بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު މިފެށޭ ރާއްޖޭގެ ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއަކީ، އަޅުގަނޑު ދަންނަވާނީ، އަދި އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑު މި މަޤާމުގައި މި ހޭދަކުރި ގާތްގަނޑަކަށް 12 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި، އެ ޖަލްސާއަކަށް ޙާޟިރުވުމުގެ އުފާ އަޅުގަނޑަށް ލިބުނު އެންމެ އުފާވެރި ޖަލްސާއޭ. މި ޖަލްސާގެ ކަންތައްތަކަށް ނަޒަރު ހިންގާލާއިރު، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މި ޖަލްސާއަކީ، ވަރަށް އުފާވެރި ޖަލްސާއެއްކަން އެނގިވަޑައިގަންނަވާނެ.
އާދެ، އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން އެތިބަ އަޅުގަނޑުމެންގެ އެންމެންގެ ލޯބި ރައްދުވާ ކުޑަކުދިންނަކީ، މި ޖަލްސާ ޒީނަތްތެރިކުރުމަށް ބޭނުންކުރެވިފައި އެވާ، ފިނިފެންމާތަކާއި، އޯކިޑްމާތަކާއި، ކާރނޭޝަންމާތަކަށްވުރެ މާ ލޮބުވެތި، މާ އުފާވެރި ކުދިންތަކެއް. ޝައްކެއްނެތް، ދިވެހިންނަކީ، ޒަމާނުއްސުރެ ކުޑަކުދިން ދެކެ ލޯބިވާ، ކުޑަކުދިންނަށް ވަރަށް ޚާއްޞަގޮތެއް ބަހައްޓަމުން އަންނަ ބައެއް. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެހެންނަމަވެސް، ޙަޤީޤަތަށް ބުރަވެހުރެ ދަންނަވަންޖެހެނީ، ދުނިޔޭގެ އެއްވެސް ތަނެއްގައި، ރާއްޖޭގެ ކުޑަކުދިން މި ތިބޭހާ ރީތިކޮށް ނަލަކޮށް، ސާފުކޮށް، ކުޑަކުދިން ބައިތިއްބާ އެއްވެސް ޤައުމެއް އަޅުގަނޑު ނުދެކެމޭ. ޝައްކެއްނެތް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް، އަދި ޚާއްޞަކޮށް، ކޮންމެ ބައްޕައަކުވެސް، ކޮންމެ މަންމައަކުވެސް ކުޑަކުދިންނަށް ބަހައްޓަނީ، ވަރަށް ޚާއްޞަގޮތެއް. އެކުދިންދެކެ ވަނީ ވަރަށް ޚާއްޞަ ލޯތްބެއް. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ކުޑަކުދިން އަބަދުވެސް އަޅުގަނޑުމެން ބައިތިއްބަނީ، ވަރަށް ރީތިކޮށް، ނަލަކޮށް ޒީނަތްތެރިކޮށްފައި. ރެޔަކާދުވާލު އެތައް ފަހަރަކު އެކުދިން ފެންވަރުވައި ރީތިކޮށް، އެކުދިންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުން އެއީ، އަޅުގަނޑުމެންގެ ކޮންމެ މަންމައެއްގެވެސް ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެމުންވަނީ އައިސްފައި.
އާދެ، އެކަންތައްތައް އެހެން އޮތުމާއެކު، މިބާވަތުގެ ޖަލްސާއެއް ރާއްޖޭގައި ބޭއްވުމަކީ އެއްގޮތަކަށްވެސް ޙައިރާންވާންވީ ކަމެއްނޫން. ރާއްޖޭގެ ރައްޔިތުންނަކީ، ކުޑަކުދިން ދެކެ ލޯބިވާ، ކުޑަކުދިންގެ ތަރައްޤީއަށް އެދޭ ބަޔަކަށްވުމާއެކު، އެ ރައްޔިތުންގެ އެ އެދުންތައް، އެއަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ބޭނުންވާ ކަންތައްތައް ރޭވުމަށާއި އަދި އެކަންތައްތައް ހިންގުމަށް ބޭނުންވާނެ ޢަމަލީ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި މިފަދަ ޖަލްސާއެއް ބޭއްވުމުގެ ބޭނުންތެރިކަން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން.
އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަންޖެހޭ. އާދެ، އެއީ، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމުގައި، އަދި މުޅި ދުނިޔޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމުގައިވެސް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ބަހައްޓަވާ ފަރާތަކަށް ޝުކުރު ދެންނެވުން. އެއީ، ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ މިސްޓަރ ޖޭމްސް ޕީ. ގްރާންޓް. އޭނާއަކީ ކުޑަކުދިންނާ ބެހޭގޮތުން ވަރަށް ގިނަ ކަންތައްތަކެއް ރާއްވަވައި ހިންގަވާ ބޭފުޅެއް. އަދި އޭނާގެ ލަފަޔާއި އިރުޝާދު، މުޅި ދުނިޔެއަށް ލިބެމުންދާ ބޭފުޅެއް. އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައިވެސް ވަރަށް ޚާއްޞަގޮތެއް ބަހައްޓަވާ ބޭފުޅެއް. 1984 ވަނަ އަހަރުގެ ތެރޭގައި، އޭނާ ރާއްޖެއަށް ޒިޔާރަތް ކުރެއްވި. ޒިޔާރަތް ކުރައްވައި، ސަރުކާރުގެ ކަމާބެހޭ ދާއިރާގެ ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައި ހެއްދެވި. އަދި އަޅުގަނޑާވެސް ބައްދަލުކޮށްލެއްވި. އޭނާ ކުޑަކުދިންނަށް ދެއްވާ އަހަންމިއްޔަތާއި، ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށް ބަހައްޓަވާ ޝައުޤުވެރިކަން އެއީ، އޭނާއާ ބައްދަލުވާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ދެނެގަނެވޭނެ އެއްޗެއް.
އެހެންކަމާއެކު، މުޅި ދުނިޔޭގެ ކުޑަކުދިންނަށް އޭނާ އެކުރައްވާ ޚިދުމަތާއި އަދި ރާއްޖޭގެ ކުޑަކުދިންނަށްވެސް އޭނާ އެކުރައްވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އާދެ، ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ މިސްޓަރ ޖޭމްސް ގްރާންޓަށް މިފަދަ ދުވަހެއްގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މިސްޓަރ ގްރާންޓް ކުރިން ގަސްތުކުރައްވާފައި އޮތީ، މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް. އޭނާއަށް އެކަމަށް ދަޢުވަތުވެސް ވަނީ އެރުވިފައި. އެހެންނަމަވެސް، އޭނާގެ މަސައްކަތްޕުޅު ހުރިގޮތުން އޭނާއަށް ވަޑައިނުގެންނެވުނީ. އެހެންކަމާއެކު، އޭނާގެ ބަދަލުގައި މި ޖަލްސާއަށް ވަޑައިގެން، މި ޖަލްސާއާ މުޚާޠަބު ކުރެއްވުމަށްޓަކައި، އޭނާ ފޮނުއްވީ އޭނާގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، އެކްސްޓަރނަލް ރިލޭޝަންސް މިސްޓަރ މާކޯ ވިއެނައްލޯ ކީއޯޑޯ. ދެންމެ އަޅުގަނޑުމެން އެންމެން މި އެހީ އޭނާ އެ އިއްވެވި ނުވަތަ އެ ދެއްވި މުހިންމު ތަޤްރީރު. އާދެ، އޭނާގެ ތަޤްރީރުގައި، ރާއްޖެއާ ބެހޭގޮތުން ވަރަށް އޯގާތެރި ބަސްފުޅުތަކެއް ވިދާޅުވި. އަދި ރާއްޖޭގެ ސަރުކާރާ ބެހޭގޮތުންވެސް ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރެއްވި. އެކަމަށްޓަކައި، މިސްޓަރ މާކޯ ވިއެނެއްލޯ ކިއޯޑޯއަށް ހިތުގެ އަޑިން ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.
އާދެ، މި ޖަލްސާއަކީ، އެއްގޮތަކުން ބަލަންޏާ، ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ ސަމިޓްގެ ނަތީޖާއެއްގެ ގޮތުން ބޭއްވޭ ޖަލްސާއެއް. އަދި 1991 ވަނަ އަހަރު އެއީ، ރާއްޖޭގެ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ގަސްތުކުރީ، މި ދެންނެވި ޖަލްސާއާ ވިދިގެންނޭވެސް ދެންނެވިދާނެ. އާދެ، ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ ސަމިޓް ޖަލްސާއަކީ، ވަރަށް ޚާއްޞަ ޖަލްސާއެއް. ދެންމެ މިސްޓަރ ކިއޯޑޯގެ ތަޤްރީރުގައި އެ ވިދާޅުވިފަދައިން، ޤައުމުތަކުގެ އެންމެ އިސްވެރިން އެފަދަ ގިނަ ޢަދަދަކަށް ޙާޟިރުވެވަޑައިގެންނެވި ނުވަތަ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް، މީގެކުރިން ދުނިޔޭގައި ބޭއްވިފައެއް ނެތް. އާދެ، ދުނިޔޭގެ އެކި ޤައުމުތަކުގެ އެންމެ އިސްވެރިން، 71 ބޭފުޅުން އެ ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވި. އަދި އެ ޖަލްސާގައި، އެ ފާސްކުރެވުނު، ކުޑަކުދިންނާބެހޭ ޤަރާރާއި، ކުޑަކުދިންނާބެހޭ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢު އެއީ، ޝައްކެއްނެތްގޮތުގައި، އ.ދ.ގެ ދާއިރާގެ ތެރޭގައި ފާސްކުރެވުނު އެންމެ މުހިންމު ޤަރާރުތަކުގެ ތެރެއިން އަދި އެންމެ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން ހިމެނޭނެ ކަންތައްތައް.
އާދެ، އެހެންވީމާ، މި ޖަލްސާ ބޭއްވުމުގެ ބޭނުމަކީ، މި ދެންނެވި ބައިނަލްއަޤްވާމީ ސަމިޓް ޖަލްސާއިން ފާސްކުރެވުނު ޤަރާރާއި އަދި ފާސްކުރެވުނު ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢާއި، މި ދެ މުހިންމު ލިޔުމުގައިވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ ރާއްޖޭގައި ކުޑަކުދިންގެ ޙާލަތު ރަނގަޅުކޮށް، ކުޑަކުދިންގެ ދިރިތިބުމާއި ޙިމާޔަތާއި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެ، އެ ފިޔަވަޅުތަކުގެ މައްޗަށް އެކުލެވޭ ޕްރޮގްރާމެއް ރޭވުމަށްޓަކައި ބޭއްވޭ ޖަލްސާއެއް. އެހެންނަމަވެސް، ތަންކޮޅެއް ފުންކޮށް ވިސްނާލާއިރު، މި އަހަރު ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމާއި އަދި ރާއްޖޭގައި ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް ބޭއްވުމާއި، މި ކަންތައްތައް މިއީ، ކުރިއްސުރެ އަޅުގަނޑުމެން ކުރަމުން އައިސްފައިވާ މަސައްކަތްތަކެއްގެ ނަތީޖާއޭވެސް ދެންނެވިދާނެ.
އާދެ، އަޅުގަނޑުމެން ކޮންމެހެން މި އަހަރު މި ފާހަގަކުރަނީކީ، ދުނިޔޭގެ އެހެން ތަންތާނގައި ކުޑަކުދިންނާބެހޭ އަހަރެއް ފާހަގަކުރާތީއެއް ނޫން. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް މި ބާއްވަނީ، ދުނިޔޭގެ އެހެން ތަންތާނގައި މިފަދަ ޤައުމީ ޖަލްސާތައް ބާއްވާތީކީވެސް ނޫން. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަރަށް މަދު ޤައުމެއްގައި މިފަދަ ޖަލްސާ ބާއްވާފައި ވަނީ. އަޅުގަނޑުމެންނަށް މިކަމުގައި ކޮންމެވެސްވަރެއްގެ އިސްކަމެއްވެސް އެބަ ލިބޭ. އަޅުގަނޑުމެން މި ޖަލްސާ މި ބާއްވަނީ، އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ކަމަށްވާތީ. އަޅުގަނޑުމެންގެ މުސްތަޤްބަލް ރާވައި، އެ މުސްތަޤްބަލް ބާއްޖަވެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން.
އާދެ، ރާއްޖޭގެ ރައްޔިތުން ކުޑަކުދިންނަށް ދެއްވާ އަހަންމިއްޔަތުގެ ސަބަބުން ސަރުކާރުގެ ސިޔާސަތަށްވެސް އޭގެ އަސަރު ފޯރާފައި އޮތީ. އޭގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށް، ވޭތުވެދިޔަ ތާނގައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި. ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވަނީ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައި. ޚާއްޞަކޮށް، ކުޑަކުދިންގެ ޞިއްޙަތާއި، ތަޢުލީމާބެހޭ ދާއިރާތަކުން. އާދެ، އެ ޕްރޮގްރާމްތަކުގެ ތަފްޞީލަށް ނުދިޔަކަމުގައިވިޔަސް، އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ ކުޑަކުދިންގެ ޙާލަތު މިއަދު، ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ތަރައްޤީވެފައިވާކަން އެއީ، އަޅުގަނޑުމެންނެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތްކުރާ ބޭރުގެ މެހްމާނުންވެސް ޤަބޫލުކުރައްވާ ކަމެއް.
އާދެ، ވަރަށް ކުޑަކުޑަ މިސާލެއް، މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅެއްގެ ވާހަކަފުޅުގައި ހިނގައްޖެ. އާދެ، އޭނާ ވިދާޅުވިގޮތުގައިވެސް މީގެ 12 އަހަރު ކުރިން، ނުވަތަ 13 އަހަރު ކުރިން، ޅަފަތުގައި މަރުވާ ކުދިންގެ ޢަދަދު އޮތީ، އެއްހާހުން ސަތޭކަ ތިރީހުގައި ނުވަތަ ސަތޭކަ ހަތާވީހުގައި. އެ ޢަދަދު އެހެން އޮވެފައި، މިއަދު ﷲގެ ވާގިފުޅާއެކު، އެ ޢަދަދު މިވަނީ، ކޮންމެ އެއްހާހަކުން ތެއްތިރީހަށް މަދުވެފައި. އާދެ، 13 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 12 އަހަރު ދުވަހުގެ ތެރޭގައި، އެ ޙާޞިލްކުރެވުނީ އަޅުގަނޑަށް ދަންނަވަންޖެހެނީ ވަރަށް ބޮޑު ކާމިޔާބީއެކޭ. އެހެންނަމަވެސް، މިހާރު އޮތް ޢަދަދު އެއީވެސް އަޅުގަނޑުމެން ޤަބޫލުކޮށްގެންވާނެ ޢަދަދެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ވިހާ ކުދިންގެ ތެރެއިން، ކޮންމެ އެއްހާސް ކުދިންގެ ތެރެއިން، ތެއްތިރީސް ކުދިން މަރުވުން. އެއީ، އަޅުގަނޑުމެން އެކަމާ ބެހޭގޮތުން އެއްވެސް ފިޔަވަޅެއް ނާޅައި، އަޅައިނުލައި ތިބެންވީ ކަމެއްނޫން. އެއަށްވުރެ އެ ޢަދަދު މާ ދަށްކުރެވެން ޖެހޭނެ.
އާދެ، އެކަން އެހެން އޮތް ނަމަވެސް، އެހެން ޤައުމުތަކާ އަޅައިބަލާއިރު، ކުޑަކުދިންނާ ބެހޭގޮތުން ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުމަކީ ހަމަ ޙައްޤު ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ދެންމެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވި ފަދައިން، ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކުޑަކުދިންނަށް ނިސްބަތްކޮށް ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ކުޑަކުދިންގެ ކަންތައްތައް އިރާދަކުރެއްވީތީ ވަރަށްވެސް ރަނގަޅު.
އާދެ، ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް ބޭއްވުމުގެ އެންމެ މުހިންމު މަޤްޞަދެއް ކަމުގައި އަޅުގަނޑު ދެކެނީ، ކުޑަކުދިންގެ ދިރިތިބުމާއި، ކުޑަކުދިންގެ ޙިމާޔަތާއި، ކުޑަކުދިންގެ ތަރައްޤީއަށްޓަކައި ޤައުމީ ފެންވަރުގައި ޢަޒުމްތަކެއް ކަނޑައެޅުން. ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުން އެއީ، ހަމައެކަނި މައިންބަފައިންގެ ވާޖިބަކަށްނުވެ، ހަމައެކަނި ސަރުކާރުގެ ވާޖިބަކަށްނުވެ، އެއީ، މުޅި ޤައުމުގެ ވާޖިބަކަށްވާކަން ދެނެގަތުން. ކުޑަކުދިންނާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، އެކުދިންގެ ތަރައްޤީއާއި، އެކުދިންގެ ބާއްޖަވެރިކަމަށް ބޭނުންވާ ފިޔަވަޅުތައް، ޢާންމު ރައްޔިތުންނަށް އޮޅުންފިލުވައިދިނުން. އާދެ، އެހެން ދަންނަވަން މި ޖެހެނީ، އަޅުގަނޑުމެން ކުޑަކުދިން ދެކެ ކިތަންމެ ލޯބިވިޔަސް، އަދި އެކުދިންނަށް ކިތަންމެ ޚާއްޞަގޮތެއް ބެހެއްޓި ކަމުގައިވިޔަސް، އެކުދިންނާ ދޭތެރޭގައި ކަންތައްތައް ކުރަންވީގޮތުގެ ތަފްޞީލް އަޅުގަނޑުމެންނަށް ނޭނގޭކަމުގައިވަންޏާ، އެކުދިންގެ ތަރައްޤީއަށާއި ޙިމާޔަތަށް ނުވަތަ ކުރިއެރުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. މިސާލެއްގެ ގޮތުން ދަންނަވަންޏާ، ދެންމެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރގެ ވާހަކަފުޅުގައި އެ ވިދާޅުވި ޢަދަދުތަކުގެ ތެރެއިން ބައެއް ޢަދަދަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޙައިރާންވާންޖެހޭ އަދި އެއާ ދޭތެރޭގައި ކަންބޮޑުވާންޖެހޭ ޢަދަދުތަކެކޭ ދަންނަވަން އަޅުގަނޑަށް މަޖުބޫރުވޭ. އޭނާ އެވިދާޅުވި ޢަދަދުތަކުން އަޅުގަނޑަށް ދޭހަވިގޮތުގައި، ޢުމުރުން 13 އަހަރުގައި، 14 އަހަރުގައި، 15 އަހަރުގައި މީހުންނާ އިންނަ އަންހެން ކުދިންނަކީ، ރާއްޖޭގައި މީހުންނާ އިންނަ އަންހެނުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ނޭނގި ތިބެގެން ނަމަވެސް ކުރެވޭ ހަމަނުޖެހޭ ކަމެއް. އަޅުގަނޑުމެންނަށް ހެދޭ ވަރަށް ބޮޑު ގޯހެއް. މައިވަންތަކަމަކީ، އެކަމަށް އަންހެން ކުއްޖާ ތައްޔާރުވާންޖެހޭނެ ކަމެއް. ހަމައެކަނި ޖިސްމާނީ ގޮތަކުންނެއް ނޫން. ޖިސްމާނީ ގޮތުން އެކުއްޖާގެ ހަށިގަނޑު މައިވަންތަކަމުގެ ދައުރަށް ތައްޔާރުވުމުގެ އިތުރަށް، އެކުއްޖާގެ ވިސްނުމާއި، އެކުއްޖާގެ އުޅުމާއި، އެ ހުރިހާ ކަމެއްވެސް މައިވަންތަކަމަށް ތައްޔާރުވާންޖެހޭނެ. އެހެންނޫންނަމަ، ލިބޭ ކުދިންނާ ދޭތެރޭގައި، އެ މަންމައަކަށް ޢަމަލުކުރެވޭނީ އެއްގޮތަކަށްވެސް ރަނގަޅަކަށެއް ނޫން. އެކުދިން ބަލައި ބޮޑުކުރުމުގައި ގެންގުޅެންވީ އުޞޫލުތަކެއް، އެ މަންމައަކަށް ނޭނގޭނެ. ނަތީޖާއަކަށްވާނީ، އެއްދުވަހުން އަނެއްދުވަހަށް ކުޑަކުދިންގެ ޙާލަތު ދަށަށްދިޔުން.
އާދެ، މިފަދަ ކަންތައްތައް މިހެން ހުރުމާއެކު، މި މައްސަލަތައް އަޅުގަނޑުމެން ދެނެގަނެ، ޤައުމީ ފެންވަރުގައި އެކަންތައްތައް ޙައްލުކުރުމަށް މިވަގުތު އަޅުގަނޑުމެން ވަނީ ޢަޒުމްތަކެއް ކަނޑައަޅަން ޖެހިފައި. އެ ބޭނުމުގައި އަޅުގަނޑުމެންގެ މި ޖަލްސާ މި ބާއްވަނީ.
އާދެ، މި ޖަލްސާއަކީ ރާއްޖޭގައި ބޭއްވޭ ކުޑަކުދިންގެ ޤައުމީ ޖަލްސާގެ އިފްތިތާޙީ ޖަލްސާ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ޖަލްސާއަށްފަހުގައި މަޝްވަރާ ކުރުމުގެ ޖަލްސާތަކެއް ބޭއްވޭނެ. މި ޖަލްސާގައި މާލެއާއި ރާއްޖެތެރެއިން ބައިވެރިވެވަޑައިގަންނަވާ ހުރިހާ މަންދޫބުން، އެކިއެކި ޖަމާޢަތްތަކަށް ބަހައިލެވިގެން، އެބޭފުޅުން ޚިޔާލުބަދަލުކުރައްވައި، މަޝްވަރާކުރައްވައި ހައްދަވާނެ. މިހާރު ތައްޔާރުކުރެވިފައިވާ ރާއްޖޭގެ ކުޑަކުދިންނާބެހޭ ޤަރާރާއި އަދި ރާއްޖޭގެ ކުޑަކުދިންނާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢާއި، މި ދެ ލިޔުމުގައިވާ ކަންތައްތަކާ ބެހޭގޮތުން ވަރަށް މިނިވަންކޮށް، ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެތެރޭގެ މަންދޫބުންނާއި، މާލޭގެ މަންދޫބުން ޚިޔާލުފާޅުކުރައްވައި ހައްދަވާނެ. އަދި އެއަށްފަހުގައި، މި ދެންނެވި ޤަރާރާއި، މި ދެންނެވި ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢު ފާސްކުރެވޭނެ. އާދެ، މި ޤަރާރާއި، ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢު މި ފާސްކުރެވެނީ، ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ދިވެހި ރައްޔިތުން، ކުޑަކުދިންނާ ބެހޭގޮތުން ކަންތައްތައް ގެންދާނެ ގޮތަކާ ބެހޭގޮތުން. އެއީ، ހަމައެކަނި ސަރުކާރުން އަޅަންވީ ފިޔަވަޅުތަކެއް ނޫން. ޢާންމު ރައްޔިތުން، ޢާންމު ރައްޔިތުންގެ ތެރޭގައި، މައިންބަފައިންނާއި މައިންބަފައިން ނޫން އެހެން ހުރިހާ އެންމެންވެސް ޝާމިލް ވެގެންދޭ.
އާދެ، އަޅުގަނޑުމެން ކުޑަކުދިންނަށް މިދޭ އަހަންމިއްޔަތުގެ އެންމެބޮޑު ސަބަބަކީ، މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައިވާކަން. އިސްލާމްދީނުގައި ކުޑަކުދިންނަށް ދެއްވާފައިވާ ޚާއްޞަ އަހަންމިއްޔަތާއި އިސްކަން އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އެނގޭކަން. ވަޒަންކުރެވޭކަން.
އާދެ، އިސްލާމްދީނުގައި ކުޑަކުދިންނަށް ދެއްވާފައިވާ ޤަދަރާއި، ކުޑަކުދިންނަށް ދެއްވާފައިވާ މަގާމާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑު ހިތުން މި ޖަލްސާގައި ބޭނުންނޫން ކަމަކަށް ނުވާނެ. އާދެ، އެންމެ ފުރަތަމަ ވިސްނާލާއިރު، ކައިވެނިކުރާއިރުވެސް ކުޑަކުދިންނާ ބެހޭގޮތުން ޚިޔާލުކުރަންޖެހޭ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުން، ފިރިހެނަކު އަނތްބަކު އިޚުތިޔާރު ކުރާއިރު އަދި އަނތްބަކު ނުވަތަ އަންހެނަކު ފިރިޔަކު އިޚްތިޔާރު ކުރާއިރު، ބަލަންޖެހެނީ އެ އިޚްތިޔާރުކުރާ އަނތްބަކީ ނުވަތަ ފިރިޔަކީ ދަރިން ލިބިއްޖެނަމަ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރެވޭވަރުގެ ޤާބިލިއްޔަތު ހުރި މީހަކަށްވޭތޯ، ނުވަތަ ނުވޭތޯ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވިދާޅުވެފައިވާ ފަދައިން، ޢާންމުކޮށް ފިރިހެނުން އަނބިން އިޚްތިޔާރު ކުރާއިރުގައި ބަލާ ހަތަރު ކަމެއް އޮވޭ. ޢާންމު އުޞޫލެއްގެ ގޮތުން މީހުން ބަލާ ކަންތައްތައް އެއީ. ކޮންމެހެން އެ ކަންތައްތަކަށް ބަލަންޖެހޭނެއެކޭ ނޫން. އެއްބައި މީހުން ބަލަނީ، އެ ކައިވެނި ކުރަން ޤަޞްދުކުރާ މީހާގެ ރީތިކަމަށް. އަނެއްބައި މީހުން ބަލަނީ، އެމީހާގެ ޙަސަބަށް ނުވަތަ ނަސަބަށް، ޢާއިލާގެ މޮޅުކަމަށް. އަނެއްބައި މީހުން ބަލަނީ، އެމީހާގެ މުއްސަނދިކަމާއި، ތަނަވަސްކަމާއި، މުދާވެރިކަމަށް. އަދި އަނެއްބަޔަކު ބަލަނީ، އެމީހާގެ ދީންވެރިކަމާއި އަޚްލާޤަށް.
ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އަންގަވަނީ، "ފުރަތަމަ ތިންބައި ދޫކޮށްލާށޭ. ކަލޭ އިޚްތިޔާރު ކުރާ އަނބިމީހާގައި ރީތިކަމާއި، މަތިވެރި ނަސަބަކުން އައިސްފައިވުމާއި، ފައިސާ ހުރުމާ މިއީކީ، ބަލަންވީ ކަންކަމެއްނޫނޭ. ބަލަންވީ ކަމަކީ އެމީހާގެ އަޚްލާޤާއި، ދީންވެރިކަމަށޭ. އެފަދަ މީހަކު އިޚްތިޔާރު ކުރާށޭ، އޭރުން ކަލެއަށް ބާއްޖަވެރިކަން ލިބޭނެއޭ." އާދެ، ވަރަށް މާތް އަގުހުރި ބަސްފުޅެއް ކީރިތި ރަސޫލާ ވިދާޅުވެފައި ވަނީ. ވަރަށް މާތް އިރުޝާދެއް، މުޅި އިސްލާމީ އުންމަތަށް ދެއްވާފައި އެވަނީ. އެބަސްފުޅުން އަދި އެ އިރުޝާދުން އަޅުގަނޑުމެންނަށް އެނގެނީ، ފިރިހެނަކު އަނތްބަކު އިޚްތިޔާރު ކުރާއިރު، އިޚްތިޔާރު ކުރަންވާނީ، އަޚްލާޤު ރަނގަޅު، ދީންވެރި، ހެޔޮލަފާ މީހެއްކަން. މާނައަކީ، ފިރިމީހާގެ ޙައްޤުތައް ރައްކާތެރިކޮށްދޭން އެނގޭ، އަދި ދަރިން ލިބިއްޖެނަމަ، އެ ދަރިންގެ ޙައްޤުތައްވެސް ރައްކާތެރިކޮށްދޭން އެނގޭ، އެ ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރަން އެނގޭ އަންހެނެކޭ އިޚްތިޔާރު ކުރަންވާނީ. ހަމައެފަދައިން، އަންހެނަކުވެސް ފިރިޔަކު އިޚްތިޔާރު ކުރާއިރު، ކަންތައް ކުރަން އިސްލާމްދީން އަންގަވާފައި ވަނީ. އެ އިޚްތިޔާރު ކުރާ ފިރިމީހާ ވާންޖެހޭނީ އަޚްލާޤު ރަނގަޅު، ހެޔޮލަފާ، ދީންވެރި މީހަކަށް. އަނބިމީހާގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭ، އަނބިމީހާ ދެކެ ލޯބިވާ، އަނބިމީހާއަށް އިޙްސާންތެރިކޮށްހިތާ ފިރިޔަކަށްވާންޖެހޭނެ. ހަމައެފަދައިން، ދަރިން ލިބިއްޖެނަމަ، އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، މާތް އަޚްލާޤު އެކުދިންނަށް ދަސްކޮށްދެވޭ ފެންވަރުގެ ހެޔޮލަފާ ރަނގަޅު މީހަކަށްވާންޖެހޭނެ.
އެހެންވީމާ، އެންމެ ފުރަތަމަ، ޢާއިލާގެ ފެށުން އޮތީވެސް މި ދެންނެވި އުޞޫލުގެ މަތިން. ކައިވެނިކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ދަރިން ލިބިއްޖެނަމަ، ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުން ކަމަށްވާތީ، މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް އިސްލާމްދީނުގައި ދެއްވާފައިވަނީ.
އާދެ، ދެމަފިރިން އެކުގައި ދިރިއުޅެމުންގޮސް، އަނބިމީހާ ބަލިވެއިނދެއްޖެނަމަ، އެހިސާބުން ފެށިގެން، އެ ބަނޑުގައި އޮންނަ ކުއްޖާގެ ޙައްޤުތައް ފެށޭ އިސްލާމްދީނުގައި. ދުނިޔެއަށް އައުމުގެ މާކުރިން އޭނާގެ ޙައްޤުތަކެއްވޭ. ބަނޑުގައި އޮންނަ ކުޑަދަރިފުޅުގެ ޙައްޤުތަކުގެ ތެރެއިން އެއްޙައްޤަކީ، އެމީހެއްގެ ބަނޑުގައި އެކުއްޖަކު އެ އުފެދެމުންދާ، އަދި ބޮޑުވަމުންދާ އަންހެނާއަށް އެއްވެސްކަހަލަ އުނދަގުލެއް ކުރިމަތިނުކުރުން. އެ އަންހެނާއަށް އެއްވެސްކަހަލަ ބުރައެއް ނުޖެއްސުން. އޭނާގެ ޞިއްޙަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރުން. އެކަމަކީ، ދީނުގެ ފަރުޟެއް ކަމުގައިވިޔަސް، އެ ކުއްޖާއަށްޓަކައި އެ ކަންތައް ދޫކޮށްލުން ދީނުގައި ވަނީ ހުއްދަ ކުރައްވާފައި.
އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ފަރުޟެއް. އެހެންނަމަވެސް، މާބަނޑުމީހާ، އޭނާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި ރޯދަ ދޫކޮށްލުން، ދީނުގައި ވަނީ ހުއްދަކުރައްވާފައި. އެއީ، އެކުއްޖާއަށް އޭގެ ސަބަބުން ގެއްލުމެއް ލިބިދާނެތީ. އެހިސާބަށް އިސްލާމްދީނުގައި ކުޑަކުދިންގެ ޙައްޤުތައް އޮތީ ރައްކާތެރިކޮށްދެއްވާފައި. އަދި މާބަނޑުމީހާ ކުރާ ކުށެއްގެ ސަބަބުން ޝަރުޢީގޮތުން އޭނާގެ މައްޗަށް ޙައްދެއް ޤާއިމްކުރަން ޖެހުނުކަމުގައިވިޔަސް، އެމީހާ ވިހާގަދަވަންދެން، އެ ޙައްދު ޖެހުން ފަސްކޮށްލުމަށް ދީނުގައި ވަނީ އަންގަވާފައި. އެހެންވީމާ، މި ހުރިހާ ގޮތަކުން މައިމީހާގެ ޞިއްޙަތާއި، އޭނާގެ ހުރިހާ ކަމެއް ރައްކާތެރިކޮށްދެއްވައި، ޙިމާޔަތްކޮށްދެއްވާފައި އިސްލާމްދީނުގައި ވަނީ، އެއީ އެ މައިމީހާގެ ޞިއްޙަތަށްޓަކައި، އޭނާގެ ސަލާމަތަށްޓަކައި، އަދި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ޞިއްޙަތާއި ސަލާމަތަށްޓަކައި.
މި ދެންނެވި ޙައްޤުތަކުގެ އިތުރަށް، ބަނޑުގައިވާ ދަރިފުޅުގެ ބައެއް މާލީ ޙައްޤުތައްވެސްވޭ. މުދަލާއި ފައިސާއާބެހޭ ޙައްޤުތައްވެސްވޭ. ފަހަރެއްގައި ކުއްލިއަކަށް ހިތަށް ގެންނަން ދަތިކަމަކަށް އަޅުގަނޑުމެންނަށް ވެދާނެ. އެހެންނަމަވެސް، ބަނޑުގައި އޮންނަ ކުއްޖާގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވާއިރު، އެކުއްޖާގެ މާލީ ނުވަތަ ފައިސާއާބެހޭ، މުދަލާބެހޭ ޙައްޤެއްވާނަމަ، އެ ޙައްޤުވެސް އޮންނަނީ ދީނުގައި ރައްކާތެރިކޮށްދެއްވާފައި. މިސާލަކަށް، މައިމީހާގެ ބަނޑުގައި ދަރިފުޅު އޮއްވައި، އެ ދަރިފުޅުގެ ބައްޕަ ނުވަތަ އެމީހެއްގެ މުދަލުން އެ ދަރިފުޅަށް މުދާ ލިބޭ މީހަކު މަރުވެއްޖެނަމަ، ބައެއް ޙާލަތްތަކުގައި ތަރިކަ މުދާ ބެހުން، އެ ދަރިފުޅު ވިހަންދެން ލަސްކޮށްލަންޖެހޭ. އެއީ، ފިރިހެން ކުއްޖެއްތޯ، އަންހެން ކުއްޖެއްތޯ އަދި އެއީ، ކިތައް ކުދިންތޯ އެނގެންދެން. ފަހަރެއްގައި އެއްމާބަނޑު ދެކުދިން ނުވަތަ އެއަށްވުރެ ގިނަކުދިންވެސް ވިހާފާނެ.
އެހެންވީމާ، ކޮންމެއަކަސް ބަނޑުގައިވާ ދަރިފުޅުގެ ޙަޤީޤަތް ރަނގަޅަށް އެނގެންދެން މުދާ ނުބަހައި މަޑުކުރަންޖެހޭ. އެއީ، އެ ދަރިފުޅުގެ ޙައްޤު ރައްކާތެރިކޮށްދިނުމަށްޓަކައި. އެހެންވީމާ، އެހާ ކުރިއްސުރެ އިސްލާމްދީނުގައި އެއޮތީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވާފައި.
ކުއްޖާ ދުނިޔެއަށް އައުމާއެކު، އެ ކުއްޖާއަށް އިތުރު ޙައްޤުތަކެއް ދީނުގައި ކަނޑައަޅުއްވާފައިވޭ. އޭގެތެރެއިން އެއް ޙައްޤަކީ، ރީތި ނަމެއް ކިޔުމުގެ ޙައްޤު. އާދެ، ކުދިންނަށް ނަންކިޔުން އެއީ، އަޅުގަނޑުމެންގެ ތެރޭގައި މިހާތަނަށް މާ ހަރުދަނާ އުޞޫލެއްގެ މަތިން ކުރެވެމުން އައިސްފައިވާ ކަމެއްނޫން. އަޅުގަނޑުމެންނަށް ރީތިވި ކޮންމެ ނަމެއް، ހަމައެކަނި އޭގެ އަޑަށް ބަލައިލާފައި، އަކުރުތަކާއި އަޑުތަކަށް ބަލައިލާފައި، އެ ރީތި އަޑެއް ނުކުންނަ ގޮތަކަށް ނަމެއް ކިޔުން އެއީ، އަޅުގަނޑުމެންގެ ގިނަ މީހުންގެ އާދައަކަށް ވެފައި އޮންނަނީ. އެހެންނަމަވެސް، ދީނުގައި އެކަން އޮތީކީ އެހެނެއްނޫން. ކުއްޖާގެ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙައްޤު، އޭނާއަށް ރީތި ނަމެއް ކިޔުން. އެ ރީތި ނަން، އެ ވާންޖެހޭ، އިސްލާމީ ނަމަކަށް. މިއީ، އަޅުގަނޑަށް ހީވަނީ، ކުޑަކުޑަ ނުކުތާއެއްހެން. ކޮބައިތޯ އިސްލާމީ ނަމަކީ؟ އެއީ ޢަރަބި ނަންތޯ؟ ނުވަތަ ޢަރަބި ބަހުން ނޫން އެހެން ބަހަކުންވެސް ނަން ކިޔިދާނެތޯ؟ މިއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެއް.
އާދެ، އިސްލާމީ ނަމަކީ، ކޮންމެހެން ޢަރަބި ނަމަކަށްވާކަށެއްނުޖެހޭ. ދިވެހި ނަމެއްވެސް ކަމުހިނގައިދާނެ. އަޅުގަނޑުމެންގެ ތެރޭގައި ހުރޭ. ދޮންމަނިކު، ދޮންތުއްތު، މިހެންގޮސް ހަމަ ރީތި ދިވެހި ނަންނަން. އެފަދަ ނަންނަންވެސް ކަމުދާނެ. އިސްލާމީ ނަމެކޭ، ޢިލްމުވެރިން ވިދާޅުވާ ވިދާޅުވުމުގައި، ބައްލަވާފައި އެވަނީ، އެ ނަމަކީ، ކަނޑައެޅިގެން އެހެން ދީނެއްގެ ބަޔަކަށް ކިޔާ ނަމެއް ކަމުގައި ނުވުން. މާނައަކީ ކްރިސްޓިއަން ދީނުގެ މީހުން، އެދީނުގެ މީހުންނަށް ކިޔާ ނަންނަން. ކަނޑައެޅިގެން އެއީ، ކްރިސްޓިއަން ނަމެއްކަން އެނގޭކަހަލަ ނަމެއް، ނުވަތަ ޔަހޫދީ ނަމެއްކަން އެނގޭކަހަލަ ނަމެއް، ނުވަތަ ބުދުދީނުގެ އަހުލުވެރިންގެ ނަމެއްކަން ކަނޑައެޅިގެން އެނގޭ ނަމެއް، އަޅުގަނޑުމެންގެ ކުދިންނަށް ކިޔައިގެން ނުވާނެ. އެއީ، އިސްލާމީ ނަމަކަށްވުމުގެ މާނައަކީ.
އެއާދޭތެރޭގައި ވިސްނާލަމާތޯ؟ ކީއްވެތޯ؟ ސަބަބަކީ، މާތްވެގެންވާ އިސްލާމްދީނުގައިވާ ގޮތުން، ތިމާ އެއީ، މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން، އެހެން މީހުންނަށް އެނގެންޖެހޭ. ހަމައެކަނި ތިމާގެ ހިތުގައި އީމާންކަން އޮތުމަކުން ނުފުދޭ. އަޅުގަނޑުމެންނަކީ މުސްލިމުންކަން އަޅުގަނޑުމެންގެ ބަހާއި ޢަމަލުން ސާބިތުކޮށްދޭންޖެހޭ. އެގޮތުން ބަލާއިރު، ތިމާއަކީ، މުސްލިމެއްކަން އެންމެ ފުރަތަމަ އެނގޭ އެއްޗަކީ ތިމާގެ ނަން. ފުރަތަމަ ބުނާއިރުވެސް "މުޙަންމަދު" އެހެން ބުނީމާ އެނގޭނެ އެއީ، މުސްލިމެއްކަން. "އަޙްމަދު" އެހެން ބުނީމާ މުސްލިމެއްކަން އެނގޭނެ. އެހެނެއްނޫން، ބައެއް އެހެންކަހަލަ ނަންނަން ބުނީމާ، ކްރިސްޓިއަން ނަމެއްކީމާ ނުވަތަ ޔަހޫދީ ނަމެއްކީމާ، އެއަކުން އަޅުގަނޑުމެންނަކަށް ނޭނގެ، އެއީ މުސްލިމެއްކަމެއް. ކުރިންވެސް މި ދެންނެވިފަދައިން، މުސްލިމެއްކަން އެނގުން އެއީ، މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ފާޅުގައި ޝަހާދަތުގެ ދެކަލިމަ ކިޔަންޖެހެނީ މުސްލިމުންނަށް ވުމަށްޓަކައި. ހިތުގައި އޮންނަ އީމާން އެއީ، އެންމެ މުހިންމު ބައި. އެހެންނަމަވެސް ހިތުގައި އޮންނަ އީމާނަކުން ނުފުދޭ. އޭގެ އިތުރަށް، އަޅުގަނޑުމެންނަކީ، މުސްލިމުންކަން އެންމެންނަށް ފާޅުކޮށް އަންގަންޖެހޭ. އޭރުން މުސްލިމުންނާ ދޭތެރޭގައި ޢަމަލުކުރަންޖެހޭ ގޮތަށް އެމީހަކާ ދޭތެރޭގައި ޢަމަލުކުރެވޭނީ. އަދި މުސްލިމުންނަށް ލިބޭ ޙައްޤުތައް އެމީހަކަށްވެސް ލިބިދެވޭނީ.
ނަމަކީ، ކޮންމެ މީހެއްގެވެސް ސުރުޚީ. ސުރުޚީ އަޅައިލީމާ އެއީ ކޮންއެއްޗެއްކަން، ޚަބަރަކީ، ކޮންއެއްޗެއްކަން އެނގޭނެ. އެހެންވީމާ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފުސުތަކުގެ ސުރުޚީ އަޅާއިރު އަޅަންޖެހޭނީ އިސްލާމީ ސުރުޚީއަކުންކަން. އެއީ ޝައްކެއްނެތް، އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް.
ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން ކަމެއް، އެ ކުއްޖާ ސާފުތާހިރުކޮށް ބެލެހެއްޓުން. އެއީ، ކޮންމެ މަންމަޔަކުވެސް ކުރާ ކަމެއް. އަދި ކުރަންޖެހޭނެ ކަމެއް. އަބަދުވެސް ކުއްޖާގެ ޙާލަތު ބަލައި، އޭނާއަށް އުނދަގޫވާ ގޮތަކަށް ކަންތައް ހުރިނަމަ، އެކަމެއް ރަނގަޅުކޮށްދީ، ސާފުކޮށް ބެލެހެއްޓުން. އަދި އެއަށްވުރެ މާ މުހިންމު ކަމެއް، މައިންބަފައިންގެ ލޯތްބާއި އޯގާވެރިކަން ދަރިފުޅަށް ލިބުން. އެއީ، ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު ޙައްޤޭވެސް ދެންނެވިދާނެ. ދަރިންނަށް މައިންބަފައިންގެ ލޯތްބާއި އޯގާވެރިކަން ލިބޭ ކަމުގައިވަންޏާ، އެހެން ހުރިހާ ޙައްޤުތަކެއް އެކުދިންނަށް ލިބިދިނުމުގެ މަގު އެއޮތީ ފަހިވެފައި.
ދަރިފުޅު އެންމެ ކުޑައިރުއްސުރެ ބޮޑުވެ ތަޞައްރުފް ފުދި، އެކުއްޖާގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ ކުއްޖަކަށް ނުވަތަ މީހަކަށް ވުމަށް ދާންދެން، އެ ދަރިފުޅު ރައްކާތެރިކޮށް، ޙިމާޔަތްކޮށް، އޭނާއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުން އެއީ، އެކުއްޖާގެ ޙައްޤު. މައިންބަފައިންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް. ހަމައެކަނި މައިންބަފައިންނެއް ނޫން، މައިންބަފައިންނާއި އަދި މައިންބަފައިންގެ ތެރެއިން މީހަކު ނެތިއްޖެ ހިނދެއްގައި، އެ ކުއްޖާގެ ޝަރުޢީ ބަލަދުވެރިޔާއާއި ނުވަތަ ބެލެނިވެރިޔާއާއި، އަވަށްޓެރިންނާއި، ޢާންމު ރައްޔިތުންނާއި، މި ހުރިހާ އެންމެން، ހުރިހާ ކުދިންގެ ޙައްޤުތައް، އެމީހަކަށް އެކުއްޖަކާ ބެހިގެން ކަންތައް ކުރަންޖެހޭ މިންވަރަކުން ރައްކާތެރިކޮށްދޭންޖެހޭ.
މައިމީހާ ކުއްޖާއަށް ކޮށްދޭންޖެހޭ އެންމެ ބޮޑު އެއްކަމަކަށް މި އޮންނަނީ އެންމެ ކުޑައިރު، އެންމެ ތުއްތުއިރު، ގާތުން ކިރުދިނުން. އާދެ އެއީ، ދީނުގައިވެސް އަންގަވާފައި އޮތްގޮތް. އަދި މި ޒަމާނުގެ ހޯދުންތަކުން ދައްކާގޮތުގައި، ކުއްޖާއަށް އެންމެ ފައިދާހުރި ގޮތްވެސްމެ. އެހެންވީމާ، ދަރިފުޅަށް މައިމީހާ ގާތުން ކިރުދިނުމާއި، އަދި އޭގެފަހުންވެސް ބޭނުންވާ ކާނާ، އެބަޔަކަށް ލިބުނު ފެންވަރަކުން ދިނުން. ހުރިހާ އެންމެންނަށް އެންމެ ރަނގަޅު ކާނާއެއް ނުލިބޭނެ. އެމީހެއްގެ ޙާލަތު ނިޔާކުރާ ގޮތެއްގެ މަތިން، އެމީހަކަށް ލިބޭ އެންމެ ރަނގަޅު ކާނާއެއް ކުދިންނަށް ކާންދީ، އެންމެ ރަނގަޅު، ހެޔޮގޮތުގައި އެކުދިން ބަލައި ހެދުމަކީ، ކޮންމެ ބައްޕައެއްގެވެސް އަދި ކޮންމެ މަންމައެއްގެވެސް ވާޖިބު.
އާދެ، އެއީވެސް ކުޑަކުދިންގެ ޙައްޤެއް. ކުޑަކުދިން ބަލައި ބޮޑުކުރުމުގައި، މައިމީހާ އަދާކުރަންޖެހޭ ޙިއްޞާއާއި، ބައްޕަ އަދާކުރަންޖެހޭ ޙިއްޞާ، މިއީ ހިސާބަކަށް އަޅުގަނޑުމެންގެ ތެރޭގައި އޮޅިފައި އޮންނަ ކަމަކަށްވުންވެސް އެކަށީގެންވޭ. އެހެން މި ދަންނަވަނީ، އިސްލާމްދީނުގައި އޮންނަނީ، ދަރިން ބަލައި ބޮޑުކުރުމަކީ، ބައްޕަގެ މަސްއޫލިއްޔަތެއް އެކަނިކަމަށޭ. އެހެން ހީވާކަހަލަ ގޮތަކަށްވެސް، ބައެއް މީހުންނަށް ވާހަކަދެކެވޭހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑަށް ހީވަނީ އެއީކީ، ރަނގަޅު ވާހަކައެއް ނޫންހެން. ދަރިން ތަރުބިއްޔަތު ކުރުމާއި ބަލައި ބޮޑުކުރުމަކީ، މަންމައާއި ބައްޕައާ ދެމީހުންގެ ވާޖިބެއް. އިސްލާމްދީނުގައި އެކަން އޮންނަނީ އެގޮތަށް ހަމަޖައްސަވާފައި.
ދަރިފުޅު އެންމެ ކުޑައިރު އަދި ޚާއްޞަކޮށް، ހަތް އަހަރުވުމުގެ ކުރިން އެ ކުއްޖާ ތަރުބިއްޔަތު ކުރުމާއި، ބަލައި ބޮޑުކުރުމުގައި މަންމަ އައުލާކަށް ބޮޑުކަމަށް، ކީރިތި ރަސޫލާ ވަނީ ޙަދީޘްކުރައްވާފައި. ޚާއްޞަކޮށް، ދެމަފިރިން ވަކިވާން ޖެހިއްޖެނަމަ. ކޮންމެވެސް ދެމަފިރިޔަކު ވަކިވާން ޖެހިގެން، އަނބިމީހާ ކީރިތި ރަސޫލާގެ އަރިހަށްގޮސް ދަންނަވަނީ، ތިމަންނަގެ މި ކުޑަދަރިފުޅު ގެންދަން އޭނާގެ ބައްޕަ ބޭނުންވެއޭ. އެހެންވީމާ، ކިހިނެއްތޯއޭ ހަދާނީ؟ ރަސޫލާ ހަދީޘްކުރެއްވީ "أَنْتِ أَحَقُّ بِهِ" "ތިޔަ އަންހެނާ އޭނާ ބަލައި ބޮޑުކުރުމުގެ ޙައްޤުކަން މާބޮޑޭ." އެހެންވީމާ، ތުއްތުކުދިން ތަރުބިއްޔަތު ކުރުމާއި، ބަލައި ބޮޑުކުރުމުގެ އެންމެ ފުރަތަމަ ޙައްޤުވެރި ފަރާތަކީ، އެކުދިންގެ މަންމަ، މައިމީހާ. އެއީ، ދީނުގައި އަންގަވާފައި އޮތްގޮތް.
ޢުމުރުން ހަތް އަހަރު ވުމުގެ ކުރިން، ދެމަފިރިން ވަކިވެގެން ޙަޟާނަތުގެ މައްސަލަ ނުކުމެއްޖެނަމަ، އާދެ، އެ ކުއްޖަކު ބަލައި ބޮޑުކުރާނެ މީހެއްގެ މައްސަލަ ނުކުމެއްޖެނަމަ، އެ ފިރިމީހާއާއި އަނބިމީހާއާ ދެމެދު ޚިލާފު އުފެދިއްޖެނަމަ، އެ ޙައްޤު ޝަރުޢުގައި ޞަރީޙަކޮށް ދެއްވާފައި އޮތީ މަންމައަށް، މައިމީހާއަށް. އެއީ، އެ މަންމަ ނުވަތަ އެ މައިމީހާ އެއީ، އެކުދިން ބަލައިބޮޑުކުރުމުގެ ޤާބިލިއްޔަތު ހުރި މީހަކަށްވަންޏާ. ބުއްދި ސަލާމަތުން ހުރި، ޞިއްޙަތު ރަނގަޅުކޮށް ހުރި މީހަކަށްވަންޏާ. އެހެނެއްނޫން، އެނޫން އެހެން ސަބަބުތަކެއް ދިމާވެގެން، އެ އަންހެންމީހާ އެއީ، އެ ކުއްޖާ ބަލައި ބޮޑުކުރެވޭވަރުގެ ޤާބިލިއްޔަތެއް ހުރި މީހަކަށް ނުވަންޏާ، ދެން އެ ޙައްޤު މާމައަށް، މަންމަގެ މަންމައަށް ނުވަތަ ބައްޕައަށް ހިނގައިދާނެ. އެހެން ނޫނީވިއްޔާ، ޙަޟާނާތުގެ ޙައްޤު އެންމެ ފުރަތަމަ އޮންނަނީ މަންމައަށް.
ވަރަށް ގިނަ ޢިލްމުވެރިން މިކަމުގެ ސަބަބު ބަޔާންކުރައްވާފައި އޮވޭ. އެއީ، މަންމައަކީ ޙަޤީޤަތުގައި ބައްޕައަށްވުރެ ބޮޑަށް ދަރިފުޅާ ޖިސްމާނީގޮތުން ގުޅިފައިވާ މީހަކަށްވުން އެއް ސަބަބަކީ. މަންމަގެ ބަނޑުގައި އޮވެގެން ދަރިފުޅު ބޮޑުވަނީ 9 މަސްދުވަސް ވަންދެން. އެހެންވީމާ، އެ އުފެދޭ ގާތްކަމާއި، އެ ޖިސްމާނީ ގުޅުން އެއީ، ޝައްކެއްނެތްގޮތުގައި، ބައްޕައާއި ދަރިފުޅާ ދޭތެރޭ އޮންނަ ގުޅުމަށްވުރެ މާވަރުގަދަ، މާބޮޑު ގުޅުމެއް. އަދި ދަރިފުޅު އުފަންވުމަށްފަހުގައި، މަންމަގެ ލޯތްބާއި، މަންމަގެ އޯގާވެރިކަން ދަރިފުޅަށް ލިބޭވަރު، ބައްޕައަށްވުރެ މާބޮޑު. އަދި މަންމަ ޢާންމުގޮތެއްގައި ދަރިފުޅު ބަލައި ބޮޑުކުރަނީ، އޭނާއަށްވެސް އިތުރު ވަގުތު އެކަމަށްވެސް ލިބޭތީ. ބައްޕައަށްވުރެ ޢާންމުގޮތެއްގައި އެކަމަށް ވަގުތު ޚާއްޞަކުރެވޭނެ މީހަކީ މަންމަ. އަދި މަންމަގެ ހިތުގައި ދަރިފުޅާމެދު އޮންނަ އޯގާވެރިކަމާއި ލޯތްބާއި، މި ކަންތައްތައް މިއީ ބައްޕައަށްވުރެ ބޮޑު ކަންތައްތަކެއް ކަމުގައި ބައެއް ފިޤުހުވެރިން ކަނޑައެޅިގެން ވިދާޅުވެފައި އެބައޮވޭ. އަދި ބައެއް ޚަލީފާއިންވެސް އެކަމަށް އިޝާރާތްކުރައްވައި، އެކިއެކި މުހިންމު ބަސްފުޅު ވިދާޅުވެފައި އެބަހުރި.
އެހެންވީމާ، ދަރިފުޅު ބަލައިބޮޑުކުރުމުގެ ޙައްޤު އެއީ، މަންމައާއި ބައްޕައާ ދެމީހުންގެ ވާޖިބެއް. ހަމައެކަނި ބައްޕަގެ ވާޖިބެއް ނޫން. އާދެ، ބައްޕަ ޚަރަދުކުރުން އެއީ، ދީނުގައި އެކަން ކަނޑައަޅުއްވާފައިވާ އުޞޫލުކަން އަޅުގަނޑުވެސް ދަންނަން. އެކުއްޖާއަށް ހިނގާ ޚަރަދު ބަރަދު ބަލަހައްޓަންޖެހޭނީ ބައްޕަ. އެހެންނަމަވެސް، އެ ކުއްޖާ ތަރުބިއްޔަތު ކުރުމާއި، އޭނާއަށް ގޮތްތައް ދަސްކޮށްދިނުމާއި، އޭނާ އެއީ، ރަނގަޅު އަޚްލާޤެއްގެ ވެރިއަކަށް ހެދުމާއި، މި ކަންތައްތައް ކުރުމުގެ އެންމެބޮޑު ފުރުޞަތު އޮންނަނީ، އަދި އެންމެ ރަނގަޅަށް އެ ކަންތައްތައް ކުރެވޭނެ ފަރާތަކީ މަންމަ.
އަޅުގަނޑު ހިތުން ދެންމެ މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރގެ ވާހަކަފުޅުގައި، އެ ދެއްވި ތަފާސްހިސާބުތަކުންވެސް، ރާއްޖޭގައި އެކަން އޮންނަނީ އެހެންކަންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެއީ، ކުދިން ބަލައިބޮޑުކުރުމަށް، ޚާއްޞަކޮށް، ޤުރްއާން ކިޔަވައިދިނުމުގެ ވާހަކަ ވިދާޅުވިއިރު އެ ވިދާޅުވީ، ކުޑަކުދިންނަށް، ދަރިންނަށް ޤުރްއާން ކިޔަވައިދިނުމުގައިވެސް ރާއްޖެތެރޭގައިވެސް އަދި މާލޭގައިވެސް ސަތޭކައަކުން ވަރަށް ގިނަ ޢަދަދެއްގެ އަންހެނުން އެކަމުގައި އުޅޭކަމަށް. އެކަމުގައި އަޅުގަނޑުމެން ފިރިހެނުން އަދާކުރާ ބައި ނިސްބަތުން ކުޑަކަމުން، އަޅުގަނޑު މިއީ ފިރިހެނަކަށްވާތީ، ކުޑަކޮށް ލަދުވެސްގަންނަންޖެހުނު.
އާދެ، ކޮންމެއަކަސް ކުޑަކުދިން ބަލައިބޮޑުކުރުން. ރަނގަޅު އުޞޫލެއްގެ މަތިން ތަރުބިއްޔަތު ކުރުން އެއީ، ކުދިންގެ ޙައްޤެއް. އިސްލާމީ އުޞޫލު ނިޔާކުރާ ގޮތުގައި، ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު ބަޔަކީ އަޚްލާޤީ ތަރުބިއްޔަތު. ކުއްޖާއަށް ރަނގަޅު އަޚުލާޤު ދަސްކޮށްދިނުން. ރަނގަޅު ގޮތްތަކެއް ދަސްކޮށްދިނުން. ރީތި ގޮތްތަކެއް ދަސްކޮށްދިނުން.
އަޅުގަނޑުމެންގެ ޢިލްމުވެރިން ވަރަށް ކުރިއްސުރެ މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވައި، ވަރަށް މަތިވެރި އިރުޝާދުތަކެއް، އެބޭފުޅުންގެ ފޮތްތަކުގައި އަޅުގަނޑުމެންނަށް ދެއްވާފައިވޭ. އޭގެތެރެއިން، އެއް ޢިލްމުވެރިޔަކު ވިދާޅުވެފައިވާ ޢިބާރާތްކޮޅެއް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާހިތްވޭ. ކުޑަކޮށް ވަގުތު ދިގުވެގެން ހިނގައިދާނެ. އެހެންނަމަވެސް، މަޢާފާއެކު ދަންނަވާލާނަން. އާދެ، މި ޢިބާރާތްކޮޅު ލިޔުއްވި ބޭފުޅަކީ، އަލްއިމާމް އަބޫ ޙާމިދު އަލްޣަޒާލީ. އަލްއިމާމުލް ޣަޒާލީއަކީ، ހިޖުރީ ގޮތުން 450 ވަނަ އަހަރު ދުނިޔެއަށް ވަޑައިގެންނެވި ބޭކަލެއް. އޭނާ ޢިލްމު ޙާޞިލްކުރެއްވުމުގެ ގޮތުން، އޭރުގެ އިސްލާމީ ޤައުމުތަކުގައި ހުރި ޢިލްމީ އެތައް މަރުކަޒަކަށް ޒިޔާރަތް ކުރައްވައި، ތަޢުލީމު ޙާޞިލްކުރެއްވި. ނައިޞާބޫރަށް ވަޑައިގެންނެވި. ބަޣްދާދަށް ވަޑައިގެންނެވި. ޙިޖާޒުކަރަޔަށް ވަޑައިގެންނެވި. ޤުދުސަށް ވަޑައިގެންނެވި. ދިމިޝްޤަށް ވަޑައިގެންނެވި. އެ ހުރިހާ ތަނަކަށް ވަޑައިގެން، ދީނީ ޢިލްމު ޙާޞިލްކުރެއްވި. ދީނީ ޢިލްމުގެ އިތުރަށް، ފަލްސަފާގެ ޢިލްމުވެސް ދަސްކުރެއްވި. އެހެންކަމުން، އަލްއިމާމުލް ޣަޒާލީ، އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިފައިވަނީ، ހަމައެކަނި ދީނީ ޢިލްމުވެރިއެއްގެ ގޮތަކުނޫން. ދީނީ ޢިލްމުވެރިއެއްގެ އިތުރަށް، ފަލްސަފާ ޢިލްމުވެރިއެއް ކަމުގައިވެސް ވަނީ ޤަބޫލުކުރެވިފައި. ކުދިން ތަރުބިއްޔަތު ކުރުމާ ބެހޭގޮތުން އޭނާ ލިޔުއްވާފައި ހުރި ވާހަކަތައް އެއީ، އެޒަމާނުގެ އެހެން ބޭފުޅުން ލިޔުއްވާފައި ހުރި ވާހަކަތަކަށްވުރެ މާ ތަފުޞީލު ގިނަ، މާ ހަރުދަނާ ވާހަކަފުޅުތަކެއް ކަމަށް، ހުރިހާ އެންމެންވެސް ޤަބޫލުކުރޭ. އެންމެ ކުޑައިރުއްސުރެ ކުޑަކުދިންނަށް ރީތި އާދަތައް ދަސްކޮށްދިނުމަށް އޭނާ ބާރުއަޅުއްވާފައިވޭ. އޭގެތެރޭގައި، ރޭގަނޑު އަވަހަށް ނިދަން ދިޔުމާއި، ފަތިހު އަވަހަށް ހޭލުމާއި އަދި ހިނގާ، ޙަރަކާތްތެރިވެ، ކުޅިވަރު ކުޅުމަށް ޝައުޤުވެރިކުރުވުމާއި، މަޖިލިސްތަކުގައި އެހެން މީހުންނާ އެކީގައި ކުޑަކުއްޖާ އިންނައިރު، އާފުރި، ކެއްސައި، މިކަހަލަ ކަންތައްތައް ނުކުރުމާއި، އެހެން މީހުންނަށް އިޙްތިރާމް ކުރުމާއި، އަދި ބޮޑުވެގެންވެސް އެއްވެސް ވާހަކައެއް ދައްކާއިރު، ތެދުނޫން އެހެން ބަހެއް ނުބުނުން ހިމެނޭ. ތެދު ބުނެފައި، އެ ބުނާ ތެދުބަސް، އެހެން މީހުން ޤަބޫލުނުކޮށްފިނަމަވެސް، ހުވާވެސް ނުކުރުން. ޤަބޫލުކުރިޔަސް، ނުކުރިޔަސް ހުވާކޮށްގެން ނުވާނެއޭ، އޭނާ ވިދާޅުވަނީ. މިކަހަލަ ވަރަށް ގިނަ ރީތި އާދަތަކާއި، ހަރުދަނާ އުޞޫލުތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް އަލްއިމާމު ޣަޒާލީ ލިޔުއްވާފައިވޭ. އޭނާ އިތުރަށް ލިޔުއްވާފައިވޭ. މިއީ ޢަރަބި ބަހުން އޮތް އެއްޗެއް. ކުޑަކޮށް ތަރުޖަމާކޮށްލަން އަޅުގަނޑު މިއުޅެނީ.
"ކުޑަކުދިން ތަރުބިއްޔަތު ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނާށޭ. ކުޑަ ދަރިފުޅަކީ، އޭނާގެ ބައްޕައާއި މަންމަގެ ޙަވާލުގައިވާ ވަރަށް މަތިވެރި އަމާނަތެކޭ. އެ ކުއްޖާގެ ޠާހިރު ހިތް އެއީ، ވަރަށް މާތް ޖައުހަރެކޭ. އެ ކުއްޖާ ވިހާއިރު، އެ ޖައުހަރުގައި އެއްވެސް އެއްޗެއް ލިޔެވިފައެއް ނޯވެއޭ. އެއްވެސް ކުރެހުމެއް އެޅިފައެއް ނޯވެއޭ. އެހެންވީމާ، އެކުއްޖާގެ އެ ހިތް ކަމުގައިވާ، އެ މާތް ޖައުހަރުގައި އޭނާގެ މައިންބަފައިން ލިޔަން ބޭނުންވާ ކޮންމެ އެއްޗެއް ލިޔެވިދާނެއޭ. އޭގައި ކުރަހަން ބޭނުންވާ ކޮންމެ ކުރެހުމެއް ކުރެހިދާނެއޭ. އެގޮތުން، ހެޔޮގޮތް އެކުއްޖާއަށް ދަސްކޮށްދީފިނަމަ، އަދި ރަނގަޅު ގޮތުގައި އެ ކުއްޖާއަށް ޢިލްމު ޙާޞިލްކޮށްދީފިނަމަ، އެ ކުއްޖާ އެއީ، ދުނިޔޭގައާއި އާޚިރަތުގައި ބާއްޖަވެރިއަކަށް ވާނެކަން ކަށަވަރޭ. އަދި އެކުއްޖާއަށް އެފަދަ ދިރިއުޅުމެއް ހޯދައިދިނުމުގެ ޘަވާބު، އެ ކުއްޖާގެ މަންމައަށާއި ބައްޕައަށާއި އަދި އެ ކުއްޖާއަށް ކިޔަވައިދިން ކޮންމެ އެދުރަކަށް ލިބޭނެކަން ކަށަވަރޭ. އެ ކުއްޖާއަށް ނުބައި ގޮތްތައް ދަސްކޮށްދެވިއްޖެނަމަ ނުވަތަ ޖަނަވާރުތައް ދޫކޮށްލެވިފައިވާ ފަދައިން، އެ ކުއްޖާ ދޫކޮށްލެވިފައިވާނަމަ، އެ ކުއްޖާ އެއީ، އަބާއްޖަވެރިއަކަށް ވާނެއޭ. އެކަމުގައި ހިމެނިގެންވާނީ އެ ކުއްޖާގެ ހަލާކޭ. އަދި އެކުއްޖާ އެ ހަލާކުވުމުގެ ކުށުގެ ފާފަ، އެ ކުއްޖާގެ މަންމައާއި ބައްޕަގެ ބޮލުގައި އެޅޭނެއޭ. އަދި އެކުއްޖާއަށް ކަންތައްތައް ދަސްކޮށްދޭން ތިބި އެހެން މީހުންގެ ބޮލުގައިވެސް އެޅޭނެއޭ."
އަލްއިމާމުލް ޣަޒާލީ ވިދާޅުވާގޮތުގައި، ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު ބަޔަކީ، އަޚްލާޤީ ތަރުބިއްޔަތު. ރީތި، އާދަކާދަ ދަސްކޮށްދިނުމާއި، ރީތިގޮތް ދަސްކޮށްދިނުން. ހަރުދަނާ އުޞޫލުތައް ދަސްކޮށްދިނުން. މިސާލަކަށް، އެހެން މީހުންނަށް ކަމޭހިތަން ދަސްކޮށްދިނުން. އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާން ދަސްކޮށްދިނުން. އެންމެ ކުޑައިރުއްސުރެ ގޭތެރޭގައިވެސް، އެހެން މީހެއްގެ އެއްޗަކާ ނުބެހި، އެހެން މީހަކަށް ނުވަތަ ކުއްޖަކަށް އުނދަގޫވާގޮތަށް އެއްވެސްކަމެއް ނުކޮށް، އެކިއެކި ޖަމާޢަތުގައި އުޅޭއިރުވެސް، އެހެން މީހުންނަށް ކަމޭހިތައި، އެ ހުރިހާ ކަމެއް އެގޮތުގެމަތިން ދަސްކޮށްދިނުން އެއީ، އެންމެ ފުރަތަމަ ކަންތައް. ދެން އޭގެ އިތުރަށް ވިދާޅުވަނީ، ކުއްޖާ ހެލިފެލިވެ އުޅުމާއި، ޙަރަކާތްތެރިވުމާއި، ހިނގާ ބިގާވެ އުޅުމާއި، ދުވެ، ކުޅިވަރު ކުޅުމާއި، މި ހުރިހާ ކަމެއްވެސް އެ ކުއްޖާއަށް ހަމަޖައްސައިދޭން ޖެހޭނެއޭ. ކުޅިވަރު ކުޅުމަކީ، ފަހަރެއްގައިވެސް ގޯސްކަމެކޭ، އަޅުގަނޑުމެންގެ ހިތަށްއަރައިގެން ނުވާނެ. ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ފުރުޞަތު ހޯދައިދޭންވާނެ. އަދި އެކުދިންނަކީ، ފިރިހެން ކުދިން ކަމުގައިވިޔަސް، އަންހެންކުދިން ކަމުގައިވިޔަސް، ކުދިންނަށް ކުޅިވަރު ކުޅެ، އެ ކުދިންގެ ޖިސްމާނީ ބާރުތައް ވަރުގަދަކުރާނެ ފުރުޞަތު އެކުދިންނަށް ލިބިދޭންވާނެ. އެއީ، އަޅުގަނޑުމެން ހައްދަވާފައިވާ ގޮތުން، އަޅުގަނޑުމެންގެ ގައިގެ ބާރުތައް ވަރުގަދަވަނީ، ނުވަތަ ތަރައްޤީވަމުންދަނީ، އަޅުގަނޑުމެންގެ ގުނަވަންތައް، އެ ވަކި ޚާއްޞަގޮތަކަށް ބޭނުންކޮށްގެން. އެހެންވީމާ، އަޅުގަނޑުމެންގެ ހަށިގަނޑަށް ކަސްރަތު ލިބިދޭފަދަ ގޮތެއްގެ މަތިން ޢަމަލުކޮށްގެން ނޫނީ، އަޅުގަނޑުމެންގެ ކުދިން، އެ ކުދިން ބޮޑުވާއިރު އެއީ، ޞިއްޙަތު ރަނގަޅު، ހަށިގަނޑުގެ ބާރުވެސް ގަދަ، ރޫފަ ރަނގަޅު ކުދިން ކަމުގައި ނުވާނެ. އެހެންވީމާ، އެކުދިންނަށް ލިބިދޭންޖެހޭ ޙައްޤެއް، ކުޅިވަރު ކުޅުމުގެ ޙައްޤު އެއީ.
އެކަމަށްވެސް، އަލްއިމާމުލް ޣަޒާލީ އިރުޝާދު ދެއްވާފައިވޭ. މީގެ ކިތައް އަހަރު ކުރިންތޯ؟ ގާތްގަނޑަކަށް އެއްހާސް އަހަރު ކުރިން އެއޮތީ ވިދާޅުވެފައި. އެއީ، ހިޖުރީގޮތުން 450 ވަނަ އަހަރު އޭނާ ދުނިޔެއަށް ވަޑައިގަތީ. އޭނާ އަވަހާރަވީ، ހިޖުރީގޮތުން 505 ވަނަ އަހަރު. ގާތްގަނޑަކަށް މީގެ 950 އަހަރު ނުވަތަ 1000 އަހަރު ކުރިން އުޅުއްވި އިސްލާމީ މާތް ޢިލްމުވެރިއެއް އޭނާ އެއީ. އޭރުވެސް އެ ވާހަކަ އޭނާ އެއޮތީ އެހެން ވިދާޅުވެފައި.
ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، މަންމައާއި ބައްޕަ ދަރިންދެކެ ލޯބިވުމަކީ، އެކުދިންނަށް އޯގާތެރިވުމަކީ، އެކުދިންގެ އެންމެ ފުރަތަމަ ޙައްޤު. އެންމެ ބޮޑު ޙައްޤު. އެ ލޯތްބާއި، އެ އޯގާވެރިކަން ދިނުމުގައި، އެމީހުންގެ ދަރިންގެ މެދުގައި އެއްވެސް ތަފާތުކަމެއް ގެންގުޅެގެން ނުވާނެ. ހުރިހާ ދަރިންނާ ދޭތެރޭގައި ގެންގުޅެންޖެހޭނީ ހަމަހަމަ އުޞޫލެއް. އެއީ، ދީނުގައި އެކަން އޮތްގޮތް. އެއީވެސް ކުޑަކުދިންގެ ޙައްޤެއް.
އޭގެތެރެއިން އެއްކަމެއް، އެކުދިންނަށް ބައްޕަގެ ނުވަތަ މަންމަގެ މުދަލުން ބައެއް ދޭއިރު، ހުރިހާ ކުދިންނަށް ހަމަހަމަވާ ގޮތެއްގެ މަތިން ދިނުން. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ، ވާޖިބެއް. އެއް ދަރިޔަކަށްވުރެ ގިނަ ދަރިން ތިބިނަމަ، އޭނާގެ މުދަލުން އެއްޗެއްދޭނަމަ، ހުރިހާ ކުދިންނަށް ހަމަހަމަ އުޞޫލަކުން ދިނުން އެއީ، ދީނީގޮތުން ވާޖިބެއް ކަމުގައި، ބައެއް ޢިލްމުވެރިން ވިދާޅުވަނީ. އެހެން ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ، ވާޖިބެއް ކަމުގައިނުވިޔަސް އެއީ، ސުންނަތްކަން ގަދަވެގެންވާ ކަމެކޭ. މާނައަކީ، އެނޫންގޮތަކަށް ޢަމަލުކުރުމަކީ، އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއްނޫނޭ.
އާދެ، ތިމާގެ ދަރިންނަށް މުދަލުން ތަކެތި ދޭއިރު، ހުރިހާ ދަރިންނަށް ހަމަހަމަކޮށް ދިނުމަކީ، ވާޖިބެއް ކަމަށް ވިދާޅުވާ ޢިލްމުވެރިން އެކަން ސާބިތުކޮށްދެއްވާ، ވަރަށް ގިނަ ޙަދީޘްތައް އެބަހުރި. އޭގެ ތެރެއިން އެއް ޙަދީޘެއް، އެއީ، މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއް، އައްނުޢްމާނު ބުނި ބަޝީރު ކިޔުނު ޞަޙާބީ ބޭކަލެއްގެ އަރިހުން. އައްނުޢުމާނު ބުނި ބަޝީރު ވިދާޅުވަނީ، "ތިމަން ކުޑައިރު ތިމަންނާގެ ބައްޕަ ތިމަން ގޮވައިގެން ނުވަތަ ތިމަން އުރުވަޑުވައިގެން ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގަތޭ. ވަޑައިގެންފައި ދެންނެވީއޭ، "އޭ ރަސޫލުﷲއޭ. ތިމަންނަގެ ދަރިފުޅު ނުޢުމާނަށް ތިމަންނަގެ މުދަލުން މިވެނި އެއްޗެއް ދީފީމޭ. އެހެންވީމާ، އެކަމަށް ހެކިވެވަޑައިގެން ދެއްވާށޭ." ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއޭ، "ކަލޭގެ ހުރިހާ ދަރިންނަށްވެސް ހަމަ ތި ނުޢުމާނަށް ދިން ފަދައިން، އެވަރުގެ ބައެއް ކަލޭގެ މުދަލުން ދިނީމުހޭ؟" ތިމަންނަގެ ބައްޕަ ދެންނެވިއޭ، "ނޫނެކޭ ނުދެމޭ." ބައެއް ރިވާޔަތްތަކުގައި ވަނީ، އެހެން ދެންނެވުމުން، ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ކަމަށް "އެހެންވެއްޖިއްޔާ ތިޔައީ، އަނިޔާއެކޭ." ކޮންމެއަކަސް ވިދާޅުވީ، ތިޔަފަދަ ހިބަޔަކަށް ތިމަންކަލޭގެފާނު ހެކިވެވަޑައެއްނުގަންނަވާނަމޭ. އެހެން މީހެއްގެ ގާތަށްގޮސް، އެހެން މީހަކު ހެކިކުރާށޭ. އަދި ޙަދީޘް ކުރެއްވި. "ކަލޭ ބޭނުންވަނީ، ކަލޭގެ ހުރިހާ ދަރިން ކަލެއާ ދޭތެރޭގައި ހެޔޮކޮށްހިތަންހޭ؟ ނުވަތަ އެއްބަޔަކު ކަލެއަށް ޢަދާވާތްތެރިވެ، ކަލެއާ ދޭތެރޭގައި ރުޅިވެރިކަމާއެކު ޢަމަލުކުރަންހޭ؟" އެކަލޭގެފާނު ދެންނެވި "ނޫނެކޭ އަޅުގަނޑު އެދެނީ، އަޅުގަނޑުގެ ދަރިން އަޅުގަނޑަށް ހެޔޮކޮށްހިތާށޭ." އެހެން ވިދާޅުވީމާ، ރަސޫލާ ޙަދީޘްކުރެއްވި. "އެހެން ވެއްޖިއްޔާ ތިޔަ ހިބަ ތިގޮތަށް ނުދޭށޭ. ތި އަނބުރާ ގެންދާށޭ."
އެހެންވީމާ، މި ޙަދީޘުންނާއި، މި މާނައިގައި ހުރި އެހެން ހަދީޘްތަކުގެ މައްޗަށް ބައްލަވާފައި، ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ބައްޕަ ނުވަތަ މަންމަ، އޭނާގެ ދަރިންނަށް ހިބައިން އެއްޗެއްދޭ ކަމުގައިވަންޏާ ނުވަތަ މުދަލުން ބައެއްދޭ ކަމުގައިވަންޏާ ދޭންވާނީ ހަމަހަމަކޮށޭ. ހުރިހާ ކުދިންނަށް ހަމަހަމަވާ ގޮތެއްގެ މަތިންނޭ.
އިބްނި ޢައްބާސް ރިވާކުރެއްވި ޙަދީޘެއްގައިވެސްވޭ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއޭ، "سَاوُوا بَيْنَ أَوْلادِكُمْ فِي الْعَطِيَّةِ." "ތިޔަބައިމީހުން އެއްޗެތިދޭ ދިނުމުގައި، ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރާށޭ." ދެން އެ ޙަދީޘްގައި އޮންނާނީ، "فَلَو كُنتُ مُفَضِّلاً أحدًا لَفَضَّلْتُ النِّسَاءَ." ތިމަންކަލޭގެފާނު މުދަލުން ތަކެތި ދިނުމުގައި ތަފާތުކުރުން ހުއްދަ ކުރައްވާނޭނަމަ ހުއްދަ ކުރެއްވީހީ، އަންހެން ކުދިންނަށް އިތުރަށް ދިނުމަށޭ. އެހެނަސް އެކަމެއް ހުއްދައެއް ނުކުރައްވާ. މިތާނގައި އަންހެން ކުދިންނަށް އިތުރަށް ދިނުމަށް ހުއްދަ ކުރައްވާނެ ކަމަށް ވިދާޅުވި ސަބަބު ކަމަށް ޢިލްމުވެރިން ވިދާޅުވަނީ، އެއީ، ވާރުތަ މުދަލުން ބައިލިބޭއިރު، އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ލިބޭތީ. އެހެންވީމާ، ބައްޕަ ދުނިޔޭގައި ނުވަތަ މަންމަ ދުނިޔޭގައި ހުރެ އެއްޗެހިދޭއިރު، އަންހެނުންނަށް ތަންކޮޅެއް ގިނައިން ދިނުން އެއީ، އެންމެ ރަނގަޅު ކަމެއް ކަމުގައިވާތީއޭ، އެހެން ޙަދީޘްކުރައްވާފައި އެއޮތީ. އެހެންނަމަވެސް، ކުރިންވެސް ދެންނެވިފަދައިން، ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ހަމަހަމަކުރުން އެއީ، ވާޖިބުކަމެއް. އެހެންވީމާ، ވަކި އަންހެން ކުއްޖަކަށްވެސް އިތުރަކަށް ދޭނެ ކަމެއް ނެތް. ބައެއް އެހެން ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ، ސުންނަތަކަށް ވާކަމަށްވަންޏާ، ފަހަރެއްގައި ކުދިންގެ މެދުގައި ތަފާތުކުރެވިދާނެ. އެ ތަފާތުކުރާ ކުރުމުގައި، ތަފާތުކުރާ ކަމަށްވަންޏާ، އަންހެން ކުދިންނަށް ގިނައިން ދޭންޖެހޭނެ.
އާދެ، މިއީ، ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން ބައެއް ޙައްޤުތައް އަޅުގަނޑަށް މި ދަންނަވާލެވުނީ. އޭގެއިތުރަށް އަދި ކުދިންނަށް ޢިލްމު އުނގަންނައިދިނުމުގެ ޙައްޤު އެއީވެސް ވަރަށް މުހިންމު ޙައްޤެއް. އެއީ، ޙަޤީޤަތުގައި ކުއްޖާ މީހަކަށް ހަދާ ކަމަކީ. ކުދިންނަށް ޢިލްމު އުނގަންނައިދިނުން. އެކަށީގެންވާ ރަނގަޅު ތަޢުލީމެއް ކުދިންނަށް ޙާޞިލްކޮށްދިނުން. އެ ތަޢުލީމުގެ ދެބައެއްވޭ. އެއްބަޔަކީ، ދީނީގޮތުން އެކުދިންނަށް އެނގެންޖެހޭ ކަންތައްތައް އަންގައިދިނުން. ކޮންމެ މުސްލިމަކަށް އެނގެންޖެހޭނެ، ދީނުގައި އެމީހާގެ މައްޗަށް ﷲ ފަރުޟު ކުރައްވާފައިވާ ކަންތައްތައް. އަދި އޭނާގެ މައްޗަށް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް. މި ކަންތައްތައް ރަނގަޅަށް ކިޔައިދީ، އޮޅުންފިލުވައިދީ ހަދަންވާނެ. އެއީ، މައިންބަފައިންގެވެސް ވާޖިބެއް. އަދި މައިންބަފައިންގެ އިތުރުން، އެކުދިން ތަރުބިއްޔަތު ކުރުމާއި، އެކުދިންނަށް އުނގަންނައިދިނުމުގެ މަސްއޫލިއްޔަތު ބޮލުގައި އަޅާ އެންމެންގެވެސް ވާޖިބެއް. އާދެ، އެއީ ތަޢުލީމުގެ އެއްބައި.
ތަޢުލީމުގެ އަނެއްބަޔަކީ، ދުނިޔޭގައި ދިރިއުޅުމުގައި ފައިދާހުރި ގޮތްތައް އެކުދިންނަށް ދަސްކޮށްދިނުން. އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތް ހޯދުމާއި އަދި ދުނިޔެ ތަރައްޤީކޮށް ކުރިއަށްދިޔުމުގައި ބޭނުންވާނެ އެކިއެކި ހުނަރުތަކާއި، ޢިލްމުތަކާއި، ފަންނުތައް ދަސްކޮށްދިނުން. އެއީވެސް ޢިލްމުގެ ވަރަށް މުހިންމު ބައެއް. އިސްލާމްދީނުގައި ދެބައި އޮންނަނީ ހިމަނުއްވާފައި. اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވާ. "ކަލެޔަށް ދުނިޔެއިންވާ ބައި ހަނދާންނައްތައިނުލާށޭ." "وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا." (القصص 77) "ކަލެއަށް ﷲ ދެއްވި ތަކެތިން އެތަކެތީގެ ބޭނުންކޮށްގެން އާޚިރަތުގެ ހެވަށް އެދޭށޭ. އެހެންނަމަވެސް، ދުނިޔެއިން ކަލެއަށްވާބައި ހަނދާންނައްތައިނުލާށޭ." އެހެންވީމާ، ދުނިޔޭގެ ދިރިއުޅުން ތަރައްޤީ ކުރުމާއި، ދުނިޔޭގައި ކުރިއަށްދިޔުމަކީ، އިސްލާމްދީން ހުއްދަކުރައްވާ ކަމެއް. އަދި ދީނުގައި ބާރުއަޅުއްވާފައި އޮތް ކަމެއް. ޤުރްއާނުގައި އަންގަވާފައިވާ ކަމެއް. އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭއިރު، ދީނުގެ ބައި ކިޔަވައިދިނުމާ އެކީގައި، ދުނިޔޭގައި އެކުދިންނަށް ފައިދާކުރާނެ ކަންތައްތައް ދަސްކޮށްދޭން ޖެހޭނެ. އޭރުން އެކުދިންނަކީ، ޙަޤީޤަތުގައި، ބޮޑެތިވެގެން އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީ ހޯދައި، އެކުދިންގެ އަމިއްލަ ޙަޔާތެއް ޤާއިމްކުރެވޭވަރުގެ ކުދިން ކަމުގައިވާނެ.
އާދެ، ކުރިންވެސް ދަންނަވައިލެވިއްޖެ. ކުދިން ބަލައި ބޮޑުކުރުމުގައި، މައިމީހާ ކުރަންޖެހޭ ކަންތައްތަކާއި، އެކަމަށްޓަކައި މައިމީހާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމާއި، އޭނާއަށް ދޭންޖެހޭ އަހަންމިއްޔަތުގެ ވާހަކަ. އާދެ، އޭގެތެރެއިން އަދި އިތުރު ކަމަކަށް ގޮސްލަން އެބަޖެހޭ އިނގޭތޯ. ވަރަށް ބޮޑަށް މާފުކުރެއްވުން އެދެން، ތަންކޮޅެއް ދިގުވާތީ. އެހެންނަމަވެސް، އެއީ ވަރަށް މުހިންމު ނުކުތާއަކަށްވާތީ، ކޮންމެވެސް އެއްޗެއް ދަންނަވާލުމަކީ، މިފަދަ ޖަލްސާއެއްގައި އެންމެ ރަނގަޅު ކަމެއް ކަމުގައި ހީވެގެން އަޅުގަނޑު އެ ވާހަކަ މި ދަންނަވާލަނީ.
އެއީ، ކުދިން ހޯދުމުގެ މައްސަލަ. ގިނައިން ކުދިން ހޯދުމާއި ނުވަތަ ކުދިން ހޯދުމުގައި ކޮންމެވެސް އުޞޫލެއް ގެންގުޅުމާ، މި ކަމާބެހޭ މައްސަލަ. މިއީވެސް އަޅުގަނޑުމެންގެ މެދުގައި ހިސާބަކަށް ޚިޔާލުތަފާތުވާ މައްސަލައެއް. ނުވަތަ އަޅުގަނޑުމެންނަށް ހީވާގޮތުގައި، ދީނުގައި އެކަން އޮތީވެސް އެހެންކަހަލަ ގޮތަކަށް ކަމަށް ބައެއް މީހުންނަށް ހީވަނީ. އެހެންނަމަވެސް، ޙަޤީޤަތަށް ދަންނަވަންޏާ އެއީކީ، އެއްގޮތަކަށްވެސް ވަކިގޮތަކަށް ދަރިން ހޯދުމުގެ ކަންތައް ގެންދިޔުން ދީނުގައި މަނާކުރައްވާފައިވާ އޮތް ކަމެއްނޫން އެއީ.
އެންމެ ފުރަތަމަ މަންމައާ ދޭތެރޭ ވިސްނާލާއިރުވެސް، މައިމީހާއާ ދޭތެރޭ ވިސްނާލާއިރު، ދީނުގެ ޢާންމު އުޞޫލަކީ، އިންސާނުންނަށް ބުރަ ތަކުލީފު ނުޖެއްސުން. އެއްވެސް މީހަކަށް، އެމީހަކަށް ކުޅަދާނަނުވާ މިންވަރަކަށް ކަމެއް ކުރަން ޖައްސައިގެނެއް ނުވާނެ. އެއީ، ދީނުގެ އާންމު އުޞޫލު. "لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا." (البقرة 286) "އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވީ މިންވަރު މެނުވީ ﷲ ތަކުލީފެއް ނުކުރައްވައެވެ." ﷲ ތަކުލީފެއް ނުކުރައްވައޭ، އަޅުގަނޑުމެންނަށް އެ އަންގަވަނީ، އަޅުގަނޑުމެންގެ ބާރުފޯރާ ހިސާބުން އަޅުގަނޑުމެންވެސް އެގޮތަށް ޢަމަލުކުރުމަށްޓަކައި. ﷲވެސް އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވީ މިންވަރު ނޫނީ ތަކުލީފެއް ނުކުރައްވާ. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށްވެސް އެއްވެސް އިންސާނަކަށް، އެމީހަކަށް ނުއުފުލޭވަރުގެ ބުރައެއް އުފުއްލާކަށް ޖައްސާކަށެއް ނުވާނެ. އެއީ، ދީނީ އުޞޫލެއް ނޫން.
ދީނުގެ ޢާންމު އަނެއް އުޞޫލު، ހަމަ. "وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ." (الحج 78) "ތިޔަބައިމީހުންނަށް ﷲ ދީނުގައި އެއްވެސް ދަތިކަމެއް، އުނދަގޫކަމެއް ލައްވާފައެއް ނުވެއޭ." މިއީ، ޢާންމު އުޞޫލަކީ. އެހެންވީމާ، މި ޢާންމު އުޞޫލުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ބުނެވޭކަށް ނެތް، އަންހެންމީހާގެ ޞިއްޙަތަށް ކިތަންމެ ގެއްލުމެއް ލިބުނުކަމުގައިވިޔަސް، ނުވަތަ އަންހެންމީހާއާއި ކުދިންނަށް ކިތަންމެ ގެއްލުމެއް ލިބުނުކަމުގައިވިޔަސް، އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތެއްގައި ދަރިން ހޯދަމުން ގެންދާށެކޭ. އެހެން ބުނެވޭކަށެއް ނެތް. އަޅުގަނޑުމެން ބަލަންޖެހޭ، މައިމީހާގެ ޞިއްޙަތަށް، ކުދިންގެ ޞިއްޙަތަށް. ޝައްކެއްނެތް، ގިނައިން ދަރިން ލިބުމަކީ، އެ އަންހެނާގެ ޞިއްޙަތަށް ގެއްލުންހުރި ކަމެއް. އެއީ، މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުންވާ ކަމެއްނޫން. އެހެންވީމާ، އެކަން އަޅުގަނޑުމެން ދަންނަންޖެހޭނެ. ފިރިން އެކަން ދަންނަންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ ޙައްޤެއް. އަޅުގަނޑުމެންގެ ވާޖިބެއް، އަޅުގަނޑުމެންގެ އަނބިންނާ ދޭތެރޭ އޯގާވެރިގޮތަށް ޢަމަލުކުރުން.
ބަނޑުބޮޑުވުމަކީ، ނުވަތަ މާބަނޑުވުމަކީ، އަދި ދަރިން ވިހެއުމަކީ، ވަރަށްބުރަ ކަމެއް. އެއީ، ހަމައެކަނި އަޅުގަނޑުމެން މިހެން ތިބެލާފައި އަޅުގަނޑުމެން އަމިއްލައަށް ބުނާ އެއްޗެއް ނޫން. ކީރިތި ޤުރްއާނުގައިވެސް އެކަން އޮތީ އެގޮތަށް އަންގަވާފައި. "وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ." (لقمان:14) "ތިމަންރަސްކަލާނގެ އިންސާނާއަށް އަމުރުކުރެއްވީމޭ، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް. (ދެން އޭގެ ސަބަބުން) އެހެނީ އޭނާގެ މައިމީހާވަނީ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިކަން ލިބިގަނެގެން، އެ ކުއްޖާ އޭނާގެ މާބަނޑުގައި އުފުލާފައެވެ." އަދި އެހެން އާޔަތެއްގައި އާދޭ، "حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا." (الأحقاف: 15) "އެ މައިމީހާ، އެ މާބަނޑުމީހާ ދަރިފުޅު އެ އުފުލަނީ ދަތި އުނދަގޫކަމާ އެކުގައޭ. އަދި އެ ވިހަނީ ދަތި އުނދަގޫކަމާ އެކުގައޭ."
އެހެންވީމާ، ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ވިސްނައި ދެއްވާފައި އެއޮތީ، މާބަނޑުވުމާއި، ދަރި ވިހެއުމުގައި ހުރި ދަތިތަކާއި، އުނދަގޫތަކާއި ނުރައްކާތައް. ޤުރްއާނުގައި އެކަން އަޅުގަނޑުމެންނަށް އެ އަންގަވަނީ ކަމަކަށްޓަކައި. ހަމައެކަނި އަޅުގަނޑުމެން ނަމާދުގައި ކިޔަވާލާފައި ނުވަތަ އެ އާޔަތް ކިޔަވާލީމާ ފުދޭގޮތަކަށް ނޫން. އެއިން އަޅުގަނޑުމެންނަށް އެއްޗެއް ދޭހަކޮށްދިނުމަށްޓަކައި. އެއިން އަޅުގަނޑުމެންނަށް އެއްޗެއް ވިސްނައިދިނުމަށްޓަކައި. އެވިސްނެނީ، އެއީ، އެހާދަތި އުނދަގޫ ބުރަ ކަމެއް ކަމަކަށްވަންޏާ، އަދި ދީނުގެ ޢާންމު އުޞޫލަކީ، ދަތިކަންތައް ފިލުވުން ކަމަށްވަންޏާ، އަޅުގަނޑުމެންޖެހޭނެ އަޅުގަނޑުމެންގެ އަންހެނުންނަށް އޯގާތެރިވާން. އެމީހުންނަށް އެވަރުގެ ބުރައެއް ނުޖައްސަން. އޭގެ މާނައަކީ، މާގިނައިން ދަރިން ލިބުނީމާ، އެއިން އެލިބޭ ގެއްލުމާއި ހަލާކުން އަޅުގަނޑުމެންގެ އަނބިން އަޅުގަނޑުމެން ރައްކާތެރިކުރަން ޖެހޭނެއޭ.
ދެން އަނެއް ނަޒަރަކުން ވިސްނާއިރު، އަޅުގަނޑުމެންނަށް އެބަޖެހޭ، އަޅުގަނޑުމެންގެ ދަރިން ރަނގަޅަށް ބަލައި ބޮޑުކުރަން. ޝައްކެއްނެތް، ތިން ހަތަރު ކުދިން ލިބިފައިވާ މީހަކު، އޭނާގެ ދަރިންނަށް އަޅައިލެވޭވަރަކަށް، ދިހަ ބާރަ ކުދިން ލިބިފައިވާ މަންމައަކަށް ނުވަތަ ބައްޕައަކަށް، އޭނާގެ ދަރިންނާމެދު އަޅައެއްނުލެވޭނެ. ފަހަރެއްގައި މާލީގޮތުން އަޅައިލެވިދާނެ. މި ދެންނެވީ، މާ ތަނަވަސް މީހަކަށް. ތަނަވަސް ޢާއިލާއަކަށް ފައިސާގެ ގޮތުން، ކުރަންޖެހޭ ޚަރަދުގެ ގޮތުން އެކަން ކުރެވިދާނެ. އެހެންނަމަވެސް، ލޯބީގެ ގޮތުން، އޯގާތެރިކަމުގެ ގޮތުން، އެ ހުރިހާ ކުދިންގެ ކަންތައްތައް އަބަދު ބަލަންޖެހޭ ބެލުމުގެ ގޮތުން، ގިނަކުދިން ލިބުނީމާ ޝައްކެއްނެތް އެއީކީ، އަޅުގަނޑުމެންނަށް މާ ފަސޭހަކޮށް ކުރެވޭނެ ކަމެއްނޫން. އަދި ކުދިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން އެއީ، ކުރިން އަޅުގަނޑު ދެންނެވި ޙަދީޘްތަކުން އެނގޭ ގޮތުގައި، ދީނުގައި ކަނޑައަޅުއްވާފައިވާ މާތް އުޞޫލު. ހަމައެކަނި އަޅުގަނޑުމެން ހަމަހަމަކަން ޤާއިމުކުރަންވީކީ، ކުދިންނަށް ތަކެތި ދޭއިރަކު ނޫން. އޭގެ އިތުރަށް، ކުދިންނާ ދޭތެރޭގައި އަޅުގަނޑުމެން މުޢާމަލާތް ކުރާއިރު، ކަންތައް ކުރާއިރު، އެ ހަމަހަމަކަން ޤާއިމުކުރަން އެބަޖެހޭ. އެހެންނަމަވެސް، އެއްކަލަ ކުދިން ގިނަވީމާ، މާގިނަ ޢަދަދަކަށް އަޅުގަނޑުމެން ކުދިން ގެންގުޅޭ ކަމަށްވަންޏާ، އެ ހަމަހަމަކަން އެގޮތަށް ޤާއިމުކުރުމަކީވެސް ފަސޭހަކަމަކަށެއް ނުވާނެ.
މި ކަންތައްތަކުގެ މައްޗަށް ބައްލަވާފައި، އަޒްހަރު ޔުނިވަރސިޓީގެ ޢިލްމުވެރިންގެ ކޮމިޓީއަކުން ތައްޔާރުކުރައްވާފައި އޮތް ފޮތެއްގައި ވިދާޅުވެފައިވަނީ، ވިހެއުމުގެ ދޭތެރެ ދުރުކުރުމަކީ، އިސްލާމްދީނުގައި ޙަރާމްކަމެއް ނޫނޭ. އެއީ، ހުއްދަ ކަމެކޭ. ދީނުގެ އުޞޫލުތައް ހުއްދަކުރާ ކަމެކޭ. އަދި ދަރިން ނުލިބޭގޮތަށް ބައެއް ވަސީލަތްތައް، އެންމެ ކުރީ ޒަމާނުގައި އަޞްޙާބު ބޭކަލުން ބޭނުންކުރެއްވި ކަމަށްވެސް ސާބިތުވާން އެބަހުރި. އެހެންވީމާ، އެބޭކަލުން އެ ވަސީލަތްތައް އެ ބޭނުންކުރެއްވީ، އަޅުގަނޑުމެން މިހާރު އެ ވަސީލަތްތައް ބޭނުންކުރަންޖެހޭ ސަބަބުތަކަށްވުރެ، މާ އާދައިގެ، މާ ކުދިކުދި ސަބަބުތަކަށްވާތީ، އެކަން އެއީ މި ޒަމާނުގައި ހުއްދަވާނެ ކަމެއް ކަމަށް އަޅުގަނޑު މި ދެންނެވި އަލްއަޒްހަރުގެ ޢިލްމުވެރިންގެ ކޮމިޓީން ނެރުއްވާފައިވާ ދިރާސާގައި ވަނީ. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން މިހާރު އެއްވެސްކަހަލަ ޖެހިލުމެއްވާކަށެއް ނުޖެހޭ. ދީނުގައި އެކަން އޮތްގޮތް ވަރަށް ސާފުކޮށް، މި ދެންނެވި ދިރާސާއިން ފެންނަން އެބައޮތް.
އެހެންވީމާ، އަޅުގަނޑު ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ކުޑަކުދިންގެ ސަލާމަތާއި ރައްކަލަށްޓަކައި އަދި އެކުދިންނަށް އެންމެ ފުރަތަމަ އެހީވާން ތިބި، އެކުދީންނަށް ގޮތްތައް ހޯދައިދޭން ތިބި، ތަރުބިއްޔަތު ކުރަން ތިބި މައިންގެ ސަލާމަތަށްޓަކައިވެސް އަޅުގަނޑުމެންގެ ޢާއިލާގެ މެންބަރުންގެ ޢަދަދު މަދުކުރުން އެއީ، ހަމަ ކޮންމެހެން ބޭނުންކަމެކޭ.
އަދި އެހެން ނަޒަރަކުން ވިސްނާއިރުވެސް އަޅުގަނޑުމެންނަށް މިކަން ކުރަންޖެހޭ. މިހާރު ދުނިޔޭގެ އާބާދީ ގިނަވެގެންދާވަރު، ޔުނިސެފްގެ އެކިއެކި ރިޕޯޓްތަކުން ފެންނަން އެބަހުރި. އެންމެފަހުން ލިބުނު ރިޕޯޓެއްގައި މި އޮންނަނީ، 1830 ވަނަ އަހަރު ތިބި ދުނިޔޭގެ އާބާދީ ޑަބަލްވީ، އޭގެ ދެގުނައަށް އިތުރުވީ، 1930 ވަނަ އަހަރުގައި ކަމަށް. އެއީ، އެއް ޤަރުނުގެ ތެރޭގައި. 100 އަހަރުގެ ތެރޭގައި ޑަބަލްވީ. ދެން 1930ން ފެށިގެން 1960 އަށް އެންމެ 30 އަހަރުގެ ތެރޭގައި އަނެއްކާ ޑަބަލްވީ. ދެން އޭގެފަހުން އައި 15 އަހަރުގެ ތެރޭގައި އަނެއްކާ ޑަބަލްވެއްޖެ. އެހެންވީމާ، ދުނިޔޭގެ އާބާދީވެސް އިތުރުވަމުން މިދަނީ، ވަރަށް ހަލުވި ބާރުމިނެއްގައި. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީވެސް، އެހެން ތަންތާނގެ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އާބާދީއަށް ބަލާއިރު އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ އާބާދީއަށް ބަލާއިރު، އިތުރުވެގެން މި އަންނަނީ، ވަރަށް ހަލުވި، ބާރުމިނެއްގައި. އެއީ، އަޅުގަނޑުމެން މިއަދު ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމެއް. މިހާރުވެސް އަޅުގަނޑުމެންގެ ކުޑަކުދިންގެ ޢަދަދު، މުޅި ރާއްޖޭގެ އާބާދީގެ ނިސްބަތުގައި އެއީ، ސަތޭކައަކުން ސާޅީސް ނުވައަކަށްވުރެވެސް ގިނަ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޢުމުރުން 16 އަހަރުން ދަށުގެ ކުދިން.
އެހެންވީމާ، ކުޑަކުދިންނާބެހޭ ޤަރާރެއް، އަޅުގަނޑުމެން މި ޖަލްސާއިން ފާސްކުރި ކަމުގައިވިޔަސް، އަދި ކުޑަކުދިންނާބެހޭ، ކުޑަކުދިންގެ ތަރައްޤީއާބެހޭ ޢަމަލީ ފިޔަވަޅުތަކުގެ މައްޗަށް އެކުލެވޭ މަޝްރޫޢެއް ފާސްކުރި ކަމުގައިވިޔަސް، އޭގައިވާ ކަންތައްތައް ކުރުމަކީ، އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ. ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށް މި ހުރިހާ ޚިދުމަތްތަކެއް ދޭން އެބަޖެހޭ، މިހާރު އަޅުގަނޑުމެންނަށް. އަދި މުސްތަޤްބަލުގައި އަޅުގަނޑުމެންގެ މި އޮތް އާބާދީ މިގޮތަށް އިތުރުވަމުންދާ ކަމަށްވަންޏާ، ކޮންމެވެސް ދުވަހެއް އަންނާނެކަންނޭނގެ، ރާއްޖޭގެ އާބާދީގެ ސަތޭކައަކުން ފަސްދޮޅަސް ނުވަތަ ހަތްދިހަ އެއީ، ޢުމުރުން 16 އަހަރު ނުވާ ކުޑަކުދިން ކަމުގައިވާނެ ޒަމާނެއް. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެ އާބާދީ، އެ އިތުރުވަމުން ދިޔުމާ ދޭތެރޭގައި ވިސްނައި، އެހެން ނުވާނެ ގޮތެއްގެ މަތިން އަޅުގަނޑުމެން ފިޔަވަޅު އަޅަންޖެހޭނެ.
އާބާދީ އިތުރުވުމުން ނުކުންނަ މައްސަލަތަކުގެ ތެރޭގައި، އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި، ޞިއްޙީ މައްސަލަތަކާއި، އިޤްތިޞާދީ މައްސަލަތައް ހިމެނޭ. އެއީ، ހަމަ ކިތަންމެ ކުޑަކޮށް ވިސްނާލިޔަސް، އަޅުގަނޑުމެންނަށް އެނގޭނެ ކަމެއް. އަދި ތިމާވެށީގެ މައްސަލަވެސް މިހާރު އޮތީ އިތުރުވެފައި. އޭގެވެސް އެންމެ ބޮޑު ސަބަބަކީ، އާބާދީ އިތުރުވުން. އާބާދީ އިތުރުވީމާ، ގިނަ މީހުންނަށް ކާންބޯންދޭންޖެހޭތީ ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. އަޅުގަނޑުމެންގެ ބިންތައް އެކި ގޮތްގޮތަށް ބޭނުންކުރަންޖެހޭ، ގަސްތައް ކަނޑަންޖެހޭ، އެކިއެކި ކާރުޚާނާތައް އުފައްދައި، އިންސާނުންގެ އެކިއެކި ބޭނުންތަކަށް ތަކެތި އުފެއްދުމަށްޓަކައި. އަޅުގަނޑުމެން ބިމުގެ އަޑިން މަޢުދަންތައް ނަގަންޖެހޭ. މިހެންގޮސް، ޤުދުރަތުގައިވާ ހުރިހާ އެއްޗެއް އަޅުގަނޑުމެން ބޭނުންކުރަން މި ޖެހެނީ، އެއްވެސް އުޞޫލެއް ނުބަލާ. މީހުން ގިނަވުމުގެ ސަބަބުން. އަޅުގަނޑުމެންގެ ރާއްޖެއަށް ވިސްނާލިޔަސް ހަމަ އެކަން އެނގޭނެ. މިހާރު އަޅުގަނޑުމެންގެ މާލެއަށް މި ދިމާވެގެން މިއުޅޭ އާބާދީގެ މައްސަލައާއި، ރާއްޖެތެރޭގެ މިކަހަލަ ބައެއް ރަށްރަށަށް ދިމާވެގެން އުޅޭ މައްސަލަތައް. އެ ނުކުންނަ އިޖްތިމާޢީ މައްސަލަތައް، ޞިއްޙީ މައްސަލަތައް، އަދި ތިމާވެށީގެ މައްސަލަތައް. މި ކަންތައްތައް މިހެން ހުރުމާ އެކުގައި، އަޅުގަނޑުމެންގެ އާބާދީ ކުރިއަށް އިތުރުވަމުންދާވަރު، ކޮންމެވެސްވަރެއްގެ ހިފެހެއްޓުމެއްގެ ތެރެއަށް ގެނައުމަކީ، މިއަދު ކުރަން ޖެހިއްޖެ ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ، ކުރިން ގަސްތުކުރިވަރަށްވުރެ، އަޅުގަނޑުގެ ވާހަކަ މާބޮޑުތަން އިތުރުވެގެންވެސް ހިނގައްޖެ. އެހެންނަމަވެސް، މި ދެންނެވި ބައެއް ނުކުތާތަކަކީ، މިކަހަލަ ޖަލްސާއެއްގައި ދަންނަވާލުން އެކަށީގެންވާ ނުކުތާތަކެއް ކަމަށް ފެންނާތީ ދަންނަވާލީ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ސަރުކާރުގެ ނަމުގައި ބައެއް ފަރާތްތަކަށް ޝުކުރު ދަންނަވަންޖެހޭ. އެންމެ ފުރަތަމަ، މި ޖަލްސާގެ ކަންތައްތައް ރާއްވަވައި ހިންގެވި އަދި ރާއްޖޭގެ ކުޑަކުދިންގެ އަހަރު ފާހަގަކުރުމުގެ ހުރިހާ ކަމެއް ރާއްވަވައި ހިންގެވި މިނިސްޓީރިއަލް ކޮމިޓީގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ، މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް އިލްޔާސް އިބްރާހީމް، އަދި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް އިސްމާޢީލް ޝަފީޢު. މި ބޭބޭފުޅުންނާއި، އެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން، ކޯރޑިނޭޓިންގ ކޮމިޓީގެ ހުރިހާ މެންބަރުން، މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުންނާއި އަދި މިއަހަރު ފާހަގަކުރުމުގެ ގޮތުން ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެ މިނިސްޓީރިއަލް ކޮމިޓީއަށާއި، ކޯޑިނޭޓިންގ ކޮމިޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، ސަރުކާރުގެ ނަމުގައި އަދި ތިޔަބޭފުޅުންގެ ނަމުގައިވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމާބެހޭ ޕްރޮގްރާމްތައް ހިންގުމުގައި، އަޅުގަނޑުމެންނަށް އެހީވެދެއްވި ބޭރުގެ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ޔުނިސެފް، ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ އަދި ޔޫ.އެން.އެފް.ޕީ.އޭ.، ދުނިޔޭގެ އާބާދީއާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި އެނޫންވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުއްވައިދެއްވި އެކިއެކި ޖަމްޢިއްޔާތަކާއި، ޤައުމުތަކަށް ޝުކުރު ދެންނެވުމަކީ، މިއަދުގެ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ހަމައެއާއެކުގައި، ކުރިންވެސް ދެންނެވި ފަދައިން، ދުނިޔޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށާއި އަދި ރާއްޖޭގެ ކުޑަކުދިންގެ ޙާލަތުވެސް ރަނގަޅުކުރުމަށް ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ މިސްޓަރ ޖޭމްސް ޕީ. ގްރާންޓް ކުރައްވާ މަސައްކަތްތަކަށްޓަކައި، އެ މަނިކުފާނަށާއި، އަދި އޭނާގެ މަންދޫބެއްގެ ގޮތުން މިތަނަށް ފޮނުއްވި މިސްޓަރ މާކޯ ވިއެނެއްލޯ ކިއޯޑޯއަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ހަމައެއާއެކުގައި، ރާއްޖެއަށް ކަނޑައެޅިފައިވާ ޔުނިސެފްގެ މަންދޫބާ މިސިޒް އޮސްޓާއަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، މި ޖަލްސާއަށް ތައްޔާރުވުމުގައާއި، އަދި މި އަހަރު ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމުގެ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން އުޅުއްވި މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ ހުރިހާ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްޞަގޮތެއްގައި، ވަރަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.
އާދެ، އަޅުގަނޑުމެން މި ފަށާ މުހިންމު މަސައްކަތް، އެއީ، ކާމިޔާބު މަސައްކަތެއް ކަމުގައި މާތްﷲ ލައްވަވާށި! އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ކުއްޖަކީ، އަޅުގަނޑުމެން ނުހަނު ލޯބިވާ، އަޅުގަނޑުމެން އެ ކުއްޖަކަށް ބޭނުންވެފައިވާ ކުއްޖެއްކަން، އެ ކުއްޖާއަށް އިޙްސާސްކޮށްދިނުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! އަދި އަޅުގަނޑުމެންގެ ހުރިހާ ދަރިންނަކީ، ހުރިހާ ކުޑަކުދިންނަކީ، އަޅުގަނޑުމެންގެ ދެލޯ ފަދައިން، އެ ކުދިން ދެކެ އަޅުގަނޑުމެން ލޯބިވާ، އަދި އެ ކުދިންނަށް ހުރިހާ ހެވެއް އެދޭ ކުދިން ކަމުގައި، އެ ކުދިންނަށް ޤަބޫލުކުރެވޭ ގޮތެއްގެ މަތިން ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! ރާއްޖެއަށް ފާގަތި މުސްތަޤްބަލެއް ދައްކަވައި، ރާއްޖޭގެ ކުޑަކުދިންނަށް އަދަށްވުރެ އުފާވެރި މާދަމާއެއް ދައްކަވައި، އެކުދިން ރަނގަޅު ގޮތުގައި، އަޚްލާޤީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންވެސް ހަރުދަނާ ރަނގަޅު ބައެއް ކަމުގައި ހެދުމުގެ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވާށި!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.