بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިންނަމާދޫ ކައުންސިލް އަދި މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، މާވަޑިން، ރަށުގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚްތުން، އަދި މި ޖަލްސާ ދުރާއި ގާތުން އަޑުއައްސަވާ، ބައްލަވާ، ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އިރުއޮއްސުނު ފަހުން އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނީ. ނަމަވެސް ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވީ، ވަރަށް ހޫނު މަރުޙަބާއެއް. އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ!

އާދެ، އަޅުގަނޑު ރައްޔިތުން ގާތަށް މި އަންނަނީ، ރައްޔިތުން ބޭނުންވާ ކަންތައްތައް ރައްޔިތުން ގާތުން އޮޅުންފިލުވައިގެން، އެކަންކަމަށް އަވަސް ޙައްލުތަކެއް ގެނެސްދިނުމުގައި މަސައްކަތްތަކެއް ކުރުމަށް. އެއީ، އަޅުގަނޑު އަބަދުވެސް އެކަން ކުރަން ބޭނުންވާ އަދި ކުރާގޮތަކީވެސް. އިންތިޚާބުގެ ތެރޭގައި، މި ރަށުގެ ރައްޔިތުންނަށް ވަރަށްގިނަ ކަންތައްތަކުގައި އަޅުގަނޑު ވާނީ، މަސައްކަތް ކޮށްދޭނެ ކަމަށް ވަޢުދުތައްވެފައި. މިހާރު އަޅުގަނޑުމެން ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން، އިރާދަކުރެއްވިއްޔާ މިކަންކަމުގައި ޢަމަލީ ސިފަ ޖެހިގެންދާނެ. އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް އެ ޔަގީންކަން ދިނުމަށްޓަކައި މިތަނަށް މިއައީ.

އާދެ، މިގޮތުން އަޅުގަނޑު ދަންނަވާލަން، ރަށުގެ ތަރައްޤީއަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަން ޖެހިފައި އެބަހުރި. މި ހުރިހާ ކަމެއްވެސް މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުމުގައި، އަޅުގަނޑުމެން ވަރަށް ސްޕީޑުގައި މަސައްކަތްތައް ފަށައިގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އަޅުގަނޑު މި އަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ އިސްކަމެއް ދީފައި އޮންނާނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްތަކަށް. ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް. ރާއްޖޭގެ ކަންކޮޅުތަކުގައި ގެދޮރުގެ މަޝްރޫޢުތައް ހިންގުމަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމުގައި މަސައްކަތް ކުރުމަށް، މަޝްރޫޢުތައް ހިންގުމަށް.

ކެމްޕެއިން ތެރޭގައި، މި ރަށުގައިވެސް ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެގޮތުން، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މި ރަށުގައި ހައުސިންގ މަޝްރޫޢު ހިންގާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އާދެ، މި މަހުގެ ބާކީ މިއޮތް ދުވަސްކޮޅު ތެރޭގައި މިހާރު، ހައުސިންގ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ކުރައްވާ މަސައްކަތުން، އަޅުގަނޑުމެން އިޢުލާނު ކުރާނަން، މި ރަށުގައި އަޅާ ހައުސިންގ ޔުނިޓުތައް ހިމެނޭހެން، ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި، އަޅުގަނޑު ވަޢުދުވީހެން ހުރިހާ މަޝްރޫޢުތައް ހިންގުމަށް އެކި ފަރާތްތައް ހޯދުމަށް. އެ މަސައްކަތް މި މަހުގެ ތެރޭގައި އަޅުގަނޑުމެން ބިޑަށް ހުޅުވާލަން އެބަ. ކައުންސިލުން ވިދާޅުވަނީ، ޕްލޭންގައި ބިން ކަނޑައަޅާފައި އޮތް ވާހަކަ. ކައުންސިލުން މި ރަށުގައި ބިން ކަނޑައަޅައިދިންހާ އަވަހަކަށް، ބިން ހަމަޖެހިގެން ދިޔުމުން، ކޮންޓްރެކްޓަރު ހަމަޖެހުމާއެކީގައި، މި ރަށުގައި 50 ޔުނިޓުގެ ހައުސިންގ މަޝްރޫއެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގަން ނިންމާފައިވާ ވާހަކަ ދަންނަވަން.

އާދެ، ދެން އެންމެ އިސްކަމެއް ދެނީ، މި ރަށުގައި ދެންހުރި ހުރިހާ މަޝްރޫޢުތަކަށްވެސް ޢަމަލީ ސިފަ ގެނައުމުގެ ގޮތުން މަސައްކަތްތައް ކުރުމަށް. މިގޮތުންވެސް، ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާއަށް ހުރި މަޝްރޫޢުތައް ހިންގުމަކީ، ބަޖެޓުގައި ދެން އެންމެ އިސްކަންދޭ ކަންތައްތައް. އެހެން ދެންނެވިޔަސް، އެކި ރަށްރަށުގައި އެ ރަށަކަށް އެންމެ މުހިންމުވާ އެހެން ކަންކަމަށް އިސްކަންދޭގޮތަށް އޮންނާނީ.

މި ރަށުގައި އޮތް ބަނދަރުގެ މައްސަލަ، ބަނދަރުގެ ޖާގަ އިތުރުކޮށް، ބަނދަރު ބޮޑުކުރުމަކީ، މި ރަށުގައި އެންމެ ފުޅާކޮށް އަދި ރާއްޖޭގެ ނިސްބަތުންވެސް އެންމެ ފުޅާކޮށް ހިނގަމުންދާ މަސައްކަތް.

އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓު ބަނުމުގެ މަސައްކަތް އާދެ، މާވަޑިކަމުގެ މަސައްކަތް ކުރުމަކީ ޖުމްލަކޮށް، ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް. އެހެންވީމާ، މިހާރު ބަނދަރު ބޮޑުކުރުމަށް ޙަވާލުކުރެވިފައިވާ މަޝްރޫޢަށް އެންމެ އިސްކަންދީގެން، އެ މަޝްރޫޢު ޢަމަލީގޮތުން ހިންގައިދީ، ނިންމައިދޭން އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރާނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އާދެ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރެވިގެން ދިޔައީމާ، މި ދެންނެވިހެން، އިޤްތިޞާދީ ގޮތުން މި ރަށުގައި ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހައެއް އެބަލިބޭ.

ހަމަ އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުން، ބޯޓް ބިލްޑިންގ އިންޑަސްޓްރީގައި މި ރަށުގައި މިކުރެވޭ މަސައްކަތްތަކުގައި އަދި ޖުމްލަކޮށް ރާއްޖޭގައިވެސް އެ މަސައްކަތް ކުރާ ދިވެހިންނަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރަން ސަރުކާރުގެ ސިޔާސަތުގައި އަޅުގަނޑުމެން އޮންނާނީ ކަނޑައަޅާފައި. އަދި އިސްކޮށް މަސައްކަތް ކުރައްވާ މި ރަށުގެ ބައެއް މާވަޑިންނާ މިރޭ އަޅުގަނޑަށް ބައްދަލުކޮށްލެވުނު. އެ ބޭފުޅުން ވަޑައިގެން، އަޅުގަނޑާ މަޝްވަރާ ކޮށްލެއްވި. މައިގަނޑު ގޮތެއްގައި އޮތް ދަތިކަމަކީ، ފައިނޭންސިންގ، ނޫނީވިއްޔާ ފައިސާ ހޯދައިގެން، އެ އިންޑަސްޓްރީގައި މަޝްރޫޢުތައް ހިންގައިގެން ކުރިއަށް ދިޔުމުގައި އޮތް ދަތިކަން. ލޯނު ނެގުން. އެކަމުގައި، ބޭންކިންގ ނިޒާމުގެ ތެރޭގައި މާބޮޑު ފަހިކަމެއް އަދި ނެތް. އަޅުގަނޑުމެންގެ ސިޔާސަތުގައި ކަނޑައަޅާފައި އޮންނާނެ، މި ދާއިރާގައި، ސަރުކާރުގެ މަޝްރޫޢުތަކުގައި އެންމެ އިސްކަންދޭނީ ދިވެހިންނަށް ކަމަށް. އެއީ، ކެމްޕެއިންގައި އަޅުގަނޑު ވީ ވަޢުދެއް. ދިވެހިންނަށް އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ އެއް ދާއިރާ. އަދި ވަކިން އިސްކަންދޭ ގޮތަށް، ވަކި ޚާއްޞަ ކަމެއްގޮތުގައި މި ދާއިރާ އަޅުގަނޑުމެން ކަނޑައެޅިން. ކެބިނެޓުގައި ސިޔާސަތެއް ގޮތުގައިވެސް ނިންމާފައި އޮންނާނީ.

އެހެންވީމާ، އަޅުގަނޑުމެންނަށް މިރޭ ކުރެވުނު މަޝްވަރާގެ އަލީގައި، އަދި އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތުގެ ތެރެއިން އެއް ކަމަކަށް، މި ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން، ރަހުނަކާ ނުލައި، ލުއިގޮތެއްގައި، ލޯނު ނެގޭނެ ގޮތް ބޭންކިންގ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނެ ކަމަށް ދަންނަވަން. އޭރުން މި އިންޑަސްޓްރީގައި މަސައްކަތްކުރާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ، އަދި މި އަތޮޅުގައިވެސް މަސައްކަތްކުރާ ފަރާތްތަކަށް އިންޑަސްޓްރީ ފުޅާކުރަން ވަރަށް ބޮޑަށް ފުރުޞަތު ލިބޭނެ.

ދެވަނަ ކަމަކަށް، އަޅުގަނޑު ބޭނުމެއްނޫން، މި ދާއިރާގައި ބޭރުމީހުން ގެންގުޅޭކަށް. މިއީ ދިވެހިންނަށް ޚާއްޞަކޮށް، އަޅުގަނޑުމެން ކެބިނެޓުގައި ސިޔާސަތުތަކުގެ ތެރެއިން، މެނިފެސްޓޯގެ ތެރެއިން އަޅުގަނޑުމެން ސިޔާސަތު އެލައިން ކޮށްފައި އޮތް ގޮތުންވެސް، ދިވެހިންނަށް ޚާއްޞަކުރަން ބޭނުންވާ ދާއިރާއެއް. އެހެންނަމަވެސް، މި ފަންނަށް މީހުން ނުކުތުމުގައި ހުރި ހުރަސްތަކެއް އެބަހުރޭ. ޒުވާން ކުދިން މި ދާއިރާއަށް ވަނުމުގައި. އެހެންވީމާ، މި ރަށުގައި މި ދާއިރާއަށް ތަމްރީނު ދެވޭނެ މަރުކަޒެއް ހެދުމަކީ، އަޅުގަނޑު ކުރަން ގަސްދުކުރާ ކަމެއްކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެހެންވީމާ، ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލުގެ ތެރެއިން، އެކަމަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ހަމަޖައްސައިދީ، އިރާދަކުރެއްވިއްޔާ، މި ރަށުގައި މި ފަންނުން، މި މަސައްކަތުގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް، ތަމްރީނު ލިބޭނެގޮތް ހަމަޖައްސައިދެވޭނެ ގޮތް ފަހިކޮށްދޭނަން. ފަހިކޮށްދެވި، މިއީ ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި މަސައްކަތްކުރާ ދާއިރާއެއް ގޮތުގައި، ތަމްރީނުވެގެން އަންނަ ދިވެހިން އިތުރުވެގެންދާ ދާއިރާއެއް ގޮތުގައި ވާތަން ދެކެން ބޭނުން. އެކަމަށް ސަރުކާރުން ކޮށްދޭންޖެހޭނެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނެ ކަމަށް ދަންނަވަން.

ދެން އޮތީ ބިމުގެ މައްސަލަ، ކައުންސިލުން ކުއްޔަށްދޭ ބިމުގައި މިވަގުތަށް ދަތިތަކެއް އެބަހުރޭ. ސަރުކާރުގެ ސިޔާސަތުވެސް މިހާތަނަށް އެކަމަށް އެހާބޮޑަށް ފަހިކޮށްދެވިފައި ނެތީމާ، އެ ލިބޭ ބިން ކުއްޔަށް ލިބޭ މުއްދަތު މާ ކުރުވީމާ، ވަރަށް ބޮޑެތި ދަތިތައް އެބައާދޭ. ބޮޑެތި ޕްރޮޖެކްޓްސް ނަގައިގެން ކުރިއަށްދިޔުމުގައި ހުރި ދަތިތައް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން ބިމާބެހޭ ސިޔާސަތުގެ ތެރެއިން، އިރާދަކުރެއްވިއްޔާ ސަރުކާރުން ކައުންސިލަށް ފަހިކޮށްދޭނަން، ދިގު މުއްދަތަށް އެ ބިންތައް ކުއްޔަށް ދެވޭނެ ގޮތް. ވިއްސަކަށް އަހަރު ދުވަހަށް، އެ ބިންތައް ކުއްޔަށް ނެގޭނެ ގޮތަށް އިރާދަކުރެއްވިއްޔާ އެގްރީމަންޓް ހަދައިގެން، އިންޑަސްޓްރީއަށް އެ ކޮންފިޑެންސް އިންވެސްޓް ކުރަން، ނޫނީވިއްޔާ ކްލައަންޓުން ގޮތުގައި އަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭނެގޮތަށް، ތިޔަބޭފުޅުންނަށް އެކަމުގައި މަގުފަހިވާނެ ގޮތަށް، ދިގުމުއްދަތަށް އެ ބިންތައް ކުއްޔަށް ނެގޭނެ ގޮތަށް، މި އިންޑަސްޓްރީގައި މަސައްކަތް ކުރާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަން ހަމަ އެގޮތަށް ހަމަޖައްސައިދޭނެ ކަމަށް އަޅުގަނޑު ދަންނަވަން.

އާދެ، އެހެންވީމާ، މައިގަނޑު ގޮތެއްގައި، ލޯނު ނެގުމުގައި ހުރި ދަތިތަކާއި، ބިމުގެ ދަތިކަމާއި، އަދި މި ފަންނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހުރި ދަތިތަކާ، މި ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނެކަން އެއީ، އަޅުގަނޑު މިރޭ މި ދަންނަވާ ވާހަކައަކީ. މި ރަށުގައި އެކަން ހަމަޖެހި އަދި މި ދާއިރާގައި މަސައްކަތްކުރާ އެހެން ރަށްރަށުގައިވެސް އޭރުން އެކަން ހަމަޖެހިގެންދާނެ. އަދި ހަމަ އެއާއެކީގައި، މި ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދިޔައިމާ، އަޅުގަނޑު ހިތުން އެއީ، މި މަސައްކަތަށް ނުކުތުމުގައި ދިވެހިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.

އާދެ، މީގެ އިތުރުން، ދެން މި ރަށުގައި ކުރަން ހުރި ކަންކަމަށް ބަލައިލާއިރު، ޞިއްޙީ ދާއިރާގައި، ޞިއްޙީ މަރުކަޒުގެ ކަންތައް، އަޅުގަނޑު ވަޢުދުވިން ކެމްޕެއިންގެ ތެރޭގައި، ތިޔަބޭފުޅުން ބޭނުންވާ ގޮތަށް އެކަން ފަހިކޮށްދޭނެ ކަމަށް. އެއް ކަމަކަށް ވަސީލަތުގެ ގޮތުން، ވަޒީފާއަށް މުވައްޒަފުން ގޮތުގައި ނަގާ މީހުންނާއި، ޖާގަ އިތުރުކުރުމާއި، މިހެންގޮސް ވަރަށް ގިނަ ކަންތައްތައް އެބަހުރި ކުރަންޖެހޭ. އިމާރާތުގެ ގޮތުން، ތަކެތީގެ ގޮތުން، މުވައްޒަފުންގެ ގޮތުން، މަސައްކަތްކުރާ، ނޫނީ ޚިދުމަތްދޭ ގަޑި އިތުރުކުރުން. މިއީ، އަޅުގަނޑު ޖުމްލަކޮށް ކެމްޕެއިނުގައި ވީ ވަޢުދު. އަނެއްކާ މިރޭގެ ބައްދަލުވުމުގައިވެސް އެކަމުގެ ވާހަކަ އެ ބޭފުޅުން ޙިއްޞާކުރެއްވި. އެކަން އޮތީ އަޅުގަނޑު ވަޢުދުވީ ގޮތަށް ކުރަން. އެހެންވީމާ، މި އަހަރުގެ ތެރޭގައި، އަޅުގަނޑުމެން މަޝްރޫޢު ކުރިއަށް ގެންދާނީ. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، އަޅުގަނޑު ވައުދުވީ ގޮތަށް. ޞިއްޙީ މަރުކަޒުގެ ކަންތައްތައް، މި ދެންނެވި ހުރިހާ ކަމެއް ހަމަޖެހިގެންދާ ގޮތަށް، ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.

ދެން އޮތީ ސްކޫލްގެ ކަންތައް. އަޅުގަނޑު ކުރިން ދެންނެވިހެން، ޖުމްލަގޮތެއްގައި މައިގަނޑު ސިޔާސަތަކީ، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ކުރިއެރުވުން. ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކުގެ ފަހުން. އެހެންވީމާ، ތަޢުލީމީ ދާއިރާއަށް ބަލާއިރުގައި، މި ރަށުގައި ސްކޫލްގެ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. ސްކޫލްގައި ޖާގަ އިތުރުކުރުމާއި، ކްލާސްރޫމް އިތުރުކުރުން އަދި އެކި ކަހަލަ ކަންތައްތަކަށް. އިދާރީ މަސައްކަތްކުރުމާއި އަދި އެކި ކަހަލަ ވަސީލަތްތައް އިތުރުކުރުމަށް ޖާގަ އިތުރުކުރަން އެބަޖެހޭ. އާ މަޝްރޫޢެއް އެކަމުގައި ހިންގަންޖެހޭ ކަމެއް އެއީ. އެހެންވީމާ، ތަޢުލީމީ ވުޒާރާއާ އެކީގައި، ސްކޫލް އަދި ކައުންސިލް ގުޅިގެން، ކުރިއަށް އޮތް ހަފްތާތަކުގައި އަދި މަސްތަކުގައި މަސައްކަތްތަކެއް ކޮށް، ނިންމައިދީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަމަށް ޢަމަލީ ސިފަ ގެނެވޭނެ. މި އަހަރުގެ ބަޖެޓުން އަޅުގަނޑުމެން ވާނީ އެކަމަށް ޖާގަ ހަމަޖައްސާފައި. އެހެންވީމާ، މި އަހަރު ތެރޭގައި، މި ސްކޫލަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުގެ މަސައްކަތް ހިނގާނެކަންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަމާއެކީގައި ދަންނަވަން. އެއީވެސް އަޅުގަނޑު ވައުދުވެފައި އޮތް ކަމެއް. އެގޮތަށް، ވަޢުދާ އެއްގޮތަށް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެން.

އާދެ، ދެން ހަމަ އެއާއެކީގައި، ވަރަށްގިނަ އެހެން މަސައްކަތްތައްވެސް އެބަހުރި ކުރަންޖެހޭ. ޖުމްލަގޮތެއްގައި، އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ. ދެން ކޮންމެ ދާއިރާއެއްގައިވެސް، އެއީ، ގިރާ ސަރަޙައްދުގެ މަސައްކަތް ކަމުގައިވިޔަސް، އެކަމަށް އިތުރު މަސައްކަތްތައް ކުރަން އެބަހުރި މި ރަށުގައި.

ހަމަ އެއާއެކީގައި، ނަރުދަމާގެވެސް ޙައްލުކުރަންޖެހޭ އަދި އިތުރުކުރަންޖެހޭ އެކްސްޓެންޝަން މަސައްކަތްތަކެއްވެސް ކުރަން އެބަހުރި.

އަދި މީގެ އިތުރަށް، މަގު ހެދުމަކީވެސް، މަގުތަކުގެ މަސައްކަތަކީވެސް، ނަރުދަމާގެ މަސައްކަތް އެކީގައި ޙައްލުވުމާއެކީގައި ކުރަންޖެހޭ ކަމެއް.

މިކަންކަން ތަރުތީބު ކުރެވިގެން، ކުރިއަށް އޮތް ދުވަސްތަކުގައި މައިގަނޑު ގޮތެއްގައި މި ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރަކީ، މި ގޮތަށް ހުރި މަސައްކަތްތައް އަޅުގަނޑުމެން ޢަމަލީގޮތުން ފަށާގޮތަށް އަޅުގަނޑު ޕްލޭންކޮށްފައި އޮތް ދެ އަހަރު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށް ގެންދަން އަޅުގަނޑު ގަޞްދުކުރާ ވާހަކަ ދަންނަވަން.

އަދި އެއާއެކީގައި، ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ކުޅިވަރު ފެސިލިޓީތައް ގާއިމުކުރުން. ޚާއްޞަގޮތެއްގައި އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ފުޓުބޯޅަ ދަނޑުގެ ވާހަކަ. ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް، ވަޢުދުވީ ގޮތަށް، އިރާދަކުރެއްވިއްޔާ ކޮށްދޭނެކަން، ފުޓުބޯޅަ ކުޅުއްވާ ހުރިހާ ބޭފުޅުންނަށް ޔަގީންކަން އެރުވުމުގެ ގޮތުން އަޅުގަނޑު ދަންނަވަން.

އާދެ، ޖުމްލަކޮށް މި ދެންނެވި ހުރިހާ ދާއިރާއެއްގެ މަސައްކަތްތައް މި ދެ އަހަރަށް ބަހާލެވިގެން ކުރިއަށްދާނެ. ފެށިފައި ހުރި މަޝްރޫޢުތައް ނިންމައިދިނުމާއި، ވަޢުދުވެފައި ހުރި އާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކަކީ، އިންނަމާދޫގެ ތަރައްޤީއަށްޓަކައި ތިޔަބޭފުޅުން ތިޔަ އުންމީދު ކުރައްވާ ކަންކަން، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ކުރާނެ ދުވަސްތައް. އަޅުގަނޑު ވަޢުދުވެފައި ހުރި ވަޢުދުތައް ފުއްދުމުގައި، އިރާދަކުރެއްވިއްޔާ އެއްވެސްވަރަކަށް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ވީ ވަޢުދުތައް. އަޅުގަނޑުމެން ހުންނާނީ، އެކަންކަން ރަސްމީކޮށް މިހާރު ޕްރޮގްރާމް ކޮށްފައި، ޕްލޭން ކޮށްފައި، ކުރިއަށް ގެންދާނެ ގޮތް.

މިދިޔަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް މާގިނަ މަސައްކަތްތަކެއް ނުކުރެވުނީ، އަޅުގަނޑުމެންނަށް އިޤްތިޞާދުގައި ޙައްލުކުރަން ކޮންމެހެން ޖެހިފައި ހުރި ކަންކަމަށް އިސްކަންދޭން ޖެހުމާއެކީ. އަދި ހަމަ އެއާއެކީގައި، މާގިނަ މަޝްރޫޢުތަކެއް ހިންގޭގޮތަކަށް ނޫން، އޭރުގައި އޮތް މަޖިލީސް ތެރެއިން އަޅުގަނޑުމެންނަށް ބަޖެޓް ހަމަޖައްސައިދިނީވެސް.

ދެން އެ ވާހަކަތައް ކޮންމެހެން އަޅުގަނޑު ތަކުރާރެއް ނުކުރާނަން. މިހާރު މިއޮތީ އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ އިޤްތިޞާދު ހަމައަކަށް އެޅުވިގެން އަދި ކުރިއަށް ދެވޭނެ މަގު ފަހިކުރެވިފައި. އެހެންވީމާ، މި އަހަރު ތެރޭގައި ފެނިގެންދާނީ މި މަސައްކަތްތައް ހިނގާ ތަން.

އާދެ، މި ދެންނެވި ގޮތަށް، މި ރަށުގައި ހިންގަން ހުރި ހުރިހާ މަސައްކަތްތަކެއް، ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑު ދެން މި ރަށަށް އަންނާނީ އިރާދަކުރެއްވިއްޔާ މިކަންކަން ނިމިގެން، ތިޔަބޭފުޅުންނާ އެކީގައި ތަންކޮޅެއް ބޮޑަށް އެކަމުގެ އުފަލުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ކޮންމެވެސް ކަމެއްގައި ބައިވެރިވާން. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ހަމަ މަގުން ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.