ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާގެ ވާދަވެރި ސިޔާސީ ޕާޓީކަމުގައިވާ، ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ ޑެޕިޔުޓީ ލީޑަރ ޖޫލީ ބިޝޮޕާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އޮސްޓްރޭލިއާގެ ޤާނޫނުހަދާ މަޖިލީހުގެ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޑެޕިޔުޓީ ލީޑަރ ބިޝޮޕް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، މުޅި ދުނިޔެއަށް ވަކިން ޚާއްޞަކޮށް ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިކަން ޙައްލުކުރެއްވުމަށްޓަކައި ޤާނޫނު ހަދާ މަޖިލީސްތަކުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރައްވައި މިކަމަށް ބޭނުންވާ ޤާނޫނުތައް އަވަސްކުރެއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.

ޖޫލީ ބިޝޮޕް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އޮސްޓްރޭލިއާއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުންގެންދާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.