ފެހި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ގަސްދުކުރީ އޭގައިވާ އިޤްތިޞާދީ އަދި ސަލާމަތީ ފައިދާތަކުގެ މައްޗަށް ބަލާފައި ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ފިނިކުރުމަށް ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމަށްޓަކައި މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި އޮތް ވަށްމޭޒު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ތެލުގެ މައްޗަށް ކަމަށާއި، މިތެލަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކަމަށްވުމުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށްކުރާ ކޮންމެ އަސަރެއްވެސް ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާ ކަމުގައި ވިދާޅުވިއެވެ. ރާއްޖެ ހަކަތައިގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާކަން ހާމަކުރައްވަމުން، ރާއްޖެއަކީ ދުނިޔޭގައި ކަރަންޓުގެ އަގު އެންމެ ބޮޑު އެއް ޤައުމު ކަމަށާއި، ހަކަތައަށް ކުރަންޖެހޭ ބޮޑު ހޭދައިގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޮޑެތި ބުރޫތަކެއް އަރާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އިޢާދަކުރަނިވި ހަކަތައިގައިހުރި އިޤްތިޞާދީ ފައިދާތަކުގެ މައްޗަށާއި، މިދާއިރާގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލައްވަމުން، ހެޔޮއަގުގައި އިޢާދަކުރަނިވި ހަކަތަ ރާއްޖޭގައި އުފެއްދިއްޖެނަމަ، މި މޮޑެލް ދުނިޔޭގެ އެހެން ހިސާބުތަކަށްވެސް އެކްސްޕޯޓް ކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ދުނިޔެއަށް މިހާރު މިއޮތީ އާ ޞިނާޢީ އިންޤިލާބަކާ ކުރިމަތިވެފައި ކަމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ގެދަބުޅިއަށް އަގެއް ކަނޑައަޅަން ދުނިޔެއަށް މަޖުބޫރުކުރުވައި ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން އިތުރުވެގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މިއީ، ވާދަވެރި ރޭހެއް ކަމަށާއި، މި ޤަރުނުގެ މި މުހިންމު ރޭހުގެ އެންމެ ފަހަތުގައި ރާއްޖެ އޮންނާކަށް ބޭނުންނުވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަންމަންޓް މުޙަންމަދު އަސްލަމާއި، ޔޫ.އެން.ޑީ.ޕީ. ރެޒިޑެންޓް ކޯޑިނޭޓަރ އެންޑްރޫ ކޮކްސްއާއި، ޔުނެޕްގެ އެގްޒެކެޓިވް ޑައިރެކްޓަރުވެސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުންވެސް، މިރަސްމިއްޔާތުގައި ހައިޑްރޯފްލޯރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި، ޔުނެޕްއާއި ޔޫ.އެން.ޑީ.ޕީ. އާމެދު އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ.