بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފިއްލަދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔު.ޑީ.ސީ. މެންބަރުން، އަދި މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ފިއްލަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަފުދުގެ ހުރިހާ މެންބަރުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މެންދުރު ވަގުތު އަޅުގަނޑަށް މި ރަށަށް އާދެވުނީ. ނަމަވެސް، ތިޔަބޭފުޅުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ވިދާޅުވެފައި. މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ފިއްލަދުއަކީ ވަރަށް ޕޮޓެންޝަލް އޮތް، ތަރައްޤީގެ ފުރުޞަތު ވަރަށް ބޮޑު ރަށެކޭ. ޖާގައިގެ ގޮތުން އިރާދަކުރެއްވީތީ ބިން އޮތް، ޖާގަ ބޮޑު ރަށަކަށްވާތީއާއި، އަދި އޮތް ލޮކޭޝަންގެ ގޮތުންނާއި، ސަރަޙައްދުގެ ގޮތުންވެސް ކަމަށްވާތީ. އެހެންވީމާ، ހަމައެކަނި މި ރަށުގެ ރައްޔިތުންނަކަށް ނޫން، މި އަތޮޅުގެ އަދި މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށްވެސް ގިނަގުނަ ފައިދާތަކެއް ވާނެ، ދެމެހެއްޓެނިވި އަދި ދުރު ރާސްތާގެ ތަރައްޤީގެ ވިސްނުމުގައި، މި ރަށުގައި އިޤްތިޞާދީ ތަރައްޤީގެ ފުރުޞަތުތައް ފަހިކުރެއްވިއްޖިއްޔާ.

އާދެ، މިތާ ކައިރި، ހދ. އަތޮޅުގައި، ވަރަށް ބޮޑު އިންޓަރނޭޝަނަލް އެއަރޕޯޓެއް އެ ނިމެނީ. އެ އެއަރޕޯޓް ފީޒިބަލް ކުރުމަށްޓަކައިވެސް ހދ. އަދި ހއ. ގައި، ޓޫރިޒަމް ފުޅާކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި އެހެން އިޤްތިޞާދުތައްވެސް، ގިނައިން ފުރުޞަތުތައް ލިބޭގޮތަށް ފަހިކޮށް، ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީގެ ޕްލޭންގައި، ހއ.، ހދ.ގެ ތަރައްޤީ ރޭވިފައި މިއޮތީ، މި ދެންނެވި ގޮތަށް މި ދެ އަތޮޅުގައި ގިނަގުނަ އިޤްތިޞާދީ ފުރުޞަތުތައް ފަހިކުރަން. ޚާއްޞަކޮށް، ޓޫރިޒަމް އަދި މަސްވެރިކަމުގެ ދާއިރާގެ ތެރެއިން ފުޅާކުރުމަށް. މިގޮތުން ބަލާއިރުގައި، މި ރަށުގެ ތަރައްޤީ ވަރަށް މުހިންމު ދައުރެއް އޭގައި އަދާކުރާނެ. މި ތަރައްޤީ ހާސިލުކުރުމުގައި ވަރަށް މުހިންމު ކަމެއް، އަދި އާންމުކޮށްވެސް، ކޮންމެ ޤައުމެއްގައިވެސް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާނެ، ދަތުރުފަތުރު ކުރުމުގެ ނިޒާމު، ނޫނީވިއްޔާ މަގުތައް، ނޫނީވިއްޔާ ޓްރާންސްޕޯޓް ނިޒާމު.

މި ރަށަކީ ބިން ބޮޑު ރަށަކަށްވާއިރުގައި، މިހާ ނުރައްކާތެރި ގޮތެއްގައި ނޫނީ ހާލުދަށް ގޮތެއްގައި މަގުތައް ހުރެގެންނެއް މި ދެންނެވި ތަރައްޤީއެއް ނުގެނެވޭނެ. އެހެންވެގެން އަޅުގަނޑު ނިންމާފައި މިއޮތީ، މި ރަށުގެ މަގުތަކަކީ، ޒަމާނީ ފެންވަރަކަށް ހެދެންޖެހޭނެ މަގުތަކެއް ގޮތުގައި. އަޅުގަނޑުގެ ކެމްޕެއިން ތެރޭގައި، މައިގަނޑު ސިޔާސަތެއްގެ ގޮތުގައި، އަދި މެނިފެސްޓޯގައިވެސް ޖުމްލަ ގޮތެއްގައި ހިމަނާފައި އޮންނާނެ، ބޮޑެތި ރަށްތަކުގައި މަގު ހެދުން. އަދި ކޮންމެ ރަށެއްގައިވެސް މައި ހުރިހާ ޚިދުމަތްތަކާ ގުޅިފައިވާ މަގުތައް ހެދުން. މި ރަށުގައި އެގޮތުންވެސް ޚާއްޞަކަން ދޭންޖެހޭ މައިގަނޑު ސަބަބުތައް އަޅުގަނޑު ދެންމެ މި ދަންނަވާލީ.

އެހެންވީމާ، އަޅުގަނޑު މި ދަތުރުގައި ރައްޔިތުން ގާތުގައި މިގޮތުން ދަންނަވަން އޮތް އެންމެ މައިގަނޑު ވާހަކައަކީ، އިޤްތިޞާދީ ގޮތުންނާއި، ރަށުގެ އާންމު ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމުގެ ގޮތުންވެސް، ސަރުކާރުން އެންމެ އިސްކަމެއްދީގެން މި ރަށުގައި ކުރިއަށް ގެންދާނެ މަޝްރޫޢަކީ، ޒަމާނީ ފެންވަރެއްގައި މަގު ހެދުމުގެ މަޝްރޫޢު ކަމަށް. އެކަން އިރާދަކުރެއްވިއްޔާ، އެގޮތުގައި ކުރިއަށް ގެންދާނަން.

މި ރަށުގައި މިހާރު އާރު.ޑީ.ސީ. ވެސް ޤާއިމުވެފައި އެބައޮތް. އަދި އަޅުގަނޑުމެން އެކަމަށްޓަކައި ދެން ކުރަން ހުރި މަސައްކަތްތައް، އިރާދަކުރެއްވިއްޔާ މިހާރު ފެށިގެންދާނެ. މުވައްޒަފުންވެސް ނެގިފައި ވަނީ. އެހެންވީމާ، ބަނދަރުން ފެށިގެން މިހިސާބަށް އަދި ރަށުތެރޭގައި، ޒަމާނީ ފެންވަރެއްގައި، ތާރުއަޅައިގެން މައިގަނޑު މަގުތައް ހެދެންޖެހޭ. އެއީ، މި ދެންނެވި ވިސްނުމުގައި. އެހެންވީމާ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ އެ ގޮތުގައި ކުރިއަށް ގެންދާނަން.

ދެން ހަމަ އެއާއެކީގައި، ދެންމެ މި ދެންނެވި ގޮތަށް، އިޤްތިޞާދީ ތަރައްޤީއަށް ވިސްނާއިރުގައި، ޓޫރިޒަމް ފުޅާކުރުން ވަރަށް މުހިންމު. މި ދެންނެވި ގޮތަށް، މި ސަރަޙައްދުގެ އިކޮނޮމިކް ވައަބިލިޓީ، ހދ. ހަނިމާދޫގައި މި ހެދުނު އެއަރޕޯޓް އަދި ޖުމްލަކޮށްވެސް މި ސަރަޙައްދުގެ އިކޮނޮމިކް ވައަބިލިޓީއަށް ބަލާއިރުގައި، ޓޫރިޒަމްގެ ފުރުޞަތުތައް ފަހިކުރަން އަޅުގަނޑުމެން ބޭނުން. އެހެންވީމާ، މި ރަށުގައި މިހާރު ދޫކޮށްފައިވާ، އަދި ދޫކޮށް އެގްރީމަންޓް ހެދުމުގެ މަރުޙަލާގައި މިހިރަ ބިންތައް، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، އެ ތަންތަން ހެދޭނެ ގޮތް ފަހިކޮށްދޭން ސަރުކާރުން ބޭނުން އެއް ކަމަކަށް. މިހާރު އޮތްގޮތަށް ބަލާއިރުގައި، އާންމުކޮށް، ބޭންކިންގ ނިޒާމުގެ ތެރެއިން މި ލިބޭ ޓަރމްސްތަކުގައި ލޯނު ނަގައިގެން، އެ ތަންތަން ހަދަން ފުރުޞަތު ދޫކޮށްލާފައި ބާއްވައިގެން، ވަރަށް ލަސްވާނެ އެ ތަންތަން ތަރައްޤީ ކުރެވޭލެއް.

އެހެންވީމާ، ސަރުކާރުން މިހާރު އިސްނަގައިގެން، ފިނޭންސް މިނިސްޓްރީން ބީ.އެމް.އެލް.އާ އެކީގައި މަޝްވަރާ ކުރައްވައި، ނިންމުންތަކެއް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަކީ، މި ދެންނެވި ގޮތަށް، މި ރަށުގައި ލިބިފައި މިހިރަ ބިންތައް، ކައުންސިލްގެ ފަރާތުން ކުއްޔަށް ދޫކުރާ ބިންތައް ނަގާ ފަރާތްތަކަށް، ވަރަށް ފަހިވެގެން ދާނެ ފުރުޞަތަކަށް ވާނެ. އާންމުކޮށް، މިގޮތަށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯނު ދޫކުރާވަރަށްވުރެ އިންޓްރެސްޓް ރޭޓު ކުޑަކޮށް ދޫކުރާ ލޯނެއް، ފިނޭންސް މިނިސްޓަރ އަޅުގަނޑު ގާތު ވިދާޅުވީ، މިހާރު ދޫކުރާ އިންޓްރެސްޓް ރޭޓަށްވުރެ ތިން ޕަސެންޓް ކުޑަވާނެ ކަމަށް.

އިންޓްރަސްޓް ރޭޓް ކުޑަކޮށް، ދޫކުރާ ލޯނުތަކެއް އަޅުގަނޑުމެން ދޫކުރުމުގެ ކަންތައް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ ވާހަކަ ދަންނަވަން. އޭރުން އިރާދަކުރެއްވިއްޔާ، އެ ބިންތައް ހެދިގެން ޓޫރިޒަމް ތަރައްޤީ ކުރުމުގެ ފުރުޞަތު ލިބޭނެ. ދެން އެތަނަށް ބޭނުންވާ ފެނާއި ނަރުދަމާ، އެ މަޝްރޫޢުގެ ތެރެއިން މި ދެންނެވި، އަޅުގަނޑުމެން މި ފަހިކޮށްދޭ ނިޒާމުގެ ތެރެއިން، ސަރުކާރުން މި ރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ފެނާއި ނަރުދަމާވެސް އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދީ، ފުރިހަމަކޮށްދޭން އަޅުގަނޑުމެން ނިންމާފައިވާ ވާހަކަ ދަންނަވަން.

އެހެންވީމާ، ޖުމުލަކޮށް މައި މަގުތައް ހެދިގެންދިޔުމާއި، އެ ސަރަޙައްދަށް ފެނާއި ނަރުދަމާ އެކްސްޓެންޑް ކުރުމާއި، މިކަންކަން ކުރެވިގެން ދިޔައިމާ، މި ރަށުގެ ރައްޔިތުންނަށާއި އަދި ޖުމުލަކޮށް މި ސަރަޙައްދުގެ ރައްޔިތުންނަށް އިޤްތިޞާދު ކުރިއަށް ގެންދިޔުމުގައި އަދި ޓޫރިޒަމް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ފަހި ފުރުޞަތުތައް ދެވިގެންދޭ. ހަމަ އެގޮތަށް، ހދ. ގައިވެސް ޓޫރިޒަމްގެ ފުރުޞަތުތައް ފުޅާކުރަން އަޅުގަނޑުމެން ނިންމާފައިވޭ. މި ރަށާ ގުޅިފައި ނެތް ކަމުގައިވިޔަސް، މި މައުޟޫޢުގެ ތެރެއިން ހަމަ އެ ވާހަކަ މި ދަންނަވާލީ.

އެމް.ޓީ.ޑީ.ސީ.އަށް ސަރުކާރުން ދޫކޮށްފައިވާ، ވަރަށް ގިނަ އަހަރުތަކެއްވީ ރަށެއް ނާގޯށި އެއީ، ހދ.ގައި. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ފެސިލިޓީއެއް ހަމަޖެއްސުމުގެ ކަންތައް ކުރިއަށްގެންދާ ވާހަކަ ހދ. ރައްޔިތުންނަށް އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް މުހިންމުވާނެތީ، ހަމަ މި މައުޟޫޢުގެ ދަށުން މި ދަންނަވާލަނީ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، 2006 ވަނަ އަހަރު ދޫކޮށްފައި އޮތް ރަށެއް އެއީ. އަދިވެސް ނެހެދޭ. އެހެންނަމަވެސް، އެކަން ނިމުމަކަށް ގެނެސްދީ، އިރާދަކުރެއްވިއްޔާ އެމް.ޓީ.ޑީ.ސީ.އަށް އެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަހިކޮށްދީ، ސަރުކާރުން އެހީތެރިކަން ދީގެން، ރިޒޯޓެއްގެ ގޮތުގައި އެ ރަށް އިރާދަކުރެއްވިއްޔާ ހުޅުވުން އެއީ، މިހާރު އަޅުގަނޑުމެންގެ އަމާޒަކީ. އެކަންވެސް ކުރިއަށްދާނެ. އަދި މި ދެ އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި އިތުރު ރަށްތައްވެސް ދޭން އަޅުގަނޑުމެން ނިންމާފައި މިވަނީ.

އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑުގެ ވަޢުދުގެ ތެރޭގައި، ހަމަ ކެލާގައިވެސް އެބައޮތް ޓޫރިޒަމް. ހަމަ އެ ވަޢުދުވެސް ފުއްދުން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ މެނިފެސްޓޯގައި، އަދި ކެމްޕެއިން ވަޢުދުގެ ތެރޭގައި، ފަޅުތެރެއިން ދެ ރިޒޯޓެއް ހަދާނެ ވާހަކަ. ހަމައެގޮތަށް ވަށަފަރުގައިވެސް އެއޮތީ ސިޓީ ހޮޓެލް އެޅުމަށް ދިން ތަން. އެތަންވެސް ނިންމުމަށް އަޅުގަނޑުމެން ފުރުޞަތުތައް ފަހިކޮށްދީ، އެކަންވެސް ފުރިހަމަކޮށްދޭން މަސައްކަތްކޮށްދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، މި ދެންނެވި ހުރިހާ މަޝްރޫޢުތަކާއި، އަދި އިތުރު ފުރުޞަތުތައްވެސް މި ސަރަޙައްދަށް، މި ދާއިރާއަށް، މި އަތޮޅަށް، އަދި ޖުމުލަކޮށް، ތިލަދުންމައްޗަށް ފަހިކުރުމަކީ، އަޅުގަނޑުމެންގެ ސަރަޙައްދީ ތަރައްޤީގެ ޕްލޭންގައި ކަނޑައެޅިފައި އޮތްގޮތް.

ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ވަރަށް ތަކުރާރުކޮށް ދަންނަވަން، އަޅުގަނޑުމެންގެ ސަރަޙައްދީ ތަރައްޤީގައި، އުތުރުގެ ހަތަރު އަތޮޅު އެކުގައި އެއް ފެސިލިޓީ އަނެއް ފެސިލިޓީއާ، އެއް މަސައްކަތް އަނެއް މަސައްކަތާ، އެކި ސަރަޙައްދުގައި ގުޅިލާމެހިފައި އޮންނަ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައޭ، އަޅުގަނޑުމެންގެ މާސްޓަރ ޕްލޭން ތަރައްޤީކުރުމަށް ނިންމާފައި މި އޮންނަނީ. އެއީ، މެނިފެސްޓޯގައިވެސް ލިޔެވިފައި އޮތް އެއްޗެކޭ. އެހެންވީމާ، އެގޮތުންވެސް މި ސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރެވި، އެކި ކަހަލަ ގޮތްގޮތަށް މަސްވެރިކަން ޑައިވަރސިފައި ކުރެވި، މެރިކަލްޗަރއާއި، އެކި ގޮތްގޮތަށް ޑައިވަރސިފައި ކުރުން އެއީ، އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި އޮތްގޮތް.

އެހެންވީމާ، އޭގެ މުހިންމު ދައުރެއް ފިއްލަދޫން އަދާކުރޭ. އަދި މި ދާއިރާގައި އަދާކުރާނެ. ދެންމެ މި ދެންނެވި ހުރިހާ ކަންތައްތަކެއްގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ޢަމަލީ ސިފަ އަންނާނެ. އައިސް، މި ސަރަޙައްދުގެ ރައްޔިތުންނަށް އޭގެ ފަހިކަން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. މި ދެންނެވި ގޮތަށް، މި ދާއިރާގައި އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދުތަކެއް ހަމަ ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. ދެންމެ މި ދެންނެވި ގޮތަށް، އެކަންކަން ފުރިހަމަކޮށްދޭނެކަން ތިޔަބޭފުޅުންނަށް ޔަޤީންކަމާއެކީ އަޅުގަނޑު ދަންނަވާލަން.

އާދެ، އޭގެ އިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށް މުހިންމު ވަރަށްގިނަ ކަންކަން އެހުރީ. އަޅުގަނޑުމެންގެ ބަޖެޓުގައި ކަނޑައަޅާފައި އޮންނާނެ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން، ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދިޔުން. މި ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުހިންމު ކަންކަން އެބަހުރި. ސްކޫލަށް ބޭނުންވާ މުހިންމު ކަންކަން އެބަހުރި. ކުލާސްރޫމްތައް އިތުރުކުރުންވިޔަސް، އަދި މަލްޓިޕަރޕަސް ހޯލު ހިންގަމުންދާ މަޝުރޫޢު ނިންމުންވިޔަސް، އަދިވެސް ހަމަ އެބަހުރި ވަރަށް ގިނަ ކަންކަން ފުރިހަމަކުރަން.

ދެންމެ އަޅުގަނޑުމެން ކައުންސިލާއި މުއައްސަސާތަކާ އެކީގައި ބޭއްވި ބައްދަލުވުމުގައި، މިކަމާ ބެހޭގޮތުން ވާނީ މަޝްވަރާތައް ކުރެވިފައި، އެހެންވީމާ، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ކުޅިވަރަށް ބޭނުންވާ ކަންކަމާއި، މިކަންކަމަކީ ތަރުތީބެއްގެ ތެރެއިން މި އަހަރާއި، މި އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި ހުރި ކަންކަން.

އެހެންވީމާ، މި ހުރިހާ ކަމެއްގެ ތެރެއިންވެސް، އަދި ކުނިކޮށި، ކުނި މެނޭޖްކުރުންވެސް. ކުނި މެނޭޖްކުރުމަކީ، އަޅުގަނޑުމެން މިހާރު ޓާގެޓެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށްގެންދާ ކަމެއް. މި އަހަރު ނިމުމުގެ ކުރީގައި، ހުރިހާ ރަށެއްގައި، އެ ރަށެއްގެ ނިސްބަތުން ބޭނުންވާ ފެންވަރުގައި ކުނި މެނޭޖްކުރެވޭ ނިޒާމު ނިންމަން.

އެހެންވީމާ، މި ދެންނެވި ހުރިހާ ކަމެއް ކުރިއަށް ދާއިރުގައިވެސް މި އަހަރު އެންމެ އިސްކަމެއް އަޅުގަނޑުމެން ދޭނީ، މި ރަށުގައި މަގުތައް ހެދުމަށް. މި އަހަރު ހަމަ އެންމެ އިސްކަމެއް ދޭނީ، މަގުހެދުމަށް. އެހެންވީމާ، އެކަން ހަމަ އަދިވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.

އާދެ، އަޅުގަނޑު ދެން އިރާދަކުރެއްވިއްޔާ މި ރަށަށް އަންނާނީ، މި ދެންނެވި މަގުތައް ނިމި އެ މަގުތައް ހުޅުވުމުގެ އުފަލުގައި އިރާދަކުރެއްވިއްޔާ ބައިވެރިވާން. އެކަން ދަންނަވާލާފައި، އަޅުގަނޑު ގަސްދުކުރަނީ ވަކިވެލަން. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި އެކުވެރިކަމަށްޓަކައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.