ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިއު ސައުތު ވޭލްސްގެ ގަވަރނަރ ޕްރޮފެސަރ މޭރީ ބަޝީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ގަވަރނަރ އުޅުއްވާ ރަސްމީ ގެކޮޅުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތު ގަވަރނަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ ބައެއް މައްސަލަތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ގަވަރނަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި، ނިއު ސައުތް ވޭލްސްއިން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ވަރަށް އުފާފުޅުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.