بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މުރައިދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔު.ޑީ.ސީ އަދި މުއައްސަސާތަކުގެ ވެރިން، ރަށުގެ އިސް ޚިދުމަތްތެރި ރަށްވެހިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ސްކޫލް ކުދިން، ރަށުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑާ އެކީގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، ކުންފުނިތަކުގެ ވެރިން، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ހއ. އަތޮޅުގެ ރަށްތަކަށް އަޅުގަނޑު މިއަދު މި ފެށި ދަތުރުގައި، އެންމެ ފުރަތަމަ މި ރަށަށް މިއަދު މި އާދެވުނު ވަގުތު، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރަށުގެ ތަރައްޤީގެ ކަންކަމުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގ ތެރޭގައި، ކުރިންވެސް ތިޔަބޭފުޅުންނާ އަޅުގަނޑަށް ވާހަކަ ދެކެވިފައިވޭ. އެކަމާ ގުޅޭގޮތުން އޭރުގައި އަޅުގަނޑު ވާނީ ބައެއް ވަޢުދުތަކުގެ ގޮތުގައި، އިރާދަކުރެއްވިއްޔާ ކަންކަން ކޮށްދޭނެ ވާހަކަ ދަންނަވާފައި.

އަޅުގަނޑު މިގޮތަށް ރަށްރަށަށް މިކުރާ ދަތުރުތަކުގައި، ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުންގެ ހާލަތު ގާތުން ބަލައިގެން، އިތުރަށް މަޝްވަރާ ކުރެވިގެން މި ވާހަކަތައް އޮޅުންފިލުވައި، މި ވަޢުދުތައް ފުއްދުމުގެ ކަންކަމުގައި، ބާރު ސްޕީޑްގައި ކުރިއަށްދިޔުމުގެ މަޝްވަރާތަކެއް މި ކުރަނީ. އަދި ކަންކަން ކުރެވޭނެގޮތް ރައްޔިތުންނަށް މި ހާމަކުރަނީ.

މިހެން މި ދަންނަވާލި ސަބަބަކީ، އަޅުގަނޑު މިގޮތަށް ރަށްރަށަށް، ރައްޔިތުންގެ ގާތަށް ދިޔުމުން، ރައްޔިތުން ވިދާޅުވެލައްވާ ކަންކަން، ސަރުކާރުން ކޮށްދޭނެ ކަމަށް، އަދި ކޮށްދޭނެ ގޮތް އަޅުގަނޑު މިގޮތަށް ދަންނަވަމުން ގެންދާތީ، ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާ. އެއްވެސް ޕްލޭނެއްނެތި، ނޫނީވިއްޔާ ބަޖެޓްނެތި، އަޅުގަނޑުމެން ކަންކަން ކުރާނެ ވާހަކަ ދައްކަނީއޭ. ނޫން. އެހެންނެއް ނޫން. ސަރުކާރުގެ ކަންކަން އަބަދުވެސް ވަރަށް ސާފުކޮށް އަޅުގަނޑު ހާމަކުރަން. ކެމްޕެއިންގައިވީ ވަޢުދުތައް އެވަނީ ފޮތެއްގައި ލިޔެފައި. ސާފުކޮށް ފެންނަން އެއޮތީ. ސަރުކާރުގެ ކަންކަން ތަރުތީބު ކުރެވިގެންދާގޮތް، އެކި ބައްދަލުވުންތަކުގައި އަދި ލިޔެކިޔުމުން ވަރަށް ސާފުކޮށް ހާމަކުރަން.

މިދިޔަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ބޭނުންވިހާ ބާރުމިނުގައި މަޝްރޫޢުތައް ނުދިޔަ ސަބަބުތައްވެސް، ވަރަށް ސާފުކޮށް ކިޔައިދެން. އިޤްތިޞާދީ ކަންކަން ރަނގަޅު ކުރުމުގައި ވަރަށް ގިނަ ކަންކަމަށް އަޅުގަނޑުމެން އިސްކަންދޭންޖެހުމާއި، މިދިޔަ އަހަރަށް އަޅުގަނޑުމެންނަށް ބަޖެޓް ލިބިގެންދިޔައީ، މި ރަށްފަދަ ރަށްރަށުގައި މިހެން ކަންކަން ކުރެވޭފަދަ ގޮތަކަށް، އަދި އެއްވެސް ރަށެއްގައި ޚާއްޞަކޮށް، ތަރައްޤީގެ މަޝްރޫޢުތައް ގެންދިޔުމުގައި މަގުފަހިވާ ގޮތަކަށް ނޫންކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވަނީ އެ ހާލަތު ބަދަލުކުރައްވައި، ރައްޔިތުން އެދޭ ކަންކަމުގައި ސަރުކާރަށް ކުރިއަށް ދެވޭގޮތަށް މަޖިލިސް މިހާރު ހަމަޖައްސައިދީފައި ކަމާއި، ދެން މި އަހަރަށް މި ފާސްކުރެވުނު ބަޖެޓުގައި، އެކަންކަން އެހެރީ ކުރެވޭގޮތަށްކަން މިއީ، އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަމުން އަންނަ ކަންކަން.

އެހެންވީމާ، ރައްޔިތުން ގާތަށް އަޅުގަނޑު އައިސް، މި ދައްކާ ވާހަކައަކީ، ކުއްލިކުއްލިއަށް، ސްޕޮންޓޭނިއަސްކޮށް އެއްވެސް ހާލެއްގައި ދައްކާ ވާހަކައެއް ނޫން. ޕްލޭން ކުރެވި، ކަންކަން ކުރެވޭނެ ގޮތް، މަޝްވަރާ ކުރެވި، އެކަންކަން ކުރެވޭނެ ގޮތް ކަނޑައަޅައިގެން، ކުރިއަށްދާންވެގެން އަޅުގަނޑުމެންނަށް ކަންކަން ހަމަޖެހިފައި އޮވެގެން، ހަމަ ތަފްޞީލާ އެކީގައި ދައްކާ ވާހަކަތައް.

ރަށްރަށުގައި ވަރަށްގިނަ މަޝްރޫޢުތައް ފެށިފައި އެބަހުރޭ. މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެށިފައި، ނުނިމި ވަރަށްގިނަ މަޝްރޫޢުތައް. މި ރަށުގެ މި އޮތް ބަނދަރުގެ މައްސަލަވެސް އެއީ، އެ ކަހަލަ ކަމެއް. އަދި އެހެން ރަށްރަށުގައިވެސް ވަރަށް ގިނަ އެހެން މަޝްރޫޢުތައް، ހަމަ އެހެން ހުރީ. 2023ގެ އިންތިޚާބާ ހަމައަށް އައިއިރުގައި، އޭގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް، ގިނަ ރަށްރަށުގައި ހުރީ. އެކަންކަން ނުވެހުރި އެތައް ސަބަބުތަކެއް ހުރި. ފައިސާ ނުދިނުމާއި، ދެން ވަރަށް ގިނަ ސަބަބުތައް. މިހާރު އެކަންކަމުގައި، އެހެރަ ދަތިތަކުން ނެއްޓި، ކުރިއަށްދެވޭނެ މަގުތައް އަޅުގަނޑުމެން މިވަނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ކުންފުނިތަކާ އެކީގައި ތިބެގެން މަޝްވަރާކޮށް ހަމަޖައްސާފައި. ދެން ފެނިގެންދާނީ އަޅުގަނޑުމެން މި ފާސްކުރި ބަޖެޓުގެ މިހިރަ ފުރުޞަތުތަކުގެ ތެރެއިން، މި ދެންނެވި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހިނގައިގަންނަ ތަން. މި ދެންނެވިހެން ހުއްޓިފައި ހުރި، ނުހިނގާ ހުރި މަޝްރޫޢުތަކާއި، އިންތިޚާބުގެ ތެރޭގައި އަޅުގަނޑުވީ ވަޢުދުތަކުގައި، އަލަށް ފަށާނެ ކަމަށް ހުރި ކަންކަން ހިނގައިގަންނަ ތަން. މި އަހަރުގެ ތެރޭގައި، އަދި މި އަންނަ އަހަރުގެ ތެރޭގައި ހިނގަމުންދާނީ، މި ދެ ބާވަތުގެ މަޝްރޫޢުތައް. އެއީ، ހުއްޓިފައި ހުރި، ނުހިނގާހުރި މަޝްރޫޢުތަކާއި، އަލަށް ކުރަން ވަޢުދުވީ ކަންތައްތައް.

ރައްޔިތުންނާ އަޅުގަނޑު ބައްދަލުވާއިރުގައި، ސަލާންކުރަން ތިއްބަވާ ބޭފުޅުން، ތުއްތުކުދިންވިޔަސް، އެކި ޢުމުރުގެ ބޭފުޅުންވިޔަސް، އެ ވިދާޅުވެލައްވާ ކަންކަމުގެ ތެރޭގައި މި ހުންނަނީ، މި ދެންނެވި ކަންކަން. ވަޢުދުވެފައި ހުރި ކަންކަން. އަދި ރަށުގައި ހުރި، ހިނގަންޖެހޭ މުހިންމު ކަންކަން. ރައްޔިތުން އެހެން ވިދާޅުވާ ކަންކަން، ރައްޔިތުންގެ ގާތަށް އަޅުގަނޑު އައިސް އަޑުއެހީމާ، އެކަންކަމުގައި ހުރި ޙައްސާސީކަން، މުހިންމުކަން ވަރަށް ސާފުކޮށް އެބަ އެނގިގެންދޭ.

އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާ ގޮތަކީ، ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވައިގެން، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް ދަތިވާ ކަންކަމަށް ޙައްލުތައް ގެނެސްދިނުމަށް. އެހެންވީމާ، ޕްލޭންކުރެވި، ތަރުތީބެއްގެ ތެރެއިން، އުޞޫލެއްގެ ތެރެއިން، ހިނގާ ކަންކަން މި ކުރަނީ.

ޕްލޭންގެ ވާހަކަ ދައްކާއިރުގައި، ދުރު ރާސްތާއަށްވެސް އަޅުގަނޑުމެން ޕްލޭނެއް ހަދަން ފަށައިފައި މިވަނީ. 20 އަހަރު ދުވަހަށް ރާއްޖެ ތަރައްޤީކުރާނެ ޕްލޭންވެސް. މެދު ރާސްތާއަށް، ދުރު ރާސްތާއަށްވެސް. ރައްޔިތުންގެ މަޝްވަރާއާ އެކީގައި.

އެހެންވީމާ، އަޅުގަނޑުމެން ކަންކަން ކުރަނީ ޕްލޭނެއްގެ ތެރެއިން. އެގޮތުން، މި ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބަލާއިރު، ލަފާފުރުމުގެ ކަންތައް ޙައްލުކުރުން އެއީ، ވަރަށް މުހިންމު ކަމެއް. އެކި ރަށްރަށަށް އެކިވަރަށް އެ މައްސަލަ ގޯހީ. މި ރަށުގައި އެންމެ ބޮޑު މައްސަލައަކީ، ބަނދަރުގެ މައްސަލަ. އެކި ރަށްރަށަށް، އެކި މައްސަލަ އެންމެ ބޮޑީ. މި ރަށުގައި އިންސާނިއްޔަތު ކަމަށް ބަލާއިރުވެސް، މީހާގެ ފުރާނަ ސަލާމަތްކުރަން ބަލާއިރުގައިވެސް، އަދި އިޤްތިޞާދީ، އިޖުތިމާޢީ އެކިއެކި ކަންކަމުގައި ބޭނުންކުރަން އޮތް ތަނަށް ބަލާއިރުގައިވެސް، އެ ވިސްނުމުން ބެލިޔަސް، އެންމެ މުހިންމީ ބަނދަރަށް ރަނގަޅު ޙައްލެއް އައުން.

އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް، މުރައިދޫގެ ރައްޔިތުންނަށް ސަރުކާރުން ކަމެއް ކޮށްދެންޏާ، ވަރަށްގިނަ ކަންކަން އެބަހުރި. އެންމެ އިސްކަމެއްދޭންޖެހޭ ތަރުތީބަކަށް ވިސްނަންޏާ، ބަނދަރުގައި މި އޮތް މައްސަލަ ޙައްލުވާންޖެހޭ. ތިޔަބޭފުޅުންނާ އަޅުގަނޑާ މިގޮތަށް ބައްދަލުވެގެން، ކައުންސިލާ ބައްދަލުވެގެން، މުއައްސަސާތަކާ ބައްދަލުވެގެން މި ދެކެވޭ ވާހަކައިން އެކަން އިތުރަށް އެބަ ސާފުވެގެންދޭ.

އާދެ، އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު ދޭ ޔަޤީންކަމަކީ، ބޭރުތޮށީގެ މި މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނެކަން. ކުރީގެ ސަރުކާރުތަކުގައި، ހައުސިންގ މިނިސްޓަރަކަށް ކުރީގައި އަޅުގަނޑު ހުރިއިރުގައިވެސް، އެކިފަހަރު އެކި މަސައްކަތް ކުރެވި، ޙައްލުކުރަން މަސައްކަތް ކުރެވި، އަދި މިދިޔަ ސަރުކާރުންވެސް ތިޔައޮތީ އާ މަޝްރޫޢެއް ފެށިފައި. އެކަމުންވެސް ހައްލުނުވެފައި އޮތް މައްސަލައެއް މިއީ.

އެހެންވީމާ، ރައްޔިތުން އެހެން އަބަދު މިކަމުގައި ތަކުލީފު އުފުލަންޖެހި، ފުރާނައަށް ގެއްލުންވެގެން ދިޔުމަކީ، އިންޞާފެއް ނޫން. އެހެންވީމާ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބޭރުތޮށީގެ މައްސަލަ އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. މި ރަށުގައި އެމް.ޓީ.ސީ.ސީ. މިއޮތީ މަޝްރޫއަށް މޮބިލައިޒް ކުރެވިފައި. އެމް.ޓީ.ސީ.ސީ. މި ރަށުން ފައިބާނީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ ބޭރުތޮށި ހަދައިދީފައި.

އިންތިޚާބުގައި އަޅުގަނޑު ވަޢުދުވިން، މި ރަށުގައި މަގު ހަދައިދޭނެ ކަމަށް. ފެނާއި ނަރުދަމާގެ މައްސަލަ މި ރަށުގައި ޙައްލުވެފައި އޮތް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބޭ. އެންމެ މުހިންމީ ބަނދަރު. ފުދޭވަރެއްގެ ޚަރަދެއް ބަނދަރަށް ހިނގާނެ. މި ރަށުގެ ބޭރުތޮށި ހަދަން. އެހެންވީމާ، ތަރުތީބަކުން ދާއިރު، މަގުހެދުމަކީ ބޮޑު މަޝްރޫޢަކަށް ވާއިރުގައި، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ބަނދަރުގެ މަސައްކަތަށްފަހު، އެއީ ހަމަ ވަކި މަޝްރޫޢެއްގެ ގޮތަށް، މިހާރު ބަނދަރު މަސައްކަތް ގޮސްފައި އޮތް ހިސާބުން އަޅުގަނޑުމެން ބޭރުތޮށި ހަދަންޖެހޭނީ.

އެހެންވީމާ، މަގުގެ ޕްރޮޖެކްޓްގެ ސްކޯޕަށް ބަލާއިރުގައި، ސްކޭލަށް ބަލާއިރުގައި، އެ މަސައްކަތަށް ކުރަންޖެހޭ ޚަރަދަށް ބަލާއިރުގައި، ބަނދަރުގެ ފަހަތަށް މަގުހެދުން އަންނާނީ. އެކަމަކު އެ ވަޢުދު އަޅުގަނޑު ފުއްދާނެކަން، ތަކުރާރުކޮށްލުމުގެ ގޮތުން ދަންނަވަން. މި ރަށުގައި އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދު، މަގުހެދުމުގެ މަސައްކަތް، މި ދައުރު ތެރޭގައި ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ދެން ތިޔަބޭފުޅުންނަށް.

ދެން ނިސްބަތުން އެއަށްވުރެ ކުޑަ ޚަރަދު ހިނގާ، އަޅުގަނޑު އިންތިޚާބުގައި ވަޢުދުވެފައި ހުރި ކަންކަން އެބަހުރި. އޭގެތެރޭގައި، އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާ. އަޅުގަނޑު ވަޢުދުވިން، ލެބޯރެޓަރީގެ ޚިދުމަތާ އެކީގައި، މި ރަށުގެ އާބާދީއަށް އެކަށީގެންވާ ސައިޒުގައި، ނޫނީވިއްޔާ މި ރަށުގެ އާބާދީއާއި، މި ރަށުގެ އިޤްތިޞާދީ ކުރިއެރުމާއި، މިކަންކަމަށް ޖުމްލަގޮތެއްގައި އަޅުގަނޑުގެ ސިޔާސަތު އެއީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީއާއި، އެ ރަށުގެ އާބާދީ އިތުރުވުމާއި، އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަށް ބަލާފައި، އެ ރަށެއްގައި ޞިއްޙީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ޤާއިމުކުރާނަމޭ.

އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުގެ ދަށުން ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. ކޮންމެ ރައްޔިތަކަށްވެސް އެ ދޭންޖެހޭ ސަމާލުކަން ހަމަހަމަގޮތުގައި ދޭންޖެހޭނެތީ، އެ ރައްޔިތެއްގެ ޞިއްޙީ ކަންކަމަށް އެ ދޭންޖެހޭ ސަމާލުކަން، ހަމަހަމަގޮތެއްގައި ދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާތީ. އަދި މެދުރާސްތާ، ދުރުރާސްތާގައި ސަރަޙައްދީ ތަރައްޤީއާއި، މިކަންކަމަށް އަޅުގަނޑުމެން ޕްލޭންތަކެއް ހެދިޔަސް، އެކަން އޮންނަންޖެހޭނީ އެހެންކަމަށް ގަބޫލުކުރާތީ. ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ނިސްބަތުން ރަނގަޅު ފެންވަރެއްގައި ޞިއްޙީ ޚިދުމަތް ޤާއިމުކުރުން އެއީ، އަޅުގަނޑު އިޢުލާނުކޮށް، ކަނޑައަޅާފައި އޮތް ސިޔާސަތު.

އެހެންވީމާ، މިފަދަ ކޮންމެ ރަށެއްގައި، އަދި ނުވަސަތޭކަ ރައްޔިތުން، ހާހެއްހާ ރައްޔިތުން ނެތްނަމަވެސް، އަދި މިއަށްވުރެވެސް މީހުން މަދު ރަށްރަށް އެބަހުރި. ފަސްސަތޭކަ މީހުން ނެތް ރަށްރަށްވެސް އެބަހުރި. އެހެންވީމާ، އެއިން ކޮންމެ ރަށެއްގައިވެސް އެ ރަށަކަށް، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ޞިއްޙީ ދާއިރާގައި ކޮންމެހެން ޚިދުމަތް ލިބެންޖެހޭ ކަންކަން އެބަހުރި. އެ ރަށަކަށް ބޭނުންވާ ފެންވަރެއްގައި، ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުކުރާނެ ކަމަށް އަޅުގަނޑު ވަޢުދުވީ އެހެންވެ. އަދި އެ ރަށެއްގެ ޞިއްޙީ މަރުކަޒަށް ބޭނުންވާވަރަށް، އިންސާނީ ވަސީލަތް، ހިއުމަން ރިސޯސް ހަމަޖެއްސުން. މި އަހަރުގެ ބަޖެޓުގެ ތެރެއިން. ުމްލަގޮތެއްގައި މުވައްޒަފުން އިތުރުކުރުމެއް ނެތް. އާންމު ސިޔާސަތެއް ގޮތުން، ބަޖެޓުން ޖާގައެއް ކަނޑައަޅާފައެއް ނޯންނާނެ. އާންމު އުސޫލެއްގެ ގޮތުން، މި އަހަރުގެ ބަޖެޓުގައެއް.

އެކްސެޕްޝަނެއް މިދެނީ، ދެ ދާއިރާއަކަށް. އެއީ، ޞިއްޙީ ދާއިރާއަށް މުވައްޒަފުން ހޯދުމަށާއި، ތަޢުލީމީ ދާއިރާއަށް މުވައްޒަފުން ހޯދުމަށް. މި ދެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް، ބަޖެޓުން ޖާގަ ހަމަޖައްސާފައި އޮންނާނީ. އަޅުގަނޑު ކުރިންވެސް އިޢުލާނު ކުރިން، މި އަހަރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން، ސިވިލް ސަރވިސް ހުރިހާ މުވައްޒަފުންގެ، މިހާތަނަށް ހާމަނައިޒް ނުކުރެވި ހުރި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން. ނޫނީ ހާމަނައިޒް ވާނެކަން، ޖުޑިޝަރީއާ އެކީގައި. އެހެންވީމާ، މީގެތެރެއިން، މި ދެންނެވިހެން، މި ރަށުގެވެސް ޞިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމާއި، ލެބޯރެޓަރީ ޚިދުމަތަށް ބޭނުންވާ މަސައްކަތާއި، އަދި އިތުރަށް ބޭނުންވާ ޖާގައާއި، މި ކަންތައްތަކަށް ބޭނުންވާ ޕްރޮޖެކްޓް ހިންގާނެކަން، ޔަޤީންކަމާ އެކީގައި ތިޔަބޭފުޅުންނަށް ދަންނަވާލަން.

ދެންއޮތީ، ތަޢުލީމީ ދާއިރާ. ތަޢުލީމީ ދާއިރާއިންވެސް އަޅުގަނޑުމެން މިހާރު މުޅި ރާއްޖޭގައި ޕްލޭނެއް މި ހަދަނީ، ތަރުތީބެއް ކަނޑައަޅުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، މި ތަޢުލީމީ ވަސީލަތްތައް ފުރިހަމަކުރުމަށް. އިންފްރާސްޓްރަކްޗަރ ވައިސް، އަދި އިކްއިޕްމަންޓް ވައިސް، ކަންކަން ފުރިހަމަކުރުމަށްޓަކައި.

ސްކޫލްގައި ޖުމްލަކޮށް ރާއްޖޭގައި އެބަ ބޭނުންވޭ، ކޮންމެ ރަށެއްގައިހެން ސްކޫލްގައި ކްލާސްރޫމްގެ ވަސީލަތް އިތުރުވާން. ލެބޯރެޓަރީ، ލައިބްރަރީ، ސްޓާފް ރޫމް، މިހެން ހުންނަ އެކި ކަހަލަ ކަންތައްތައް އަދި ހޯލު. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން އެބަޖެހޭ ތަރުތީބު ކޮށްލަން. އޭރުން ދެ އަހަރު ތެރެއަށް ބަހާލެވިގެން އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ.

އަޅުގަނޑުގެ ޓާގެޓް މިއޮތީ، ރިޔާސީ އިންތިޚާބުގައި ވީ ވަޢުދުގެ ތެރެއިން، ހުރިހާ ރަށެއްގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުމަށްޓަކައި މި ޤާއިމުކުރަންޖެހޭ އިމާރާތްތަކާއި، ތަކެތި ޤާއިމުކޮށް ނިންމުން. އެހެންވީމާ، އެކަން ކުރުމަށްޓަކައި، މިނިސްޓްރީއާއި ކައުންސިލް އަދި ސްކޫލްތަކާ ގުޅިގެން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، މުޅި ރާއްޖޭގެ ޕްލޭން އަޅުގަނޑުމެން ހަދާ ނިންމަނީ. މި ދެންނެވީ، އިސްކަންދޭ ތަރުތީބު ކަނޑައަޅައި ނިންމައި، އޭގެތެރެއިން ކުރިއަށްދާނެ ވާހަކަ. އެހެންވީމާ، މި ރަށަށްވެސް އެބަ ބޭނުންވޭ، ހޯލު ޤާއިމުކުރަން، އަދި ކްލާސްރޫމް، އިތުރު ދެ ކްލާސްރޫމެއް ހަދަން. މިކަހަލަ ކަންތައްތައް އެބަހުރި ބޭނުންވާ. އެހެންވީމާ، މި ދެންނެވި ސިޔާސަތުގެ ތެރެއިން، މި ރަށުގެ ތަޢުލީމީ ދާއިރާއަށްވެސް ސްކޫލުން އެދޭ ކަންކަން އަޅުގަނޑުމެން ކޮށްދޭނެކަން އަޅުގަނޑު ދަންނަވާލަން.

ދެންއޮތީ، ކުޅިވަރު. އަޅުގަނޑުމެންގެ ބަޖެޓުގައި މި އަހަރު އެންމެ އިސްކަމެއްދޭ ތިންވަނަ ކަމަކަށް މި އޮންނަނީ، ކުޅިވަރު، ނޫނީވިއްޔާ، މިހެން ހުންނަ ދުޅަހެޔޮކަމުގެ ކަންކަން. ފިޓްނަސްއާ ގުޅޭ، ކުޅިވަރުތަކާ ގުޅޭ ކަންކަން ކޮށްދިނުން. އެކި ރަށްތަކުގެ، އެކި ނީޑްސް ހުރީ. މި ރަށުގައި ފުޓްސަލް ދަނޑު ބޮޑުކުރަން އެބަ އެދޭ. ފެށިފައި އޮތް ފުޓްބޯޅަ ދަނޑެއް ނުނިމި އެބައޮތް. ވަރަށް މޮޅަށް ވޮލީކުޅޭ ރަށެއް. މިހެން ހުރި ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެން މި އަހަރު އެންމެ އިސްކަން ދީގެން، މި ފުޓްބޯޅަ ދަނޑު އެއްކޮށް ނިންމައިދީ، އަދި އެއަށްފަހު، މި އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ބަޖެޓުން ޖާގަ ލިބޭނަމަ، ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާނަން. ނުވަންޏާ، މި އަންނަ އަހަރު އެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާނެ. ޖުމްލަގޮތެއްގައި، ތިޔަބޭފުޅުންގެ ތިޔަ ކުޅިވަރުގެ ކުރިއެރުމަށް ބޭނުންވާ ކަންކަން، ފުޓްބޯޅައާއި، ފުޓްސަލް ދަނޑާއި، ވޮލީ ކޯޓާއި، މިކަންކަން އަޅުގަނޑުމެން ތަރުތީބެއްގެ ތެރެއިން، މި ދެންނެވި ފަދައިން، ފުޓްބޯޅަ ދަނޑު، ދެން އެއަށްފަހު ދެން ހުރި ކުޅިވަރުތައް، މި ދައުރުގެ ތެރޭގައި ވަރަށް ސަމާލުކަންދީގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމައިދޭނެކަން އެއީ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ވަޢުދެއް. އަޅުގަނޑު ވަޢުދުވެފައި މި އޮތީ، އިންޑޯ، އައުޓްޑޯ ކުޅިވަރުތައް މި ރަށުގައި ޤާއިމުކުރާނެކަން. އެހެންވީމާ، އޭގެތެރެއިން، އެކަންކަން ކުރާނެކަން ހަމަ ތަކުރާރުކޮށް ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް ދަންނަވާލަން.

އާދެ، އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރުމަށް މިއަދު ކައުންސިލާ ހަވާލުވީ. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ވަޢުދެއް. މި ރަށުގައި މިއަދު ތިން މަޝްރޫޢެއްގެ މަސައްކަތް މި ފެށިގެން މިދަނީ. ކައުންސިލަށް އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމާއި، ފުލުހުންގެ ޚިދުމަތް ދޭނެ މަރުކަޒެއް އެޅުމާއި، ބޭންކިންގ ނިޒާމުގެ ތެރެއިން، އޭ.ޓީ.އެމް.ގެ ކަންތައް. އަޅުގަނޑު ގަބޫލުކުރަނީ، ކޮންމެ ރަށެއްގައި އޭ.ޓީ.އެމް. ހުންނަން ޖެހޭނެ ކަމަށް. އެންމެ އާބާދީ ކުޑަ ރަށުގައިވެސް ހުންނަން ޖެހޭނެ. އެހެންވީމާ، މި އަހަރު ތެރޭގައި، ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ އޭ.ޓީ.އެމް. ޤާއިމުކޮށް ނިމޭނެ. އެކަމުގައި ބީ.އެމް.އެލް.އިން އަޅުގަނޑުމެންނަށް ދެއްވަނީ ވަރަށް ބޮޑު ސަޕޯޓެއް. ޙަޤީޤީ ރައްޔިތުންގެ ބޭންކެއްގެ ސިފަ، މިހާރު ބީ.އެމް.އެލް.ގައި އެބަހުރި. އެކަމަށް ބީ.އެމް.އެލް.ގެ ސީ.އީ.އޯ. އަދި މެނޭޖްމަންޓަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި، މިފަދަ ހުރިހާ މަޝްރޫޢުތަކެއް ކުރިއަށްދާއިރުގައި، ބާރު ސްޕީޑެއްގައި އަޅުގަނޑުމެން ކަންކަން ކުރިއަށް ގެންދާނަން. މި އަހަރަށް ބަޖެޓް އިޢުލާނު ކުރިއިރުގައި، އަޅުގަނޑު ދެންނެވި ފަދައިން، އަދި ތަކުރާރުކޮށް އަޅުގަނޑު އެކި ބައްދަލުވުންތަކުގައި ދަންނަވާ ފަދައިން، މި އަހަރަކީ ތަރައްޤީގެ ޢަމަލީ މަސައްކަތްތަކެއް ރަށްރަށުގައި ހިނގާނެ އަހަރެއް. އެކަން މި މަހުގެ ތެރޭގައި، މި ޖަނަވަރީ މަހުގެ ތެރޭގައިވެސް އެކި ރަށްރަށުގައި އެވަނީ ފެންނަން ފަށާފައި. ހުއްޓިފައި ހުރި ގިނަ ކަންތައްތަކެއް ފެށިގެން އެދަނީ. އަޅުގަނޑުމެން އެއަށް ފޯމިއުލަރ، ނޫނީވިއްޔާ މައްސަލަތައް ޙައްލުކުރެވޭނެ ގޮތް އެވަނީ ހޯދާފައި. އަދި އާ މަޝްރޫޢުތައް ފެށިގެން އެދަނީ.

އެހެންވީމާ، ރަށްރަށުގައި ތަރައްޤީއަށް ބޭނުންވެފައި މިހިރަ ގިނަގުނަ ކަންތައްތައް ކުރިއަށް ހުރި ހަފްތާތަކުގައި، މަސްތަކުގައި ފެށިގެން، ތަރުތީބެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ ހިނގަމުން ދާނެ. އެކަންކަމުގައި ރައްޔިތުންނަށް ޔަޤީންކަން ދިނުމާއި، ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އޮޅުންފިލުވުމާއި، މިކަންކަމުގައި ރައްޔިތުން ގާތުގައި އަޅުގަނޑު މި ވަގުތު
ހޭދަކުރަނީ. މިކަމުގައި ތިޔަބޭފުޅުން ތިޔަ ދެއްވާ ތާއީދާއި، އެއްބާރުލެއްވުމަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، ދެން މި ރަށަށް އަޅުގަނޑު އަންނާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބޭރުތޮށި ޝީޓްޕައިލްކޮށް ނިންމައިދީ، އެ ބަނދަރު ހުޅުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.