ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް އޮސްޓްރޭލިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، އޮސްޓްރޭލިޔާ ސަރުކާރުގެ ބައެއް ވަޒީރުންނާއި، އޮސްޓްރޭލިޔާގެ ވާދަވެރި ސިޔާސީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޖޫލީ ބިޝޮޕާވެސް ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުކުރެއްވުންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ ބެހޭ މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވުމަށް ހަމަޖެހިފައިވާ ބައެއް އެހީތައް ބޮޑުވަޒީރު ރަޑް އިޢްލާނު ކުރެއްވިއެވެ. މިގޮތުން އިޢްލާނު ކުރެއްވި އެހީތަކުގެ ތެރޭގައި:

- މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި 500,000 (ފަސްލައްކަ) އޮސްޓްރޭލިއަން ޑޮލަރު.
- އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ތަރައްޤީ ކުރުމަށް އެހީތެރިވުމުގެ ގޮތުން 300,000 (ތިން ލައްކަ) އޮސްޓްރޭލިއަން ޑޮލަރު.
- ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް އެހީތެރިވުމަށް 230,000 (ދެލައްކަ ތިރީސްހާސް )އޮސްޓްރޭލިޔަން ޑޮލަރު.
- އޮސްޓްރޭލިއާގެ އެހީގައި ރާއްޖެއަށް 2011 ވަނަ އަހަރަށް 25 ސްކޮލަރޝިޕް ދެއްވުން. މިއީ 2010ވަނަ އަހަރަށްވުރެ 7 ސްކޮލަރޝިޕް އިތުރު އަދަދެއް.
- ޓީޗަރުން ތަމްރީނު ކުރުމުގައި އެހީތެރިވުމަށް 6 ވޮލަންޓިއަރުން ފޮނުއްވައިދެއްވުން.
- ރާއްޖޭގެ ތަޢްލީމާއި، ތިމާވެށްޓާއި، ސައެންސާއި، ޞިއްޙަތާއި، ސަރުކާރު ހިންގުން ހަރުދަނާ ކުރުމުގެ ދާއިރާގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް އެހީތެރިވެދެއްވުން.
- ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުން ދެއްވުން.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ކެންބަރާގައި ކިޔަވަން ތިބި ދިވެހި ކުދިންނާވެސް ބައްދަލުކުރައްވައި އެކުދިންގެ ހާލު ބައްލަވާލައްވައި ކިޔެވުމުގެ ކަންތައްތައް ކުރިއަށްދާގޮތާބެހޭ މަޢްލޫމާތު ހޯއްދެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިޑްނީއަށް ވަޑައިގެން، ނިއު ސައުތް ވޭލްސްގެ ގަވަރނަރ މޭރީ ބަޝީރާއި، އެ ސްޓޭޓްގެ ޑެޕިއުޓީ ޕްރިމިއަރ ކާމެލް ޓިބަޓްއާވެސް ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހުކުރު ދުވަހު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އެހީދެއްވާ މިންވަރު، އެތައް ތަނެއް އިތުރުކޮށްދެއްވާނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެހީތެރިވެދެވޭނެ މަގުތަކާ ގުޅޭގޮތުން އޮސްޓްރޭލިޔާ ސަރުކާރާ އެކުގައި މިދަތުރުފުޅުގައި ވަރަށް ފުންކޮށް މަޝްވަރާ ކުރެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.