بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މާކުރަތު ކައުންސިލްގެ ރައީސާއި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ. މެންބަރުން، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ގިނަ ދުވަހު ރަށުގައި ޚިދުމަތް ކުރެއްވި އިސްރަށްވެހިން، ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން، ސްކޫލް ދަރިވަރުން، އަޅުގަނޑާއެކީގައި ވަޑައިގެންނެވި ހުރިހާ ވަޒީރުންނާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުން، އަދި ކުންފުނިތަކުގެ ވެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑަށް މި ރަށަށް އާދެވުނީ، ވަރަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް. އެހެންނަމަވެސް، ވެހެމުންދިޔަ ވާރޭގައިވެސް، ތިޔަބޭފުޅުން ނުކުމެ ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ރަށުގެ ތަރައްޤީގައި ކުލަޖައްސަން ވަރަށްގިނަ ކަންތައްތައް އެބަހުރި. މި ކަންކަން މިދިޔަ ދުވަސްތަކުގައި، އެކި ސަބަބުތަކާ ހެދި ނުވެފައި ހުރީ. އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، މި ކަންކަން އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް ކޮށްދިނުމުގައި ސަރުކާރުން ތިޔަބޭފުޅުންނަށް ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން.
މީގެތެރެއިން ބައެއް ކަންކަމަކީ، އަޅުގަނޑު ކުރީގައި ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، މަސައްކަތްތަކެއް ކުރެވިފައި ހުރި ކަންކަން. ބަނދަރުގެ މަސައްކަތް، ޕަބްލިކް ވާރކްސް ސައިޓު ގާއިމުކުރުމުގެ މަސައްކަތް. މި ކަންކަން އޭރުގައި، ވަރަށްގިނަ އަހަރުތަކުގައި، އޭރު އޮތް ކައުންސިލްތަކާ އެކީގައި ވަނީ ކުރެވިފައި. ދެން ކޮންމެވެސް ސަބަބަކާ ހުރެ، މިދިޔަ ފަސް އަހަރު އެކަން ނުހިނގާ މިއޮތީ.
އެހެންވީމާ، އޭރު އަޅުގަނޑު ފެށި މަސައްކަތް އަޅުގަނޑު ނިންމަން މިއޮތީ އިރާދަކުރެއްވިއްޔާ ޙަވާލުވެފައި. އާދެ، އިރާދަކުރެއްވިއްޔާ މިހާރު ގޮސްފައި އޮތް ހިސާބުން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އެ ދެ މަސައްކަތްވެސް، އެއީ، ބަނދަރު ފުރިހަމަކޮށް، ބަނދަރުގެ މައްސަލަ ޙައްލުވާ ގޮތަށް އެ މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމައި ދިނުމާއި، އެއާއެކީގައި ރަށް ގިރުމުގެ މައްސަލަވެސް ޙައްލުވާގޮތަށް ކުރިއަށް ގެންގޮސްދިނުމާއި، އަދި ޕަބްލިކް ވާރކްސް ސައިޓު ގާއިމު ކުރުމަށް ފެށިފައިވާ މަސައްކަތް ރައްޔިތުން އެދޭ ފެންވަރަށް ކޮށްދީ ނިންމުން. އިރާދަކުރެއްވިއްޔާ މި ދެ ކަންތައް މި އަހަރު ތެރޭގައި ކުރާނެ ކަމަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން.
އާދެ، ޕަބްލިކް ވާރކްސް ސައިޓެއް ގާއިމު ކުރުމަށް އޭރުގައި ވަރަށް ގިނަ އަހަރުތަކެއްގައި އެކި ފަހަރު މަސައްކަތްތަކެއް ކުރެވިފައި އެއޮތީ. އެއީ، ވަރަށް މުހިންމު މަސައްކަތެއް. އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ މަރާމާތާބެހޭ ކަންކަން ކުރުމާއި، ބެލެހެއްޓުމަށް ހުންނަ ކަންކަން، ތަންތަން މަޝްރޫޢުތައް ބެލެހެއްޓުމުގައި، އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގައި، ޕަބްލިކް ވާރކްސް މަސައްކަތް ވަރަށް މުހިންމު. އަޅުގަނޑުމެން މެނިފެސްޓޯގައިވެސް ހިމަނާފައި އޮންނާނީ، ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ އެއް މަރުކަޒު، މަދުވެގެން އެއް މަރުކަޒު ބަހައްޓާ ގޮތަށް. މިހާރުވެސް ހުންނާނެ ބައެއް ސަރަޙައްދު ތަކުގައި، ބައެއް އަތޮޅުތަކުގައި، އަތޮޅު ސެންޓަރުތައް އެގޮތަށް ހެދިފައި. އެކަމަކު އެއީ، ވަރަށްގިނަ ދުވަސްތައް ވެފައި ހުރި ތަންތަން. އަދި އެއްގޮތަކަށްވެސް މަރުކަޒުތައް ނެތް އަތޮޅުތައްވެސް އެބަހުރި. އެހެންވީމާ، މިކަން ކުރުމަކީ އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތެއް. މީގެ ވަރަށް މުހިންމު މަޤްޞަދެއް އެބައޮތް މިކަން ކުރުމުގައި. އެއީ، ވަރަށްގިނަ ޚަރަދުތައް ކުރެވިގެން، ވަރަށްގިނަ އިނފްރާސްޓްރަކްޗަރ މަޝްރޫޢުތައް މި ހިންގަނީ. އެކަމަކު އެ ތަންތަން ރަނގަޅަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެ ބެލެހެއްޓުން، މެއިންޓެނަންސް މަސައްކަތް ވަރަށް މުހިންމު ވެގެންދޭ. އެހެންވީމާ، އެކަން ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް، ޕަބްލިކް ވާރކްސްގެ މަސައްކަތްތައް ކުރާ ފަރާތްތައް އެއީ.
އަދިވެސް، ރަށްރަށުގައި ކުރަން ހުންނަ ކުދިކުދި މަސައްކަތްތައް ކުރަން، އެ ބޭނުންވާ އާލާތްތަކާއި، މީހުން މި ދެނީ ޕަބްލިކް ވާރކްސްއިން. ނޫނީވިއްޔާ އެ މަސައްކަތް ކުރަނީ އެ ފަރާތްތަކުން. އެހެންވީމާ، އެ މެއިންޓެނަންސް މަސައްކަތްތަކާއި، ކުދިކުދި މަސައްކަތް ކުރުމުގައި ވަރަށް މުހިންމު ތަނެއް އެއީ. އެހެންވީމާ، އަޅުގަނޑު ކަނޑައަޅާފައި މިއޮތީ، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ސައިޓު ހެދުމާއި އަދި ރާއްޖޭގެ އުތުރުގައި އަދި ރާއްޖޭގެ ދެކުނުގައި ބޭނުންކުރާ، އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ގެންގުޅޭ، މޮބައިލް ދެ ޔުނިޓުވެސް ހެދުމަށް. މި އަހަރުގެ ބަޖެޓުގެ ތެރެއިން، މި ކަންކަން ކުރަން އަޅުގަނޑު އޮތީ މިހާރު ނިންމާފައި. އެހެންވީމާ، މި އަތޮޅުގައި ގާއިމުކުރާ ޕަބްލިކް ވާރކްސް ސައިޓު، މި ރަށުގައި ގާއިމުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވަން.
އާދެ، ހަމަ އެގޮތަށް، ކޮންމެ އަތޮޅެއްގައި މި އަހަރު ޕަބްލިކް ވަރކްސް ސައިޓެއް ހެދިގެން ދާނެ. ހުރިހާ މެޝިނަރީޒް، ހުރިހާ ތަކެތި ހަމަކުރެވިފައި ހުންނަ. ހަމަ އެއާއެކީގައި، މޮބައިލް ދެ ޔުނިޓު، އެއް ތަނުން އަނެއް ތަނަށް، ހުރިހާ ތަކެއްޗާ އެކީގައި ބަދަލުކޮށް ގެންގުޅެވޭ، މޮބައިލް ދެ ޔުނިޓުވެސް ގަތުމަށް، އޮތީ އަޅުގަނޑުމެން ކަނޑައަޅާފައި. އޭރުން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ތަކުގައި، އަބަދު ބޮޑު ޚަރަދުކޮށްފައި، މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ބޮޑު ޚަރަދެއް ކުރަންޖެހިގެން، އަލުން ތަންތަން ހަދަންޖެހޭ ހެދުން ކުޑަވެގެން ދާނެ. ޙަޤީޤަތުގައިވެސް މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ބޭކާރުވާ ޚަރަދެއް ނޫން، ޕަބްލިކް ވާރކްސް ސައިޓުތައް ހެދުމަކީ. އަދި އެކަމަށް ޚަރަދުކުރުމަކީ. ކުރިއަށް އޮތް ތާނގައި، ލޯންގް ޓަރމްގައި، މިހެން ކޮންމެ ރަށެއްގައި ހުންނަ ހުރިހާ އިންފްރާސްޓްރަކްޗަރ ތަންތަން ބެލެހެއްޓުމުގައި، ވަރަށް ބޮޑު ތަނުން ޚަރަދު ކުޑަވާނެ، ޕަބްލިކް ވާރކްސް ނިޒާމު ގާއިމުކުރެވުނީމާ. އެހެންވީމާ، އެކަމަށް ކަމާބެހޭ ވުޒާރާއާ އަޅުގަނޑު އެކަން ޙަވާލުކޮށްފައި އެއޮތީ. އެކަން އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް، މުޅި ރާއްޖޭގައި މި އަހަރު ކުރިއަށްދާނެ.
ހަމަ އެއާއެކީގައި، މި ރަށުގައި ދެންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަން އަޅުގަނޑުމެން ޖެހޭ. މިގޮތުން ބަލާއިރުގައި، ޞީއްޙީ ދާއިރާގައި، ހެލްތް ސެންޓަރ ތަރައްޤީ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކުރަން. އެންމެ މުހިންމު އެއް ކަމަކީ، ހިއުމަން ރިސޯސަސް. މުވައްޒަފުން މަދުވުމުގެ މައްސަލަ. އެކަމަށް އިރާދަކުރެއްވިއްޔާ ޙައްލެއް ގެނެސްދޭނަން. އަދި އެއާއެކީގައި، ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް، މި ރަށުގެ އާބާދީއަށް ބޭނުންވާވަރުގެ ވަސީލަތްތަކާއި، ތަކެތި ހަމަކޮށްދިނުން. ޖުމްލަކޮށް ހެލްތް ސެންޓަރ ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މިފަދަ ކަންކަން، މި އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ކުރަން ގަސްދުކޮށްފައި އޮތްކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން.
އަދި ހަމަ އެއާއެކީގައި، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްވެސް، ވަރަށްގިނަ މަސައްކަތްތަކެއް މި އަހަރު ތެރޭގައި ކުރެވިގެން ދާނެ. ޖުމްލަކޮށް، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ވަރަށްގިނަ ކަންތައްތަކެއް، މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ކުރާނަން.
ދެން، ޒުވާނުންނަށް ބޭނުންވާ، ނޫނީ އާންމުކޮށް ހަމަ ހުރިހާ ރައްޔިތުންނަށްވެސް ބޭނުންވާ ކަމެއް، ކުޅިވަރު ކުޅުން. ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުން. މި ރަށުގައި ފުޓްސަލް ދަނޑެއް އެޅުމަށް އަޅުގަނޑު އޮންނާނީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެސްވެފައި. އަޅުގަނޑު މިއަދު ހަމަ އެކަން ތަކުރާރުކޮށްލާނަން. އެ ވަޢުދު އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި ފުއްދައި، އެ ދަނޑު މި ރަށުގައި މި އަހަރު ތެރޭގައި އަޅަން އަޅުގަނޑު ނިންމާފައިވާ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް ދަންނަވަން. ކުރިން އަޅާފައި އޮތް ދަނޑުގެ ބަދަލުގައި ހަމަ އާ ދަނޑެއް އަޅާގޮތަށް. ހަމަ އެއާއެކީގައި، ފުޓުބޯޅަ ދަނޑުގެ ނިންމަން ހުރި މަސައްކަތްތައް ނިންމުމާއި، ޒުވާނުންގެ މަރުކަޒު އެޅުމަކީވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް، ކެމްޕެއިން ތެރޭގައި. އަދި ހަމަ އެއާއެކީގައި، އިތުރު ކުޅިވަރުތައް ކުޅޭ ވަސީލަތްތައްވެސް، ކުރިއަށް އޮތް އަހަރުތަކަށް ބަހާލައިގެން، މި ރަށުގައި އެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވާލަން.
އާދެ، މި ކަންކަމުގެ އިތުރަށް، މުޅި ރާއްޖޭގައިވެސް އެންމެ ދަތިވެފައި އޮތް މައްސަލައަކީ، ހައުސިންގ، ގެދޮރުގެ މައްސަލަ. ކުރިއަށް އޮތް ދުވަސްތަކުގައި، މި އަހަރާއި މި އަންނަ އަހަރު ތެރޭގައި އަޅުގަނޑު ގަސްދުކުރަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް މަޝްރޫޢުތައް ހިންގުމަށް. އެހެންވީމާ، މި އަހަރުގެ ބަޖެޓުގައި އަޅުގަނޑު ކަނޑައަޅާފައި ހުރި ރަށްރަށުގައި، މި މަހުގެ ތެރޭގައި އިޢުލާނު ކުރެވޭނެ، އެ މަޝްރޫޢުތައް ހިންގާނެ ފަރާތްތައް ކަނޑައަޅަން. މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، މި ރަށުގައި ގެދޮރު އެޅުމުގެ، ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުމަށް ބަޖެޓުގައި ހިމަނައި، އެ މަޝްރޫޢު މި އަންނަ އަހަރު ފަށައިދޭނެ ކަމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން.
އާދެ، އަޅުގަނޑު މި ކަންކަން ތިޔަބޭފުޅުންނަށް މި ދަންނަވާލީ، ޖުމްލަކޮށް ހަމަ ދަންނަވަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީގައި ކުރަން ހުރި ގިނަ ކަންތައްތަކެއް މި އަހަރު އަޅުގަނޑުމެން ފަށައިދީ، އަދި ހިނގަމުންދިޔަ ކަންކަން ހުއްޓިފައި، އެކި ސަބަބުތަކާހުރެ ހުރި ކަންކަން ނިންމައިދިނުމަށް، އަޅުގަނޑުމެން ވަރަށް ސަމާލުކަން ދޭނެ ވާހަކަ. އިރާދަކުރެއްވިއްޔާ އެ ކަންކަމުގެ ނަތީޖާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ނެރެދީ، އެ ކަންކަން ތިޔަބޭފުޅުންނަށް ފުރިހަމަ ކޮށްދޭނަން.
އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އަނެއްކާވެސް ތިޔަބޭފުޅުން ގާތަށް އައުމުގެ އުންމީދުގައި، ގިނަ މަޝްރޫޢުތަކެއް ނިންމައި، އެ ތަންތަން ހުޅުވުމުގެ މުނާސަބަތުގައި ބައިވެރިވުމުގެ އުންމީދުގައި އަޅުގަނޑު ވަކިވެލަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.