ދިވެހިރާއްޖެއިން އަބަދުވެސް އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް ނަގަހައްޓައި، ދަމަހައްޓާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އިންސާނީ ޙައްޤުތައް ނަގަހައްޓާ، ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި މިވަނީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ޙައްޤުތަކަކީ، ގުޅިލާމެހިފައިވާ ޙައްޤުތަކެއްކަން ހަނދާންކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ކަރާމާތާއި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމްކުރުން ކަމުގައި ވާހިނދު، އެފަދަ މުޖުތަމަޢެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ތަފާތު، ޚާއްޞަ ކަމެއް ލިބިފައިވާ ޤައުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ވެއްޓަށް ފެތޭ ގޮތަށް ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ޢަދުލުއިންޞާފުގެ ހަމަހަމަކަން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލައި، އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ، ޞުލްޙަވެރި، މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ޤާއިމުކޮށްދެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށީ، 10 ޑިސެންބަރު 1948 ގައި، އ.ދ. ޢާންމު މަޖިލީހުގެ ޖަލްސާއިން، އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު ނުވަތަ "ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" (ޔޫ.ޑީ.އެޗް.އާރް) ފާސްކުރުމާ ގުޅިގެންނެވެ. މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިއާރަކީ، "އަޅުގަނޑުމެންގެ ޙައްޤުތައް، އަޅުގަނޑުމެންގެ މުސްތަޤުބަލު، ހަމަ މިހާރު" އެވެ.