ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވައި ރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން، ސިންގަޕޫރުގައި ބޭއްވޭ އޭޝިޔާ-ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެއެވެ. އަދި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން، ސިންގަޕޫރުގައި ބާއްވަވާ ވިޔަފާރީގެ ފޯރަމެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް ދެއްވާނެއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.