بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފައިނު ކައުންސިލްގެ ރައީސާއި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ.، ރަށުގެ މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ބެލެނިވެރިން، އަދި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާއެކީ ވަޑައިގެންނެވި އެންމެހައި ވަޒީރުންނާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، ކުންފުނިތަކުގެ ވެރިން، މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑަށް މި ރަށަށް މިއަދު އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މި ރަށުގެ ރައްޔިތުން އެ ދެކެމުންދާ ހުވަފެނެއް، އަދި ކުރަމުންދާ އުންމީދުތަކެއް އެބަހުރި. ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަންކަން އެބަހުރި. މިގޮތުން ބަލާއިރުވެސް ތިޔަބޭފުޅުންގެ އެންމެ މުހިންމު މަޝްރޫޢަކީ، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ މަޝްރޫޢު. އެއަރޕޯޓުގެ މަސައްކަތް.
އާދެ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ އެކީގައި، މި އަންނަ މަހު، ފެބުރުވަރީ މަހުގެ ތެރޭގައި، އެގްރިމެންޓް ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ. އިރާދަކުރެއްވިއްޔާ އެއަށްފަހު، މި ރަށުގައި އެއަރޕޯޓު އެޅުމަށް ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން.
އެ މަސައްކަތް ކުރާއިރުގައި، ދެންމެ އިފްތިތާޙު މި ކުރެވުނު ފެނާއި ނަރުދަމާގެ ބައެއް ކަންތައްތައް ކޮށްފައިވާ ސަރަޙައްދު، އެއަރޕޯޓުގެ ސަރަޙައްދާ ދިމާވާތީ، ގެންނަންޖެހޭ ބަދަލުތައް ގެނައުން، މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވޭ.
އަޅުގަނޑަށް ގަބޫލުކުރެވެނީ، މި އެއަރޕޯޓު އެޅުމަށް ހުރަސްއެޅުމަށްޓަކައި، މިދިޔަ ސަރުކާރުން އެއަރޕޯޓަށް ސީދާ ބޭނުންވާ ސަރަޙައްދުގައި ފެނާއި ނަރުދަމާ މަޝްރޫޢުގެ ބައެއް ތަންތަން ހުރީ ހަދާފައި ކަމަށް. އެހެންވީމާ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެ ކުޑަ ޚަރަދެއްކޮށްގެން ކުރެވޭނެ ގޮތަށް، އެއަރޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް، ފެނާއި ނަރުދަމާ ނުހުއްޓި، ޚިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭގޮތަށް، ތަރުތީބުކޮށްގެން، އެ ތަންތަން ބަދަލުކޮށްގެން، ހަމަ ރަނގަޅަށް ވަރަށް އޮމާންކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެކަން ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން.
މި އެއަރޕޯޓަކީ މި ރަށުގެ ރައްޔިތުންގެ އުންމީދެއް. އަދި މި ދާއިރާގެ ރައްޔިތުންގެވެސް، މި އަތޮޅުގެ، މި ސަރަޙައްދުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެވެސް އިޤްތިޞާދީ ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއަރޕޯޓެއް. އޭގެ ސަބަބުން ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. މި ސަރަޙައްދަށް ގިނަ ރިޒޯޓުތަކެއް އައުމަށް މަގުފަހިވެގެންދާ ކަމަކަށް މިކަން ވާނެ. އަޅުގަނޑު ދެކެނީ، މި އެއަރޕޯޓު ހެދުމުން، އެއަރޕޯޓް ވެގެންދާނީ ވަރަށް އުންމީދީ ތަނެއްގެ ގޮތުގައި ކަމަށް.
މި ސަރަޙައްދުގައި، މި އަތޮޅުގައި އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، މި ދައުރުގެ ތެރޭގައި ގިނަ ރިޒޯޓުތަކެއް ހެދުމަށް އަޅުގަނޑުމެން ފުރުޞަތު ދޭނެ ކަމަށް. އެހެންވީމާ، މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް އަދި މި އަތޮޅުގެ ޓޫރިޒަމަށް، އިތުރު ކުރިއެރުންތަކެއް އައިސް، އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަކަށް އެކަން ވާނެ. އިޤްތިޞާދީ ގޮތުން ކުރެވޭ އިންވެސްޓްމަންޓަކަށް އެކަން ވާނެ. އެހެންވީމާ، މި މަސައްކަތް އިރާދަކުރެއްވިއްޔާ، ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނެކަން އަޅުގަނޑު މި ދަންނަވާލީ.
އާދެ، އެއާއެކީގައި، ދެންވެސް ހަމަ މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ކުރިއަށް ގެންދާނަން. ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވި، އަދި ކުރަމުން އެބަ ގެންދެވޭ. އޭގެ އިތުރަށް، ޞިއްޙީ ދާއިރާގައި، ހެލްތު ސެންޓަރަށް ބޭނުންވާ ތަރައްޤީގެ ކަންތައްތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. އަދި ފުޓްބޯޅަ ދަނޑު އެޅުމަށްޓަކައި، ފުޓުބޯޅަ ދަނޑެއް މި ރަށުގައި ޤާއިމުކުރުމަށްޓަކައިވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރަން ނިންމާފައި އޮތްކަން ތިޔަބޭފުޅުންނަށް ދަންނަވާލަން.
އާދެ، ފައިނުގެ ރައްޔިތުންގެ ތަރައްޤީގައި ދެންވެސް ކުރަންހުރި ވަރަށްގިނަ މަސައްކަތްތައް އެބަހުރި. ބަނދަރަށް ޖާގަ އިތުރުކުރުމަކީ، އެއަރޕޯޓު ހެދިގެން ދިޔުމުން، ވަރަށް މުހިންމު ކަމަކަށް ވާނެ. މިހާރުވެސް ދަތި. އަދި ކުރިއަށް އޮތް ތާނގައި، ވަރަށް ބޮޑަށް ބޭނުންހިފާނެ. އެހެންވީމާ، މި ވިސްނުން އަޅުގަނޑުމެންގެ އެބަހުރި. މިގޮތަށް ހަމަ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރުމުގައި.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން، ސަރުކާރުން ވަރަށް އިސްކަންދީގެން، މި ރަށުގައި ކުރިއަށް ގެންގޮސްދޭނަމޭ. ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި، އަޅުގަނޑުމެން ކަންކަން ފުރިހަމަކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ، ދެން އަޅުގަނޑު މި ރަށަށް އަންނަން އުންމީދުކުރަނީ، މި އެއަރޕޯޓް ހުޅުވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.