بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.
އާދެ، މިރެޔަކީ ވަރަށްވެސް އުފާވެރި ރެއެއް. ވަރަށް ތާރީޚީ ރެއެއް. މިރެއަކީ ރާއްޖޭގައި ވައިގެ ބަނދަރެއް އިފްތިތާޙު ކުރެވުނުތާ 25 އަހަރު ފުރުން ފާހަގަކުރެވޭ ރޭ. އާދެ، ދެންމެ މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އެ ބަޔާންކުރެއްވި ފަދައިން، ރާއްޖޭގައި އެންމެ ފުރަތަމަ ވައިގެ ބަނދަރެއް ހުޅުވުނީ، 1966 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 12ވަނަ ދުވަހު. އެހެންކަމުން، މި އަހަރުގެ އޭޕްރިލް މަހުގެ 12ވަނަ ދުވަހަށް އެ ވައިގެ ބަނދަރަށް އާދެ، މިހާރުގެ ނަމުން ދަންނަވާ ކަމަށްވަންޏާ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް 25 އަހަރު ފުރުނީ. 25 އަހަރަކީ ދިގު މުއްދަތެއް. އެ 25 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެވެސް ވަނީ ތަރައްޤީގެ މަގުގައި އެކިއެކި ފިޔަވަޅުތައް އަޅާފައި. އެ އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ވަރަށް މުހިންމު ގޮތެއްގައި ފާހަގަކޮށްލެވެނީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ތަރައްޤީ.
އާދެ، މި އެއަރޕޯޓަކީ، ދެންމެ ތިޔަބޭފުޅުން ތިޔަ އެއްސެވި ފަދައިން. އަދި ތިޔަބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، ތިޔަބޭފުޅުންގެ އަމިއްލަ މަސައްކަތްޕުޅުން، އާދެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަމިއްލަ ހިންމަތާއި މިންނަތުން ހަދާފައިވާ ތަނެއް. ދިވެހި ރައްޔިތުން އެ ދުވަސްވަރު ހިލޭސާބަހަށް މަސައްކަތް ކުރަމުން ގެންދިޔައީ، އަޅުގަނޑުމެން އެންމެންވެސް ފަޚްރުވެރިވުން ޙައްޤުވާފަދަ ގޮތަކަށް. އާދެ، ކަންދިމާވިގޮތުން، އެ ދުވަސްވަރު އަޅުގަނޑު ރާއްޖެއަކު ނެތިން. އެހެންނަމަވެސް، އެ ދުވަސްވަރު ކަންތައްތައް ހިނގައިދިޔަގޮތުގެ ވާހަކަ އަޅުގަނޑު އޭރުވެސް އަހަމުން ގެންދިޔައިން. އަދި މާލެ އައިފަހުން އޭގެ ތަފްޞީލުތައް މާރަނގަޅަށް އަޅުގަނޑަށް ލިބުނު.
ކޮންމެއަކަސް، ހުޅުލޭގައި އެއަރޕޯޓެއް ހެދުމުގެ މަސައްކަތަކީ، ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތް، އަދި ދިވެހި ރައްޔިތުންގެ ހިތްވަރާއި ފަންވަރު، ވަރަށް އެކަށީގެންވާ ގޮތެއްގައި މުޅި ރާއްޖެއަށް ސާބިތުކޮށްދިން ކަމެއް. އާދެ، މިއަދުވެސް އަޅުގަނޑަށް ދަންނަވަން ޖެހެނީ، އެއަރޕޯޓަށް މި އަންނަ ތަރައްޤީތަކާއި އަދި އެއަރޕޯޓުގެ ޚިދުމަތްތައް، އެއް ދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުމާއި، އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، މި ހުރިހާ ކަމެއްގައި މިއުޅެނީ ހަމަ އަޅުގަނޑުމެން ދިވެހިންނޭ. ޝައްކެއްނެތް، މިކަމަކީ ދިވެހިރައްޔިތުން ފަޚްރުވެރިވުން ޙައްޤު ކަމެއް.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޝައްކެއްނެތްގޮތުގައި، ކޮންމެ ނަޒަރަކުން ބެލިނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް މުހިންމު ތަނެއް. އިޤްތިޞާދީ ގޮތުން ބަލާއިރުވެސް އެހާ މުހިންމު ތަނެއް. ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅައިދޭ ފާލަމަކީ މި އެއަރޕޯޓް. ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅާލެވިފައިވާ ފާލަމުން ދަތުރުކޮށްފައި އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ގިނަ ޢަދަދެއްގެ ޓޫރިސްޓުން މިހާރު އަންނަމުން އެބަދޭ. އެންމެ ފުރަތަމަ، 1972 ވަނަ އަހަރު ތިންސަތޭކައެއްހާ މީހުން އައުމަށްފަހުގައި، އޭގެފަހުން މި ވޭތުވެދިޔަ އަށާރަވަރަކަށް، ނަވާރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި، އެއް އަހަރުން އަނެއްއަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޢަދަދު ދިޔައީ ގިނަވަމުން. އެންމެފަހުން މި ވޭތުވެދިޔަ އަހަރު، އާދެ، 1990 ވަނަ އަހަރު ރާއްޖެއަށް އެއްލައްކަ ނުވަދިހަ ހަތަރުހާސް ޓޫރިސްޓުން އައިކަމަށްވޭ.
ޓޫރިޒަމަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބައެއް. ރާއްޖެއަށް ބޭރުފައިސާ އެންމެ ގިނަ ޢަދަދަކަށް އެތެރެކޮށްދޭ މަސައްކަތް. އެހެންކަމުން، އިޤްތިޞާދީ ގޮތުން ބަލާއިރު، މި އެއަރޕޯޓުގެ މުހިންމު ކަމަކީ، އެއާ ދޭތެރޭގައި އަޅުގަނޑުމެން މާގިނަ ވާހަކަތަކެއް ދައްކަންޖެހޭ ކަމެއްނޫން. ޓޫރިޒަމް ކުރިއަށްދާފަދައިން، ރާއްޖޭގެ ވިޔަފާރި ކުރިއަށްދިޔުމުގައިވެސް އެއަރޕޯޓުން ކުޅޭ ބަޔަކީ ވަރަށްބޮޑު ބައެއް. އެހެންވީމާ، އިޤްތިޞާދީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ބަލާއިރު، މި އެއަރޕޯޓުގެ މުހިންމު ކަމަކީ މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހިފައިވާ ކަމެއް. ހަމައެއާއެކުގައި، ސިޔާސީގޮތުން ބަލާއިރުވެސް މި އެއަރޕޯޓަކީ ވަރަށް މުހިންމު ތަނެއް. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅައިދޭ ފާލަމަކީ މި އެއަރޕޯޓް. އެހެންކަމުން، އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަން ދަމަހައްޓައި، އަޅުގަނޑުމެންނާ ބައިނަލްއަޤްވާމީ ދުނިޔެއާ ދޭތެރޭގައި އޮންނަ ގުޅުންތައް ބަދަހިކުރުމަށްޓަކައި މި އެއަރޕޯޓް ހަރުދަނާކޮށް، އެއަރޕޯޓުގެ އިންތިޒާމުތައް ރަނގަޅު ކުރުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް.
އާދެ، މިކަންކަމުގެ އިތުރަށް، މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތަށްޓަކައިވެސް ވަރަށް މުހިންމު ތަނެއް. ޝައްކެއްނެތް، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި، މި އެއަރޕޯޓުގެ މުހިންމުކަން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވަރަށް ރަނގަޅަށް ވަޒަންކުރެވުނު. މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ މިނިވަންކަމާއި، އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް ދިފާޢުކުރުމަށްޓަކައި އަދި ދިވެހިރައްޔިތުންގެ ސަލާމަތަށްޓަކައި، ވަރަށް ރަނގަޅަށް ބެލެހެއްޓިފައި އޮންނަންޖެހޭނެ ތަނެއް ކަމުގައި މިހާރުވަނީ ވެފައި. އެގޮތުން، މި އެއަރޕޯޓުގައި މިހާރު އަޅުގަނޑުމެންގެ ސިފައިންގެ މީހުންވެސް ތިބޭ. ޝައްކެއްނެތްގޮތުގައި އެއީ، އަޅުގަނޑުމެން ހަމަ ކޮންމެހެންވެސް މިހާރު ކުރަން ޖެހިފައިވާ ކަމެއް.
މި ދެންނެވި ހުރިހާ ގޮތަކުންވެސް އަދި މީގެއިތުރުން، އިޖްތިމާޢީ ގޮތުންވެސް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުހިންމު ތަނެއް. އެހެން މި ދެންނެވީ އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ މީހުންނަކީ މިހާރު އެކިއެކި މުހިންމު ބޭނުންތަކުގައި ބޭރު ދުނިޔެއަށް ޒިޔާރަތް ކުރަން ޖެހިފައިވާ ބައެއް ކަމަށްވާތީ. ބޭސްފަރުވާކުރުމަށް، އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ހޯދައިދިނުމަށް، ވިޔަފާރީގެ ބޭނުމުގައި، އަދި އެނޫންވެސް މުހިންމު ބޭނުންތަކަށްޓަކައި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ކޮންމެ އަހަރަކުވެސް ރާއްޖެއިން ބޭރު ޤައުމުތަކަށް ދަތުރުކުރަމުން ގެންދޭ. އެމީހުންނަށް ދަތުރުކުރެވެން އޮތް ހަމައެކަނި މަގަކީވެސް މިއަދު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. އެކަން އެހެން އޮތުމާ އެކުގައި، އަޅުގަނޑުމެންގެ އިޖްތިމާޢީ ތަރައްޤީއާއި، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޙަރަކާތްތަކާއި، މި ހުރިހާ ކަމެއް ތަރައްޤީ ކުރެވެން އަންނަނީވެސް ރަނގަޅު ފެންވަރެއްގައި މިފަދަ އެއަރޕޯޓެއް ރާއްޖޭގައި އޮވެގެން. މިކަންކަން މިހެން ހުރުމާއެކު، މި އެއަރޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތަކީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ ކަމެއް. އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ފެންވަރަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ގެނައުމަށްޓަކައި ސަރުކާރުން ކުރި ހޭދަތައް، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. 1981 ވަނަ އަހަރު މި އެއަރޕޯޓް މިހާރު މިއޮތްގޮތަށް ހުޅުވުނީ، ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި. އެކަމަށް ވަރަށް ގިނަ ޢަދަދަކަށް ސަރުކާރުގެ ބަޖެޓުން ފައިސާ ޚަރަދުވި. އާދެ، ދިވެހި ރުފިޔާއިން ތިރީސްފަސް މިލިއަން ރުފިޔާ ޚަރަދުވި. އެއީ، ހުޅުލެ ބޮޑުކުރުމަށާއި، ބިންހިއްކުމަށާއި އަދި ހުޅުލެ ރައްކާތެރިކުރުމަށް ކުރަންޖެހުނު ތަފާތު މަސައްކަތްތަކަށް. އޭގެއިތުރުން، މަޝްރޫޢެއްގެ ގޮތުގައި ރޭވިގެން އައި މި ބޮޑު މަސައްކަތް ނިންމާލެވުނީ، ބޭރުގެ ފަންޑުތަކެއްގެ އެހީގައި. އާދެ، އަޅުގަނޑުމެންނާ ވަރަށް އެކުވެރި ރަޙްމަތްތެރި ގުޅުމެއް އުފެދިފައިވާ، ޤައުމުތަކެއްގައި އުފެދިފައިވާ މިފަދަ މަޝްރޫޢުތަކަށް އެހީވެދޭ ފަންޑުތަކުން ލިބުނު ލޯނުގެ އެހީ، މި އެއަރޕޯޓް ތަރައްޤީކުރުމުގައި ވަރަށްވެސް ބޮޑު. އާދެ، އަޅުގަނޑުގެ ހަނދާން ރަނގަޅުކަމުގައިވާނަމަ، ގާތްގަނޑަކަށް 24 މިލިއަން އެމެރިކާ ޑޮލަރު، އެއަރޕޯޓް ހުޅުވުމަށްޓަކައި ޚަރަދުވެފައިވޭ. އެހެންކަމުން، އަޅުގަނޑަށް ދަންނަވަން ޖެހެނީ، އެއް ތަނަކަށް ސަރުކާރުން އެންމެ ބޮޑު ޚަރަދެއްކުރި ތަން ކަމުގައި މިހާރު ހިމެނެނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓޭ. އެހެން މި ދަންނަވަނީ، ކުރިއަށް އޮތް ތަނުގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް، ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢުގައިވެސް ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވާތީ. އަދި އެކަމަށް ޚަރަދުކުރުމަށް ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ބޭނުންވާތީ. މި ދެންނެވި މަޝްރޫޢުގެ އެންމެ ފުރަތަމަ މަރުޙަލާއަށް އެކަނިވެސް ގާތްގަނޑަކަށް 29.5 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވޭ. އޭގެތެރެއިން ބޮޑުބައި މިހާރު ވަނީ ލިބޭގޮތަށް ހަމަޖެހިފައި. ކުރިންވެސް ދެންނެވި، އެކިއެކި ރަޙްމަތްތެރި ޤައުމުތަކުގެ ފަންޑުތަކުންނާއި އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން، އެ ފައިސާ ވަނީ މިހާރު ލިބޭގޮތަށް ހަމަޖެހިފައި. ޝައްކެއްނެތްގޮތުގައި، އެ ފައިސާ އަޅުގަނޑުމެން މި އެއަރޕޯޓަށް ޚަރަދު ކުރަންޖެހޭ ޖެހުމަކީ، ކޮންމެހެންވެސް މިވަގުތު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އެހެންވީމާ، ދިވެހި ސަރުކާރުންނާއި، ދިވެހި ރައްޔިތުން މިހާބޮޑު އިންވެސްޓްމެންޓެއް ކުރާ ތަނެއް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އެއަރޕޯޓް ރަނގަޅު ގޮތުގައި ދަމަހައްޓައި، މެއިންޓެއިންކޮށް، ޙިމާޔަތްކޮށް، އެއަރޕޯޓުން ލިބެން ހުންނަ ޚިދުމަތްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް.
އެއަރޕޯޓް ހުޅުވުމަށްފަހު، މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ވަރަށްގިނަ ފަރާތްތަކެއްގެ ޚިދުމަތް މިތަނަށް ވަނީ ލިބިފައި. އޭގެތެރެއިން ދެ ބޭފުޅަކަށް ހަނދާނީ ލިޔުން އެރުވުމުގެ އުފާ އަޅުގަނޑަށް ވަނީ ދެންމެ ލިބިފައި. އޭގެތެރެއިން އެއް ބޭފުޅަކީ، އަލްފާޟިލް ޢަބްދުﷲ ޒުބައިރު. އޭނާއަކީ މި އެއަރޕޯޓް ހުޅުވުނީއްސުރެ، ނުވަތަ 1966 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން އޭނާގެ އަގުހުރި ޚިދުމަތްތައް މެދުކެނޑުމެއްނެތި މިތަނަށް ލިބެމުން ގޮސްފައިވާ ބޭފުޅެއް. ހަމައެއާއެކުގައި، ދެން އެ އަގުހުރި ލިޔުން ލިބިވަޑައިގެންނެވި އަނެއް ބޭފުޅަކީވެސް އެހާދިގު މުއްދަތެއްގައި އެއަރޕޯޓަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް. އެހެންކަމާއެކު، އެ ދެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މަރްޙަބާ އަދާކުރުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
މިރޭ ހަނދާނީ ލިޔުން އެ ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ އިތުރަށް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަރަށް ގިނަ ބައެއްގެ ޚިދުމަތް އަންނަނީ ލިބެމުން. އާދެ، އެއަރޕޯޓުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަގުހުރި ޚިދުމަތް. އޭގެތެރޭގައި، އެއަރޕޯޓުގެ ނުވަތަ މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވާ. ހަމަ އެއާއެކުގައި، ޑެޕިއުޓީ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، އެސިސްޓެންޓް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި އަދި ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، އެ ބޭބޭފުޅުންގެ ދަށުން އެކިއެކި މަޤާމުތައް ފުރުއްވާ ހުރިހާ ބޭފުޅުންވެސް، އަޅުގަނޑު މި ދެންނެވި ޚިދުމަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ. އަދި މި އެއަރޕޯޓަކީ ކުރިންވެސް ދެންނެވިފަދައިން، ދިވެހިން، އެމީހުންގެ އަމިއްލަ ހިންމަތާއި މިންނަތުން އުފެއްދި ތަނަކަށްވާހިނދު، މި އެއަރޕޯޓް ދަމަހައްޓައި، މިތަން ބަލަހައްޓައި، މިތާނގެ ޚިދުމަތްތައް އެދެވޭ ގޮތެއްގެ މަތިން ދީ އަދި އެ ޚިދުމަތްތައް ތަރައްޤީކުރަން މަސައްކަތްކުރަނީވެސް ހަމަ އަޅުގަނޑުމެން ދިވެހިން. ބޭރުގެ އިދާރީ އެއްވެސް ބަޔަކު ނެތި، މިފަދަ ތަނެއް ހިންގޭކަމީ ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖެއަށް ލިބޭ ވަރަށްވެސް މަތިވެރި ފަޚްރެއް. އެހެންކަމުން، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގައި ނަމަވެސް، މިހާ ރަނގަޅު ފެންވަރެއްގައި، އަޅުގަނޑުމެންގެ މި ބައިނަލްއަޤްވާމީ ވައިގެބަނދަރު ހިންގަވައި ދެއްވި އަދި ހިންގަވައި ދެއްވަމުން ގެންދަވާ އަދި އެތާނގެ ޚިދުމަތްތައް ވަރަށް ފުރިހަމަގޮތެއްގައި އަދާކޮށްދެއްވަމުން ގެންދަވާ މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ހީވާގި ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށް މަރްޙަބާ ދަންވަން.
އާދެ، އެއަރޕޯޓުގެ ޚިދުމަތްތަކަކީ ހަމައެކަނި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މުވައްޒަފުން އަދާކޮށްދެއްވާ ޚިދުމަތްތަކެއް ނޫން. އޭގެ އިތުރުން، ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކެއްގެ ޚިދުމަތްވެސް ލިބިގެން އެއަރޕޯޓެއް ހިންގޭނީ. އަދި ޚާއްސަކޮށް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިނގަމުން މިދަނީ. އޭގެތެރޭގައި، ޑިޕާރޓްމަންޓް އޮފް ސިވިލް އޭވިއޭޝަން ހިމެނޭ. ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ ހިމެނޭ. އަދި ދާދިފަހުން މި އުފެއްދުނު އެމް.އައި.ސީ.، އާދެ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ، އެތަންވެސް ހިމެނޭ. އެއަރޕޯޓަށް ތިރިކުރާ އަދި އެއަރޕޯޓުން އުދުއްސާލާ މަތިންދާބޯޓުތަކަށް ޚިދުމަތް އަދާކޮށްދޭ ވަރަށް މުހިންމު ފަރާތެއް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އާދެ، އެއީ، މޯލްޑިވްސް އެއަރ ސަރވިސަސް ލިމިޓެޑް. އެތާނގެ ހީވާގި ވެރިންނާއި، މުވައްޒަފުންގެ ފަރާތުންވެސް އެއަރޕޯޓުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ލިބެމުންދޭ. ހަމަ އެއާއެކުގައި، ކަސްޓަމްސް، އިމިގްރޭޝަން، ކުރިންވެސް ދެންނެވި ފަދައިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެން.އެސް.އެސް. އަދި ޕޯޓް ހެލްތް އޮތޯރިޓީ ފަދަ ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކެއްގެ ޚިދުމަތް މިތަނަށް ދަނީ ލިބެމުން. އެ ހުރިހާ ފަރާތެއްގެ ޚިދުމަތް ނުލިބި، މިފަދަ ތަނެއް ހިންގުމަކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫން. އެހެންކަމާއެކު، ޢާންމުގޮތެއްގައި އަދި ޖުމްލަގޮތެއްގައި އަޅުގަނޑު މި ދެންނެވި ހުރިހާ ފަރާތްތަކަކަށް، މިރޭގެ މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު މުބާރިކްބާދީ ދަންނަވައި، އެ ބޭފުޅުން އެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް، ހިތުގެ އެންމެއަޑިން ތާރީފް ރައްދުކުރުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.
އާދެ، ކުރިންވެސް ދެންނެވިފަދައިން، ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅުވައިދޭ ފާލަމަކީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. އެކަން އެހެން އޮތްނަމަވެސް، ރާއްޖޭގައި މިއަދު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ފިޔަވައި އެހެން އެއަރޕޯޓުތަކެއް އެބަހުރި. ދެވަނައަށް ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއަރޕޯޓަކީ ގަމުގެ އެއަރޕޯޓް. ގަމުގެ ކަންތައްތައް ތަރައްޤީކޮށް، ގަމުން ލިބެން ހުންނަ ޚިދުމަތްތައް، އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. އޭގެއިތުރުން، މިހާރު ކައްދޫގައިވެސް އެއަރޕޯޓެއް އެބައޮތް، ހަނިމާދޫގައި އެއަރޕޯޓެއް އެބައޮތް. އަދި ހުވަދުއަތޮޅުގައިވެސް އެއަރޕޯޓެއް ހެދުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. އާދެ، އެއީ، ގދ. ކާޑެއްދޫގައި. އެ ރަށުގައި ހަދަން ޤަޞްތުކުރާ އެއަރޕޯޓާ ބެހޭ ސާރވޭ ކުރުމުގެ މަސައްކަތް، މި މަހުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ފެށޭނެ.
ރާއްޖޭގެ ތަރައްޤީގައި ވައިގެ މުވާޞަލާތު ކުޅެމުންދަނީ ވަރަށް މުހިންމު ދައުރެއް. އާދެ، އެންމެ ކުރިން އަޅުގަނޑުމެން ދަތުރުފަތުރު ކުރަމުން އައީ މުޅިން ކަނޑުމަގުން. އެއީ، ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި އެކަން އޮންނާނެ ގޮތް. އެހެންނަމަވެސް، މިއަދުގެ ދުނިޔެއަކީ ވަރަށް އަވަހަށް ދަތުރުފަތުރު ކުރަންޖެހޭ އަދި ވަގުތުގެ މުހިންމުކަން އެހާ ބޮޑަށް އިޙްސާސް ކުރަންޖެހޭ ދުނިޔެއެއް. އެހެންކަމާއެކު، ކުރީ ޒަމާނުގައި އަޅުގަނޑުމެން ދަތުރުފަތުރު ކުރިގޮތަކަށް މިހާރު ރާއްޖެތެރޭގައިވެސް ދަތުރުފަތުރު ކޮށްގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނެތް. އެކަންކަން އެހެންހުރުމާ އެކުގައި، ސަރުކާރުން މި ދެންނެވި އެއަރޕޯޓުތައް ހެދީ. އަދި މުސްތަޤްބަލުގައިވެސް އިތުރު އެއަރޕޯޓް ހަދަން ޚިޔާލުކޮށްފައި އޮތީ. އާދެ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، ގަމަށާއި، ކައްދުއަށާއި އަދި ހަނިމާދުއަށް ކުރާ ވައިގެ ދަތުރުފަތުރަކީ، މިހާރު ވަރަށް މުހިންމު އެއްޗަކަށް ވެއްޖެއޭ. ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ބައެއް، އެ ޚިދުމަތުގެ ބޭނުންކުރަމުން މިހާރު އެބަ ގެންދޭ.
މި ދެންނެވި ކަންތައްތަކުގެ އިތުރަށް، ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރު ވަނީ ހެލިޕެއިޑްވެސް ހެދިފައި. އާދެ، އެއީ ޢާންމުގޮތެއްގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށްޓަކައި. އެހެންނަމަވެސް، އޭގެ ބޭނުމަކީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ބައެއްފަހަރަށް، ސަރުކާރުންވެސް ހެލިކޮޕްޓަރުގެ ބޭނުންކުރަންޖެހޭ. އެހެންކަމާއެކު، އެއީވެސް ވައިގެ ދަތުރުފަތުރު ތަރައްޤީ ކުރުމަށްޓަކައި މިހާރު އަމިއްލަ ފަރާތަކުންނަމަވެސް، ސަރުކާރުގެ އެހީއާއެކީގައި ކުރަމުންގެންދާ ކަމެއް. މިކަންތައްތައް މިހެންވަމުން ދިޔުމަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއް. މިކަން މިހެން އޮތުމާއެކު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ރަނގަޅުގޮތެއްގައި ބެލެހެއްޓުމަކީ، އަދި ހަމައެއާއެކުގައި، ރާއްޖޭގައި އުފެދިފައިވާ އެހެނިހެން އެއަރޕޯޓުތައްވެސް ރަނގަޅު ފެންވަރެއްގައި ބަލަހައްޓައި، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރުމަކީ އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އަދި ސިޔާސީ ތަރައްޤީގައި މިވަގުތު ވަރަށް ބޭނުންވެފައިވާ ކަމެއް.
އާދެ، މިރޭގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަނީ، އެއަރޕޯޓުގެ ވެރިންނަށާއި، ހިންގުންތެރި ބޭފުޅުންނަށާއި އަދި އިޚްލާޞްތެރި މުވައްޒަފުންނަށް. ހަމައެއާއެކުގައި، މި އެއަރޕޯޓުގައި ދެވޭ އެހެނިހެން ޚިދްމަތްތައް ކޮށްދެއްވާ ފަރާތްތަކަށް. މީގެ އިތުރުން، އެއަރޕޯޓުގެ ޚިދުމަތް އެންމެބޮޑަށް ލިބިގަންނަ ދިވެހި ރައްޔިތުންނަށް. ދިވެހި ރައްޔިތުންގެ އިތުރުން، މި އެއަރޕޯޓުގެ ޚިދުމަތްތައް ލިބިގަންނަ ބޭރުގެ މެހްމާނުން، އެންމެ ގިނަ ޢަދަދަކަށް އޭގެތެރޭގައި ހިމެނެނީ ޓޫރިސްޓުން. ޓޫރިސްޓުންގެ އިތުރަށް، ރާއްޖެއަށް ޒިޔާރަތް ކުރައްވާ އެކިއެކި ޢިއްޒަތްތެރިންވެސް މި އެއަރޕޯޓުގެ ޚިދުމަތްތައް ބޭނުންކުރައްވާ. އެހެންވީމާ، ޖުމްލަގޮތެއްގައި އެ ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި، މުބާރަކްބާދީ ދެންނެވުމަކީ، މިރޭ އަޅުގަނޑުގެ ވަރަށް އިސް ވާޖިބެއް ކަމުގައި ދެކެން.
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ، އެ ހުރިހާ ފަރާތްތަކަކަށް ދެންނެވުމަށްފަހުގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. އަޅުގަނޑުގެ އެދުމަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ވާގިފުޅާއެކު، ދިވެހިރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުން. ދިވެހި ސަރުކާރާއި، ރައްޔިތުންނާ ގުޅިގެން ކުރާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުވަމުން ދިޔުން. އަދި އެ މަޝްރޫޢުތަކުގެ ފައިދާ، ދިވެހި ރައްޔިތުންނަށް އެއްދުވަހުން އަނެއްދުވަހަށް އިޙްސާސްވަމުން ދިޔުން. ދިވެހިރާއްޖެއާއި ބޭރުދުނިޔެއާ އޮންނަ ގުޅުން ބަދަހިވަމުން ދިޔުން. ހަމައެއާއެކުގައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ތައުފީޤު اللَّـهُ سُبْحَانَهُ وَتَعَالَىٰ ދިވެހި ސަރުކާރަށާއި، ދިވެހިރައްޔިތުންނަށް ދެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ.