ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އޮސްޓްރޭލިއާގެ ސިޑްނީއަށް ވަޑައިގެން، ނިއު ސައުތު ވޭލްސްގެ ޑެޕިޔުޓީ ޕްރީމިއަރ ކާމެލް ޓިބަޓާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ނިއު ސައުތް ވޭލްސްއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ މައްޗަށެވެ.

މިބައްދަލުކުރެއްވުމުގައި، ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ތަރައްޤީއަށް އެޅިފައިހުރި ދަތިތަކާބެހޭ މަޢްލޫމާތު، ޑެޕިޔުޓީ ޕްރީމިއަރއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށް ޤާނޫނުތަކެއް ހެދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ޑެޕިއުޓީ ޕްރީމިއަރ ދެއްކެވި ވާހަކަފުޅުގައި، ނިއު ސައުތު ވޭލްސްގެ ޕްރީމިއަރ މިވަގުތު ރަށުން ބޭރުގައި ވަޑައިގެންއުޅުއްވާތީ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްނުލެއްވުނީ ކަމުގައި ވިދާޅުވެ، ޕްރީމިއަރގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ޑެޕިއުޓީ ޕްރީމިއަރ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކެންބަރާއިން ސިޑްނީއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. މިއަދަކީ، ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެފަހު ދުވަހެވެ.