އިޓަލީވިލާތުގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އައުޓް ޕޯސްޓެއް، ފ. މަގޫދޫގައި ޤާއިމުކުރުމަށްޓަކައި އެ ޔުނިވަރސިޓީއަށް ޢިމާރާތެއް ހަވާލުކުރުމާބެހޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާއާ ދެމެދު ރޭ ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީވިލާތަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ. ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީގެ ރެކްޓަރ މިސްޓަރ މާސެއްލޯ ފޮންޓަނެސީއެވެ.

ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އައުޓް ޕޯސްޓެއް، ފ. މަގޫދޫގައި ޤާއިމުކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެވުނީ، މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.

މި އެއްބަސްވުމުގެ ދަށުން، އެ ޔުނިވަރސިޓީގެ ބޭފުޅުން ރާއްޖެ ވަޑައިގެން، މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގަވާނެއެވެ. އަދި އެކި މުއައްސަސާތައް ގުޅިގެން މަތީ ތަޢްލީމުގެ ދާއިރާއިން ތަމްރީނު ދިނުމުގެ ފުރްޞަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ މަރްކަޒެއް ރާއްޖޭގައި ހުރުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ޖައްވު ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވީހާވެސް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.