ގދ. ގައްދޫ ފުލޫނިޔާގޭ އިބްރާހީމް އަފްޒަލް، ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ، ގަޔަށް އަމިއްލައަށް ޕެޓްރޯލް އަޅައިގެން ރޯކޮށްލިކަމަށް ބެލެވޭތީއާއި، އަދި މި ހާދިސާގައި އޭނާ ނިޔާވެފައިވާތީ، މި މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އަންގަވައިފިއެވެ. އިބްރާހީމް އަފްޒަލް ގައްދޫ ޕޮލިސް ސްޓޭޝަނަށް ގެންދެވީ އޭނާއާބެހޭގޮތުން ހުށަހެޅުނު މައްސަލައެއް ބެއްލެވުމަށްޓަކައި އިއްޔެ މެންދުރުފަހުއެވެ.

މި މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މި އެންގެވީ، މި މައްސަލައިގައި އިތުރަށް ބައްލަވަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީއާއި، މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެއްލެވުމަށްޓަކައެވެ.