بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ގުޅީ ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ވަޒީރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ރަށުގެ ލޮބުވެތި ރައްޔިތުން، އަދި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދުގެ ހަވީރުގެ ވަގުތުގައި، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ގުޅީގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، މި އަހަރުގެ އެންމެ ފުރަތަމަ ރަށަކަށް އަޅުގަނޑަށް މި ރަށަށް މި އާދެވުނީ. ޙަޤީޤަތުގައިވެސް ވަރަށް އުފާކުރަން، ތިޔަބޭފުޅުންނާ ބައްދަލުވީތީ.
އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، ތިޔަބޭފުޅުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭނެ ކަމުގެ ޔަޤީންކަން. ތަރައްޤީއަށް ތިޔަބޭފުޅުން އެދިއެދި މިއަދާ ހަމަޔަށް ތިޔަ ތިއްބެވި ތިއްބެވުމަށް ނިމުން ގެނެސްދީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލުކޮށްދޭނެ ކަމުގެ ޔަޤީންކަން. އެ ޔަޤީންކަން ދިނުމަށް އަޅުގަނޑު މިއައީ.
އެންމެ ފުރަތަމަވެސް އެންމެ މުހިންމު ކަމަކީ، ރަށުގެ ޖާގަ ނެތުމުގެ މައްސަލައަށް ޙައްލެއް އައުން. މިދިޔަ ސަރުކާރުން، އެ ސަރުކާރުގެ ދައުރުގެ ވަރަށްފަހު ވަގުތު ބިން ހިއްކުމުގެ މަޝްރޫޢުގައި އެއޮތީ ސޮއިކުރެވިފައި. އެހެން ނަމަވެސް، އެ މަޝްރޫޢު އެކަށީގެންވާ ގޮތަކަށް ނުފެށި އޮތީ. ދެން އަޅުގަނޑުމެންނަށް ތަންފީޛު ކުރަން ފުރަތަމަ ލިބުނު ބަޖެޓް، އެ ސަރުކާރު ނިމިގެން ދަމުން ފާސްކުރި ބަޖެޓުގައި، އެ މަޝްރޫޢު ކުރިއަށް ގެންދެވޭފަދަ ޖާގައެއް ދީފައެއް ނެތް. ނަތީޖާއަކަށްވީ، އެ މަޝްރޫޢު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭގޮތެއް ނުވުން. ބިން ހިއްކުމުގެ މަޝްރޫޢާ އެކީގައި، ބިން ހިއްކައި، އެތަން ޕްރޮޓެކްޓް ކުރުން، ހިލަ ޖަހައިގެން ރައްކާތެރިކުރުމާ އެކީގައި ކުރިއަށް ގެންދަންޖެހޭ މުހިންމު މަޝްރޫޢެއް. އަޅުގަނޑު ގަބޫލުކުރަނީ، ހަމަ ތިޔަބޭފުޅުންވެސް ބޭނުންފުޅުވާ ގޮތަށް، އެއީ، މި ރަށަށް އެންމެ މުހިންމު މަޝްރޫޢުގެ ގޮތުގައި.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދަތުރުން އަޅުގަނޑު މިދޭ ޔަޤީންކަމަކީ، މިހާރު އެމް.ޓީ.ސީ.ސީ.ގެ ޓީމު މި ރަށަށް އައިސް އެތިބި ތިބުމަކީ، އަދި އެ ޓީމު އެއައި ބޭނުމަކީ، އަޅުގަނޑު މިދޭ ޔަޤީންކަން ދިނުން. މިހާރު އެ މަސައްކަތް، ބަންޑްވޯލް ޖެހުމުގެ މަސައްކަތާ އެކީގައި ފެށިގެން އެދަނީ. ދެން ކުރީގައި ވީހެނެއް ނުއެއްވާނެ. އެ ޔަޤީންކަން އިރާދަކުރެއްވިއްޔާ މިދެނީ. ބަންޑްވޯލް ޖަހައި ނިމި، ދެން ފަސްއަޅަން ފަށައި، އިރާދަކުރެއްވިއްޔާ ފަސްއަޅައި ނިމިގެން ނޫނީވިއްޔާ، ދެން އެ މަޝްރޫޢެއް ނުހުއްޓޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.
ރައްޔިތުން ބޭނުންފުޅުވާ ގޮތަށް، މިއަދު ބައްދަލުވުމުގައި ކައުންސިލުން ވިދާޅުވިގޮތަށް، ރައްޔިތުން ބޭނުންފުޅުވާ ގޮތަށް ޕްރޮޖެކްޓް އެއޮތީ ބައްޓަންކުރައްވާފައި. އެހެންވީމާ، އެއަކަށް އަޅުގަނޑުމެން ބަދަލެއް ނުގެންނާނަން. ހަމަ އެގޮތަށް ކުރިއަށް ގެންގޮސްދީ ނިންމައިދޭނަން.
ދެން އެއާ އެކީގައި، އެހެން މަސައްކަތްތައް އެހެރީ ކުރަން. ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތައް. މައިގަނޑު ގޮތެއްގައި ބަނދަރުގެ ޖާގައިގެ މައްސަލަ ޙައްލުކުރުން. އެކަމަށްޓަކައިވެސް ހަމަ މަސައްކަތްތަކެއް ފަށާނަން. އޭގައި ރައްޔިތުންނަށް އެންމެ ފައިދާވާ، ދުރު ރާސްތާއަށްވެސް އެންމެ ރަނގަޅުވާ ގޮތަކަށް. އެއީ، ވަކި ބަނދަރެއް ހެދުންތޯ، މިހާރު އޮތް ބަނދަރު އޮތް ތަނުން ޖާގަ އިތުރުކުރުންތޯ، ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާތައް ކުރާނަން. ރައްޔިތުންގެ ޚިޔާލު، އޭގެ ތެރޭގައި ހިމެނިގެން އޭރުން ދާނެ.
އެހެންވީމާ، ތިޔަބޭފުޅުން ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް ގޮތަށް، އެއީ، ވަކި ބަނދަރެއްތޯ، ނޫނީވިއްޔާ މިހާރު އޮތް ބަނދަރު އޮތް ތަނުން ބޮޑުކުރުންތޯ، އަޅުގަނޑަކަށް މިވަގުތު ކޮންމެގޮތެއްވިޔަސް ނުދެންނެވޭނެ. އެހެން ނަމަވެސް، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ބަނދަރުގެ މައްސަލަ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، މި ރަށުގެ އިޤްތިޞާދީ ތަރައްޤީއަށްވެސް އެންމެ ނަފާ ލިބޭގޮތަށް، މި ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރުގައި، އަދި އޭގެކުރިންވެސް، މިހާރުން މިހާރަށްވެސް ނެރުފައިކަށްޓަށް ދިމާވެފައިވާ، ނެރުފައިކަށި އޮތްގޮތުގެ ސަބަބުން ބަނދަރަށް ދިމާވެފައިވާ ދަތިކަމަށް ޙައްލު ގެނައުމާއި، މިކަންކަން ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ ވީ އެންމެ ރަނގަޅު ގޮތަކަށް، އެ މަސައްކަތް ކޮށްދީ، ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން. އެހެންވީމާ، ފުރަތަމަ ކަމަކީ ނެރުފައިކަށީގެ މައްސަލައަށް ޙައްލެއް ގެނައުން ކަމުގައިވާނަމަ، މިއަދު ބައްދަލުވުމުގައި ކައުންސިލުން އެ ވާހަކަ ވިދާޅުވީ ވަރަށް މުހިންމު ކަމަށް.
އެހެންވީމާ، މި ދަތުރަށްފަހު ދެން ޓެކްނިކަލް ލެވެލްއެއްގައި މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ކުރާނެ. މިހާރު މި ފެށޭ މަޝްރޫޢުގައި، ބޮޑުހިލަ ގެނައުމާ އެކީގައި ދާއިރުގައި އެކަމަށް ރަނގަޅު ޙައްލެއް ގެނެވެން އޮތިއްޔާ އެކަމެއްވެސް ކުރާނަން.
އެހެންވީމާ، އެ ތަފްޞީލު މިވަގުތު އަޅުގަނޑަށް ކޮންމެގޮތެއްވިޔަސް ހާމަނުކުރެވުނަސް، ޔަޤީންކަން މިދެނީ، ކައުންސިލާއި މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން، ނެރުފައިކަށީގެ މައްސަލައަށް އަދި ޖުމްލަކޮށް ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން.
އާދެ، އެއިން ދެން މި ޙައްލު ލިބެނީ، ތިޔަބޭފުޅުންގެ ޖާގަ، ބިން އިތުރުވެގެންދިޔައިމަ، އާބާދީއަށް މި ބޭނުންވާ ގޯތިގެދޮރުގެ މައްސަލައަށް ލިބޭ ފުރުޞަތު، އެ މައްސަލައަށް ޙައްލު އަންނަނީ. ހަމައެއާއެކީގައި، ރަށުގައި ލޯކަލް ޓޫރިޒަމްވެސް ހަމަ ފުދޭވަރަކަށް އެބަ ކުރިއަރައިގެން އެބަދޭ. އެކަމަށްވެސް ތިޔަބޭފުޅުންގެ ލޭންޑްޔޫސް ޕްލޭންގައިވެސް ވިސްނާވަޑައިގެންފައި އޮންނާނީ. އެހެންވީމާ، މިކަހަލަ މުހިންމު އެތައް ކަމަކަށް ޖާގަ އެބަ ލިބޭ.
ހަމައެއާއެކީގައި، ދެން ޖުމްލަ ގޮތެއްގައި ރަށުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކަށް އެ ޖާގަ އިތުރުވެގެން އެދަނީ. އެހެންވީމާ، އަޅުގަނޑު ދެކެނީ މިއީ މި ރަށުގެ ތަރައްޤީއަށް ހަމަ ލާޒިމް ދެ މަސައްކަތުގެ ގޮތުގައި. ބިން ހިއްކުމާއި، ބަނދަރުގެ މަސައްކަތް ކުރުން.
މި ރަށުގައި ކުރިއްސުރެ އެގްރީމަންޓް ކުރެވިފައި، މިގޮތަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން އޮތް ބިމެއްވެސް، ވަރަށް މައްސަލަ ބޮޑުވެފައި އޮތް ބިމެއްގެ ވާހަކަ ކައުންސިލުން ފާހަގަކުރެއްވި. އެއީ، ކުރީގެ ސަރުކާރުތަކުގައި އެކިގޮތްގޮތަށް އެގްރީމަންޓް ހެދި، މިދިޔަ ސަރުކާރުގެ ތެރޭގައި ކައުންސިލްގެވެސް މާބޮޑު ދައުރެއްނެތި، ނޫނީވިއްޔާ ކޮންމެވެސް ސަބަބަކާހުރެ ރަށަށް ފައިދާނުވާގޮތަށް މިހާރު ހުއްޓިފައި އޮތް ބިމެއްގެ ޖާގަ، ބޭކާރުވެގެން، ނޫނީވިއްޔާ މި ރަށުގެ ލޯކަލް ޓޫރިޒަމްގެ ތެރެއިން އެ ބިން އޮތް ސަރަޙައްދުގެ ބީޗްގެ އެންމެ ނަފާ ނުލިބޭކަހަލަ ގޮތަކަށް އޮތުމާ، މިފަދަ ކަންތައްތަކެއް ދިމާވެފައި އޮތް ވާހަކަ ފާހަގަކުރެއްވި.
ބައްދަލުވުމުގައިވެސް ކައުންސިލުން އެ ތަފްޞީލެއް، އެގްރީމަންޓާ އެއްޗެހި ޙިއްޞާއެއް ނުއެއް ކުރައްވާ. ކޮންމެގޮތެއްވިޔަސް، މައްސަލަ އޮތްކަން އެނގޭ. އެހެންވީމާ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރެއްވުމަށް އަޅުގަނޑު ކައުންސިލްގައި ދަންނަވަން. އިރާދަކުރެއްވިއްޔާ ސަރުކާރުން ކޮށްދޭނެ ކަމަކީ، އަދި އަޅުގަނޑުގެ ވިސްނުމަކީ، ކައުންސިލުން ބޭނުންވާގޮތަށް، ރައްޔިތުން ބޭނުންވެލައްވާ ގޮތަށް، އެ އެގްރީމަންޓް ނިމުމަކަށް ގެނައުމަކީ، ރަށަށް އެންމެ ފައިދާވާ ގޮތް ކަމުގައިވަންޏާ، އެކަމުގައި ރައްޔިތުންނަށް، ރަށަށް އެންމެ ފައިދާވާގޮތަށް އެކަން ނިންމައިދިނުމަށްޓަކައި ސަރުކާރުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ކުރެވެން އޮތް ކަމެއްވިއްޔާ އެކަމަކަށް މަގުފަހިކޮށްދިނުން.
އަޅުގަނޑު މަގު މި ފަހިކޮށްދެނީ ހުރިހާ ކަމަކަށް. އެހެންވީމާ، އަޅުގަނޑު އެދެން، މި ދަތުރަށްފަހު މި ބިމުގެ މައްސަލައިގައިވެސް ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި، އޭ.ޖީ.އާ އެކީގައި މަސައްކަތްތަކެއް ކުރަން. ސަރުކާރުގެ ވިސްނުން މިއޮތީ ހަމަ ރަށާ އެކީގައި. ރަށުގެ ރައްޔިތުންނާ އެކީގައި މިކަމުގައި. އެހެންވީމާ، އަޅުގަނޑަކަށް އެއަށްވުރެ ތަފްޞީލަށް ކޮންމެގޮތެއްވިޔަސް ނުއެއްދެވޭނެ މިވަގުތަކު.
ހަމަ އެގޮތަށް، ދެންހުރި ކަންކަމުގައިވެސް އިރާދަކުރެއްވިއްޔާ ޙައްލުތައް ގެނެސްދޭނަން. މިސާލަކަށް، ތަޢުލީމީ ދާއިރާގައި، ސްކޫލް ބޮޑުކުރުމަށް، ޖާގަ އިތުރުކުރުމަށް ފެށިފައި، ހުއްޓިފައި އޮތް މަޝްރޫޢު. ވަރަށްގިނަ މައްސަލަތައް ދިމާވެގެން، އެ އެގްރީމަންޓް ނިމުމަކަށް ގެނެވިފައި އެއޮތީ. އަޅުގަނޑުމެންގެ މި އާ ބަޖެޓުގެ ތެރެއިން މިހާރު މި ތަންފީޛު ކުރަން މި މަހު މި ފެށި ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާ. ތަޢުލީމީ ދާއިރާއިން މިގޮތަށް ހުރި މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެން ވަރަށް އިސްކަންދެން. ތަޢުލީމީ ދާއިރާއިން މި ރަށަށް މި ބޭނުންވާ ޖާގަ އިތުރުކުރުމަށްޓަކައި، އެ މަޝްރޫޢުގެ މަސައްކަތްތައް އަލުން ފަށައިދީ، ބާރު ސްޕީޑްގައި ގެންގޮސްދީ ނިންމައިދޭނެ ކަމާއި، ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާގައި ކެޕޭސިޓީ ބިލްޑްކުރުން. ޚާއްޞަ ގޮތެއްގައި، ނަރުހުންގެ ދަތިކަން، ނޫނީވިއްޔާ ހިއުމަން ރިސޯސް، ސްޓާފުން ނެތުމުގެ މައްސަލައިގައި، ލެބޯރެޓަރީގެ ޚިދުމަތް ދިނުމުގައި، މި ދަތިވާ ދަތިވުމަށް، މި ކަންތައްތައް އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. އަޅުގަނޑު އެކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.
ދެން މިސްކިތުގެ ޖާގަ. މިސްކިތް އަޅައިދިނުމަށް މިހާރު އަޅުގަނޑު އިސްލާމިކް މިނިސްޓްރީގައި ދަންނަވާފައި އޮންނާނީ. މިގޮތަށް ޖާގަ ދަތިވެފައި، އާބާދީ ވަރަށްބޮޑު، މިހެން ހުންނަ ރަށްތަކުގައި އެކަށީގެންވާ ފެންވަރުގެ މިސްކިތްތައް އެޅުމަށްޓަކައި މަސައްކަތްތަކެއް ފަށަން. އެހެންވީމާ، އަޅުގަނޑު މިކަމަށްޓަކައި މަސައްކަތް ފަށާނަން އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން އެކަމަށް އެދިވަޑައިގެންފައިވާތީ. އެކަމަށް ވީހާވެސް އަވަހަކަށް ޙައްލެއް ގެނައުމަށް މަސައްކަތް ކުރާނަން އިނގޭތޯ. ދެން ކޮންއިރަކުންތޯ ކުރެވޭނީ؟ ހަމަ އެ މަސައްކަތް ފަށައިގަތީމަ، އަޅުގަނޑުމެންނަށް އެނގޭނެ. ކޮންމެގޮތެއްވިޔަސް މި ރަށަށް ބޭނުންވާ މިސްކިތުގެ މައްސަލަ ޙައްލުކޮށްދިނުމަށް މަސައްކަތް ކުރާނަން. އާދެ، އެހެންވީމާ، ޖުމްލަކޮށް ހަމަ ހުރިހާ ކަމެއްގެ ޙައްލު ގެނެސްދިނުމުގެ މަސައްކަތް ކުރާނެ ވާހަކަ މި ދަންނަވަނީ.
ކުނި މެނޭޖް ކުރުމަކީ، އަޅުގަނޑުމެން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމަންކޮށް އޮތް އެއް މައްސަލަ. އަޅުގަނޑުމެން އެ މައްސަލަ ޙައްލުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގަނެގެން މިއުޅެނީ. ވެމްކޯގެ ޕްރެސެންސް، ނޫނީ ވެމްކޯ އައިސްގެން، ވެމްކޯ މެދުވެރިކޮށް، ކުނި މެނޭޖް ކުރުމަށް ބޭނުންވާ ރަށްތައް، އެކަމަށްޓަކައި ހަމަ އަޅުގަނޑުމެން މަރުޙަބާ ކިޔަން. ޚާއްޞަކޮށް، މާލެ ސަރަޙައްދުގައި މިހިރަ ގިނަ ރަށްތަކުގައި ވެމްކޯ އައިސްގެން މަސައްކަތް ފަށަން ކައުންސިލްތަކުން ބޭނުންވޭ. މި ރަށުގައިވެސް އެކަމުގެ މަޝްވަރާތައް އެބަ ހިނގާ.
އެހެންވީމާ، އެގޮތަށް އެކަން ކުރުމަށްޓަކައިވެސް ސަރުކާރުގެ ތެރެއިން، ވެމްކޯގެ ތެރެއިން ފަހިކޮށްދޭންޖެހޭ ކަމެއް އޮތިއްޔާ އަޅުގަނޑު ހަމަ އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ބަލައިދޭނަން، ރަށަށް އެކަމުގައި ފަހިވާނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް. ކުނީގެ މައްސަލައަކީ މުޅި ރާއްޖޭގައިވެސް ކޮމަން އެއް މައްސަލަ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މައްސަލައަށް ޙައްލު ގެނައުމުގައި ވަރަށްގިނަ ކަންތައްތައް، ކުރިއަށް އޮތް ތާނގައި ފެނިގެންދާނެ.
އާދެ، ހަމަ ޖުމްލަގޮތެއްގައި އަޅުގަނޑު މި ދަންނަވާލީ، މައިގަނޑު ގޮތެއްގައި މިހިރަ ކަންތައްތައް. މިތާ ކައިރީގައި އޮތް ވަރަށްބޮޑު ފަޅެއް، އަޅުގަނޑުމެންގެ ގެދޮރުވެރިކަން ޙައްލުކުރުމުގައި އެންމެ މުހިންމު މަޝްރޫޢު މި ހިނގަނީ. ރަސްމާލެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލު އަންނާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ އެއީ އެއްތަނަކުން، އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ އެންމެބޮޑު މަޝްރޫޢު. މިހާރު ޢަމަލީގޮތުން ބިން ހިއްކުން އެ ހިނގަނީ. އަދި އިތުރު ބައެއް ފަރާތްތަކުން، އިތުރު ބައެއް ކޮމްޕެނީތަކުން އަޅުގަނޑުމެން އެތަނަށް ޑްރެޖަރު މޮބަލައިޒް ކުރުވައިގެން، އެއްފަހަރާ އެތައް މަޝްރޫޢުތަކެއް، އެތައް ފަރާތްތަކެއްގެ މަސައްކަތްތައް އެތާ ފެށުމަށް މަސައްކަތް މި ކުރަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ސްޕީޑް ދެގުނަ އަދި ތިންގުނައަށް ބާރުވާނެ. މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވި ސްޕީޑްގައި އެކަމެއް ނުއެއްދޭ. ވަރަށްގިނަ މައްސަލަތައް އަޅުގަނޑުމެންނަށް ވާރުތަވި އިޤްތިޞާދުގެ ތެރެއިން ޙައްލުކުރަން ޖެހިފައި ހުރި ގިނަ ކަންތައްތައް ޙައްލުކުރުމުގެ ތެރެއިން ކުރިމަތިވި ދަތިތައް ހަމަ ކުރިމަތިވި. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އޭގެތެރެއިން އަޅުގަނޑުމެން ކުރިއަރައިގެން އައިސް މިހާރު މަސައްކަތްތައް މި ފެށިގެންދާ ހިސާބަށް މިއޮތީ އައިސްފައި.
އެހެންވީމާ، އެ މަޝްރޫޢަކީ، މި ސަރަޙައްދުގައި، މި އަތޮޅަށް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ގެދޮރުގެ މައްސަލައިގައި އަދި އިޤްތިޞާދީ ގޮތުން އެކިއެކި ކަންކަމުގައި ފަހި ފުރުޞަތުތައް ލިބޭނެ ތަނަކަށްވާނެ. އެހެންވީމާ، އެކަމަކީ އަޅުގަނޑުމެން ހަމަ ވަރަށް ޔަޤީންކަމާ އެކީގައި ދެކޭ ކަމެއް. އެއީ، ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަދި މި ސަރަޙައްދަށް ޢާންމުކޮށް ވަރަށްބޮޑު ފައިދާއެއް ވާނެ ކަމަކަށްވާނެ.
އިރާދަކުރެއްވިއްޔާ މި ފެށިގެން މިދިޔަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް. 2025 އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން. މި އަހަރުގެ މި މަހުގެ ތެރޭގައި، ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހިރަ، އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ކެމްޕެއިން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގައިދޭނެ ފަރާތްތައް ހޯދަން، ޢަމަލީގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އަޅުގަނޑުމެން އެބަ އިޢުލާނު ކުރަން މި ޖަނަވަރީ މަސް ތެރޭގައި.
އެހެންވީމާ، ހުރިހާ ދިމާއެއްގައި އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ ރަށްތަކެއް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، މާލެ ފިޔަވައި. މާލޭގެ މަޝްރޫޢުތައް އެއީ، އަޅުގަނޑު ހަމަ އިޢުލާނުކޮށްފައިވާ ގޮތަށް އެ ކުރިއަށްދާނެ.
އެހެންވީމާ، މި މަހުގެ ތެރޭގައި އިޢުލާނު ކުރެވިގެންދާނެ، މަސައްކަތް ކުރަން ކޮންޓްރެކްޓަރުން ހޯދަން. ހަމަ އެކި ފަރާތްތަކާ މަސައްކަތް ހަވާލުވެގެންދާ ތަރުތީބުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި އަހަރު ވެގެންދާނީ ގެދޮރުގެ މައްސަލަ ޙައްލުކުރުމުގައި ޢަމަލީގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް.
ހަމަ އެއާއެކީގައި، ބިން ހިއްކައި ޖާގަ އިތުރުކުރެވިފައި ހުރި ރަށްރަށުގައިވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަސައްކަތް ކުރެވޭނެ. އެހެންވީމާ، ބޯހިޔާވަހިކަމުގެ ޢަމަލީ މަސައްކަތް، އެއް އަހަރެއްގައި އެންމެ ގިނައިން ހިނގާ އަހަރަކަށް އިރާދަކުރެއްވިއްޔާ މި ފެށުނު އަހަރު ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން.
އާދެ، އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ، އުންމީދީ ގޮތެއްގައި އަދި ޔަޤީންކަމާ އެކީގައި އަޅުގަނޑުމެންގެ މުސްތަޤްބަލާ މެދުގައި ވިސްނާވަޑައިގަންނަވަން. މި އަހަރަކީ އިރާދަކުރެއްވިއްޔާ ތަރައްޤީގެ ޢަމަލީ އަހަރު. ތަރައްޤީގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން އަޅުގަނޑުމެން ކުރިއަށް ގެންދާނެ އަހަރު. އެކި ދާއިރާތަކުން. ޚާއްޞަ ގޮތެއްގައި، ގެދޮރުވެރިކަމުގެ ދާއިރާއިން.
އަޅުގަނޑުމެން އިޢުލާނުކުރި، ފުރުޞަތު ހުޅުވާލާފައި މިއޮތް ލޯނު ސްކީމްގެ ތެރެއިން އެތައް ބަޔަކަށް ގެދޮރުގެ ލުއި ލޯނުތައް ލިބިގެންދާނެ. ޢަމަލީގޮތުން މި ދެންނެވި ފަދައިން، ހައުސިންގ މަޝްރޫޢުތައް ހިނގަން ފަށާނެ. ހަމައެއާއެކީގައި، ދެންހުރި ދާއިރާތަކުންވެސް، ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ އަދި ކުޅިވަރާއި، އެކިކަހަލަ ސޯޝަލް ދާއިރާތަކުން، ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް އަދި އިޤްތިޞާދީ ދާއިރާތަކުންވެސް ޢަމަލީގޮތުން ތަރައްޤީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ގެނެސްދޭން ވަރަށްގިނަ މަސައްކަތްތަކެއް ހިނގަން ފަށާނެ އަހަރަކަށްވާނެ. އެހެންވީމާ، އެ ޔަޤީންކަމާ އެކީގައި، އަޅުގަނޑުމެން އެންމެން މަސައްކަތްތައް ކުރިއަށް ގެންދަންވީ.
އާދެ، ހަމައެއާއެކީގައި، އަޅުގަނޑުމެންގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގައި މިދިޔަ އަހަރު މި ކުރެވުނު މަސައްކަތުގެ، އެ ބިންގަލުގެ މަތީގައި އިރާދަކުރެއްވިއްޔާ އިތުރު ހަރުފަތްތަކެއް ގިރާކޮށް، ރައްޔިތުންނަށް އޭގެ ހެވާއި ލާބަ އިޙްސާސް ވެގެންދާނެ.
މި ނިމިގެންދިޔަ ސަރުކާރުގެ ތެރެއިން ނުދީހުރި އެތައް ބިލްތަކެއް އެހެރީ. މިދިޔަ އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެން ވަރަށްގިނަ ފަރާތްތަކަށް ފައިސާ ދޫކުރިން. އަދި މި ފެށިގެން މިދިޔަ ބަޖެޓުގެ ތެރެއިން މި މަހާއި މި އަންނަ މަހާ، ދެމަސް ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ، އެގޮތަށް ހުރި އެތައް ބަޔަކަށް، އަދި މި ނިމިގެންދިޔަ 2024 ގެ ތެރޭގައިވެސް ޕެންޑިންގ ހުރި ބިލްތަކާ އެކީގައި، ވީހާވެސް ގިނަ ބަޔަކަށް، އެގޮތަށް ދޭންހުރި ފައިސާތައް ދޭން. އެއީ، ސީދާ ސަރުކާރުގެ މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތްތަކާއި، ސަރުކާރުގެ އެސް.އޯ.އީ.ތަކުން، އާރު.ޑީ.ސީ.، ފެނަކަ، ވެމްކޯ، އެމް.ޓީ.ސީ.ސީ. ދެން މިހެންގޮސް މިކަހަލަ އެކިއެކި ކުންފުނިތަކުން އެކިއެކި ޢާންމު ފަރާތްތަކުގެ ކުންފުނިތައް ލައްވައި ކުރުވައި ފައިސާ ނުދެވިފައި ހުރި ބިލްތަކަށް. މި ބިލްތަކަށް އިރާދަކުރެއްވިއްޔާ ފައިސާ ދިނުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މި ކުރެވެނީ. މި ދެމަސް ތެރޭގައި އަޅުގަނޑު މި ބަލަނީ، މިފަދަ ގިނަ ބަޔަކަށް ފައިސާދީ، އަތްމަތި ތަނަވަސްކޮށްދޭން.
މިފަދަ ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ތަރުތީބުކޮށްގެން މިގެންދަނީ. އެހެންވީމާ، ތަރައްޤީގެ ޢަމަލީ މަސައްކަތާއި، މުއްސަނދިކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އިޙްސާސްކޮށްދިނުމުގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ވަރަށް ފުޅާ ދާއިރާއެއްގައި، ވަރަށް ބާރަށް ހިނގާނެ އަހަރެއް މި އަހަރަކީ.
އެހެންވީމާ، މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދާންވީ. މިގޮތަށް ކުރިއަށްދާއިރުގައި ހަމަ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު ދޭ ޔަޤީންކަމަކީ، އަޅުގަނޑަށް އެންމެ މުހިންމީ، ރައްޔިތުންކަން. ރައްޔިތުންގެ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ތެރޭގައި ހުރި އެކިއެކި މައްސަލަތަކަށް ދާއިމީ ޙައްލުތަކެއްވެސް އަންނަގޮތަށް އަޅުގަނޑުމެންގެ ތަރައްޤީގެ ކަންކަން ބައްޓަންކުރުންކަން.
އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް، އަޅުގަނޑު ވަޢުދުވެފައި އޮތްގޮތް. ތަރައްޤީއަކީ، ދެ ވައްތަރެއްގެ ތަރައްޤީއެކޭ. މިއަދާ ހަމަޔަށް، މިހާތަނަށް އަޅުގަނޑުމެންނާ ހަމަޔަށް އައިއިރުގައި ހަމައެކަނި ތަރައްޤީ ކުރަނީ، ޢުމްރާނީ ގޮތުން، ނޫނީވިއްޔާ ފެންނަން ހުންނަ ތަރައްޤީ އެކަނި. ސިކުނޑި ތަރައްޤީ ކުރުން، އިންސާނުން ބިނާކުރުމުގެ ތަރައްޤީ، އެ ފިކުރީ ތަރައްޤީއަކަށް، ރޫޙާނީ ތަރައްޤީއަކަށް އިސްކަމެއްނުދޭ. އޭގެ ސަބަބުން ޤައުމަކަށް ޙަޤީޤީ ތަރައްޤީއެއް ނާދޭ. އެހެން ނަމަވެސް، އަޅުގަނޑު މި އިސްކަން މިދެނީ ވަށާޖެހޭގޮތަކަށް ތަރައްޤީ ގެންނަން. ތަރައްޤީގެ ޢަމަލީ މަސައްކަތްތަކާ އެކީގައި، އަޅުގަނޑުމެންގެ ތެރޭގައި ނެތެމުންދާ އާދަތައް، ރީތި އާދަތައް އަނބުރާ އިޢާދަކުރުމާއި، އަޚްލާޤީ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި އޮތް ބޮޑެތި މައްސަލަތަކަށް ޙައްލު ގެނައުމާއި، އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި ހުރި އެތައް އަހަރެއްގެ ތެރޭގައި ގޯސްވަމުންދިޔަ ކަންކަމަށް ރަނގަޅު ޙައްލުތައް، ދާއިމީ ޙައްލުތައް ގެނައުމަށް މަސައްކަތް ކުރުމާ، މިކަހަލަ ހުރިހާ ކަމެއް ރަނގަޅުކުރުމާ އެކީގައި އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުން. އެއީ، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، ޙަޤީޤަތުގައި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމަކަށްވާނީ. އޭގެ ސަބަބުން ވަގުތީ ހިތްހަމަނުޖެހުންތަކެއް އަންނާނެ ކަންކަން ހުންނާނެ. އެހެން ނަމަވެސް، އޭގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ މުޖުތަމަޢަށް އެންމެ ފައިދާވާނީ މި ވަށާޖެހޭ ތަރައްޤީއާއިގެން ކުރިއަށްދިޔައިމަކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ.
އެހެންވީމާ، އެގޮތަށް ކުރިއަށްދިޔުމުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިޔުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ލޮބުވެތި ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތަކީ.
އާދެ، އަދިވެސް އެއްފަހަރު، ގުޅީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ހަމަ ޔަޤީންކަން ދެން، މި ރަށުގެ ތަރައްޤީއަށް ކުރަން މިހިރަ މުހިންމު ކަންކަން ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ ގެންދާނަން. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، މި ބިން ހިއްކުމުގެ މަޝްރޫޢު. ހަމައެއާއެކީގައި، ބަނދަރުގެ މައްސަލަ. ދެން މިހިރަ ސްކޫލާއި، ޞިއްޙީ ދާއިރާ އަދި ދެންހުރި ކަންކަންވެސް ކުރިއަށް ގެންދާނެ ވާހަކަ މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ، މިކަންކަން ހަމަ ޢަމަލީ ސިފައިގައި ބާރު ސްޕީޑްގައި ކުރިއަށްދާނެ. އެ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަމުން، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.