ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިޔާގެ ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އޮސްޓްރޭލިޔާއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށާއި ވަފްދުގެ ބޭފުޅުންނަށް އޮސްޓްރޭލިޔާ ސަރުކާރުން ދެއްވަމުން ގެންދަވާ މެހްމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. ރާއްޖޭގެ އަންހެނުންގެ ހާލަތާ ބެހޭގޮތުން ގަވަރނަރ ޖެނެރަލް އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެއީ، ސަރުކާރުންވެސް ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، މިކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާއިރު ގޮންޖެހުންތަކެއްވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.