ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ ޝަރަފުގައި އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފިއެވެ.

ގަވަރނަރ ޖެނެރަލްގެ ރަސްމީގެކޮޅުގައި ބޭއްވެވި މި ފަރިއްކޮޅުގައި ދިވެހި ވަފްދުގެ ބޭފުޅުންގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ ވަރަށް ގިނަ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާއިން ރާއްޖެއާމެދު ބަހައްޓާ ގާތްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި، އެމަނިކުފާނުގެ މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ގަވަރނަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތައް ހޯއްދަވައިދެއްވުމަށާއި ރާއްޖެއާއި މުޅި ދުނިޔޭގެވެސް ތިމާވެށި ހިމާޔަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި، ގައުމު އާރާސްތުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އޮސްޓްރޭލިއާއިން ތާއީދުކޮށް އަބަދުވެސް ހިތްވަރުދޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

މިދަތުރުފުޅުގައި، ކެންބަރާގައި ހުންނަ އޮސްޓްރޭލިއާގެ ނޭޝަނަލް އާބޯރިޓަމްއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ޒިޔާރަތް ކުރެއްވިއެވެ. އަދި އެތަނުގައި އެމަނިކުފާނު ގަހެއް އިންދަވައިދެއްވިއެވެ.