بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އުތީމު ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ.ގެ މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އުތީމުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ބޭފުޅުން، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު ހަވީރު ވަގުތު އަޅުގަނޑަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އުތީމުގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ރަށަށް އާދެވުމުން އަޅުގަނޑަށް ކުރެވެނީ ވަރަށްބޮޑު އިޙްސާސެއް. ޤައުމީ ލޯބި އެތައް ގުނައަކުން އިތުރުވެގެންދާ އިޙްސާސެއް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އަދި އެއަށްފަހު، މަޤާމާ ހަވާލުވެ އެންމެ ފުރަތަމަ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކި ދުވަހު، އަޅުގަނޑު ވަރަށް ސާފުކޮށް ރައްޔިތުންގެ ގާތު ދެންނެވިން، ޤައުމުގެ ތަރައްޤީ އަޅުގަނޑު މާނަކުރަނީ، ވަށާޖެހޭ ގޮތެއްގައޭ. ބިނާކުރެވޭ ބިނާތަކާއެކު، އަޅުގަނޑުމެންގެ ފިކުރުވެސް ތަރައްޤީކުރުމާ އެކީގައޭ. ފިކުރު ތަރައްޤީވެގެންދަނީ، އަޅުގަނޑުމެންގެ އައިޑެންޓިޓީ، އަޅުގަނޑުމެންނަކީ ކޮން ބައެއްކަން އަޅުގަނޑުމެންގެ ހިތުގައި އަލުން ބިންވަޅުނެގި، އަޅުގަނޑުމެންގެ ޤައުމީ ޖޯޝް، އަޅުގަނޑުމެންގެ ޤައުމިއްޔަތު އިޢާދަކުރެވި، ކުރިއެރުވުނު ވަރަކުންނޭ. އަޅުގަނޑުމެންގެ ފިކުރަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ ބަހާތައް. މި ރަށަށް އާދެވުމުން، މި އިޙްސާސް އެތައް ގުނައަކުން އިތުރުވެގެންދޭ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި ޤައުމުގެ ޤައުމިއްޔަތު އިއާދަކޮށް، އާލާކޮށް، އަދި ކުރިއަށް އަންނާން އޮތް ޖީލުތަކަށް ފޯރުވުމުގައި އަޅުގަނޑުމެން މި ފަށާފައިވާ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، އަދާކުރަންޖެހޭނެ ރަށެކޭ މި ރަށަކީ. މިއީ އަޅުގަނޑުގެ ސިޔާސަތަކީ. މި ރަށަކީ، އަޅުގަނޑުމެންގެ ފަޚުރުވެރި ބަޠަލު، އުތީމު މަހާރަދުންގެ އުފަން ރަށް. މި ރަށުގައި ހުރި ބިނާ، މި ރަށުގެ ކޮންމެ ވެލިފުކަކުން، އެ ބުނެދޭ ބުނެދިނުން، މިރަށުގެ ކޮންމެ ރައްޔިތެއްގެ ހިތުން އެ ކިޔާ ނިދާ، މި ރަށުގެ ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކަ އެއީ، ޤައުމީ ތަރިކަ. މި ރަށުގެ ހުރިހާ ރައްޔިތުން އެކުއެކީގައި ބުނެދޭކަހަލަ، އަޅުގަނޑުމެންގެ ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކުރާނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރަށުގެ ކަންކަމުގައި ސަރުކާރުތަކުން އެބަޖެހެއޭ، ވަރަށް ސަމާލުކަންދޭން. އެހެންވީމާ، އަޅުގަނޑުމެންގެ މި ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި، މި ރަށަކީ ވަރަށް މުހިންމު ދައުރެއް، ހަމަ ޔަޤީނުންވެސް ވަރަށް ފުރިހަމަގޮތެއްގައި އަދާކުރާނެ ރަށެއްކަން އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން.

އެގޮތުން ބަލާއިރު، ވަރަށް ގިނަ މަސައްކަތްތަކެއް، ޢުމްރާނީ ތަރައްޤީގެ ރޮނގުންވެސް އުތީމުގައި އެބަހުރި ކުރަން. އެކަންކަން އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެއީ، ކޮންމެ މަޝްރޫޢެއް ކަމުގައިވިޔަސް، އެއީ، އިސްކަންދޭންޖެހޭނެ ކަމެއް. އެހެން ރަށަކާ ތަފާތުކުރުމެއް ނޫން އެއީކީ. އެއީ، މުޅި ރާއްޖޭގެ ޙައްޤުގައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެއީ، ހަމަހަމަކަމުގެ ގޮތުން، ޢަދުލުވެރިކަމުގައި ތަރާދުން ކިރާއިރުގައިވެސް، އެއީ އެކަން އޮންނަންޖެހޭނެ ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ހިތުން، އިންޞާފުވެރިކަމާ އެކީގައި، ޤައުމުގެ ކަންކަމާމެދު ވިސްނާ ކޮންމެ މީހަކު ގަބޫލުކުރާނެ ޙަޤީޤަތަކަށް މިކަން ވާނެ.

އެހެންވީމާ، އެގޮތުން މި ރަށުގެ ތަރައްޤީއަށްޓަކައި، ކުރަންހުރި ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓުގެ ތެރެއިންނާއި، އަދި އެހެނިހެން އުސޫލުތަކުގެ ތެރެއިން، އެ އޮންނަ ގޮތަކަށް މަގުފަހިކޮށްގެން، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކޮށްދޭނެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

ކޮންމެހެން ލިސްޓު އެކީގައި ކިޔާކަށް ނެތިން. އަޅުގަނޑު ކެމްޕެއިން ތެރޭގައި ވަޢުދުވީ ހުރިހާ ކަމެއްވެސް ހަމަ ލިޔެވިފައި އެހެރީ. ހަނދާނުގައިވެސް އެބަހުރި. އެއިން ކޮންމެ ކަމަކީ، އެއީ މަގުހެދުން ކަމުގައިވިޔަސް، ބަނދަރު ބޮޑުކުރުން ކަމުގައިވިޔަސް، އަދި ދެންހުރި ހުރިހާ ކަމެއް، ތަޢުލީމީ ދާއިރާއިން، ސްކޫލަށް ބޭނުންވާ ކަންކަން ކަމުގައިވިޔަސް، ޞިއްޙީ ދާއިރާއިން، މަރުކަޒަށް ބޭނުންވާ ކަންކަން ކަމުގައިވިޔަސް، އަދި މިއިން ކޮންމެ ދާއިރާއަކުން، ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ދަނޑާއި މިހެންގޮސް ފުޓްސަލް ދަނޑެއް އިތުރަށް އެޅުން ކަމުގައިވިޔަސް، ދެން ޖުމްލަކޮށް، ރަށުގެ ރައްޔިތުންގެ ކުދިބޮޑު އެންމެން، މި ރަށުގެ ރައްޔިތުންގެ ހުރި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި، އެގޮތަށް އަޅުގަނޑުމެން ކަންކަން ކުރާނަން. އަޅުގަނޑުގެ އޮތީ މި ސިޔާސަތު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި، އަޅުގަނޑު ކަންކަން ކުރިއަށް ގެންދާނީ، މި ދެންނެވި ވިސްނުމުގައި.

މިހާރު މަޑުޖެހިފައި، މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން، އަޅުގަނޑުމެންނަށް ޖާގަ ހަމަނުޖެހޭތީ، ގިނައިން ހުރިހާ ރަށެއްގައިހެން އެ ދިމާވި މައްސަލަ މި ރަށަށްވެސް ދިމާވެފައި އޮތީ. އެ ނުލިބުނު ފުރުޞަތު މިހާރު އިރާދަކުރެއްވީތީ، މިހާރު އޮތް ބަޖެޓުގެ ތެރެއިން ކުރިއަށްދާނެ ފުރުޞަތުތައް ލިބިގެން. މި ދެންނެވި މަޝްރޫޢުތައް، އަދި އިތުރު ކަންތައްތައް. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ ހަމަ ހުރިހާ ކަމެއްވެސް އެގޮތުގައި އަޅުގަނޑު ކުރިއަށް ގެންދާނަން. މިއަދު މި ރަށުގައި ބިންގާއެޅި، ފެށިގެން މިދިޔަ ކަންކަންވެސް އެއީ، ހަމަ އެގޮތުން ފެށިގެންދާ ކަންތައްތައް.

އާދެ، އޭގެ އިތުރުން، ގަނޑުވަރުގެ ބެލެހެއްޓުންތެރިކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ ނެޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރާނަމަ، ސަރުކާރުން ވަރަށް އިސްކަންދޭންޖެހޭ، އެތަން ރަނގަޅަށް ބަލަހައްޓަން. ރަނގަޅަށް ޓްރީޓްމަންޓް ދީގެން، ޙަޤީޤަތުގައި އެ ހުންނަންވާ އޮރިޖިނަލިޓީގައި ތަން ބެލެހެއްޓުމަށްޓަކައި، މިހާތަނަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައެއް ނެތް.

އެހެންވީމާ، އެކަން ބަދަލުކުރާނަން. ބަދަލުކޮށް، އެއީ، ދިދަދަނޑި ކަމުގައިވިޔަސް، އިމާރާތުގައި ހުރި ކަމެއް ކަމުގައިވިޔަސް، ކޮންމެ ކަމެއް ކަމުގައިވިޔަސް، އެ ދޭންޖެހޭ އެންމެ އިސްކަން ދީގެން، ޤައުމީ ވިސްނުމެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުޤައި ކުރާ ކަމެއް ގޮތުގައި، ކޮށްދޭންޖެހޭ ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ ކުރާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އަދި މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ތިޔަބޭފުޅުންގެ އުފަލަށްޓަކައިވެސް، ކުރަންހުރި އިތުރު ކަންތައްތައް އެބަހުރި. އަޅުގަނޑުމެންނަށް ބޭރުގެ އެހީއެއް ލިބިފައި އޮތް މަޝްރޫޢެއްވެސް އެބައޮތް. އެކަމުގައިވެސް ތަނުގެ އަޞްލު ނުގެއްލޭ ގޮތަށް ކުރަންޖެހޭ، ކުރެވިދާނެ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެހެންވީމާ، މި ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އަދި އޭގެއިތުރުން، ޤައުމީ ދުވަސް ފާހަގަކުރުމުގައިވެސް އަޅުގަނޑު ވިސްނަނީ، ކުރީގެ ސަރުކާރުތަކުން ވިސްނިގޮތާ ކުޑަކޮށް ތަފާތުކޮށް. އެއީ، ކޮންމެ ދައުރެއްގައި، އާންމު އުޞޫލަކީ ކޮންމެވެސް އެއް އަހަރަކު، މި ރަށުގައި ޤައުމީ ދުވަސް ފާހަގަކުރުން. އަދި އެކަމަށް ކޮންމެވެސްވަރެއްގެ ބަޖެޓެއް ހަމަޖައްސައިގެން، އާދައިގެ ގޮތަކަށް އެކަން ކުރަމުންދަނީ. އަޅުގަނޑުގެ ވިސްނުން ތަފާތު. އަޅުގަނޑު ގަޞްދުކުރަނީ، މުހިންމު މަޝްރޫޢެއް ގޮތުގައި އެކަން ކުރިއަށް ގެންދަން. މި މަރުކަޒާއި، މި ދެންނެވި ގަނޑުވަރާއި، އަދި މި ރަށުގައި ހުރި މުހިންމު ތަންތަނާއި، ތާރީޚީގޮތުން ޙިމާޔަތްކޮށް، ބަލަހައްޓަންޖެހޭނެ ތަންތަނާއި، އަދި ޤައުމީ ވިސްނުމެއްގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިދާނެ އެކިކަހަލަ ޕްރޮގްރާމްތަކާއި، މިކަހަލަ ކަންކަން ހިމަނައިގެން، ޤައުމީ މަޝްރޫޢެއް ގޮތުގައި މި ރަށުގައި ކަންތައްތަކެއް ކުރަން.

އެގޮތުން ކުރެވޭ ކަންކަމުގައި، އެކަންކަމަށް ލެވޭ ބާރެއްގެ ގޮތުގައި، މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ، ބަޖެޓުގެ ގޮތުން ކަމުގައިވިޔަސް، އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކަމުގައިވިޔަސް ދީގެން، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި، މި އަންނަ އަހަރު، ޤައުމީ ފެންވަރެއްގައި، ޤައުމީ ދުވަސް މި ރަށުގައި ފާހަގަކުރަން. އެއީ، އަޅުގަނޑު ގަޞްދުކުރަނީ، ދެ އަހަރުގެ މަޝްރޫޢެއް ގޮތުގައި މިކަން ކުރިއަށް ގެންދަން. އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންނަށް ފިކުރީގޮތެއްގައި، މި ޤައުމީ ވިސްނުން، އަޅުގަނޑުމެންގެ ޤައުމުގައި ފެތުރުމުގައި، މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރުމުގެ މަގު ފަހިކޮށްދިނުން. އެކަމަށް އޮންނަ، ކޮށޭ މަގެއްގެ ގޮތުގައި، ކެޓަލިސްޓެއް ގޮތުގައި، މި ދެ އަހަރު، ޖެހިޖެހިގެން ދެ އަހަރު، ޤައުމީ ދުވަސް މިތާ ފާހަގަކުރަން މި ނިންމި ނިންމުމާ އެކީގައި، ކަންތައްތައް ފަހިވެގެންދާނެ ގޮތަށް ގެންދިޔުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑު އެކަން ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު ހަމަ ކުރުކޮށްވެސް، ދިގުކޮށްވެސް ދައްކަން ހުރި ވާހަކަތައް މި ދެއްކީ. މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ގިނަ ކަންކަން އަޅުގަނޑު ވަޢުދުވިން. އަދި ވަޢުދުނުވެ ހުރި ކަންކަންވެސް އެބަހުރި. ކޮންމެ ދާއިރާއަކުންވެސް، އުމްރާނީ ތަރައްޤީވިޔަސް، އިޤްތިޞާދީ ކުރިއެރުން ކަމުގައިވިޔަސް، އިޖުތިމާޢީ ގޮތުން ކުރަންހުރި ކަންކަމުގައިވިޔަސް، އެކަންކަން އަޅުގަނޑު ކުރިއަށް ގެންދާނީ، މި ދެންނެވި އިސްކަންދިނުމުގެ ޤައުމީ ވިސްނުމުގައި ކަމާއި، އަދި ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި، މި ދެންނެވި ވިސްނުމުގައި، މި ރަށުގައި ކަންކަން ކުރާނެކަން، އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުންވަނީ، ވަރަށްވެސް އުފާވެއޭ، ތިޔަބޭފުޅުން އަރިހަށް މިގޮތަށް އާދެވި، އަދި މި ފަޚުރުވެރި ފަސްގަނޑުގައި މިގޮތަށް ވަގުތުކޮޅެއް ހޭދަކޮށްލެވޭތީ. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ޤައުމީ ދުވަހު، މި ރަށުގައި ޤައުމީ ދުވަސް ފާހަގަކުރަން އައުމުގެ އުންމީދުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލަން.

އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން، اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާށި! އަޅުގަނޑުމެންގެ ޤައުމަކީ، މިނިވަންކަންމަތީ ތާއަބަދު ލެހެއްޓިގެންވާ ޤައުމެއް ގޮތުގައި ލައްވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.