بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަޑުއްވަރީ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ. މެންބަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ކިޔަވާކުދިން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން، އަދި ޖުމްލަކޮށް، މަޑުއްވަރީގެ އެންމެހައި ރައްޔިތުން، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ ވެރިން، އަދި މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު އަޅުގަނޑަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ވަރަށް ގިނަ ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައި ވާނެ، މި ރަށުގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެކަމުގެ ޔަގީންކަންދީ، ބައެއް ވަޢުދުތައްވެފައި. އަދި ދާދި ދެންމެ، ކައުންސިލާއި މުޢައްސަސާތަކާ އެކީގައި، އިސްވެރިންނާއެކީ ބޭއްވި ބައްދަލުވުމުގައިވެސް، މިކަމާ ގުޅޭ ވަރަށް މުހިންމު ވާހަކަތައް ދެއްކިން. މި ދަތުރުގައި އަޅުގަނޑު ޙަޤީޤަތުގައި ބޭނުންވީ، ރައްޔިތުންނަށް ޔަގީންކަން އަރުވަން. މި ރަށުގެ ތަރައްޤީގައި، ޙަޤީޤަތުގައި ކުރަން ހުރި ކަންކަން، މި އަހަރުތެރޭގައި ފެށިގެން، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، މި ދައުރު ތެރޭގައި ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ކޮށްދޭނެ ކަމެއްކަމުގެ ފުރިހަމަ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެކަމުގެ ޔަގީންކަން ދެން.

އެންމެ ބޮޑު މައްސަލައަކީ، ޙަޤީޤަތުގައިވެސް ޖާގަ ނެތުން. ބިން ފުރިފައި. ބިން އިތުރުކުރުމަށްވެސް މާބޮޑު ފުރުޞަތެއް ފަޅުތެރޭގައި ނެތް. ހައެއްކަ ހެކްޓަރުގެ ބިން، މިއޮތީ ހިއްކެން. އަޅުގަނޑު ވަޢުދުވިން، ހިއްކެން އޮތް އެންމެ ފުޅާކޮށް، އެންމެ ބޮޑުކޮށް ހިއްކައިދޭނެ ކަމަށް. އެހެންވީމާ، އެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޢުދުވީގޮތަށް ކުރިއަށް ގެންދާނެ މަޝްރޫޢެއް. މި އަހަރުގެ ބަޖެޓުގެ ތެރޭގައި، އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަޅުގަނޑު އޮންނާނީ ނިންމާފައި. ދެން ކައުންސިލާ އެކީގައި، މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން، އެ ކަންކަން ފައިނަލްކޮށް، އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރުމަށް އޮންނާނީ ނިންމާފައި. އެހެންވީމާ، އަޅުގަނޑު އެކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް ދެން. މި ރަށުގައި ބިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް، އަޅުގަނޑު ހަމަ ކެމްޕެއިންގައި ވަޢުދުވީގޮތަށް، މި އަހަރުތެރޭގައި އެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމުގެ. އެކަން ފަށާނަން. އެކަން ކުރާއިރުގައި އެހެންނަމަވެސް، ވަރަށް މުހިންމު ކަންކަން ކުރަން އެބަހުރި. ކުރިން ބަނދަރު ހެދިއިރުގައި، ބެކްފިލް ނުކޮށް އޮތް ސަރަޙައްދު އޮތުމުން، އެ ތަނުގައި މަދިރި އުފެދި، ރަށުގައި ޑެންގީ ފެތުރި، މި ކަހަލަ އެތައް ކަމެއްވެސް ދިމާވަމުން ދިއުމާއެކީގައި، އެކަން ޙައްލުކުރުމާއި، އަދި ބިން ހިއްކުމާ އެކީގައި، ގިރާ ސަރަޙައްދުގެވެސް އަދި މި ރަށުގައި ބާކީ ސަރަޙައްދެއް އޮތުމާއެކީގައި، އެކަން ޙައްލުކުރުމާއި، އަދި ހިއްކާ ބިން ވަގުތުން ޙިމާޔަތް ކުރުމާ، މިހިރީ އެކުއެކީގައި ހިނގަންޖެހޭނެ ކަންތައްތައް.

އަދި ހަމަ އެއާއެކީގައި، މި ރަށުގައި ދެ ބަނދަރު އޮތްއިރުގައި، ދެ ބަނދަރުގައިވެސް ކަންތައްތައް އެހެރީ ކުރަން ޖެހިފައި. އެހެންވީމާ، އެއް ބަނދަރުގައި ބޭރުތޮށި، ވެހިކަލަށް އެރޭގޮތަށް ބަދަލުކުރުމަށް، އެކަމަށް ބޭނުންވާ މަސައްކަތް ކޮށްދިނުމާއި. މި ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދިއުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެކޮޅުޖެހޭނެ، ޚަރަދުގެ ގޮތުން، އެންމެ ދެކޮޅުޖެހޭނެ ގޮތަކަށް ވާނީ.

އެހެންވީމާ، މި ހުރިހާ ކަމެއް ގުޅި ލާމެހިގެންދާ ގޮތަށް، އެ މަސައްކަތްތައް އެކުގައި، މި ރަށުގައި ކޮށްދޭނެ ކަމަށް އަދި ކުރުމުގެ މަސައްކަތް، ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން. ދެން އެންމެ ހައެއްކަ ހެކްޓަރު މި އިތުރުވަނީ. ހައެއްކަ ހެކްޓަރު އިތުރުވެގެންނެއް ޙަޤީޤަތުގައި، މި ރަށުގައި އޮތް ގެދޮރުގެ މައްސަލައަކަށް އެކަށީގެންވާ ޙައްލެއް ނާންނާނެ.

މި ރަށުގައި ވަރަށް ގިނައިން ފައިބަރުގެ މަސައްކަތް، އިޤްތިޞާދީ މަސައްކަތްތައްވެސް އެބަ ކުރޭ. އެހެންވީމާ، ރަށު ތެރޭގައި މިހިރަ އިޤްތިޞާދީ މަސައްކަތްތަކަށް ހުރި ބިންތަކާއި، އަދި މިހެން ހުރި ބައެއް ކަންކަމަށް ހުރި، އިޤްތިޞާދީ ބޭނުންތަކަށް ކުރާ ބޭނުން އެ ކުރާ ތަންތަން، ރަށުން ބޭރަށް ބަދަލުކުރުމަކީ، ރަށުގައި ޖާގަ އެންމެ ބޮޑަށް އިތުރުކުރެވޭނެ ގޮތަކަށް ވާނީ. އަދި ކެންސަރު ބަލިފަދަ ބަލިތައް މި އިތުރުވަނީ، ފައިބަރުގެ މަސައްކަތް ކުރުން ކަހަލަ ކަންތައްތައް ކުރާތީ. މި ރަށުގައި އެ ކަމުގެ މައްސަލަ ވަރަށް ބޮޑުކަން އަޅުގަނޑަށް އެނގިފައި އެބައޮތް. އެހެންވީމާ، ޙަޤީޤީ ޙައްލެއް އަންނާނީ ޙަޤީޤަތުގައި މި ހުރިހާ ކަމަކަށްވެސް މާނަހުރި ޙައްލެއް ގެނެވުނީމާ.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުންގެ މިހިރަ ހުރިހާ މައްސަލައެއް އިރާދަކުރެއްވިއްޔާ ޙައްލުކުރެވޭ ގޮތަށް، "އުފުލަންދޫ"، މިރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައިދޭން އަޅުގަނޑު ނިންމި ވާހަކަ. އިރާދަކުރެއްވިއްޔާ، އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް، އެކަން ހަމަޖެހިގެންދާނެ. ހަމަޖެހުމުން، ތިޔަބޭފުޅުންގެ އިޤްތިޞާދީ ހުރިހާ ކަމެއް، ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ނުޖެހޭނެ ހުރިހާ ކަމެއް، އެތަނަށް ބަދަލުކުރެއްވުމަކީ އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން އޮތް ކަމަކީ. އެކަން ކުރެއްވުމުން ރަށަށް ބިން އިތުރުވެގެން ދިޔައީ. ގޯތިގެދޮރު، ހައުސިންގ މަޝްރޫޢުތަކަށްވެސް ޖާގަ އިތުރުވީ.

އަޅުގަނޑު މި ދަތުރުގައި ނުދާ ރަށެއް މީދުއަކީ. މީދޫގައިވެސް ބިމުގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑު. އާންމުކޮށް އަޅުގަނޑު މި ދަތުރުތަކުގައި ނުދާ ރަށްރަށުގެ މަޝްރޫޢުތަކުގެ ވާހަކަ ނުދައްކަން. އެހެންނަމަވެސް، މީދޫ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައެއް، މި ނޭވާގައި. މީދޫގައިވެސް އޮތް މި މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން، މީދޫގެ އިޚްތިޞާޞްގެ ތެރޭގައި "ތާވަތާ" ހިމަނަން އަޅުގަނޑު ނިންމި ވާހަކަ އިޢުލާނު ކޮށްލަން. މީދޫގެ ތަރައްޤީއަށް އެ ރަށުގެ އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް، އެ ރަށުގެ ބޭނުން ހިފައިގެން، ކަންތައްތައް ދުރު ރާސްތާއަށް ހަމަޖެއްސުމަކީ، އަޅުގަނޑު އެދޭގޮތް. ރަށުގެ ރައްޔިތުންނާއި، ސަރުކާރާ ގުޅިގެން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ދަންނަވަން.

އާދެ، އެހެންވީމާ، މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢާއި، މި ދެންނެވި ބޮޑުހިލަ ޖަހައިގެން ކުރަންޖެހޭ ހުރިހާ ކަމަކާ އެކުއެކީގައި މަސައްކަތްތައް ކުރެވިގެން ގޮސް، ބިން އިތުރު ކުރުމަކީ ޙަޤީޤަތުގައި ހައުސިންގ ޔުނިޓު، ނޫނީވިއްޔާ ގެދޮރުގެ މަޝްރޫޢު ހިންގެން އޮތް ގޮތަކީ. މިހާރު އެމް.ޓީ.ސީ.ސީ. ސައިޓެއް ގޮތުގައި އޮތް ޖާގަ ވަރަށް ބޮޑަށް އެބައަރާ، މިހާރުގެ ލޭންޑް ޔޫސް ޕްލޭންގައި ހައުސިންގ ޔުނިޓު އަޅަން ކަނޑައަޅާފައި އޮތް ތަނަށްވެސް.

އެހެންވީމާ، ވަރަށް ބޮޑަށް މިހިރީ އެކި ކަންކަން ގުޅިލާމެހިފައި، މި ރަށުގެ ތަރައްޤީގައި. މި ކަންކަން ތަރުތީބުވާން އެބަޖެހޭ. އަޅުގަނޑު ވަޢުދުވެފައި އޮންނާނީ، މި ރަށުގައި 50 ހައުސިންގ ޔުނިޓު އަޅަން. އެކަމަކު އެޅެންއޮތީ، މި ދެންނެވި ކަންކަން ޙައްލުވެގެން. ދެން ކޮންމެއަކަސް މި 50 ހައުސިންގ ޔުނިޓަކީ، އަޅުގަނޑު ވަޢުދުވީ ކަމެއް. މި ރަށް ފަދައިން، ހަމަ ވަރަށް ގިނަ ރަށްތަކުގައި ގެދޮރުގެ މަޝްރޫޢުތައް ހިންގަން އަޅުގަނޑު އޮންނާނީ ކެމްޕެއިނުގައި ވަޢުދުވެފައި. އަދި މި އަހަރުގެ ބަޖެޓުން އެކަން ކުރަން ނިންމައި، ބަޖެޓުގައިވެސް ހިމަނާފައި.

އެހެންވީމާ، މި ރަށް ހިމެނޭގޮތަށް، ދެން މި ދެންނެވި ގޮތަށް އެހެން ރަށްތަކުގައިވެސް ހައުސިންގ ޔުނިޓު އަޅަން އިޢުލާނުކުރުން. ކެމްޕެއިން ތެރޭގައި އަޅުގަނޑު އިޢުލާނުކުރި ރަށްތައް ހިމެނޭގޮތަށް. މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅު، މި އަންނަ ހަފުތާ ތެރޭގައި، އިރާދަކުރެއްވިއްޔާ، މި ރަށުގެ 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢު ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަޅުގަނޑު އިޢުލާނުކުރާނެ ވާހަކަވެސް ދަންނަވަން. ދެން އެ ހިސާބުން، އެ މަސައްކަތް އެ ފެށުނީ. ދެން، އޮންނަ ޓެންޑަރިންގ ޕްރޮސެސްގެ ތެރެއިން، އޮންނަ ޕްރޮސީޖަރއިން ގޮސް ބަޔަކު ހަމަޖެހި، ހަވާލުކުރެވި، ބިން ހަމަޖެހި، މަސައްކަތް ފެށި، އެގޮތަށް އެކަން ދާނީ. އެހެންވީމާ، ޕްރޮސެސް ފެށިގެން އެ ދިޔައީ.

އަޅުގަނޑު އުންމީދު ކުރަނީ، މި ދެންނެވި ބިމުގައި ހުރި މި ދަތިތަކާއި ކަންކަން ހަމަޖެހުން އަވަސްވެގެން ދިޔުން. މަސައްކަތް ކުރާނެ ފަރާތެއް ހަމަޖެހިގެން ދިއުމާ އެކީގައި، މަސައްކަތް ފެށުން. އެހެންވީމާ، މިކަމުގައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ، މި ދަންނަވަނީ. ބިން އިތުރުކުރުމާއި، ބިން ހިއްކުމާއި، ބަނދަރުގެ މައްސަލަ ޙައްލުކުރުން، ހައުސިންގ ޔުނިޓުތައް އެޅުން، ގިރާ ސަރަޙައްދު ޙިމާޔަތްކުރުން، މި ކަންކަން ގުޅި ލާމެހިގެންދާ ގޮތަށް ގެންދިޔުމުގައި، ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކަކުން އެކަމުގައި ކައުންސިލަށް، ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމައަށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިޔަބޭފުޅުންނަށް މި ދެނީ.

އާދެ، ދެން މިއޮތީ ހަމަ އެކަހަލަ ވަރަށްގިނަ މުހިންމު އެހެން ކަންކަންވެސް ކުރަން. އަޅުގަނޑު ކެމްޕެއިނުގައި ވަޢުދުވީ، މަގު ހެދުމުގެ މަސައްކަތް ކުރަން. ހަމަ އެ މަޝްރޫޢުވެސް އެ ގޮތުގައި ކުރިއަށް ގެންދެވޭނެ.

ހަމަ އެއާއެކީގައި، ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ޖާގަ އިތުރުކޮށް، ފުޅާކުރުންވެސް އެއީ، އަޅުގަނޑު ވަޢުދުވީ ކަމެއް. އެކަންވެސް އޮތީ ހަމަ ކުރަން، ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ، ޔަގީންކަން މިދެނީ، މިހެން އަޅުގަނޑު ވަޢުދުވީ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ވާހަކަ.

އަދިވެސް މުހިންމު ވަރަށްގިނަ ކަންކަން އެބަހުރި. އެހެންނަމަވެސް، ފާހަގަކޮށްލާ އެންމެ މުހިންމު ފަހު ކަމަކަށް، ކުޅިވަރާ ބެހޭ ކަންތައްތައް ފާހަގަކޮށްލާނަން.

އަޅުގަނޑު ސަފުގައި ސަލާންކުރަމުން ދިޔައިރުގައި، އެކިވަރުވަރުގެ ނޯޓުކޮޅުކޮޅު ކުދިން ދިޔައީ ދެމުން. ކޮންމެ އެއްޗެއްގައިހެން މި އޮންނަނީ އެއް ވާހަކައެއް. ފުޓުބޯޅަ ދަނޑުގެ ވާހަކަ. ދެން، އަޅުގަނޑަށް ފެނުނު ދަނޑު އޮތް ހާލުވެސް. ކައުންސިލުން މަޢުލޫމާތު ދެއްވި، ތިން އަހަރެއްހާ ދުވަސް ވެއްޖެއޭ އެގޮތަށް އޮންނަތާ. ދެން، ސްޕޯޓްސް މިނިސްޓަރުވެސް އެބަ އިންނެވި. އަޅުގަނޑުމެން ކަންކަން ބަލައިލިއިރުގައި، މިކަން އޮތީ މިހާރު، ދެން ބާރަށް ފަށައިގަނެވޭ ހިސާބަށް ގެންދެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ، އަޅުގަނޑު އުންމީދުކުރަނީ، ހަމަ މި މަސް ނިމޭއިރުގައިވެސް ކަންތައްތަކެއް ފެށިދާނެ ކަމަށް. ނުފެށުނަސް، މާ ލަސްތަކެއްނުވެ، މާނައަކީ، ފެބުރުވަރީ މަހުގެ ތެރޭގައި، ޢަމަލީ ގޮތުން ކަންތައްތައް ފެނި، ދެން ހަމަ އިސާހިތަކު ވަރަށް ބާރަށް ގެންދެވި، އެ ފުޓުބޯޅަ ދަނޑު، ތިޔަބޭފުޅުންނަށް އަޅުގަނޑު ވަޢުދުވީ ގޮތަށް ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން. އަދި އަޅުގަނޑު ދެންނެވިން، ލައިޓް ޖެހުމާއި، ރޮސްޓްރަމާއި، މި ހުރިހާ ކަމެއްވެސް ހިމަނައިގެން، ފުރިހަމަ ފުޓުބޯޅަ ދަނޑަކަށް ހަދައިދޭން. އެހެންވީމާ، އެ ގޮތަށް އެކަން ގެންދާނަން. ހަމައެކަނި ޓާފް އެޅުމެއް ނޫން. އެހެންވީމާ، އެބައި އިތުރުކުރެވިގެން، އެކަން ކުރިއަށް ގެންދެވޭނީ. އަދި އެއާއެކީގައި، ފުޓްސަލް ދަނޑުގެވެސް ރައްޔިތުން އެދޭ ކަންތައްތައް ފުރިހަމަ ކުރުމަށް، ޖާގަ އިތުރުކުރުމާއި، މި ކަންކަންވެސް ކުރިއަށް ގެންދަން އަޅުގަނޑު އޮންނާނީ މިއަދުގެ މީޓިންގގައި ދަންނަވާފައި.

އާދެ، އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މިކަންކަން ތިޔަބޭފުޅުންނަށް މި ފާހަގަކޮށްލައިދިނީ. މަޑުއްވަރީގެ ތަރައްޤީއަށް ކުރަން މިހިރަ ކަންކަމުގައި އިރާދަކުރެއްވިއްޔާ ޢަމަލީ ސިފަ ކުރިއަށް މިއޮތް ދުވަސްތަކުގައި، ޙަޤީޤީ މާނައިގައި ޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން. މި ކަންކަން ކުރުމަށްޓަކައި ކުޑަ ލަސްކަމެއް މިއައީ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ވަރަށް ގިނަ ކަންކަން ކުރަންޖެހުމާ އެކީގައާއި، ދެން އަޅުގަނޑުމެންނަށް ބޭނުންކުރެވޭ ކަހަލަ ބަޖެޓެއް ނޫން ކުރީ ސަރުކާރުން ޙަވާލުކޮށްފައި ދިޔައީކީއެއް. ދެން އެ ވާހަކަ ތަކުރާރު ނުކުރާނަން.

އެހެންވީމާ، މިހާރު މިއޮތީ މަސައްކަތް ފެށުމާ ހިސާބަށް އައިސްފައި. ދެންމެ މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ މި ރަށުގައި ކަންކަން ހިނގާނެ. އަދި އެކަންކަން ނިމިގެންވެސް ދާނެ. ދެން އަޅުގަނޑު އަންނާނީ އިރާދަކުރެއްވިއްޔާ އެ ކަންކަން ނިމިގެން، ތިޔަބޭފުޅުންނާ އެކީގައި އުފާފާޅުކުރުމުގައި ބައިވެރިވުމަށް.

އެ ވާހަކައާ އެކީގައި އަޅުގަނޑު ނިންމާލާނަން. ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ އިޚްލާޞްތެރި މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ މި ޤައުމަށް އުފާފާގަތިކަން މިންވަރު ކޮށްދެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.