بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހުޅުދުއްފާރުގެ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ. މެންބަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޑައިގެން ތިއްބެވި އެންމެހައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ދަރިވަރުންގެ ބެލެނިވެރިން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ޖުމްލަކޮށް، ހުޅުދުއްފާރުގެ ލޮބުވެތި ރައްޔިތުން، އަދި މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
ރ އަތޮޅަށް މިކުރާ ދަތުރުގައި، މިއަދުގެ ހެނދުނު މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަން ފަށާފައި ހުރި މަސައްކަތްތަކާއި އަދި އަޅުގަނޑު ވީ ވަޢުދުތަކާ، މި ކަންކަން ވަރަށް ބާރު ސްޕީޑެއްގައި މި އަހަރު ތެރޭގައި ނިންމައިދިނުން. އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައް ފަށައިދިނުން އެއީ، އަޅުގަނޑުގެ މި ދަތުރުގައި ތިޔަބޭފުޅުން ގާތުގައި ދަންނަވަން އޮތް މައިގަނޑު ވާހަކައަކީ.
ދެންމެ އަޅުގަނޑު ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއެކީގައި ބޭއްވިން، މަޝްވަރާ ބައްދަލުވުމެއް. މި ދެންނެވި ކަންކަން މިހާރު ގޮސްފައިވާ ގޮތާ ގުޅޭގޮތުން، އެ ކަންކަމުގައި ޙަވާލުވެ ތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، އެ ބޭފުޅުންނާ ޙިއްޞާކޮށް، މަޝްވަރާކުރިން. އަދި އެ ކަންކަން ކުރިއަށްދާނެގޮތް ސާފުކޮށްދީފައިވާނެ. މިހާރު ފެށިފައި ހުރި މަޝްރޫޢުތައް، މިދިޔަ ސަރުކާރުގެ ތެރޭގައި ފެށި، އަދި އޭރުގައި ހުއްޓި، މިހާރު އަދި މާބޮޑު ޕްރޮގްރެސްއެއް ނައިސްހުރި މަޝްރޫޢުތައް އެބަހުރި. އަޅުގަނޑުމެން ވާނީ އެކަމާ ބެހޭގޮތުން އެ ބައްދަލުވުމުގައި ވާހަކަދައްކާފައި. އަދި ޖުމްލަކޮށް، މިހެން ހުރި ގިނަ މަޝްރޫޢުތަކަކީ، މިފަދަ އެހެން ރަށްރަށުގައިވެސް ގާތްގަނޑަކަށް އެއް ސަބަބުތަކަކާ ހެދި ހުއްޓިފައި ހުރި ކަންކަން. ކުރީގައި ބައެއް ކުންފުނިތަކާ ޙަވާލުކޮށް، އެ ކަންކަން ރަނގަޅަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތައް މީގެތެރެއިން ގިނަ މަޝްރޫޢުތަކަކީ.
އެހެންވީމާ، އަޅުގަނޑުމެން މިހާރުވާނީ އެ ކަންކަމަށް ޙައްލުތަކެއް ކަނޑައަޅާފައި. މިސާލަކަށް، މި ރަށުގައި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި، އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައި އޮތް މަޝްރޫޢަކީ، މުޅި ރާއްޖޭގައިވެސް އެމް.ޓީ.ސީ.ސީ.ގެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އެންމެބޮޑަށް ބޭނުންވެފައިވާ މައްސަލައާ ހެދި ނުނިމި އޮތް މަޝްރޫޢެއް. ނުހިނގާ އޮތް މަޝްރޫޢެއް. އެއީ، ހިލަ، ބޮޑުހިލަ ސަޕްލައި ކުރުމުގައި ހުރި ދަތިތަކެއް އޭރުގައި ދިމާވެގެން. މިހާރު އެއަށް އަޅުގަނޑުމެން ސޮލިއުޝަނެއް، ޙައްލެއް ހޯދައިފިން.
އެހެންވީމާ، ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލެއްގެ ތެރެއިން، މި ރަށްވެސް ހިމެނޭ ފަދައިން، މި ރަށްވެސް ހިމަނައިގެން، ޝެޑިއުލެއްގެ ތެރެއިން، ރާއްޖޭގައި އެމް.ޓީ.ސީ.ސީ.އިން ބޮޑުހިލަ ޖައްސަން ޖެހިފައި ހުރި މަޝްރޫއުތައް، އެއީ، ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ބަނދަރުގެ އެކި ކަހަލަ ކަންކަން ހިނގައިގަންނާނެ، އެއީ ގިނަ އަދަދެއްގެ ބޮޑުހިލަ، ވަރަށް އަވަހަށް ސަޕްލައި ކުރެވޭނެ ގޮތްތަކެއް ސަރުކާރުގެ ތެރެއިން އަޅުގަނޑުމެން މިހާރު ހަމަޖައްސައިފައި އޮތީމާ.
އެހެންވީމާ، އެ ކަންތައްތައް ދަންނަވަން މިއުޅެނީ. މިހާރު އެކަމަށް ޙައްލުތަކެއް އަޅުގަނޑުމެން ކަނޑައަޅައިފީމޭ. ދެން އޮތް މަސްތަކުގައި، މި އަހަރު ތެރޭގައި ފެނިގެންދާނީ، މި ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލަވެސް އަދި ބޮޑުހިލައިގެ ސަބަބުން ނެތިގެން ހުއްޓިފައި ހުރި އެހެން ރަށްރަށުގެ މަޝްރޫއުތައްވެސް ހިނގައިގަންނަ ތަން. އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެ މައްސަލައަށްވެސް، އިރާދަކުރެއްވިއްޔާ، ގިރާ ސަރަޙައްދުގެ މަޝްރޫއަށްވެސް ރަނގަޅު ޙައްލެއް މިހާރު އެވަނީ ކަނޑައެޅިފައޭ. ދެން ފެންނާނީ ދާދި އަވަހަށް މޮބިލައިޒް ކުރެވިގެން މަސައްކަތް ހިނގައިގަންނަ ތަން.
ދެން ހަމަ އެއާއެކީގައި، ރަށުގެ ރައްޔިތުން އެބަ ބޭނުންވޭ ބަނދަރު ހަދާއިރު ބޭރުތޮށި ބޭނުންކުރެވޭ ކަހަލަ ގޮތަކަށް ބަދަލުކުރަން. މިއީ ވަރަށް ކުރިން ހެދިފައި އޮތް ބަނދަރެއް. އެހެންވީމާ، ބަނދަރުގެ ދެންހުރި ބައެއް މަރާމާތުތަކާއެކީގައި، އަޅުގަނޑުމެން އެކަމަށް ރަނގަޅު ޙައްލެއް ގެނެސްދީ، ބޭރު ތޮށީގެ ބޭނުންހިފޭގޮތަށް ބަދަލުތަކެއް ގެނެސްދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭނަން. ހޯދައިދީ، އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށް އޮތް ދުވަސްތަކުގައި، މި އަހަރު ތެރޭގައި ވޭތޯ، މި އަހަރުގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭތޯ، އަދި މި އަހަރު ފަށައިގެން ގެންގޮސް މި އަންނަ އަހަރު ތެރޭގައި ނިންމޭތޯ އަޅުގަނޑުމެން ބަލާނީ. ކޮންމެގޮތެއްވިޔަސް އެއީ، އަޅުގަނޑުމެން ކޮށްދޭނެ ކަމެއް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި. މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި. އެހެންވީމާ، ބަނދަރުގެ މަސައްކަތްވެސް، ޚާއްޞަކޮށް ބަނދަރުގެ ބޭރު ތޮށި ބޭނުންކުރުމަށް ތިޔަބޭފުޅުން ބޭނުންވެލައްވާ މައްސަލައަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރަނގަޅު ޙައްލެއް ގެނެސްދޭނަން.
ދެން ދަންނަވާލަން ބޭނުންވަނީ، ސްކޫލްގެ ޖާގައިގެ މައްސަލަ. ފެށިފައި އޮތް މަޝްރޫޢެއް. މި ދެންނެވި ގޮތަށް، މި ރަށުގައި މި މަޝްރޫޢު ޙަވާލުކޮށްފައި އޮތް ފަރާތާ އެބަހުރި އެހެން ރަށްރަށުގައިވެސް ޕްރޮޖެކްޓްސްތައް ޙަވާލުކުރެވިފައި. މިދިޔަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ބޭރުގެ ދަރަނި އަދާކުރުމުގައްޔާއި، އަދި އެތެރޭގައި ވަރަށް ގިނަ އިޤްތިޞާދީ ކަންކަން ޙައްލު ކުރުމުގައި އިސްކަންދޭންޖެހުމުގެ ސަބަބުން، ވަރަށް ގިނަ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތަކަށް ހުރީ ހިނގައިގަނެވޭ ގޮތަށް ފައިސާ ނުދެވި.
އެހެންވީމާ، މި ރަށުގެ ސްކޫލް މަޝްރޫޢު، 12 ކްލާސް ރޫމްގެ މަޝްރޫޢު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ހިނގާނެ. ކޮންޓްރެކްޓަރއަށް މަސައްކަތް ކުރެވޭގޮތް އަޅުގަނޑުމެން ހަދައިދޭނަން. ހަދައިދެވުނީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ނިންމާލައި، ސްކޫލަށް ދިމާވެފައިވާ ކްލާސްރޫމްގެ ޖާގައިގެ މައްސަލައަށް ޙައްލެއް އަޅުގަނޑުމެން ގެނެސްދޭނަން. ހަމަ އެއާއެކީގައި، އަދިވެސް ސްކޫލުގައި އެބަހުރި މުހިންމު ކަންތައްތައް. އިދާރީ ބޭނުންތަކަށް އޮފީސް ޖާގައިގެ ދަތިކަންވެސް އެބަހުރި. އެހެންވީމާ، މިއަދުގެ ބައްދަލުވުމުގައި އަޅުގަނޑުމެން އެކަމާ ބެހޭގޮތުން މަޝްވަރާ ކުރިން. އެޑިއުކޭޝަން މިނިސްޓަރާއި، ކައުންސިލާއި، ސްކޫލްގެ އިދާރާއަށް ދަންނަވާލާފައި ވާނީ. އެކަމާ ބެހޭގޮތުން މަޝްވަރާތައްކޮށް، ސްކޫލަށް ދެން ބޭނުންވާ ކަންކަންވެސް އައިޑެންޓިފައި ކުރަން. އޭރުން އަޅުގަނޑުމެން ކުރިއަށް މިއޮތް ދެ އަހަރު ތެރޭގައި، މިހެން ހުރި މުހިންމު ކަންތައްތައް. ސްކޫލުގެ އިދާރީ ބޭނުމުގައި އޮފީސް ޖާގަ ކަމުގައިވިޔަސް، އަދި ކޮމްޕިއުޓަރ ލެބް ކަމުގައިވިޔަސް، ނޫނީ މިފަދަ އެހެން ކަންކަމަށްވެސް ޙައްލުތަކެއް ގެނެސްދިނުން އެއީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއްކަން ހަމަ ދަންނަވަން. ސަބަބަކީ، އަޅުގަނޑު ގަބޫލުކުރާ ސިޔާސަތަކީ، އިމާރާތްތަކެއް އެކަނި ހެދުމަށްވުރެ، ޤައުމެއްގައި ތަރައްޤީ ގެނެވޭނީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް، ރަނގަޅުގޮތުގައި ތަޢުލީމު ދީގެން، ތަރުބިއްޔަތު ދީގެން ކަމުގައިވާތީ.
ސްކޫލް އިމާރާތްތައް، ނޫނީ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަކީ ޙަޤީޤީ ތަރައްޤީ، ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަންތައް. ހަރުދަނާގޮތެއްގައި ރަނގަޅު ފެންވަރެއްގައި، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭ ގޮތް ފަހިކޮށްދިނުމަކީ، ޙަޤީޤަތުގައި އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ އަދި ޙަޤީޤަތުގައި އެކަމުން އުފާވެރިކަން ލިބޭނެ ކަންތައް. އެހެންވީމާ، ސްކޫލްތަކަށް ބޭނުންވާ އަދި ތަޢުލީމީ ދާއިރާއަށް ބޭނުންވާ، މިހެންހުރި އިންފްރާސްޓްރަކްޗަރ ކަންކަންވިޔަސް އަދި ތަރުތީބު ކުރަންޖެހޭ އެހެނިހެން ކަންކަން ކަމުގައިވިޔަސް، ތަޢުލީމީ ނިޒާމަށް އަޅުގަނޑު ވަރަށް އިސްކަމެއް ދޭނަން.
އެހެންވީމާ، މި ރަށުގައިވެސް އަދި ދެންހުރި ރަށްރަށުގައިވެސް މިގޮތަށް ހުރި ކަންކަމަށް އަޅުގަނޑު މި އަހަރުވެސް، މި އަންނަ އަހަރުތެރޭގައިވެސް، ޖުމްލަކޮށް މި ދެ އަހަރު ވަރަށް އިސްކަމެއްދެން އެބަ، މިހެންހުރި ކަންކަން ޙައްލުކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ކަންކަން ވާނެ. ކުރިއަށް ގެންގޮސްދޭނަން.
ހަމަ އެއާއެކީގައި، މިހާ ހޫނުގަދަ ތަންތަނުގައި، ރަށްރަށުގައި އެއަރކޯން ކުރެވި، ފިނިކުރުމަކީ އަދި ހިތްހަމަޖެހޭ މާޙައުލަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި ހަމަ ހުރިހާ ކުޑަކުދިން، ބެލެނިވެރިންވެސް އެކަން ފާހަގަކުރޭ. އެހެންވީމާ، އަޅުގަނޑުމެން ވާނީ މަޝްރޫއެއް ފަށާފައި. ރާއްޖޭގެ ހުރިހާ ކްލާސްރޫމް ތަކެއް ފިނިކޮށްދިނުމަށް. ފުރަތަމަ އަޅުގަނޑުމެން އިސްކަންދެނީ، މުޅި ސްކޫލުގެ ހުރިހާ ތަންތަނަށްވުރެ، ފުރަތަމަ ކިޔަވައިދޭން ބޭނުންކުރާ ކްލާސްރޫމްތައް ފިނިކޮށްދޭން. އަދި އެހެންވީމާ، އޭ.ސީ. ހަރުކުރުމާއި އަދި އެއަށް ބޭނުންވާ ޕަވަރ، ރިނިއުބަލް އެނަރޖީއެއްގެ ތެރެއިން، ސޯލަރ ޕަވަރގެ ތެރެއިން ފޯރުކޮށްދިނުމުގެ މަޝްރޫޢު ކުރިއަށް ގެންދާނަން.
މިހާރު އެކަންވަނީ ފެށި، އެކަމަށް ބޭނުންވާ ކަންކަން ހަމަޖެހިގެން ގޮސް، ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި. އެހެންވީމާ، މި އަހަރުގައި ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ، މި ރަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ސްކޫލެއްގެ، ހުރިހާ ކްލާސްރޫމްތަކެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިއާދަކުރެވުނު ހަކަތައިގެ ބޭނުންކޮށްގެން، އޭ.ސީ.ކޮށްދީ، ފިނިކޮށްދޭނަން. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދެން. އަޅުގަނޑުމެން ބޮޑަށް މި އަމާޒު ކުރަނީވެސް، ވީހާވެސް އަވަހަކަށް، ސެޕްޓެންބަރު މަހާ ހަމައަށް ދާންވާއިރަށްވެސް ނިންމާލެވޭތޯ. އެއީ، ހައެއްކަމަސް ދުވަސް، އަށެއްކަމަސް ދުވަސް ބޭނުންވާނެ، މުޅި ރާއްޖެ އެކީގައި ނިންމާލަން. އެހެންވީމާ، އެގޮތަށް އެކަން ކުރިއަށް ގެންދާ ވާހަކަ ދަންނަވާލަން.
ދެން އެއާއެކީގައި، ދެންހުރި ކަންކަމުގައިވެސް، ކުޅިވަރުގެ ދާއިރާގައިވެސް، އަޅުގަނޑު ވަޢުދުވިން، ފުޓްބޯޅަ ދަނޑަކީ ފީފާ ސްޓޭންޑަޑްގެ ފެންވަރު ރަނގަޅު ދަނޑަކަށް ހަދަން. އެކަމުގައި މިދިޔަ އަހަރު ތެރޭގައި އެކަށީގެންވާ ޕްރޮގްރެސްއެއް ނުހޯދޭ. ދެން އެހެންނަމަވެސް، ކުރިއަށް މިއޮތް ދުވަސްތަކުގައި، އެ ބޭނުންވާ ތަކެތި އާރު.ޑީ.ސީ. އަދި ބައެއް އެހެން ކުންފުނިތަކާ އެކުގައި އެ ކުރެވޭ މަސައްކަތުން ހަމަޖެހި، އެ ދަނޑުވެސް އަޅުގަނޑު ވަޢުދުވީ ފެންވަރަށް ހަދައި، ނިމިގެންދާނެކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް، ޚާއްޞަކޮށް، ކުޅިވަރު ކުޅޭ، ފުޓުބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިންނަށް ހަމަ ދަންނަވާލަން.
އާދެ، އޭގެ އިތުރަށްވެސް، އަޅުގަނޑު ވަޢުދުވިން، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅެވޭ ފުޓްބޯޅަ، ކުޅިވަރު ކޮމްޕްލެކްސްއެއް، ނުނީވިއްޔާ ކުޅިވަރު ކުޅެވޭ މަރުކަޒެއް އަޅައިދޭން. ބޮޑަށް އެކަމަށް މި އަންނަ އަހަރަށް އަޅުގަނޑު ޕްލޭންކޮށްގެން މި ހުންނަނީ. މި އަހަރު މި ދެންނެވި ކަންކަން ކުރުމާ އެކީގައި. މި އަހަރުވެސް ފެށެންހުރި އެ މަޝްރޫޢުގެ ކަންކަން ފެށޭތޯ އަޅުގަނޑުމެން ބަލާނީ. މި އަންނަ އަހަރަށް، 2026ގެ ތެރޭގައި ބޮޑަށް އެ މަޝްރޫޢު ކުރިއަށް ގެންދަން އަޅުގަނޑު ޕްލޭންކޮށްގެން މި އުޅެނީ. ކޮންމެ ގޮތެއްވިޔަސް، ވަޢުދު އޮތީ ހަމަ ވަރަށް ރަނގަޅަށް ހަމަ ކުރިއަށް ގެންދެވޭ ގޮތަށް. އެއްވެސް ވަޢުދެއް ހަނދާނެއް ނުނެތޭ. ބާރަށް ހަމަ އިރާދަކުރެއްވިއްޔާ ގެންގޮސްދީ، ނިންމައިދިނުން އަޅުގަނޑުގެ އަމާޒަކީ. އެހެންވީމާ، އެކަންވެސް އެ ގޮތަށް އަޅުގަނޑު ހަމަ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.
އާދެ، އަޅުގަނޑު ހަމަ ވަޢުދުވިން، މި ރަށުގައި ދަނާލުގެ ޕްރޮޖެކްޓެއް ހިންގަން. އޭ.ލެވެލް އަށް ކިޔަވައިދީ، އަދި ވަރަށް ގިނަ ކުދިން އެހެން ރަށްރަށުންވެސް ކިޔަވަން އައިސް ތިބޭ ރަށަކަށްވާއިރުގައި، ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ، އަޅައިދެވިފައި ހުންނަ ވަކިތަނެއްގައި، އިމާރާތެއްގައި އެ ކުދިންގެ ކަންކަން ހަމަޖެއްސެންޏާ. އެހެންވީމާ، އެ މަޝްރޫޢަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޢަމަލީ ސިފަ ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރާނަން. އަޅުގަނޑު ސީދާ މި އަހަރު ތެރޭގައި ފެށޭނެ ކަމަކަށް އަދި މި ވަގުތު ނުދެންނެވިޔަސް، މި ދެ އަހަރު ތެރޭގައި ކުރެވޭނެ. އަޅުގަނޑު ކުރިންވެސް ދަންނަވާފައި ވާނެ، ވަރަށް ގިނަ ރަށްރަށުގައި، މި އަހަރާއި މި އަންނަ އަހަރަކީ، އަޅުގަނޑު މިގޮތަށް ވަޢުދުވެފައި ހުރި ޢަމަލީގޮތުން އިމާރާތްކޮށްގެން ހަދަންޖެހޭ، މަޝްރޫޢުތައް ހިންގަންޖެހޭ، އަދި ވަޢުދުތައް ފުއްދައިދޭ ދެ އަހަރު ކަމަށް.
އެހެންވީމާ، މި އަހަރު އަދި މި އަންނަ އަހަރު، ދެ އަހަރު ތެރޭގައި މިގޮތަށް އަޅައިދޭންޖެހޭ، އިމާރާތް އަޅައިދޭންޖެހޭ ގޮތަށް އަޅުގަނޑު ކުރާނޭ ކަމަށް ވީ ވަޢުދުތައް ފުދިގެން ދާނެ. މަޝްރޫޢުތައް ފެށިގެންދާނެ. އަދި ބައެއް ކަންކަން ނިމެންވެސް ނިމޭނެ. އެހެންވީމާ، އެ ދަނާލުގެ މަޝްރޫޢުވެސް އޮތީ ކުރިއަށް ގެންދަންކަން، އެ ޔަގީންކަން ތިޔަބޭފުޅުންނަށް ރިޕީޓުކޮށް އަޅުގަނޑު ހަމަ ދަންނަވާލަން. އެކަން ހަމަ ކުރިއަށް ގެންދާނަން.
އާދެ، އިރާދަކުރެއްވިއްޔާ، މިގޮތަށް ހުރި ހުރިހާ ކަންކަމާއި، ތިޔަބޭފުޅުންގެ އުންމީދުތަކާ ގުޅިފައިވާ މިފަދަ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑު ކުރިއަށް ގެންދާނަން. ދެންވެސް ތިޔަބޭފުޅުންގެ އުންމީދުތަކާ ގުޅިފައި ހުރި، މުހިންމު ގިނަ ކަންތައްތަކެއް ހަމަ އެބަހުރި. އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، އަޅުގަނޑު އަބަދުވެސް ވިސްނަނީ ރައްޔިތުން ވިސްނާގޮތަށް. ރައްޔިތުން ބޭނުންވާ ގޮތަށް، ކަންކަން ފަހިކުރެވޭނެ ގޮތްގޮތް ހޯދައިގެން، އެގޮތަކަށް ކަންކަން ކުރަން. އެހެންވީމާ، ދެންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަންކަމަށް އަދި އަޅުގަނޑު ކުރިން ކެމްޕެއިންގައިވެސް އިޝާރާތްކޮށްފައި ހުރި ކަންކަމަށް އަޅުގަނޑު ހަމަ ސީރިއަސްކޮށް ގޮތްގޮތް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި. ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގައި. ރައްޔިތުން އެދޭ އަމާޒަށް ކަންކަން ނިންމައިދިނުމަށް. އެހެންވީމާ، އެ އުންމީދު ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ޔަގީންކަމާއެކީގައި ދެމުން އަޅުގަނޑު ވަކިވެލާނަން.
ވަރަށް އުފާކުރަން ތިޔަބޭފުޅުންނާ އެކީގައި މިވަގުތު މިގޮތަށް ހޭދަކުރެވިގެން ދިޔައިމާ. މިއަދު މިތަނުގައި ސޮއިކުރެވިގެންދިޔަ، ކައުންސިލާ ޙަވާލުކުރެވުނު ބޭންކިންގ ދެ މަޝްރޫޢަކީވެސް، ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އެކަން ޢަމަލީގޮތުން ނިމިގެންދިޔައީމާ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިވަޑައިގަންނަވާނެ ކަމެއް. މި ރަށަށް އެކި ޚިދުމަތްތައް ހޯދަން އަންނަ މީހުންވެސް އިތުރުވާނެ ކަމެއް. އިޤްތިޞާދަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް.
އެހެންވީމާ، މި ކަންކަން މިގޮތަށް ފަހިވެގެން ދިޔުމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް މަރުޙަބާ ކިޔާ ކަމެއް. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ، މި ތަނުގައި އަޅުގަނޑު ދެންމެ މި ދެންނެވި ކަންކަމާއި އަދިވެސް ބައެއް އެހެން ގިނަ ކަންކަން ނިންމާލައި، އެ ކަންކަމުގައި ތިޔަބޭފުޅުންނާ އެކީގައި ބައިވެރިވުމުގެ އުންމީދާ އެކީގައި، އެ އުފަލުގައި ބައިވެރިވާން. އެ ވާހަކައާ އެކީގައި އަޅުގަނޑު ނިންމާލާނަން.
އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރުކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.