ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ ބައެއް ވަޒީރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ކްލައިމެޓް ޗޭންޖް، އެނަރޖީ އެންޑް ވޯޓަރ ޕެނީ ވޮންގާއި، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ސްޓީވަން ސްމިތާއި، މިނިސްޓަރ ފޮރ ހޯމް އެފެއާޒް ބްރެންޑަން އޯ ކޯނަރ ހިމެނިވަޑައިގަންނަވައެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި، ރާއްޖޭގެ ފުލުހުންގެ ދާއިރާ ހަރުދަނާކުރުމާއި، ޖަލުތަކުގެ ފެންވަރު ރަނގަޅުކުރުމާ ބެހޭގޮތުން ވަޒީރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.