ޑިމޮކްރަސީ ފުރިހަމަކުރުމަކީ، ހަމައެކަނި އިޤްތިޞާދީ އަދި ސިޔާސީ ވިސްނުމަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ މަސައްކަތް ބިނާވެގެން ދާންޖެހޭނީ، ރާއްޖޭގެ މުސްތަޤުބަލުގެ ޖީލުތަކަށް އަޅުގަނޑުމެން ވާޞިލްކޮށްދޭން ބޭނުންވާ މުޖްތަމަޢުގެ ތަޞައްވުރުގެ މައްޗަށް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޑިމޮކްރަސީއާއި، މަދަނީ މުޖްތަމަޢު ހަރުދަނާ ކުރުމާއި، އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާބެހޭ ގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން މިއަދު ބޭއްވެވި ސެމިނާރެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއަކީ ހުރިހާ ޤައުމެއްގައި އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫންކަމަށާއި، ރާއްޖޭގައި ފުރިހަމަވެގެންދާ ޑިމޮކްރަސީގެ ބިނާވެގެންދާނީ، ޑިމޮކްރެޓިކް ޕްރޮސެސްގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ލިބިގެންދާ މިންވަރާއި ފެންވަރުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި މަދަނީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވިއެވެ.

މުޖުތަމަޢުގައި އެންމެ ބާރުގަދަ ކަމުގައި ބެލެވޭ އިޤްތިޞާދީ ނުފޫޒާ އެއްހަމައެއްގައި އިޖްތިމާޢީ ތަރައްޤީއާއި އިންސާނީވަންތަކަމުގެ އުޞޫލުތައް، ރާއްޖޭގައި ޤާއިމު ކުރެވިގެންމިދާ ޑިމޮކްރެޓިކް ވެށީގައި ހިމެނުން ޔަޤީން ކުރުމަށްޓައި، ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ މަސައްކަތުގައި މަދަނީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ ޤާނޫނު ހެދުމާއި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި މަދަނީ މުޖުތަމަޢުގެ ޚިޔާލާއި ބައިވެރިވުން ލިބިގެން ނުދާކަން ފާހަގަކުރައްވަމުން، ސަރުކާރަށާއި ރާއްޖެއަށް އެހީތެރިވެދެއްވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ރާއްޖޭގެ މަދަނީ މުޖްތަމަޢު ހަރުދަނާ ކުރެއްވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި މި ރޮނގުން ބަންގްލަދޭޝްގެ ތަޖުރިބާއިން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާ ލިބިގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެއްސަކަށް ވިޔަސް ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުމީހަކަށް ވިޔަސް ރިވެތިކަމާއެކު ދިރިއުޅެވޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ލިބުމަކީ މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މި ސެމިނާރގައި ނައިބު ރައީސްގެ އިތުރުން، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝަކީ، ތާރީޚީ ޘަޤާފީ އަދި ފިކުރީ ގޮތުން ވަރަށް އެއްގޮތް، ޒަމާންވީ ގުޅުމެއް އޮންނަ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ބަންގްލަދޭޝްގެ ވަރަށް ބޮޑު ޙިއްޞާއެއް އެކުލެވިފައިވާ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ދިވެހިން އެމީހުންނަށްޓަކައި އަދާ ކުރަންޖެހޭ ޒިންމާތަކެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރަންޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ހެނދުނު ހޮލިޑޭ އިން ހޮޓަލުގައި ބޭއްވެވި މި ސެމިނާރގައި ސަރުކާރާއި ރާއްޖޭގެ މަދަނީ މުޖްތަމަޢުގައި ހަރަކާތްތެރިވާ ގިނަ ޖަމާޢަތްތަކުން ބައިވެރިވިއެވެ.