބޭނުންކުރެވިދާނެ. މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް، އެ ރައްޔިތެއްގެ ފުރަތަމަ ގެއަށް ޚަރަދުކުރުމަށް ހުޅުވައިލެވޭ ވަރަށް ބޮޑު ފުރުޞަތެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

ޤައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތަކަށް ބިނާކުރެވޭނީ، ޤައުމުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެވިގެން. ލޮބުވެތި ދިވެހި ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް. ތަހުޒީބު މުޖުތަމަޢެއް ބިނާކުރަން ވަރަށް ބޮޑަށް ބޭނުންވާ ރައްޔިތެއް. އެހެންނަމަވެސް، ޙަޤީޤަތަކީ ފާއިތުވެދިޔަ އަހަރުތަކުގައި ތަޢުލީމުގެ ދާއިރާއަށް ވެފައިވާ އިހުމާލަކީ، އޭގެ ގެއްލުން ފޫބައްދަން އެތައް މަސައްކަތެއް ކުރަން ޖެހިފައިވާ ކަމެއް.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، ދަރިވަރުންގެ ކިޔެވުމުގެ އެންމެ މުހިންމު މަރުޙަލާ ކަމުގައިވާ، ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ދަށްވެފައި. ދަރިވަރުންގެ ވިސްނުމާއި، ކްރިޓިކަލް ތިންކިންގއަށް މަގުފަހިކުރުމަށް ބޭނުންވާ ހިސާބު މާއްދާގެ ކީ ސްޓޭޖް 1ގެ ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސްގެ ނަތީޖާއަށް ބަލާއިރު، ފާސްވާ އިންސައްތަ 2015 ވަނަ އަހަރު ހުރީ 58 ގައި. ނަމަވެސް، 2023 ވަނަ އަހަރު ދަރިވަރުންނަށް ދެވުނު އިމްތިހާނުން، މި މުހިންމު މާއްދާއިން ފާސްވާ އިންސައްތަ ހުރީ 46 އިންސައްތައިގައި. މި މުއްދަތުގައި ދިވެހި މާއްދާގެ ނަތީޖާ ވަނީ 62 އިންސައްތައިން 40 އިންސައްތައަށް ދަށްވެފައި. އަދި، އިނގިރޭސި މާއްދާގެ ނަތީޖާއަށް އިތުރު ކުރިއެރުމެއް ނުލިބި، 54 އިންސައްތައިގައި ވަނީ ހިފެހެއްޓިފައި.

ޕްރައިމަރީ އެޑިޔުކޭޝަނަކީ، އޭގެމައްޗަށް ދަރިވަރުންގެ ކިޔެވުން ބިނާވާ މައިގަނޑު މަރުޙަލާ ކަމަށްވާހިނދު، މި މަރުޙަލާގެ ކިޔެވުން ހަރުދަނާ ކުރުމަކީ، މި ނަތީޖާތައް ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. މިކަމާ ގުޅޭގޮތުން ފަންނީ ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. މީގެ ތެރޭގައި، ދަރިވަރުން ބޭނުންކުރާ ކޮންޓެންޓް ރިވައިސްކުރުމާއި، މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް، މި އަހަރުގެ ޖަނަވަރީ މަހު ވަނީ ފަށައިފައި. މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިން. މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމާއި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަޅުގަނޑުގެ ވައުދެއް.

މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލްގައި ހޭދަކުރާ މަސައްކަތުގެ ވަގުތު، ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް، ހުކުރު ދުވަހަކީ ސްކޫލްތަކުގައި އާންމުކޮށް ހަރަކާތްތައް ނުހިންގާ ދުވަހެއްގެ ގޮތުގައި ފުރަތަމަފަހަރަށް ކަނޑައަޅައި، މި ސަރުކާރުން މިދަނީ އެކަން ތަންފީޒު ކުރަމުން. މިކަމުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން. މީގެއިތުރުން، ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިންގެ ޚިދުމަތް، މުދައްރިސުންނަށްވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފައި ވާނެ.

މީގެއިތުރަށްވެސް، ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި އެތައް ފިޔަވަޅުތަކެއް، މިދިޔަ އަހަރު ވާނީ އަޅައިފައި. އެގޮތުން، މިދިޔަ އަހަރު ވާނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށައިފައި. މި ޕްރޮގްރާމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުން. ތަޢުލީމީ ދާއިރާގައި ދިވެހިރާއްޖޭގެ މުދައްރިސުން އިތުރުކުރުން. 21 ސްކޫލަކުން ޖުމުލަ 135 ދަރިވަރުން ބައިވެރިވާ މި ޕްރޮގްރާމްގެ ބައިވެރީންނަކީ، މަތީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު ނުކުންނަ ދަރިވަރުން.

ހަމައެއާއެކު، "ކޮމްޕްލެކްސް ލާރނިންގ ޕްރޮފައިލް"ގެ ކުދިން ޅަފަތުގައި ދެނެގަނެ، އުނގެނުމުގެ ތެރެއިން ދޭންޖެހޭ ސަމާލުކަމާއި އަޅައިލުން، މުދައްރިސުންނަށް ދަސްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށި، 7 އަތޮޅަކުން، 220 މުދައްރިސުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތަމްރީނު ކުރެވިފައި.

މީގެއިތުރުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ގޮތްތަކަށް މުދައްރިސުން އަހުލުވެރިކޮށްދިނުމުގެ ގޮތުން، އިނގިރޭސި ބަސް ކިޔަވައިދޭ 380 ޓީޗަރުން، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތަމްރީނު ކުރެވިފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސްކޫލްތަކުގެ މާހައުލަކީ އުނގެނުމަށް ފަހި، ދަރިވަރުންނަށް ހިތްގައިމު، އުފާވެރި މާހައުލަކަށް ހެދުމަކީވެސް އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. އެގޮތުން، ސަރުކާރުގެ ހުރިހާ ސްކޫލެއް ފިނިކުރުމަށްޓަކައި، "ކޫލް ސްކޫލް ޕްރޮޖެކްޓް" ވާނީ ފަށައިފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ސްކޫލްތަކުގެ 3,700 އަށްވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ، މި އަހަރު ފޯރުކޮށްދީ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު، މާތްﷲގެ އިރާދަފުޅާއެކު ނިންމާނަން. ހަމަ މިއާއެކު، މުޅި މި މަޝްރޫޢުގެ ހަކަތައިގެ 100 އިންސައްތަ ސޯލަރ ހަކަތައިން ހޯދުމުގެ އަމާޒުވެސް މި އަހަރު ހާސިލުކުރުމުގެ މަސައްކަތް ފަށައި، އެކަންވެސް އިރާދަކުރެއްވިއްޔާ މި އަހަރު ހާސިލުކުރާނަން.

މީގެ އިތުރުން، މާލެ ސަރަހައްދުގައި، ސާނަވީ ތަޢުލީމުދޭ ސްކޫލްތައް އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި، އިތުރު ސްކޫލްތައް އެޅުމުގެ މަޝްރޫޢެއް، މި އަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންދާކަންވެސް ފާހަގަކޮށްލަން. ހަމައެއާއެކު، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ 134 މަޝްރޫޢު މި އަހަރު ކުރިއަށްދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

ދިވެހި ދަރިވަރުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަކީ އަދި އެ ދަރިވަރުންގެ ޢިލްމީ ފައިދާ، ދިވެހި ޤައުމަށް ލިބުމަކީ ވަރަށްވެސް މުހިންމު ކަމެއް. އެހެންކަމުން، ދިވެހި ކިޔަވާކުދީންގެ ތަޢުލީމަށް ހުރިހާ އުމުރުފުރާއެއްގައިވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެން. އެގޮތުން، ފާއިތުވި އަހަރު ޖުމުލަ 15,300 އަށްވުރެ ގިނަ ދަރިވަރުން، މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިއަން ރުފިޔާގެ މާލީ އެހީ ވާނީ ދެވިފައި. އަދި ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން، މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް، ކުރު މުއްދަތުގެ ތަމްރީނުތަކަށް 1,000 ފުރުސަތު ވަނީ ދެވިފައި. ހަމައެހެންމެ، 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދީފައި ވާނެ. މީގެ އިތުރަށް، ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ގްރާންޓް ފަންޑެއް މިހާރު ވާނީ ގާއިމުކޮށްފައި. ހަމައެއާއެކު، ރިސަރޗް ކައުންސިލެއް އުފައްދައި، ރިސަރޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައި.

ދިރާސާއާއި މަތީ ތަޢުލީމަށް ފަހިކުރުމަށްޓަކައި ހުޅުވައިލެވިފައިވާ މި ފަހި ފުރުޞަތުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ދިމާވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުންވެސް އެއީ، އަޅުގަނޑުގެ ވައުދެއް. މިގޮތުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި މިހާރުވާނީ ކާޑުގެ ލިމިޓް، 1,200 އެމެރިކާ ޑޮލަރަށް އިތުރުކޮށްދީފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ މުސްތަޤުބަލަކީ އަދުގެ ޒުވާނުން. ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި ވިޔާނުދާ ޢަމަލުތަކުން އެފަރާތްތައް ރައްކާތެރިކުރުމަކީ، އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ މުހިންމު ޒިންމާއެއް، ވާޖިބެއް. އެހެންކަމުން، ދިވެހިރާއްޖެއަށް ޑްރަގް އިންފިއުޒްޑް ވޭޕް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކޮށް، މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވައްދާ، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި ވޭޕް ފާހަގަވާތީ، އެކަން ހުއްޓުވުމަށް އަޅުގަނޑު އެޅީ އަވަސް ފިޔަވަޅުތަކެއް. ބޭނުމަކީ އެ ވަބާ، މުޅި ޤައުމުން ފުހެލުން. އެހެންކަމުން، ފާއިތުވި އަހަރު އަޅުގަނޑު ވާނީ ވޭޕް މުޅިން މަނާކޮށްފައި. މިކަމުން ޤައުމުގެ އިޖުތިމާޢީ ކަންކަމަށް ހެޔޮ ނަތީޖާއެއް ފެނުމުގެ އިތުރުން، ޤައުމު ހަމަމަގުން ދަތުރުކުރުމަށްވެސް އެހީއަކަށް ވެގެންދާނެކަމާމެދު ޝައްކެއްނެތް. ކޮންމެ އާއިލާއެއްގެ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރާ އެކެއް، ދެ މީހެއްގެ ބިރުދެއްކުމާއި، ވައްކަންކުރުމާއި، މުދާ ފޭރުމާއި، އަނިޔާދިނުން އޮންނަ ޤައުމަކީ، މަރުގެ ތުންފަތްމަތީގައި އޮންނަ ޤައުމެއް. އެއީ، ދައުލަތެއްގެ ގޮތުގައި ދެމިތިބެވޭނެ ހާލަތެއް ނޫން. އެހެންވީމާ، އިޞްލާޙީ ފިޔަވަޅުތައް އަޅަންޖެހެނީ.

މި އެޅި ފިޔަވަޅުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލާނަން. ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު، އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމައިފައިވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެކަމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތު ކެއަރ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުމަށް. އަޅުގަނޑު އެދެނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އަށަގެންފައިވާ އެންމެހައި ރައްޔިތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށް. އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 1 "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ސަރުކާރުން ވާނީ ނިންމައިފައި. ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ. މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސިޓީތަކާއި، އަތޮޅު ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ގާއިމުކޮށްފައިވާނޭ ކަމަށް ދަންނަވަން. އަދި އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވޭނެ ކަމުގައި ދަންނަވަން.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރެއްވުމަށް. މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުގައިވާ ފަދައިން، އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިލާ ބަޔަކަށް އަޅުގަނޑުމެން ނުވުމަށް. އަޅުގަނޑުގެ އިޚުލާޞްތެރި ނިޔަތަކީ އަދި ބޭނުމަކީވެސް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަކީ، ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތަކަށް ހެދުން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމެއް ބިނާކުރުމުގައި، އެ ބައެއްގެ ޞިއްޙީ ދުޅަހެޔޮކަމަކީ އެންމެ އިސްކަމެއް ދޭންޖެހޭ އެއް އަސާސް. އެހެންވީމާ، ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާ އެކީގައި ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް.

މިގޮތުން، ޞިއްޙީ ދާއިރާއާ ރައްޔިތުން އެންމެ ބޮޑަށް ގުޅުވައިދޭ އެއްޗަކީ، އާސަންދަ ނިޒާމު. އާސަންދަ ނިޒާމަކީ ޞިއްޙީ ފަރުވާ، ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިނގަމުންދާ ނިޒާމެއް. އެހެންވީމާ، އާސަންދަ ނިޒާމަކީ ކޮންމެހެން ދަމަހައްޓަންޖެހޭ ނިޒާމެއް. ހަމަ އެހެންމެ، އެކަމުގައިވެސް ޢަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރުވާން ޖެހޭނެ.

ނަމަވެސް، އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުންދިޔަކަން، ސަރުކާރަށް ވަނީ ޔަޤީންކުރެވިފައި. އެހެންކަމުން، އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު ވާނީ މުހިއްމު ފިޔަވަޅުތަކެއް އަޅައިފައި. އެގޮތުން، ފުރަތަމަ ކަމަކަށް، ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފެށިން. އަދި ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި، ނިޒާމީ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލް ކުރިން. މި ބަދަލާއެކު، ބައެއް ފަރާތްތަކުން ކަން ކުރަން ފެށި ގޮތުން، އާންމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފަށައިފި. ނަމަވެސް، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި، އެކަމުގައި އަޅުގަނޑުމެން ކުރިއަށް ފިޔަވަޅު އަޅަން ފަށައިފިން. އަދި މި އަހަރުގެ ތެރޭގައި، މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނަން. އާސަންދައިން ބޭސް ހޯދުމުގައި، ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިއްޔާ ކަށަވަރުކުރާނަން. ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ އިންސާފުވެރި ގޮތް އަބަދުވެސް އިސްކުރާނަން.

އަޅުގަނޑުމެން މި މަސައްކަތް ފެށިއިރު، އެސް.ޓީ.އޯ.ގެ ބޭސްފިހާރަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހުގެ ނިސްބަތްހުރީ އެންމެ އެކަށީގެންވާ މިންވަރެއްގައެއް ނޫން. މާތް ﷲ ގެ ވާގިފުޅާއެކު، މިކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ކޮންމެ ރައްޔިތަކަށްވެސް، އިތުރު ޚަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަންނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް، މުހިންމު ޚިދުމަތްތަކެއް އިރާދަކުރެއްވިއްޔާ މި އަހަރު ތަޢާރުފު ކުރަން ހަމަޖެހިފައިވޭ.

ހަމައެއާއެކު، އާސަންދަ ނަން ފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރަޔަކީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚިދުމަތްކުރާ ތަނަކަށްވާނެކަން ކަށަވަރުކުރާނަން. އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ލޮބުވެތި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީވެސް އަޅުގަނޑުގެ ރިޔާސީ ވައުދެއް. މިގޮތުގެމަތީން، ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންސިއުމަބަލްސް، ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައި. ކޮންމެ އަހަރަކު މަދުވެގެން 10 ކުދިން، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވުމަށްޓަކައި އިންތިޒާމުތައް ފުރިހަމަކުރެވި، މިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް، ބޯންމެރޯ ޓްރާންސްޕްލާންޓް ޓްރީޓްމަންޓަށް ފޮނުވިން. ތެލެސީމިއާ ޕްރިވެންޝަން، ކޮންޓްރޯލް އަދި މެނޭޖްމަންޓް މާސްޓަރ ޕްލޭން، 15 އޮކްޓޫބަރު 2024 ގައި އިފުތިތާޙުކޮށް، ތަންފީޒީ މަރުހަލާ މިހާރު ވާނީ ފަށާފައި. އަޅުގަނޑުގެ ވައުދާ އެއްގޮތަށް، ސްޓޭޓް އޮފް ދި އާރޓް ތެލެސީމިއާ ހޮސްޕިޓަލެއް، އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން، ބާރު ސްޕީޑްގައި ދަނީ ކުރިއަށް. އަދި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް، ހުޅުމާލޭގައި އެ މަޝްރޫޢަށް ޚާއްޞަ ކުރެވިފައިވާ ބިމުގައި މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މީގެއިތުރުން، މެންޓަލް ހެލްތުގެ ދާއިރާއަކީވެސް މި ސަރުކާރުން ނުހަނު އިސްކަންދޭ ދާއިރާއެއް. މިގޮތުން، 24 ގަޑިއިރުގެ ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕް ލައިންގެ ގޮތުގައި 1677ގެ ޚިދުމަތް، މާރިޗު 2024 ގައި ވާނީ ފަށައިފައި. 2024ގެ ނިޔަލަށް 2,461 ފަރާތަކުން މި ޚިދުމަތުގެ ބޭނުންކޮށްފައިވޭ. އަދި އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމާއި، ގދ. ގައްދޫގައި ހޮސްޕިޓަލެއް އެޅުމާއި، ތ. ވިލުފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރެވެމުންދާކަން ފާހަގަކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އުމުރުން ދުވަސްވަމުންދާ މީހުންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް އަޅުގަނޑުގެ މެނިފެސްޓޯގައި ކަނޑައަޅައިފައިވާ މުހިންމު ދާއިރާއެއް. މިކަން ތަންފީޒުކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރުން ފެށިގެން އިސްރަށްވެހީންނަށް ޚާއްޞަކޮށްގެން، އެތެރެހަށީގެ ޑިޕާޓްމަންޓުގައި ހަފުތާއަކު ދެ ދުވަހު، އޯ.ޕީ.ޑީ.ގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިން. މިދިޔަ އަހަރުގެ ނިޔަލަށް 820 ފަރާތަކުން މި ޚިދުމަތް ހޯދައިފައިވޭ.

ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ އަނެއް މައްސަލައަކީ، ދަރިމައިނުވުމުގެ މައްސަލަ. އެކަމާ ގުޅިގެން، ދެމަފިރީންގެ ކިބައިން ބަލަންޖެހޭ ކަންކަމާއި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމުގެ ހިތާމަވެރި މައްސަލަ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 17 ނޮވެންބަރު 2024ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި، ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ގާއިމުކޮށް، މިހާރު އެ ޚިދުމަތް ދަނީ ފޯރުކޮށްދެމުން. މިދިޔަ އަހަރުގެ ނިޔަލަށް، 144 ފަރާތަކުން ޚިދުމަތް ހޯދައިފައިވޭ. މީގެއިތުރަށް، އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި ކްލިނިކެއް، އައި.ޖީ.އެމް.އެޗް.ގައި ގާއިމުކޮށް، އެ ޚިދުމަތްވެސް އިރާދަކުރެއްވީތީ މިހާރު ދަނީ ފޯރުކޮށްދެމުން. ހަމަމިއާއެކު، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީ.އޯ.އެސް."ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައި. އަދި "އައި.ޔޫ.އައި." އަދި "އައި.ވީ.އެފް."ގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، "އައި.ވީ.އެފް." އާއި "އައި.ޔޫ.އައި."ގެ ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ޚިދުމަތް ހޯދަން މިހާރު ފަށައިފައި. މި ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަރޓިލިޓީ ކެއަރ ފަންޑެއް މިހާރުވާނީ ގާއިމުކޮށްފައި.

މީގެއިތުރުން، އަންހެނުންނަށް ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައުމުތަކުގައިވެސް ސަރޖަރީ ކުރާ ފަދައިން، މިނިމަލީ އިންވޭސިވް ގައިނޮކޮލޮޖިކަލް ސަރޖަރީތައް، ރާއްޖޭގައި ފުރަތަމަ ފަހަރަށް، މި އަހަރު މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ވަނީ ހަދަން ފަށައިފައި. މީގެތެރޭގައި، ތަފާތު 4 ސަރޖަރީއެއް ވަނީ ތަޢާރުފުކޮށްފައި.

ޞިއްޙީ ދާއިރާއަށް މިދިޔަ އަހަރު ގެނެވުނު އިތުރު ކުރިއެރުންތަކުގެ ތެރޭގައި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރެވި، 17 ނޮވެންބަރު 2024ގައި ޚިދުމަތް ދޭން ފެށުނުކަން ފާހަގަކޮށްލަން. އަދި ހަމަ އެ ދުވަހު، އައި.ޖީ.އެމް.އެޗް.ގައި ކުޑަކުދިންނަށް ޚާއްޞަ އީ.އާރެއްވެސް ވަނީ ހުޅުވައިފައި. އައި.ޖީ.އެމް.އެޗް.ގައި އިތުރު 75 އެނދުގެ ވާރޑެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ. މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި، މި މަސައްކަތް ނިމި، އިރާދަކުރެއްވިއްޔާ، މޭ މަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ.

މީގެއިތުރުން، ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ހައްލުކުރުމަށް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށޭނެކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅައިލުމާއި އޯގާވެރިކަމުން ހޯދައިދެވޭ ރައްކާތެރިކަމަކީވެސް ޤައުމަކަށް ނިހާޔަތަށް މުހިންމު ބޭނުންތެރި ކަމެއް. ޚާއްޞަކޮށް، އެ ޤައުމެއްގެ ކުޑަކުދީންނަށް. މިގޮތުން، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދީންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް ޢާއިލާއެއް"، މި ނަމުގައި ޕްރޮގްރާމެއް، މިދިޔަ އަހަރު ވާނީ ތަޢާރުފުކޮށްފައި. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މިފަދަ ކުދީން ހެދިބޮޑުވުމަށް އެކަށޭނަ ރަނގަޅު ޢާއިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިހައިތަނަށް ޖުމުލަ 65 ކުދިންނަށް ވަނީ ޢާއިލީ ވެށްޓެއް ހޯދައިދެވިފައި. ހަމައެއާއެކު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި، މަސައްކަތުގެ ތަމްރީނު ފޯރުކޮށްދީ، އެ ކުދިން ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމެއްވެސް، މި އަހަރު އަލަށް ތަޢާރުފު ކުރެވިފައިވޭ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި ޤައުމު ބިނާކުރުމާއި، ރައްކާތެރިކަމާއެކު މި ހިސާބަށް ގެނެސްދިނުމުގައި، އެންމެ ބޮޑު ބުރައެއް އުފުލައިފައިވާ އެއްބަޔަކަށްވާނީ މި ޤައުމުގެ ޝަރަފުވެރި އިސްރަށްވެހީން. އެހެންކަމުން، އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ޤައުމީ ވާޖިބެއް. އެގޮތުން ފަހިކުރެވުނު ފުރުޞަތުތަކުގެ ތެރޭގައި، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، މާލޭގައި އިސްރަށްވެހިންގެ ނާދީއެއް ގާއިމުކޮށް، އިސްރަށްވެހިންނަށް ޚާއްޞަ 294 ހަރަކާތެއް ވަނީ ހިންގިފައި. މި ހަރަކާތްތައް 6,446 ފަރާތަކުން ފުރިހަމަކޮށްފައިވޭ. ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ބަލާއިރު، އައްޑޫސިޓީ ފޭދޫގައި ގާއިމުކުރުމަށް ނިންމައިފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ އިޢުލާނުކޮށްފައި.

އިސްރަށްވެހީން ކުރެ، އުމުރުން ދުވަސްވެ، ޚާއްޞަ ބެލެހެއްޓުންތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ އުފާވެރިކަމާއި އަބުރުވެރިކަން ދަމަހައްޓަންޖެހޭ. އެކަމަށްޓަކައި އެފަދަ އިސްރަށްވެހީން ބަލަހައްޓާ ފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމްތަކެއް ވަނީ ތަޢާރުފު ކުރެވި، ފަރުމާކުރެވިފައި. ރާއްޖޭގެ ފަސް އަތޮޅެއްގައި، މި ޕްރޮގްރާމުތައް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށުފެންވަރުގައި އެހީތެރިވާނެ އެހީތެރީން ތަމްރީނު ކުރުމަކީވެސް އަޅުގަނޑުގެ މެނިފެސްޓޯ ވައުދެއް. މި ވައުދު ފުއްދުމުގެ ގޮތުން، ކުރިއަށް ގެންދަން ފެށި ''އިބަމަ'' ޕްރޮގްރާމުގެ ދަށުން 5 އަތޮޅެއްގައި، 43 ރަށެއްގައި، 226 އިޖުތިމާޢީ މަދަދުވެރިން މިހާރު ވާނީ ތަމްރީނުކުރެވިފައި. މި އަހަރުގެ ތެރޭގައި، ރާއްޖޭގެ އިތުރު 5 އަތޮޅެއްގައި "އިބަމަ" ޕްރޮގްރާމް ހިންގުމަށް ވަނީ ރޭވިފައި.

މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ޢާއިލާތައް ދެނެގަތުމަށް "ހާލު ކިހިނެއް" ޕްރޮގްރާމް، މިދިޔަ އަހަރު ތަޢާރުފުކޮށް، މާލެއާއި އަތޮޅުތެރޭގައި، ޖުމުލަ 12,128 ގޭބީސީއަކަށް ސަރުކާރުގެ ޓީމުތައް ޒިޔާރަތްކޮށް، އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުވައި ހަދައިފައިވޭ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި.

ރައްޔިތުންގެ ހާލުއަހުވާލު ދެނެގަންނަން ގޭގެޔަށް ޒިޔާރަތްކޮށް، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަންކަން އިޞްލާޙުކުރުމަށް އަވަސް ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދަން. މިގޮތުން، ދިވެހިރާއްޖޭގެ އާބާދީގައި ތިބި 65 އަހަރުން މަތީގެ އެންމެހައި ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އަދާހަމަކޮށް، އެއްތަނަކުން ޓްރެކްކޮށް ބެލެހެއްޓޭނެ ނިޒާމެއް މިހާރު ވަނީ ގާއިމުކުރެވިފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އުފާވެރި ދިރިއުޅުމަކަށްޓަކައި، ހަރަކާތްތެރިކަމަކީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި ފިޓްނަސްއާއި، ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޭނުންތެރި ދާއިރާއެއް. މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތް ހަމަ، ފެންވަރު ރަނގަޅު ކުޑަކުދިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމް އަދި ވަސީލަތް ހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގާއިމުކޮށް ހުޅުވާނެ.

މީގެއިތުރުން، ބިނާކުރަނިވި އެތައް މަޝްވަރާތަކަކަށްފަހު، 20 އަހަރުގެ ޤައުމީ ކުޅިވަރު ތަރައްޤީގެ ޕްލޭނެއް މިހާރު ވާނީ އެކުލަވައިލައިފައި. ހަމައެއާއެކު، ޤައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ޞިއްޙީ ޚިދުމަތްތަކާ ބެހޭ މިންގަނޑު މިހާރު ވާނީ އެކުލަވައިލައިފައި.

މީގެއިތުރުން، އަޅުގަނޑުގެ ވައުދުގެ ތެރޭގައި ހިމެނޭ، ހުޅުމާލޭގައި ގާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސްއާއި، މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސްއާއި، ޑްރިފްޓިންގ ސްޓޭޑިއަމާއި، މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ގާއިމުކުރެވޭ، އިންޓަނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.

ކުޅިވަރުގެ ދާއިރާއަކީ އެކަމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރަށް، ޞިއްޙީ، އަޚުލާޤީ ފައިދާތަކާއެކު، ޤައުމަށްވެސް ރީތި ނަން ލިބިދޭ ދާއިރާއެއް. މިގޮތުން، ފާއިތުވި އަހަރު އޮލިމްޕިކް ގޭމަށް ފުރަތަމަ ފަހަރަށް ދިވެހި އެތުލީޓަކު ވަނީ ކޮލިފައިވެ، ރާއްޖެއަށް އެކަމުގެ ރީތި ނަން ލިބިފައި. ހަމަ އެހެންމެ، ފާއިތުވި އަހަރު ބޭއްވުނު، ސަރފިންގ އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތުން ލިބުނު ކާމިޔާބީއާއެކު، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ، އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް، ދިވެހި ސަރފިންގ އަންހެން ޓީމާއި، ދިވެހި ސަރފިންގ ފިރިހެން ޓީމުވެސް ވަނީ ކޮލިފައިވެފައި. މިގޮތުން ބަލާއިރު، ފާއިތުވި އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެ ވަނީ އާ ރެކޯޑުތަކެއް ގާއިމުކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކޮންމެ ދާއިރާއެއްގައި ޚިދުމަތްކުރިޔަސް، ޒުވާނުންނަކީ ޤައުމެއްގެ ދިރުމާއި އަދި ފޯދެމުންދާ އާބާދީ. ޤައުމެއްގެ އެންމެ އަގުހުރި އެއް ރައުސްމާލަކީ، އެ ޤައުމެއްގެ ޒުވާނުން. ޤައުމީ ތަރައްޤީގައި ޒުވާނުންގެ ހަކަތައާއި ވާގިވެރިކަން ކިތަންމެހާވެސް ބޮޑަކަށް ބޭނުންވޭ. އެކަމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މިގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމަށް، އެކަމާ ގުޅޭ ތަމްރީނުތައް ދެމުން އެބަ ގެންދަމު. މިހައިތަނަށް 393 ޒުވާނުން ވަނީ ތަމްރީނު ކުރެވިފައި. އިތުރު 114 ކުދިން ދަނީ ތަމްރީނުތައް ހަދަމުން. ހަމައެހެންމެ، ކޮމިއުނިޓީ އަޕް ސްކިލިންގ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި މިހައިތަނަށް 21 ރަށެއްގައި، 166 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައި. މި ޕްރޮގްރާމްގެ ދަށުން އިތުރު 264 ކުދިން މިހާރުވެސް ތަމްރީނުވަމުން އެބަދޭ. ޒުވާނުން މުޖުތަމަޢުގައި ހަވާސާވިޔަނުދީ، ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ ފުރުޞަތުތައް އެބަ ފަހިކުރަން.

މިގޮތުން، ފާއިތުވި އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި އަޅުގަނޑު އިޢުލާނު ކުރިން، ޤައުމީ ޚިދުމަތުގެ ނިޒާމެއް އުފައްދާނެ ވާހަކަ. އެ ނިޒާމަކީ ނުވަތަ ދިވެހިރާއްޖޭގެ ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި ސަލާމަތީ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް. މި ޕްރޮގްރާމް، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ޕްރޮގްރާމް ފެށުމަށްޓަކައި ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުންނާއި، ވަސީލަތުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން.

ޝައްކެއްނެތް. މިކަމަކީވެސް ވަރަށް މާތް މަގުސަދެއްގައި އަޅުގަނޑު ކުރާ ކަމެއް. އަޅުގަނޑު ދެކެނީ މި ނިޒާމުގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި، ޢިލްމާއި، ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް، ޤައުމުގައި ބިނާކުރެވޭނެ ކަމަށް.

އަޅުގަނޑު ދެކެނީ ޤައުމަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް، މި ނިޒާމުގެ ތެރެއިން ބިނާކޮށް ތަރައްޤީކުރެވޭނެ ކަމަށް. އަދި ދިވެހި ޒުވާނުންނަކީ، ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި ބައެއްގެ ގޮތުގައި ބިނާކުރެވޭނެ ކަމަށް. ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއްނެތި، ގޯޅިގޯޅީ ކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮތް ހާލަތަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މިއީ، ދިވެހި ޒުވާނުންނާ ދިވެހި ދައުލަތުން ހަވާލުވުން. މި ޚިދުމަތުގެ ތެރެއިން އެ ޒުވާނުންގެ އަމިއްލަ ޢާއިލީ ދިރިއުޅުމާއި، ޤައުމީ ޙަޔާތާއި، އަޚުލާޤާއި، ޢިލްމީ މައިދާން، އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދޭނެ. މިއީ ޢާއިލާތަކަށް ބާއްޖަވެރިކަން ގެނެސްދިނުން.

އަޅުގަނޑު އިތުރަށް މި ނުކުތާއަށް ބާރުލާން ބޭނުން. މި ޚިދުމަތުގެ ތެރެއިން އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙްތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ދިވެހި ޒުވާނުން ބިނާކުރެވޭނެ. މި ޚިދުމަތުގެ ތެރެއިން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ދިވެހި ޒުވާނުން ބައްޓަންކުރެވިގެންދާނެ. މި ދިވެހި ޤައުމުގެ ޒުވާނުންނަކީ، ރޫޙާނީ ގޮތުންނާއި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދޭނެކަމީ، އަޅުގަނޑު ކުޑަވެސް ޝައްކެއްކުރާ ކަމެއްނޫން. އަޅުގަނޑަށް ދިވެހި ޒުވާނުންނާ މެދު ކުރެވޭ އުންމީދު، އެ ޒުވާނުންގެ މައްޗަށް ކުރެވޭ އިތުބާރު، އެއަށްވުރެ މާ މަތިވެރި. ޒުވާނުންނަކީ ދިވެހި ޚިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތައް. އެ ތަރިތަކުގެ ވިދުމާއި ބެބުޅުމަށް ޖާގަދޭން ޖެހޭނެ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި ސަރުކާރުން، ޤައުމު ތަރައްޤީކުރާނީ ހަމަ އެއްވެސް ބަޔަކު ބާކީނުކޮށް. އެކަމަށްޓަކައި، އަންހެނުންގެ ކުރިއެރުމާއި، އެ ކަނބަލުން ބާރުވެރިކުރުވައި، ފުރުޞަތުތައް ފަހިކުރުމަކީ، މި ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް. އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި، ލުއިލޯނު ދޫކުރުމަށް، 2024 ވަނަ އަހަރު 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ވާނީ ތަޢާރުފުކޮށްފައި. މި ސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި، 60 ފަރާތަކަށް މިހާރު ވާނީ ލޯނު ދޫކުރެވިފައި. މި ޚާއްޞަ ލޯނު ސްކީމްގެ 25 އިންސައްތަ ޚާއްޞަކުރެވިފައި ވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް. މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހި، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.

މީގެއިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި، ޑޮމެސްޓިކް ވައަލެންސް ޝެލްޓަރތަކެއް ޤާއިމުކުރުމަށް ވަނީ ނިންމައިފައި. އޭގެ ތެރެއިން، ފުރަތަމަ ޝެލްޓަރގެ މަސައްކަތް، އައްޑޫސިޓީގައި ފެށުމަށް މި ފެބުރުވަރީ މަހުގެ ތެރޭގައި އިޢުލާނުކުރެވި، އިރާދަކުރެއްވިއްޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމައި، ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ.

މިކަންކަމުގެ އިތުރަށް، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި، ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާނެ ޒުވާނުން ބިނާކުރުމަށް، 500 ޒުވާނުންނަށް އަމާޒުކޮށްގެން، މި އަހަރުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށް ކަނޑައަޅައިފައިވާ ކަމަށްވެސް އަޅުގަނޑު ދަންނަވާލަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އާދެ! މި ޤައުމު ހަމަމަގުން ދަތުރުކޮށް، ވަކި އަމާޒަކަށް ވާސިލުވުމަށް ޢަޒުމް ކަނޑައަޅައި، އެ މަގުން ދިޔުމަށްޓަކައި އަޅުގަނޑު ވާނީ އަޅުގަނޑުގެ ވައުދާ އެއްގޮތަށް، ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭންގެ މަޝްވަރާތައް، މިދިޔަ އަހަރު ފަށައިފައި.

ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވައި، ތަންފީޒުކުރުމުގައި އެންމެހައި ރައްޔިތުން އެއްބާރުލުން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އެ އެދުން މިއަދުވެސް އަޅުގަނޑު ތަކުރާރުކުރާނަން. މި ޕްލޭން ރާވައި، ފުރިހަމައަށް ތަންފީޒު ކުރެވިއްޖެނަމަ، ދިވެހިރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، އިރާދަކުރެއްވިއްޔާ ފުރިހަމައަށް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ތެރޭގައި ގިންތި ކުރެވިގެންދާނެ ޤައުމަކަށްވާނެ. ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ފަށައިފައި ވާނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމުގެ ޢަޒުމުގައި. އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ޤާނޫނުއަސާސީއަށްވެސް މާއްދާއެއް މިހާރު ވާނީ އިތުރުކޮށްފައި. ހަމައެއާއެކު، އަޅުގަނޑުގެ ވައުދާ އެއްގޮތަށް، މި ޕްލޭނާ ބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދު ކުރުމަށްޓަކައި، އެކަމާބެހޭ ބިލެއް މި ޢިއްޒަތްތެރި މަޖިލީހަށް މި އަހަރުގެ ތެރޭގައި ފޮނުވުމަށް ވާނީ ކަނޑައަޅައިފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ، ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިޔުން. ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ފުރުޞަތު ދިނުން. ރައްޔިތުން ގާތަށްގޮސް، ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުވައި، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުން. މިކަމަށް މަގުފަހިކުރުމަށްޓަކައި އަޅުގަނޑަށް މިހައިތަނަށް އެންމެ ކައުންސިލެއް ފިޔަވައި، ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރެވިއްޖެ. އަދި ހުރިހާ އަތޮޅު ކަންސިލްތަކާއި، ސިޓީ ކައުންސިލްތަކާ ވަނީ ބައްދަލުކުރެވިފައި. މީގެ އިތުރުން، ކައުންސިލްތަކާ ދެވަނަފަހަރަށް ބައްދަލުކުރަން ފަށައިފިން. ހަމައެއާއެކު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކައުންސިލްތަކުގެ މަސްއޫލިއްޔަތާ އެކަށޭނަ ހައިބަތު، ވަޒީފާ އަދާކުރާ ވެށްޓާއި، އިމާރާތުން ސޫރަވާން ޖެހޭނެ. މިގޮތުން، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ގާއިމުކޮށްދީ، ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ އިޙްތިރާމާއި ޤަދަރުދީ، އެ އަޚުލާޤު އުފެއްދުމަކީ، އަޅުގަނޑު ގަބޫލުކުރާ އުސޫލު. މި ސަބަބަށްޓަކައި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު މިހާރުވާނީ ބަޔަކާ ހަވާލުކޮށްފައި. ހަމަ އެހެންމެ، ޗައިނާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ، އިމާރާތް ކުރުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާނެ. އަދި، އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަން ޖެހޭނެ ކަމަށްވެސް ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ، މި އަހަރު ޕޭ ހާމަނައިޒް ކުރެވިގެން، މުސާރަ ބޮޑުވެގެންދާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއެކު، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒް ކުރެވި، ބޮޑުކުރާނެކަން އަޅުގަނޑު އުފަލާއެކީގައި ދަންނަވަން.

ކައުންސިލްތައް ބާރުވެރިކުރުވުމަށް އިސްކަމެއްދޭހެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުވުމަށް އަޅުގަނޑު އިސްކަމެއް ދެން. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަޅުގަނޑު ވެފައިވާ ވައުދު ފުއްދުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަންޖެހޭ އިޞްލާޙުތައް، މި އަންނަ ހަފުތާ ތެރޭގައި، އިރާދަކުރެއްވިއްޔާ ހުށަހަޅާނަން. މި ދެ އިޞްލާޙުގެ ނަތީޖާއަކަށް ވާނީ، މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބިގެންދިޔުން. އަދި އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި، ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް، މި އިޞްލާޙުގެ ސަބަބުން ހައްލު ލިބި، އަޅުގަނޑުގެ ވައުދު ފުއްދިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ޝަރުޢީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، އަޅުގަނޑު ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ ގެނައުމުގެ މަސައްކަތް މިހާރުވާނީ ފެށިފައި.

މިގޮތުން ބަލާއިރު، ޤައުމެއްގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، އިޖުތިމާޢީ ހަމަޖެހުމާއި، ޢަދުލު ޤާއިމުކުރުމުގައި އެންމެ މުހިންމު ނިޒާމު. ޤައުމުގައި އަމަންއަމާންކަމާއި، ރައްކާތެރިކަން ގާއިމުކުރުމުގައި، މި ނިޒާމުގެ މުހިންމުކަން ނުހަނު ބޮޑު. އެހެންކަމުން، ޖިނާޢީ ޢަދުލުގެ ނިޒާމު އިޞްލާޙުކޮށް، ރައްޔިތުން އިތުބާރުކުރާ ހަރުދަނާ ނިޒާމަކަށް ހެދުމުގެ މަސައްކަތަކީ، ކޮންމެހެން އިސްކަންދޭންޖެހޭ، ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެން.

މިގޮތުން، ތަޙުޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށްކުރާ މީހުން، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމު ކަމުގައި ދެކެން.

ނަސޭހަތުގެ އެއްބަސްވުމަކީ ޤާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށްކުރާ މީހުންނާއި، އަލަށް ކުދިކުށް ކުރާ މީހުން ކުށަށް އިޢުތިރާފުވާނަމަ، ކުށުގެ ވެށިން ދުރުހެލިކޮށް، މުޖުތަމަޢަށް އެނބުރި ރުޖޫޢަވުމަށް ދެވޭ މުހިއްމު ފުރުޞަތެއް. މި އެއްބަސްވުމުގައި، އެ މީހަކު ކުރާ ކުށަކާ ގުޅިގެން، އެ މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް، ހެޔޮގޮތުގައި ދެމިހުރެއްޖެނަމަ، އޭނާ ކުރި ކުށާ ގުޅިގެން، އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްބަސްވާނެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން، ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް، ދެ ދަޢުވާ ކޯޓަށް ހުށަހެޅިގެންދާނެ. މީގެ ބޭނުމަކީ އަލަށް ކުދިކުށް ކުރާ މީހުންނަށް، އަލުން މުޖުތަމަޢަށް ރުޖޫޢަވުމުގެ ފުރުޞަތު ދިނުން. އެހެންކަމުން، މި ނިޒާމު ހަރުދަނާކުރުމަށް ތަޙުޤީޤުކުރާ ފުލުހުންނާއި، ދައުލަތުގެ ވަކީލުންނާއި އަދި ވަކިން ޚާއްޞަކޮށް، ދިފާޢީ ވަކީލުންނަށް ޚާއްޞަ ތަމްރީނުތައް ދިނުންފަދަ ކަންކަން ފަހިކޮށްދިނުމުގައި، ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގަސްދުކުރާ ވާހަކަ ދަންނަވަން.

ނަސޭހަތްދީ، މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ޝަރުޢީ ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑު ތަނުން މަދުވެގެންދާނެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޖުޑިޝަރީގެ ވަސީލަތްތައް، ބޮޑެތި، ހައްސާސީ ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ. މީގެ އިތުރުން، ހުށަހެޅޭ މައްސަލަތައް ނުނިމި، ކޯޓުގައި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް ފުރިބާރުވުމުގެ މައްސަލައަށް، އަވަސް ހައްލެއް ލިބިގެންދާނެ.

ހަމައެއާއެކު، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ނަސޭހަތުގެ އެއްބަސްވުން ހެދެން ނެތް ހާލަތްތަކުގައި، އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ އުސޫލުވެސް ބޭނުންކުރާ މިންވަރު އިތުރުކުރަން ނުހަނު ބޭނުންތެރި ކަމުގައި ދެކެން.

މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން، ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި، އިޢުތިރާފުގެ އެއްބަސްވުމުގެ އެހީގައި. އޭގެ ސަބަބުން، ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެންދޭ.

ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހެދިޔަސް، ޤާޟީންގެ އަދަދު ކިތަންމެ ގިނަކުރިޔަސް، މި ދެ ނިޒާމު ރަނގަޅަށް ނުހިންގާ، ޖިނާއީ ޢަދުލުގެ ނިޒާމަށް އެކަށީގެންވާ ހައްލެއް ނުލިބޭނެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި، ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްތައް ކުރަން ގަސްދުކުރަން.

ހަމައެއާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށްވުރެ އިތުރުކުރަން އެބަޖެހޭ. މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލާއިރު، ކުރިއަރައިފައިވާ މިނިވަން ޑިމޮކްރެޓިކް ޤައުމުތަކުގައި "ޕަބްލިކް ޑިފެންޑަރސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާޢީ ވަކީލުންގެ އޮފީހެއް ގާއިމުކުރެވިފައި ހުރޭ. ޖިނާއީ މައްސަލަތަކުގައި، އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ދިފާޢީ ވަކީލުން ހަމަޖައްސައިދެނީ މި އޮފީހުން. މި ނިޒާމު ބައްޓަންކުރަން ޖެހޭނީ، ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭގޮތަށް.

ޕަބްލިކް ޑިފެންޑަރސް އޮފީހެއް ގާއިމުކޮށް، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަޚްޞީޞް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ، ޖިނާއީ ޢަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވިގެންދާނެ. އެހެންކަމުން، އަޅުގަނޑު ގަސްދުކުރަނީ، މި އަހަރުގެ ތެރޭގައި، ޕަބްލިކް ޑިފެންޑަރސް އޮފީސް ގާއިމުކުރުމާބެހޭ ޚާއްޞަ ބިލެއް، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅައި، މި ނިޒާމު ގާއިމުކޮށްދޭން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިޔުން.

މިކަން ހައްލުކުރުމަށްޓަކައި، އެކަށީގެންވާ އަވަސްމިނެއްގައި އަޑުއެހުންތައް ތާވަލުކޮށް، މައްސަލަތައް ކުރިއަށް ގެންދިއުމަކީ، މިހާރު ނުހަނު މުހިއްމު ކަމެއް ކަމުގައި ދެކެން. މިކަން ހައްލުކުރުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް، މި ސަރުކާރުން ނުހަނު އިސްކަންދެން.

މިގޮތުން، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް، މި އަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން. އެ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ. ނަތީޖާއެއްގެ ގޮތުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ. އަދި އޭގެ އިތުރު ނަތީޖާއެއްގެ ގޮތުން، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް އުންމީދު ކުރަން.

އޭގެއިތުރަށްވެސް، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށްވެސް ރަނގަޅު އިޞްލާޙުތަކެއް ގެނެވިގެންދާނެ. ހަމަ އެއާއެކީގައި، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޚާއްޞަ ކޯޓުތައް ތަޢާރުފު ކުރުމުގެ މަސައްކަތް، އަޅުގަނޑުގެ މެނިފެސްޓޯގައި ކަނޑައަޅައިފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން ގަސްދުކުރަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި، ޤައުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް 35 ބިލު ހުށަހަޅައިފައިވޭ. މީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން 30 ބިލު ވަނީ މިހައިތަނަށް ފާސްކޮށްދެއްވައިފައި. އޭގެތެރޭގައި، 21 ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުޅިން އާ 8 ބިލު އަދި ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެނައުމުގެ 1 ބިލު ހިމެނޭ.

މީގެ ތެރެއިން، ދިވެހިރާއްޖޭގައި ބޭރުގެ ސިފައިން ދާއިމީކޮށް ތިބުން ހުއްޓުވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާއި، ދިވެހިރާއްޖޭގެ ސަރަހައްދަށް އުނިއިތުރެއް އަންނާނެ އެއްވެސް ކަމެއް ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާއި، އިންތިޚާބު ވުމަށްފަހު، ޕާޓީ ބަދަލުކުރުމުގެ ނުރަނގަޅު ޢަމަލަށް ނިމުމެއް ގެނައުމަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ފާހަގަކުރަން.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ވަރުގަދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނެވިފައި ވާނެ. މި އިޞްލާޙުތަކުގެ ތެރޭގައި، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ތަޢާރުފުކުރުމަށް ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި، އޮންލައިން ފްރޯޑްގެ މައްސަލަތަކާއި، ސައިބަރ ވަޔަލަންސްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެނެވުނު އިޞްލާޙުތައް ހިމެނޭ.

މިއަހަރު މަޖިލީހަށް ހުށަހެޅުމަށް ގަސްދުކުރާ ބައެއް ބިލުތައްވެސް، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލާނަން. މިގޮތުން، ޤާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ މުހިންމު އިޞްލާޙުތަކަކީ، ޖޭ.އެސް.ސީ. އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އަދި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމާއި، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިޞްލާޙު ކުރުން.

މީގެއިތުރުންވެސް، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ ތެރެއިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި، އެ ވޯޓު ނެގޭނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީވެސް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާތީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް، މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި، މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރަން. އަދި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މުޅިން އަލަށް އެކުލަވައިލެވޭ ބިމުގެ ބިލަކާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމައިފައި. ހަމައެއާއެކު، ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސްގެ ޚިދުމަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާނެ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ ގޮތުން، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު، މި ފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނަން.

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓި-ކޮރަޕްޝަންގެ ޤާނޫނަށާއި، ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިޞްލާޙުތައް، މި އަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން. މީގެއިތުރުން، އެކި ފަރާތްތަކުން ނުއަގުގައި ހޯދައިފައިވާ ދައުލަތުގެ އެސެޓްތަކުގެ ހަމައަގު ހޯދައި، ޤާނޫނާ ޚިލާފަށް އެކި ފަރާތްތަކުން ހޯދައިފައިވާ ދައުލަތުގެ އެސެޓުތައް އަނބުރާ ހޯދުމަށްޓަކައި، އެސެޓް ރިކަވަރީއާ ބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް، ސަރުކާރުގެ ފަރާތުން މިހާރުދަނީ ކުރަމުން. އެ ބިލުވެސް މި އަހަރުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ވާނީ ނިންމައިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދުތައް ފުއްދުމުގައި، ނަތީޖާ ނެރެދިނުމުގައި. ހީވާގިކަމާއި، ކެރުމާއި، މުރާލިކަމާއެކު، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ނުހަނު ސާބިތުކަމާއެކު، ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، އަޅުގަނޑުގެ މަސްއޫލިއްޔަތު. މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަމަ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުއަސާސީއާއި ޤާނޫނުގައި، މަނާނޫން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން، ޙައްޤު ލިބިގެންވޭ. އެ ސިވިލް އަދި ކޮންސްޓިޓިއުޝަނަލް ރައިޓަށް ސަރުކާރަކަށް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށްވެސް އަރައެއްނުގަނެވޭނެ. އޭގެ ބަދަލުގައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ދައުރަކީ، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ޒިންމާ އަދާކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުން.

މިއަދު، އަޅުގަނޑު މި ބަޔާން ނިންމާލާއިރު، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސަށާއި، ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ދޭ ޔަޤީންކަމަކީ، މާތްﷲ ގެ އިރާދަފުޅާއެކު، މި ދެންނެވި ގޮތުގައި ތެދުވެރިކަމާއި، އަމާނަތްތެރިކަމާއެކު، މި ބަޔާނުގައި ބަޔާންކުރި ކަންކަން ތަންފީޒުކޮށް، ނަތީޖާ ނެރެދޭނެކަމުގެ ޔަޤީންކަން.

އަޅުގަނޑުގެ ހިތުގެ އިޚުލާޞްތެރި ދުޢާއަކީ، ސައްތައިންސައްތަ މިނިވަން، އިސްލާމީ ޤައުމެއްގެ ގޮތުގައި، ދުޅަހެޔޮކަމާއި، ފުދުންތެރިކަންމަތީގައި އަމާންކަމާއި ޞުލްޙަވެރިކަންމަތީގައި، މި ލޮބުވެތި ދިވެހި ޤައުމު އަބަދުވެސް ބާއްޖަވެރި އުފާވެރި ދުވަސްތަކެއް ދެކެމުން ދިޔުމުގެ ނަސީބު، މާތް ﷲ މިންވަރު ކުރެއްވުން. އާމީން!

އޯގާވަންތަ ﷲ! މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި!

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.