بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ކުދިން، ބެލެނިވެރިން، ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުން، އަދި މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ދިވެހި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ރ. އަތޮޅަށް މި ކުރާ ދަތުރުގެ ފަހު ދުވަހު، މިއަދު ހެނދުނު މި ރަށަށް އަޅުގަނޑުމެންނަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ކިނޮޅަހުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ވަރަށް ޒަމާންކޮށްފައި މި ރަށަށް މި އާދެވުނީ.

އާދެ، އަޅުގަނޑު ދައްކަން ހުރި ވާހަކައިގެ ހަމަ މައިގަނޑު ޚުލާޞާއެއް ފުރަތަމަ ދަންނަވާލާނީ. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި ކުލަޖައްސައިދީ، ޙަޤީޤީގޮތުގައި، އެ މަސައްކަތްތައް ކޮށްދިނުމުގެ ފުރިހަމަ ޔަގީންކަން ތިޔަބޭފުޅުންނަށް އެރުވުމަށް އަޅުގަނޑު މިއައީ. އެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން.

އާދެ، ސަފުގައި ސަލާންކުރަމުން ދިޔައިރުގައި، ކުޑަކުޑަ ކުދިން، ކުޑަކުޑަ ކަރުދާސްކޮޅުތައް އަޅުގަނޑަށް ދެމުންދިޔަ. އޭގެތެރޭގައި އެބައޮވޭ، "ކޮއްކޮ ކުޅެލާނެ ޕާކެއް ނެތީމާ ހާދަ ދެރަވެއޭ. ކޮއްކޮއަށް ޕާކެއް ހަދައިދޭށޭ." މިކަހަލަ ވާހަކަތައް.

އާދެ، އަޅުގަނޑުގެ މެނިފެސްޓޯގައި އަދި ސިޔާސަތުގައި، ކެމްޕެއިންގައި، ވަރަށް ގިނައިން މި ވާހަކަ ދެއްކިން. އެއްވެސް ތަފާތެއްނެތި، ކުދިކުދި އާބާދީތަކުގައިވެސް އަދި އެންމެ ބޮޑެތި އާބާދީތަކުގައިވެސް ކުޑަކުދިންނަށް ކުޅެވޭނެގޮތަށް ޕާކުތައް ހެދުމަކީ، ޙަޤީޤަތުގައި ތަރައްޤީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއް. ހަމައެކަނި ބޭނުންވަނީ ރަށްރަށުގައި ހުންނަ ބޮޑެތި ސިންގާ ޢިމާރާތްތަކާއި، މަގުތަކާއި، މިހެން ހުންނަ ބޮޑެތި ކަންކަމެއް ނޫން. އެއާއެކުގައި ހަމަ ބޭނުންވާނެ، ތުއްތުކުދިންނާއި ޢާއިލާތަކަށް ހިތަށް ހިތްހަމަޖެހުން ލިބޭނެކަހަލަ ވަސީލަތްތައްވެސް ހުރުން. އެއީ، ވަށައިޖެހޭ ތަރައްޤީއެއް ސަރުކާރަކުން ގެނެސްދެންޏާ، ހިމެނިގެން ދާންޖެހޭނެ ކަންކަން. އެއީ، އަޅުގަނޑުގެ ސިޔާސަތަކީ.

އަޅުގަނޑު ކުރީގައި މާލޭގައި، އެކި މަސައްކަތްތައް ކުރަން ފުރުސަތު އޭރުގައި ލިބުނުއިރުގައިވެސް، އެކަންކަން ކޮށްފައި އޮންނާނީ އެގޮތަށް ވިސްނައިގެން. ވަރަށް ތޮއްޖެހިފައި އޮތް ތަނެއް. އެކަމަކު، އެތަނުގައިވެސް އެކި ގޮތްގޮތުން ޖާގަ އުފައްދައިގެން ވަރަށް ގިނަ ޕާކު ހެދިން. އެކަހަލަ ޖާގަތައް ކްރިއޭޓް ކޮށްދިނީމާ، ޢާއިލާތަކަށް، ކުދިންނަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބޭނެ. ސިކުނޑިއަށް އެ ލިބޭ ހިތްހަމަޖެހުމަކީ ޙަޤީޤަތުގައި ވަރަށް މުހިންމު އެއްޗެއް. މިގޮތުން އަޅުގަނޑުމެންގެ ސިޔާސަތުގައި ކަނޑައަޅާފައި މިއޮތީ، ކޮންމެ ރަށެއްގައިވެސް ހަމަ ޕާކު ހަދައިދިނުން. މިދިޔަ އަހަރުގެ ތެރޭގައި، އެކަހަލަ މާގިނަ މަސައްކަތެއް ނެތް ކުރެވިފައެއް. އެ ދެން ހަމަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަރަށް މަސައްކަތްތަކެއް ކުރަންޖެހުނު އަޅުގަނޑުމެންގެ އިޤްތިޞާދަށް ރަނގަޅު ކުރިއެރުންތަކެއް ގެންނަން.

މިހާރު އަޅުގަނޑުމެން ފާސްކޮށްގެން މި ތަންފީޒުކުރާ ބަޖެޓުގައި، ވަރަށްބޮޑު އިސްކަމެއް އެބަދެން، އިޖުތިމާޢީ ދާއިރާގައި ކުރަންހުރި ކަންކަމުގައި އެކަހަލަ ޕާކުތައް ހަދައިދީ، އަދި ކުޅިވަރު ކުޅޭ ވަސީލަތްތަކާއި، މިހެންހުރި ދުޅަހެޔޮކަމާއި، ސިކުނޑީގެ ތަރައްޤީއާއި، ހިތްހަމަޖެހުމަށް ބޭނުންވާ ކަންކަން ކުރަން. އެހެންވީމާ، ޔަގީންކަން ދެން، އިރާދަކުރެއްވިއްޔާ މި ރަށުގައި ތުއްތުކުދިން އެ ބޭނުންވާ ޕާކު އަޅުގަނޑުމެން ހަދައިދޭނަން. މި އަހަރުގެ ތެރޭގައި އެކަން އަޅުގަނޑުމެން ކުރާނެ ކަމަށް ދަންނަވާލަން.

ހަމައެއާއެކީގައި، ކުޅިވަރުގެ ވާހަކަ. ސިކުނޑި ތަރައްޤީކުރުމާއި، ދުޅަހެޔޮކަމާއި، ފިޓްނަސްއަށް، ވަރަށް މުހިންމު ކަމެއް ކުޅިވަރަކީ. ކޮންމެ އުމުރަކަށްވެސް، ކޮންމެ ޖިންސަކަށްވެސް. އެހެންވީމާ، އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ ހަމަ އެގޮތަށް، ހުރިހާ ރަށެއްގައިވެސް އެ ރަށުގެ އާބާދީއަށް އެކަށޭނަ ސައިޒުގެ އެކި ކަހަލަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދޭން. ނޫނީވިއްޔާ ބޭނުންވާ ޢަދަދަށް ޤާއިމުކޮށްދޭން. ތިޔަ ވިދާޅުވީ، މި ރަށުގައި ބާރަވަރަކަށް އަހަރު މި ވިއްޔޭ، ކުޅިވަރަށް މާބޮޑު ސަމާލުކަމެއް ސަރުކާރުން ނުދޭތާ. ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރަށުގައި ފުޓްސަލް ދަނޑު އަދި ތިޔަބޭފުޅުން ބޭނުންވާ ފެންވަރުގައި ފުޓްސަލް ދަނޑާއި، ވޮލީކޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކޮށްދީ ނިންމާނެކަމުގެ ޔަގީންކަން ދެން.

އަދި ވަރަށް ގިނައިން އަންހެން ބޭފުޅުން ކުޅުއްވާ ކުޅިވަރެއް ހޭންޑްބޯލްއަކީ. މުޅި ރާއްޖޭގައިވެސް މިހާރު ވަރަށް ބޮޑަށް ކުރިއަރަމުންދާ ކަމެއް. އެހެންވީމާ، ސްޕޯޓްސް މިނިސްޓަރަށް އަޅުގަނޑު ދަންނަވާފައި އޮންނާނެ، ފުލް ޕްލޭނެއް މުޅި ރާއްޖޭގައި ހައްދަވަން. ރާއްޖޭގެ ހުރިހާ ދިމާއެއްގައި، ހޭންޑްބޯލް ކުރިއެރުވުމަށް. ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދެމުންދާ ކުޅިވަރެއް މިހާރު އެއީ. މާލޭގައިވެސް ވަރަށް ބޮޑަށް ކުރިއަރަމުން އެބަދޭ، ވަރަށް ބާރު ސްޕީޑުގައި. އަދި ހަމަ ގިނަ އާބާދީތަކުގައި. މި އަތޮޅުގައިވެސް ވަރަށް ކުރިއަރައިގެން އެބަދޭ. އެހެންވީމާ، މިއަދު އަޅުގަނޑު މިތާނގައި، މި ރަށުގެ ހޭންޑް ބޯލް ކޯޓު މި އަހަރު އަޅާނަމޭ ނުދެންނެވިޔަސް، ޖުމްލަކޮށް އަޅުގަނޑު ދޭ ޔަގީންކަމަކީ، އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް މިހާރު އެބަދެމޭ، އެ ކުޅިވަރަށް، މުޅި ރާއްޖެއަށްވެސް. ވީހާވެސް ފުޅާގޮތެއްގައި ހޭންޑްބޯލް ކުޅެވޭނެ ނިޒާމު ގާއިމުކުރަން. އެހެންވީމާ، އެކަމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނެކަން ދަންނަވާލަން.

އާދެ، އެހެންވީމާ، ކުޅިވަރުގެ އެ ވާހަކަތައް އަޅުގަނޑު މި ދަންނަވާލީ. އަދި އަމުދުން މި ރަށުގައި ތިޔަބޭފުޅުންގެ ތިއޮތް އެކުވެރިކަމުގެ ތެރެއިން، ރޫޙުގެ ތެރެއިން، ވަރަށް ހިތްވަރު އެބަ ކުރައްވާ ރަނގަޅު ނަތީޖާތައް، ރީތި ނަން ރަށަށް ހޯދައިދޭން ކުޅިވަރުން. އެކަމަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ، މި ކޯޓުތައް އެޅިގެންދިޔައިމާ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ސަމާލުކަންދީގެން، މި ދެންނެވި ފުޓްސަލް، ވޮލީކޯޓުތައް އެޅިގެންދާނެކަން، ދަނޑުތައް އެޅިގެންދާނެކަން އަޅުގަނޑު ދަންނަވާލަން.

ދެން ހުރީ އެއަށްވުރެ ބޮޑެތި މަސައްކަތްތައް. ޖީލެއް ބިނާކުރުމުގައި ތަޢުލީމީ ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި، ތަޢުލީމީ އިންފްރާސްޓްރަކްޗަރަކީ މުހިންމު ކަމެއް. ތަޢުލީމީގޮތުން ސްކޫލްތަކުގައި ހުންނަންޖެހޭ ވަސީލަތްތައް ފުރިހަމަވުމަކީ މުހިންމު ކަމެއް. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވުންވެސް އެއާއެކީގައި އަންނާނެ. އެހެންވީމާ، މި ސްކޫލަށް ބޭނުންވާ، ވަރަށް ގިނަ ކަންކަން އެބަހުރި ކުރަންޖެހޭ.

އެހެންވީމާ، މި ދަތުރަށްފަހުގައި އަޅުގަނޑުމެން ސްކޫލާ އެކީގައި، މިނިސްޓްރީއާއި، ކައުންސިލާ އެކީގައި މަސައްކަތްތަކެއް ހިނގާނެ. މުޅި ޕްލޭން އެކީގައި ހަދާނެ. ސްކޫލަށް ބޭނުންވޭ ޖާގަ، ކުލާސްރޫމް ޖާގަ، ހޯލު، ލައިބްރަރީ، ދެން މިހެންގޮސް ފާޚާނާ. ޓީޗަރުންނަށް ފާޚާނާވެސް މިހާރުން މިހާރަށްވެސް އެބަ ބޭނުންވޭ. މިއީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މިކަމަށް ރަނގަޅު ހައްލެއް ނުގެނެވުނީމާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މިހިސާބަށް މި ކަންކަން ގޮސްފައި މިއޮތީ.

އެހެންވީމާ، ޖުމްލަކޮށް، ސްކޫލްގެ ފެސިލިޓީޒްތައް ހަމަކޮށްދިނުމުގައި، ސަރުކާރުން ވަރަށް އިސްކަމެއް ދޭނަމޭ. އިރާދަކުރެއްވިއްޔާ އޭގެތެރެއިން ބައެއް ކަންތައްތައް މި އަހަރުގެ ތެރޭގައިވެސް ކޮށް ނިންމާލަދިނުމޭ އަޅުގަނޑުގެ ވިސްނުމަކީ. އަދި މި އަންނަ އަހަރާ އެކީގައި ގޮސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުގެ އަމާޒަކަށްވާނީ، ތިޔަބޭފުޅުންނަށް މި ސްކޫލަށް ބޭނުންވާ ކަންކަން ކޮށްދިނުން. އެހެންވީމާ، އެކަން ދަންނަވާލަން.

އާދެ، ހަމައެއާއެކީގައި، ޞިއްޙީ ދާއިރާ. މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދެނީ، އެކުއެކީގައި މި ދެ ދާއިރާއަށް، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން. އެންމެ ކުޑަ އާބާދީތަކުގައިވެސް ޞިއްޙަތަކީ ހަމަ އެންމެ މުހިންމު އެއް ކަންތައް. ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑަށް މުހިންމު ރައްޔިތެއް. ހަމަހަމަ ރައްޔިތެއް. އެންމެ ބޮޑެތި ސިޓީތަކުގައިވިޔަސް، އެންމެ ކުޑަކުޑަ އާބާދީގައިވެސް ދިވެހި ރައްޔިތަކު، ކޮންމެ ރައްޔިތަކުވެސް އަޅުގަނޑަށް މުހިންމު. ޞިއްޙީ ޚިދުމަތް އެއް ފެންވަރަކަށް ލިބެންޖެހޭނެގޮތް ފަހިވެފައި އޮންނަންޖެހޭނެ.

އެހެންވީމާ، މި ރަށުގެ ޞިއްޙީ މަރުކަޒުގައި އެބަހުރި، ކުރަންޖެހިފައި ހުރި ކަންތައްތައް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަމަށް ހައްލު ގެނެސްދިނުމަށް، ބަޖެޓުތެރެއިން މި އަހަރު ކުރެވެން ހުރި ކަންކަން ކުރާނަން. އަލަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި، ޢިމާރާތުގެ ގޮތުން އެކްސްޓެންޝަން ޢިމާރާތް އަޅައިދިނުމުގައި، އަދި ބައެއް އެހެން ކަންކަންވެސް އެބަހުރި ކުރަންޖެހިފައި. އެމްބިއުލެންސްގެ ފެންވަރު ދަށް ވާހަކަވެސް އަޅުގަނޑަށް ފާހަގަވޭ.

އެހެންވީމާ، މިހެންގޮސް ޖުމްލަކޮށް ޞިއްޙީ ދާއިރާއަށް ގެންނަންވީ ތަރައްޤީވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހަމަ މި ދެންނެވިހެން ކުރިއަށް އޮތް އަހަރު، މި އަހަރާއި މި އަންނަ އަހަރު ތެރެއަށް ބަހާލައިގެން، މި ރަށުގެ ޞިއްޙީ ދާއިރާއަށްވެސް އެކަށީގެންވާ ހައްލުތަކެއް ގެނެސްދީ، ތަރައްޤީ ގެނެސްދޭނަން. އެހެންވީމާ، ޖުމްލަކޮށް އެ ދެ ދާއިރާއަށް ހައްލުއައިސް، ކުޅިވަރުގެ ދާއިރާގެ ތަރައްޤީގެ ކަންތައްތައް، މި ދެންނެވި ގޮތަށް އަޅުގަނޑު ހަމަޖައްސައިދޭނަން.

ދެންމެ، ބޭންކިންގ ނިޒާމުގެ ތެރެއިން އޭ.ޓީ.އެމް.ގެ މަސައްކަތްތައް ކައުންސިލާ އެ ހަވާލުކުރެވުނީ. މި އަންނަ އަހަރުގެ ތެރޭގައި އޭ.ޓީ.އެމް. ބެހެއްޓިގެންދާނެ. އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، މި އަހަރު އޭ.ޓީ.އެމް.ގެ ޚިދުމަތް ފެށުން. އެކަން އިރާދަކުރެއްވިއްޔާ އެދަނީ ހަމަޖެހެމުން.

ދެން އެއާއެކީގައި ފުލުހުންގެ ޚިދުމަތް ފެށުން. މި އަހަރުގެ ތެރޭގައި އަޅުގަނޑު އެޗީވްކުރަން ކަނޑައަޅާފައި ހުރި ވަރަށް ގިނަ ޓާގެޓްތަކުގެ ތެރޭގައި މިއޮތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މި އަހަރު ނިމެންވާއިރަށް އޭ.ޓީ.އެމް. ޚިދުމަތް ޤާއިމުކުރުން. ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރެވޭ ނިޒާމު ޤާއިމުކުރުން. ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުން. މިކަހަލަ ބައެއް ކަންތައްތައް. މި ރަށުގައި، ކުށްކުރުމުގެ އާދަ ނެތަސް، ވަރަށް އުފާކުރަން، ވަރަށް އެކުވެރި، ވަރަށް ޑިސިޕްލިން ޕޮޕިއުލޭޝަނެއް. އެހެންވިޔަސް، ހަމަ ފުލުހުންގެ ޚިދުމަތް ހުންނަންޖެހޭނެ. އެހެންވީމާ، ފުލުހުންގެ ޚިދުމަތް، މި އަހަރުގެ ތެރޭގައި މި ރަށުގައި ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޮށްދީ، އެކަން ފަށާނެކަމަށް ދަންނަވާލަން.

އާދެ، މިކަންކަމަކީ، މި ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދަންޏާ ބޭނުންވާނެ ކަންތައްތައް. ބޭންކިންގ ޚިދުމަތް، ފުލުހުންގެ ޚިދުމަތް، ފެނާއި ނަރުދަމާ، މިހެންގޮސް މިހިރަ ކަންކަމަކީ، ހުންނަންޖެހޭ ކަންތައް. އެހެންވީމާ، މި ރަށުގައި ފެނާއި ނަރުދަމާ މިއޮތީ ކުރިން އެޅިފައި. އެހެންނަމަވެސް، ދާންވާ ހިސާބަށް އަދި އެ ސަރަޙައްދަށް ނުދަނީ. މި ރަށުގައި ތިޔަބޭފުޅުންގެ ވިސްނުންފުޅަކީވެސް ހަމަ ޔުނިކް ކޮންސެޕްޓެއްގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދެވުން. އެކަމަށް ހިތްވަރުދެން. ސަރުކާރުން އެހީތެރިކަން ދޭނަން. އެއީ، އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ކަމެއް. މި ރަށުގައި ތިޔަބޭފުޅުން ބޭނުންވާގޮތަށް، ލޯކަލް ޓޫރިޒަމްގެ ކަންތައް، އެ ކަނޑައަޅާފައި އޮތް ސަރަޙައްދުގައި ފެށޭގޮތްވާން. އެހެންވީމާ، އެކަމަށްދޭ އެހީތެރިކަމެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ސަރަޙައްދަށް ފެނާއި ނަރުދަމާގެ އެކްސްޓެންޝަންގެ ކަންތައް ކޮށްދޭނެ ކަމަށް ދަންނަވާލަން. އާދެ، އެހެންވީމާ، އެކަން ހަމަޖެހުނީމާ ޓޫރިޒަމްގެ ދާއިރާއަށް ތިޔަބޭފުޅުންނަށް ވަދެވިގެންދާނެ.

ދެން މިއޮތީ ލައިބްރަރީގެ ވާހަކަ. މިއީ އަޅުގަނޑުގެ ސިޔާސަތުގައި، މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ކަމެއް. ދެން އެކަމަކު ފަސް އަހަރަށް ބަހާލައިގެން މިކަން ކުރެވޭނީ. އަޅުގަނޑުމެން އޮންނާނީ ކަނޑައަޅާފައި، ޤައުމީ ލައިބްރަރީއެއްގެ ތެރެއިން، އަޅުގަނޑުމެން މުޅި ރާއްޖެއަށް ލައިބްރަރީގެ ޚިދުމަތް ފަތުރަން ބޭނުންވެއޭ. އެއީ، ވަރަށް މާތް މަޤްޞަދެއްގައި. އެއްކަމަކީ، ނޮލެޖް ތަޢުލީމު، އެކި ކަހަލަ ދާއިރާތަކުން މަޢުލޫމާތު މުއްސަނދިކަން ހޯދައިދިނުން. އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތެއް މިއީ، ވަށާޖެހޭ ތަރައްޤީއަކަށް ވާނީ ސިކުނޑި ތަރައްޤީކުރަންވެސް ފުރުޞަތު ދީގެންނޭ. ހަމައެކަނި ޢިމާރާތްތަކެއް ނޫނޭ.

އެހެންވީމާ، ލައިބްރަރީގެ ފެސިލިޓީއަކީ، އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. އެކަމާބެހޭ ވުޒާރާއިން އެ މަސައްކަތަށް ވަރަށް ގިނަ ތައްޔާރީތައްވެސް ވަމުންދާ ކަމެއް އެއީ. އަނެއްކަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގައިވެސް ރަށްރަށުގައި، މި ލައިބްރަރީ ނިޒާމު ވަރަށް މުހިންމު. އެހެންވީމާ، އެކަމަށް މަސައްކަތްތަކެއް އެބަ ހިނގާ.

އެހެންވީމާ، މުޅި ރާއްޖެއަށްވެސް ޝާމިލުވާގޮތަށް މި ދައުރުގައި ބަހައިލެވިގެން، އެކި ސަރަޙައްދުތަކަށް، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން އެކްސެސިބަލް ގޮތަކަށް ލައިބްރަރީގެ ޚިދުމަތް، ޕަބްލިކް ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް. އެހެންވީމާ، އެކަމަށް މަސައްކަތްތަކެއް ކުރެވޭކަން އަޅުގަނޑު ހަމަ ދަންނަވާލަން. އެއީ، އަޅުގަނޑުމެންގެ ވަރަށް މައިގަނޑު ސިޔާސަތެއް. އެކި ދާއިރާތަކުން ނޮލެޖް ހޯދުމަށް، އަދި ޤައުމިއްޔަތު ދިރުވައި، އަދި އަޅުގަނޑުމެން އައިޑެންޓިޓީ ހިމާޔަތްކުރުމުގައި ލައިބްރަރީގެ ނިޒާމު ޤާއިމުކުރުމަކީ. ކައުންސިލްގެ ރައީސް އެކަން ފާހަގަކުރެއްވީމާ އަޅުގަނޑު ހަމަ ދަންނަވާލީ، އަޅުގަނޑުމެންގެ ސިޔާސަތު އެކަމުގައި އޮންނަ ގޮތް.

އާދެ، އެހެންވީމާ، ޖުމްލަކޮށް އެކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. ދެން މިހާރު ހިނގަމުންދާ މަޝްރޫޢު، ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތް ނިމެމުން އެދަނީ. ދެން ހަމަ އެގޮތަށް، ދެން ހުރި މަސައްކަތްތައްވެސް، ނެރުފައިކަށި ރޫޅިފައި އޮތް މައްސަލަވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަސައްކަތް ނިމޭއިރު، އޭގެ ތެރެއިން ހައްލުކޮށްލެވޭތޯ، އަޅުގަނޑުމެން މަސައްކަތްކުރާނަން. އިރާދަކުރެއްވިއްޔާ އެކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ.

އެހެންވީމާ ޖުމުލަކޮށް، މި ދެންނެވި ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. މި ރަށުގެ ތަރައްޤީއަށްޓަކައި، ކުރަން މިހިރަ ގިނަ ކަންތައްތަކުގައި މި އަހަރުގެ ތެރޭގައި، ގިނަ ޢަމަލީ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންދާނަން. އަދި 2026ގެ ތެރޭގައި ބާކީ މަސައްކަތްތައް ކުރިއަށް ގެންދާނަން. މިކަމުގެ ފުރިހަމަ ޔަގީންކަން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަރުވަމުން އަޅުގަނޑު ވަކިވެލާނީ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، މިއަންނަ އަހަރު ނަމަވެސް، ތިޔަބޭފުޅުންގެ ގާތަށް އަނެއްކާ މީގެ ގިނަ ކަންކަން ނިމިގެން، އެކަންކަން ހުޅުވުމުގެ، ނޫނީވިއްޔާ ބައިވެރިވުމުގެ އުފަލުގައި ބައިވެރިވާން އައުމަށް އުންމީދުކުރަމުން ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.