ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ވާރލްޑް ބޭންކްގެ ވަފްދާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިވަފްދުގެ އިސް ބޭފުޅަކަށް ހުންނެވީ ވާރލްޑް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ މަރްޒާ ޙަސަންއެވެ.

މިބައްދަލުވުމުގައި، ޑޯނަރ ކޮންފަރެންސްގައި ޤައުމުތަކުން ދޭން އެއްބަސްވެފައިވާ އެހީތައް ހޯއްދެވުމާ ބެހޭގޮތުންނާއި، އެ އެހީތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ، އަދި އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، މިގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ވާރލްޑް ބޭންކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރުއަދާކުރެއްވިއެވެ.