* މި އިންޓަރވިޔުގައި، ސަންގު ޓީ.ވީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ސީނިއަރ އެޑިޓަރ އެންޑް އިންޗާރޖް އޮފް ނިއުސް މާހަތު ޙުސައިން ރަޝީދު.

މާހަތު ޙުސައިން ރަޝީދު:

އަޅުގަނޑުމެންނާ އެކީގައި މިވަގުތު މި ބައްދަލުކުރައްވަނީ، ރާއްޖޭގެ ޢިއްޒަތްތެރި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް.

ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ ނައިބު ރައީސް، އަޅުގަނޑުމެންނަށް ދެއްވި ވަގުތުކޮޅަށްޓަކައި. ވަރަށް ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ޝުކުރިއްޔާ.

މާހަތު ޙުސައިން ރަޝީދު:

އަޅުގަނޑު ފެށިއިރުވެސް މި ފާހަގަކުރި ގޮތަށް، ރައީސުލްޖުމްހޫރިއްޔާ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފި، ރައްޔިތުންނާ ހަމައަށް ގެނެސްދެއްވި މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށްޓަކައި. ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަހުގެ ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު ކެމްޕޭނަކަށްފަހު ވެރިކަމަށް ވަޑައިގަތީވެސް. ކިހިނެއްތޯ ފާހަގަކުރައްވާނީ، ރައީސްގެ މިދިޔަ އެއް އަހަރު ދުވަހުގެ މަސައްކަތްތަކާ ގުޅޭގޮތުން؟ ރައްޔިތުން އެ ބޭނުންވި ބަދަލު، ރައްޔިތުން އެ ބޭނުންވި ކާމިޔާބީތައް އެބަ ގެނެސްދެވޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ،

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـه، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين

ފުރަތަމަވެސް އަޅުގަނޑު ﷲ އަށް ޙަމްދުކުރަން. ދެން އެއަށްފަހު، އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އާދެ، އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީވެ ވަރަށް އުފާކޮށް، އަދި ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ މާހަތު.

ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ޙަޤީޤަތުގައި، އަޅުގަނޑުމެން މިއަދުގެ ހާލަތުގެ ވާހަކަ އެކަންޏެއްނޫން ދައްކާލައި ނިންމާލަން މިޖެހެނީ. އަޅުގަނޑުމެން މީގެ ކުރީގައި، ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައިއިރު، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތް ކުރަމުން އައިއިރު، އަޅުގަނޑުމެން ދެއްކި ވާހަކަތަކުގެ މަތިންވެސް ހަނދާންކޮށްލަންޖެހޭކަންނޭނގެ، މި ކަހަލަ ފުރުޞަތެއްގައިވެސް. އަޅުގަނޑު ތަންކޮޅެއް ކުރުކޮށް ގެންދެވޭތޯ ބަލާނަން.

އޭރު ރައްޔިތުންގެ އުންމީދު ހާސިލްކޮށްދިނުމަށް، ރައްޔިތުން ވޯޓުދީގެން ގާއިމުކުރެވުނު ޤާނޫނީ ވެރިކަމަކުން، ރައްޔިތުންނަށް ކަންތައްތައް މަޑުޖެހި، ހުއްޓި އަދި އޭރުގައި ލިބުނު އެހީތަކާއި، އެ ބޭފުޅުން ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ފައިސާ ޗާޕުކުރަމުން އައި އައުން އެއީ، ރައްޔިތުންނަށް އެންމެ ރަނގަޅުނޫން އަދި އިޤްތިޞާދަށް އެންމެ ރަނގަޅުގޮތް ނޫންކަމަށް ބުނެ، އަޅުގަނޑުމެން ދައްކަމުން އައި ގިނަ ވާހަކަތަކެއް ހުރި.

އެހެންއައިސް ރިޔާސީ އިންތިޚާބަކާ ކުރިމަތިލާން ޖެހުނީ. އައިއިރުގައި، އަޅުގަނޑުމެންގެ ޕާޓީން އިރާދަކުރެއްވީތީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުންނެވީ. އެ މަނިކުފާނުގެ މެނިފެސްޓޯ އެކުލަވައިލެއްވީ، ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާ އެކީގައި. ރައްޔިތުންގެ ތެރޭގެ އެކިއެކި ދާއިރާތަކުގައި އުޅުއްވި ބޭފުޅުންނާއި އަދި އެކި ގިންތިތަކުގައި އުޅުއްވި ބޭފުޅުންނާ މަޝްވަރާ ކުރެވި، އެ ބޭފުޅުން ބޭނުންވިގޮތަށް، އެ މަނިކުފާނުގެ މެނިފެސްޓޯ އެކުލެވިފައި އޮތީ. އެހެންކަމުން، އެ މެނިފެސްޓޯ ރައްޔިތުން ގަބޫލުކޮށް، އެ މަނިކުފާނާ ދޭތެރޭ ވަރަށް ބޮޑު އުންމީދެއް އާވެގެން ގޮސްފައި އެއޮތީ. އިރާދަކުރެއްވީތީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން، އަޅުގަނޑުމެން އޭރުވެސް ދެއްކި ވާހަކަ، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ބޮޑު ގޮންޖެހުމަކަށް ކުރިމަތިލާންޖެހުނީ. އެއީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު. އިޤްތިޞާދީ ހާލަތު ރަނގަޅު ކުރެއްވުމަށް ޙަޤީޤަތުގައިވެސް އެ މަނިކުފާނު އެންމެ ފުރަތަމަ މަސައްކަތްޕުޅު ފެށްޓެވީ.

އޭގެތެރޭގައި، ފުރަތަމަ ކުރައްވަންޖެހުނު މަސައްކަތްޕުޅަކީ، މާލީ ނިޒާމުގައި ހުރި ގޮންޖެހުންތައް ނައްތައިލުން. ދަރަނިތައް ރީސްޓްރަކްޗަރ ކޮށްފައި، ތަރުތީބުތަކެއްގެ މައްޗަށް އެކުލަވައިލުމަށްފަހު، ރާއްޖޭގެ ކުންފުނިތައް އޮތް ހާލަތުން އަރައިގަތުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރެވުނު. މިއީކީ އެއްމަހުން، ދެމަހުން ކުރެވޭނެ ކަހަލަ މަސައްކަތްތަކެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން މަސައްކަތް ފަށަންޖެހުނީ ސުމަކުން.

އެހެންވީމާ، އެ މަސައްކަތް އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އެއޮތީ ވަރަށްބޮޑަށް ތަރުތީބު ކުރެވިފައި. އަދި މާދަމާވެސް އަޅުގަނޑުމެންގެ އަމިއްލަ ޚިޔާލާ އެއްގޮތަށް، ރައީސްގެ ތަޞައްވުރާއެކީ އެކުލެވިގެންދާ ބަޖެޓުން، މިކަންކަން ތަންފީޒުކުރެވޭނެ މަގު އިރާދަކުރެއްވީތީ އެއޮތީ ފަހިވެގެން ގޮސްފައި.

އަޅުގަނޑުމެންގެ ސަރުކާރަށް، ރައީސް ހުވާކުރައްވައިގެން އެ ސަރުކާރަށް ލިބުނު ބަޖެޓަކީ، އެއީ އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީ އޮވެމެ، އަދި ޒިންމާދާރު ނޫން ގޮތެއްގައި ޢަމަލުކޮށްފައި އޮތް ބަޖެޓެއް. ޒިންމާދާރު ނޫނޭ، އަޅުގަނޑު މި މާނަކުރާ ގޮތަކީ، ސަރުކާރަކަށް، ބޮޑު މެންޑޭޓަކާއެކީ ޤާނޫނީ ބާރުވެރިކަމެއް ރައްޔިތުން ދިނީމާ، ރައްޔިތުންގެ މަޖިލިސްތެރޭގައި، ސުޕަރ މެޖޯރިޓީ އޮވެމެ، އެމް.ޑީ،ޕީ.އިން އެ ބަޖެޓުގައި އަޅުގަނޑުމެންގެ ބަސް، ރައީސްގެ ތަޞައްވުރު، އަޅުގަނޑުމެން މި އަހަރަށް ބޭނުންވި، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭން ބޭނުންވި ކަންކަމަށް، ހުރަސްއަޅާފައި އޮތީމާ.

މިސާލަކަށް، އަޅުގަނޑު ދަންނަވާ ކަމުގައިވާނަމަ، ބޯހިޔާވަހިކަން މިއީ ރައީސްގެ އެންމެ މުހިންމު އެއް ވަޢުދަކީ. ރައްޔިތުންވެސް އެންމެ ބޮޑު އުންމީދު ކުރާ ކަމަކީ އެއީ. އެހެންނަމަވެސް، އެކަންކަމަށް ޚަރަދުކުރަން ބޭނުންވި ފައިސާގެ ޢަދަދުތައް، މިސާލަކަށް، ރަސްމާލެ ކަހަލަ ތަނަކަށް، އަޅުގަނޑުމެން ބުނާކަމަށްވާނަމަ، އަޅުގަނޑުމެން ޖަހަން ބޭނުންވި ފައިސާގެ އަދަދުތަކެއް ނޫން ޖަހާފައި އޮތީ. މިލިއަނެއްހާ ރުފިޔާ. އަޅުގަނޑު މިސާލެއް މި ދެންނެވީ. ޖަހާނިންމާލުމަކުންނެއް ނުފުދޭނެ. އެއީ، ރައްޔިތުންގެ ކުރިމަތީގައި ޖެއްސުމަށް ކުރި ކަމެކޭ، ހަމަ މި މާނައިގައި ބުނުން އެއީ، އެންމެ ރަނގަޅުގޮތް. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެހެންވީމާ، މިފަދަ ކަންކަން އެ ބަޖެޓުގެ ތެރޭގައި ކޮށްފައި ހުރީ.

އެހެންނަމަވެސް، މިއަދު އިރާދަކުރެއްވީތީ، އަޅުގަނޑުމެން އަމިއްލައަށް، ރައީސްގެ ތަޞައްވުރާ އެކީގައި އަޅުގަނޑުމެންގެ ސުޕަރ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހަކުން އެކަން ކުރަނީ. ދެން އަޅުގަނޑު ގަބޫލުކުރަނީ، އެ ބަޖެޓާ އެކީގައި، އަޅުގަނޑު މި ދެންނެވި ތަރުތީބުގެ މަގުން، ކަންކަން ކުރެވިފައި އޮތުމުން، އަދި ބައިނަލްއަޤްވާމީ މާލީ ކަންކަމަށް ލަފާދޭ ފަރާތްތަކުގެ ލަފައާ އެކީގައި، އަޅުގަނޑުމެން އަޅަމުން މި އަންނަ އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކާ އެކީގައި، ރާއްޖެއަށް ވަރަށް ގިނަ ލުއިތަކެއް ލިބި، އަދި ހުއްޓިފައި ހުރި މަޝްރޫޢުތަކާއި، އަޅުގަނޑުމެން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް ފައިސާ އިތުރުވެގެން އައިސް، ރައްޔިތުން ބޭނުންވާ ކަންކަމަށް މަގުފަހިވެގެންދާނެކަން. އެ ޔަގީންކަން ލިބުނީމާ އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ބޮޑު ކާމިޔާބެކޭ އަޅުގަނޑުމެންނަށް މިދިޔަ އެއް އަހަރުގެ ތެރޭގައި، ލިބިގެން މިދިޔައީ. އަދި ރައްޔިތުން އެކަމަށްޓަކައި ދެއްވި އެއްބާރުލުމަށް، މި ފުރުޞަތުގައި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މާހަތު ޙުސައިން ރަޝީދު:

އާދެ، ދެންމެ ވީ.ޕީ. ތިޔަ ފާހަގަކުރެއްވި ގޮތަށް، މި ވެރިކަމަށް އައުމަށްޓަކައި އެ ފާހަގަކުރެއްވި ވާހަކަތަކުގެ އިތުރަށް، ވެރިކަމަށް އައުމަށްފަހު ހަވާލުވެ، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފެށުމާ އެކީގައި ފެނިގެންދިޔައީ، ކުރީގައި ހާމަނުވެ ހުރި ގިނަ މަޢުލޫމާތުތަކެއް ހާމަވެގެންދިޔަތަން. މީގެ ތެރޭގައި، ބަޖެޓުން ބޭރުން ކޮށްފައި ހުރި ޚަރަދުތަކެއް އެބަ ފާހަގަކުރެވޭ. 2025، 2026 ވަނަ އަހަރުގެ ބައެއް ފައިސާތަކެއް ދޫކޮށްފައިވެސް އެބަހުރި، ކުރިއާލައި އެޑްވާންސްކޮށް. މިކަހަލަ ކަންތައްތަކެއް ހާމަވެގެން ހިނގައްޖެ. ސަރުކާރަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުންތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަންތައްތަކަކީ އެއީ. ވެރިކަމަށް އައުމަށްފަހު، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެނގިގެންދިޔަ މަޢުލޫމާތުތަކެއް. ކިހާވަރެއްގެ ގޮންޖެހުންތަކެއްތޯ މިއީ؟ އަދި ހަމައެއާއެކީގައި ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ކޮބައިތޯ، މި ދަތިތަކާ އެކީގައި ރައްޔިތުންނަށް ޑެލިވަރ ކުރުމަށްޓަކައި މި ކުރާ މަސައްކަތްތަކަށް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ރައީސް، ރައީސް އޮފީހަށް ވެދެވަޑައިގަތުމަށްފަހުގައި، މާލީ ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި، މަސައްކަތްޕުޅު ފެށްޓެވި އެންމެ ފުރަތަމަ ކަމަކަށް. އޭގެ ތެރޭގައި، ތިޔަ ވިދާޅުވިފަދަ ކަންކަން އަޅުގަނޑުމެންނަށް ސާފުވަމުން ދިޔައީ ދޮގެއްތޯ. ދެން އެއިރުވެސް އަޅުގަނޑުމެން ޝައްކުގެ ނަޒަރަކުން މި ކަންތައްތައް ބަލަމުން ދިޔައީ. މި ރާއްޖޭގެ ހާލަތު އޭރުދިޔަ ލެވެލްއަށް ބަލާފައި. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އޮޑިޓް ރިޕޯޓްތަކުންވެސް، މާލީ ނިޒާމުގެ ތެރެއިން ވަރަށް ބޮޑު އަދަދެއް ގެއްލިފައި އޮތްކަން. ދެން މިކަންކަން އަޅުގަނޑު މީޑިއާއަށް ހާމަކުރުމުން، އެކަމާ ގުޅުންހުރި ފަރާތްތަކުން، އެ ބޭފުޅުންގެ ދިފާޢުގައި މަސައްކަތްޕުޅު ކުރެއްވި. އެހެންނަމަވެސް، އެއޮތީ ޙަޤީޤަތް ފެންނަން. އެ ތަފްޞީލުތައް އެއޮތީ ފެންނަން. އެއީ، އަޅުގަނޑުމެން އަމިއްލައަށް ދައްކާ ވާހަކަތަކެއް ނޫން.

ދެން ގަބޫލުފުޅު ކުރައްވާނެ ތިޔަބޭފުޅުންވެސް، ކެމްޕެއިންތަކުގެ ތެރޭގައި، އެ ބޭފުޅުން ދައުލަތުގެ ބަޖެޓް ބޭނުންކުރެއްވި ގޮތާއި، ދައުލަތުގެ ހުރި މުއައްސަސާތައް، ނޫނީ ކުންފުނިތައް ބޭނުންކުރެއްވި ގޮތް. އެއީ، މާދަމާވެސް ބެލެންޖެހޭނެ މައްސަލަތައް. އެއީ، މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއީ، ޒިންމާދާރު ގޮތެއްގައިތޯ އެކަންކަން، އެ ޢަމަލު ކޮށްފައި އެއޮތީ. އެ ތަންތަނާ އިތުރަށް ހަވާލުވެވަޑައިގަންނަވާ ބޭބޭފުޅުންވެސް، މާދަމާ ޒިންމާދާރު ގޮތެއްގައި އެ މަސްއޫލިއްޔަތު އަދާކުރައްވަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން. ނޫނީ ހެދިފައި އޮންނަ އުސޫލުތައް ނުވަތަ ގަވާއިދުތަކުގެ ތެރެއިން. އެހެންނަމަވެސް، އެގޮތަކަށް ނޫން އަޅުގަނޑުމެންނަށް ފެނިފައި އޮތީ. ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކެއް ދީ، ކުންފުނިތަކުން ލިބޭ އާމްދަނީއާ ނުބައްދަލު، ތިންގުނަ އިތުރަށް ޚަރަދުތައް ކުރުވާފައި. ބައެއް ރަށްރަށުގައި އެބަހުރި، ރަށެއްގެ ހުރިހާ ފެމިލީތައް ޝާމިލުވާހެން ވަޒީފާތައް އުފައްދައި ދީފައި. އަޅުގަނޑުމެންނަކަށް ނޭނގެ، ކިހިނަކުން ކަމެއް އެ ފައިސާ އެ ބޭފުޅުން ހޯދީ. ހޯދުނު ގޮތެއްވެސް އަދި އަދަށްދާންދެންވެސް ނޭނގިގެން މިއުޅެނީ. އެހެންވީމާ، ސަރުކާރަކުން ކޮށްގެން ނުވާނެ ފަދަ އެތައް ކަންކަން އެއޮތީ ކޮށްފައި.

އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެން ވެރިކަމަށް އައިއިރު، ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ޙަޤީޤަތުގައި ކުރިމަތިލާން މިޖެހުނީ. އެކަންކަން މިއަދު ފަށްޓަވައިގެން ރައީސް އެ އުޅުއްވަނީ. އެއީ، އޭގެތެރޭގައި، ބައެއް ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށްފަހު، ބައެއް ކުންފުނިތަކަކީ، އެއީ މިވަގުތު ހިންގަންޖެހޭ ކުންފުނިތަކެއްތޯ ބަލައި، ބައެއް ކުންފުނިތައް އަނެއް ކުންފުންޏާ މާރޖް ކުރުމާއި، އުވާލަން ޖެހިއްޖެ ކަމުގައިވާނަމަ، އުވާލުމުގެ މަސައްކަތްވެސް، މިހެންގޮސް ވަރަށް ގިނަ ބޮޑެތި މަސައްކަތް ޙަޤީޤަތުގައި މި ކުރެވެމުންދަނީ. ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ. މިއީ މަސް، ދެމަސް ދުވަހުގެ ތެރޭގައި ކުރެއްވިދާނެ ވަރަށް އާދައިގެ މަސައްކަތްތަކެއް ކަމަށް. އެހެނެއްނޫން. ޙަޤީޤަތުގައި މި ޤައުމު އޮތް ހާލަތަށް ބަލާފައި، މިއީކީ އާދައިގެ ކަންކަމެއް ނޫން.

އެހެންނަމަވެސް، މި ގޮންޖެހުންތަކާ އެކީގައިވެސް އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމަކީ، ރައްޔިތުންގެ ކެތްތެރިކަން. ތިޔަ ފާހަގަކުރެއްވި ފަދައިން، އެމް.ޑީ.ޕީ.ގެ ވެރިކަމުގެ 8 މަސް ކުރިން، ވެރިކަން ނިމުމުގެ 8 މަސް ކުރިން، ނޫނީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ވަރަށް ގިނަ ޕްރޮޖެކްޓްސްތަކެއް ހިންގަން ހަވާލުކޮށްފައި، އެއްވެސް ފައިސާއެއް އެ ފަރާތްތަކަށް ނުދީ ހުރީ. އަދި އޭގެ އިތުރުން، އެ ބޭފުޅުން ބޭނުންވާ ބައެއް ފަރާތްތަކަށް، ބައެއްކަހަލަ އެޑްވާންސް ފައިސާ ދީފައި. މިސާލަކަށް، ކައުންސިލް އިދާރާތައް އެޅުމަށްޓަކައި، ނޫނީ ޕޮލިސް ސްޓޭޝަންތައް އެޅުމަށްޓަކައި، އެއްފަހަރާ އެއް ކުންފުންޏަކަށް، ގިނަ ކުންފުނިތަކަށް އެޑްވާންސް ފައިސާ ދީފައި އެބަހުރި. އެއް އެކައުންޓުން އަނެއް އެކައުންޓަށް އެ ފައިސާ ދައުރުކުރި ގޮތްވެސް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި.

މިފަދަ ޒިންމާދާރުކަން ކުޑަގޮތަކަށް، ނޫނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް، ޢަމަލުތަކެއް ކޮށްފައި ހުރީ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް މި ތިލަވެ، ނޫނީ ސާފުވެގެން މިއައީ، އަޅުގަނޑުމެންނަށް ސަރުކާރު ލިބުމުން، ރައީސް އެކަންކަން ބައްލަވަން ފެށްޓެވި ހިސާބުން. އޭގެ ކުރިއަކުން އަޅުގަނޑުމެންނަށް މި ވާހަކަ މިހާ ތަފްޞީލްކޮށް ކިޔައިދޭން ނޭނގުނު ނަމަވެސް، އަޅުގަނޑުމެން ޝައްކުކުރި ކަންތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ، މި ކަންތައްތައް މިހެންވާ ކަމަށް ބުނެ، ވާހަކަ ދައްކަން ފެށީވެސް ރައްޔިތުންގެ މަންފާއަށްޓަކައި، ލާބައަށްޓަކައި ކުރެވޭ މަސައްކަތްތައް ނުފެންނާތީ.

އޭގައި ދެން މާއްދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިދާތައް ރައްޔިތުންނަށް ހުންނާނެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއް ރައްޔިތު މީހާއާ ހަމައަށް ނުފޯރާތީ އެ ވާހަކަ ދައްކަން ފެށީ. އެހެންނަމަވެސް، މިހާ ހިސާބަށް އައިއިރު، އަޅުގަނޑު މި ދަންނަވަނީ، މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން، ސުމަކުން ފަށައިގަންނަން ޖެހުނުއިރުގައި، މި އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ އަޞްލު ބިންގާ މި އެޅުނީ. އަޅުގަނޑުމެން މަސައްކަތް ފަށަން، އުނދަގޫ ދަތި ބަޖެޓަކާ އެކުގައިވެސް ޙަޤީޤީ ބިންގަލެއް މި އެޅުނީ، މާދަމާ އަޅުގަނޑުމެންނަށް ލިބޭ ބަޖެޓުން އަޅުގަނޑުމެންގެ މެނިފެސްޓޯ، ރައީސް ބޭނުންފުޅުވާ ކަންކަން ތަޞައްވުރާ ހަމައަށް ވާސިލުވުމަށްޓަކައި. އެ ތަޞައްވުރަކީ ރައްޔިތުން ބޭނުންވި ތަޞައްވުރު. އެއީ، ބޯހިޔާވަހިކަމުގެ ތަޞައްވުރު. އެހެންވީމާ، މި ބަޖެޓުގެ ވަރަށްބޮޑު ބައެއް އެއޮތީ އެކަމަށް އެކުލެވިފައި. ކުރިއަށް މި އޮތް ދެތިން މަސް ތެރޭގައި، އިރާދަކުރެއްވިއްޔާ މަޝްރޫޢުތައް ފެށި، ރައްޔިތުންނަށް ބޮޑެތި ހިތްހަމަޖެހުންތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

މާހަތު ޙުސައިން ރަޝީދު:

މިދިޔަ ގާތްގަނޑަކަށް ފަސް އަހަރު، ދިހަވަރަކަށް އަހަރުވެސް ރާއްޖޭގެ ސިޔާސީ ހަމަޖެހުމެއް ނެތް. ސިޔާސީ ބޭފުޅުން ހައްޔަރުކުރުމާއި، ނުވަތަ ތަފާތު އެކިއެކި ތުހުމަތުތަކެއް ކުރެއްވުމާއި، މުޒާހަރާތަކާއި، އިހުތިޖާޖުތައް ހުއްޓުމެއްނެތި މި ދިޔައީ ކުރިއަށް. އެއީ، 2008ގެ ފަހުންވެސް ހަމަ ހިނގާފައި ހުރި ކަންތައްތަކެއް. 2012 ގައިވެސް ހިނގާފައި ހުރި ކަންތައްތަކަކީ އެއީ. ރައީސް މުޢިއްޒު ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމެއް އެއީ، އެ މަނިކުފާނުގެ ސަރުކާރުގައި މިފަދަ ކަންތައްތަކެއް ނުހިނގާނެ ކަމަށް، ސިޔާސީގޮތުން ބައެއްގެ މައްޗަށް ތުހުމަތުތަކެއް ނުކުރެވޭނެ ކަމަށް، ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިގެންދާނެ ކަމަށް. އަޅުގަނޑު މި ފާހަގަކުރި ގޮތަށް، ރާއްޖެއަށް ސިޔާސީ ހަމަޖެހުންތަކެއް ނުލިބި، އަހަރުތަކެއް ވެގެން މިދިޔައީ. މި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ، މިކަންކަން ޤާއިމުކުރެވެން. ސިޔާސީ ހަމަޖެހުން އަންނަން. ކިހާވަރެއްގެ މުހިންމު ކަމެއްތޯ އެއީ، ޤައުމެއްގައި ސިޔާސީ ހަމަޖެހުން އޮތުމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ރައީސް ހުވާކުރެއްވުމަށްފަހު، ރައްޔިތުންނާ މުޚާޠަބު ކުރައްވައި ފުރަތަމަ ދުވަހު، އެ ދުވަހުގެ ހަވީރު ވިދާޅުވި، ދެންމެ ތިޔަ ވިދާޅުވިގޮތަށް، ސިޔާސީގޮތުން އެއްވެސް ބޭފުޅެއްގެ ގައިގައި އަތްނުލައްވާނަމޭ. އާދެ، ސިޔާސީ ހަމަޖެހުން މި ޤައުމުގައި ބޭއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތްޕުޅެއް އެގޮތަށް ބައްޓަން ކޮށްދެއްވާނެ ކަމަށް. ދެން އެގޮތުގައި އަދިވެސް އެ ހުންނެވީ. އެއަކަށް ބަދަލެއް ނާދޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ތަނުގައިވެސް އެ މަނިކުފާނު މަސައްކަތްޕުޅު ބައްޓަން ކުރައްވާނީ އެގޮތަށް. އެއީ، ޖުމްހޫރީ ދުވަހު އެ ދެއްވި ޚިޠާބުގައިވެސް އެގޮތަށް އެއޮތީ ތަކުރާރުކޮށް އެ ވާހަކަ އިއްވައިދެއްވާފައި.

އޭގެ ބޭނުމަކީ ތިޔަ ވިދާޅުވިގޮތަށް، މި ޤައުމުގައި މި ހިންގާ މަޝްރޫޢުތައް ހިންގުމަށްޓަކައި، އަދި ބޭރު ދުނިޔެއިން އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަމާއެކު އަވަށްޓެރިންނާ މި އޮންނަ ގާތް ގުޅުން ބަދަހިކުރުން. ޙަޤީޤަތުގައި އަޅުގަނޑުމެންގެ މުޅި ޤައުމުގެވެސް އިޤްތިޞާދު ބިނާވެފައި މިއޮތީ، ބޭރުގެ ބައެއް ފަރާތްތަކުގެ އަތްމައްޗަށް. މި ދެންނެވީ، ޓޫރިޒަމްގެ މައްޗަށް ކަމުގައިވާތީވެ، އެ ފަރާތްތައް އަންނައިރު، މި ތަނުގައި ހަމަޖެހުން އޮތުން ވަރަށް މުހިންމު. މިތަނުން އިޤްތިޞާދީ މަންފާ ލިބޭނެ ގޮތްތައް ފުޅާވެފައި އޮތުން ވަރަށް މުހިންމު. ޒުވާނުންނަށް ކުރިމަގު އުޖާލާކުރަން އެހާ ބޭނުންތެރި. އެހެންވީމާ، މިފަދަ ކަންކަމަށް ޖާގައާއި، ފުރުޞަތުތައް ދޭންޖެހޭ. ސިޔާސީގޮތުން އަޅުގަނޑުމެންވެސް ވެރިކަމަށް އައިސްފައި މިތިބީ.

އެހެންނަމަވެސް، ސިޔާސީގޮތުން އައިކަމުގައިވިޔަސް، ކުރަންހުރި މަސައްކަތްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ފޯކަސް، އޮފީސްތަކުގައި މަސައްކަތް ކުރަން ތިބި ޕޮލިސީ ލެވެލްގައި ތިއްބެވި ބޭފުޅުންގެ ފޯކަސް، އެއް ދިމާއަކަށް ގެންދިޔުމަށްޓަކައި، ސިޔާސީ ހަމަޖެހުން އޮތުން ވަރަށް މުހިންމުވޭ. އެހެންކަމުން، ރައީސް އެ ވިދާޅުވިގޮތަށް، ޒިންމާދާރުކޮށް މަސައްކަތް ކުރައްވަން ތިއްބެވި އިދިކޮޅު ފަރާތްތަކުން ނުވަތަ ވާދަވެރި ފަރާތްތަކުން އެކުރާ މަސައްކަތް ހުއްޓުވާލާކަށް، މި ސަރުކާރަކުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައިގެން މަސައްކަތެއް ނުކުރާނެ. އެ ޔަޤީންކަން ރައީސުލްޖުހޫރިއްޔާ ދެއްވަމުން އެ ގެންދަވަނީ.

އެހެންކަމުން، އަޅުގަނޑުމެންނަށް އެބައޮތް ޔަޤީންކަން. އަދި އަޅުގަނޑު ގަބޫލެއްނުކުރަން، އަޅުގަނޑުމެން މުޒާހަރާއަކަށް ނުކުންނަންޖެހޭވަރުގެ ކަމެއް، މި ސަރުކާރަކުން ކޮށްގެން އުޅޭކަމަކަށް. އެހެންނަމަވެސް، ކަންބޮޑުވުންތައް ޙިއްޞާކުރަންޖެހޭނެ. އެއަށް ފުރިހަމައަށް ތާއީދުވެސް ކުރާނެ. މިނިވަން މީޑިއާ، ނޫސްވެރިކަންވެސް އޮންނަންޖެހޭނެ. އެ ފުރުޞަތު ފުޅާމިނެއްގައި އެއޮތީ ދެވިފައި. ޤާނޫނުއަސާސީން އެބަ ބުނެދޭ، ހުރިހާ މިނިވަންކަމެއް. ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހުރި ހުރިހާ ޙައްޤުތަކެއް ރައްޔިތުންނަށް ކަށަވަރުވާން ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ. އެހެންވީމާ، އެއަކަށް ރައީސް ހުރަހެއްނާޅުއްވާ. އެ ޔަޤީންކަން އަޅުގަނޑުމެން އަބަދުވެސް ތަކުރާރުކޮށް ދެމުންމިދަނީ.

އެހެންވީމާ، އެއްވުން ބާއްވަން އޭރުގައި އެ ބޭފުޅުން ހެއްދެވި ޤާނޫނެއް. އެއްވެވޭނެ ވަކި ތަންތަނެއް ކަނޑައެޅުމަށްފަހުގައި، ބައެއް ހިސާބުތަކުގައި، ނޫނީ މަގުމަތީގައި ހިނގައިނުލެވޭނެ ގޮތަށް ޤާނޫނެއް ހަދައިގެން އެ ބޭފުޅުން ތިއްބެވި. އެހެންނަމަވެސް، އަޅުގަނޑުމެން މިދޭ ޔަޤީންކަމަކީ، ޤާނޫނު އަދި ބަދަލުވަންދެން، އެ ތަންތަނަށް އެއްވެގެން އަޑުއުފުލޭނޭ. އިހަށްރޭވެސް އެ ބޭއްވުނީ ދޮގެއްތޯ ބައްދަލުވުމެއް. އަޑު އުފުލަންވީ. އެހެންނަމަވެސް، ރައްޔިތުންގެ އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުނުވާގޮތަށް، އެކަންކަން ބައްޓަން ކުރީމާ، އަޅުގަނޑަށް ހީވަނީ ވަރަށް ކަމުދާނެހެން އިނގޭތޯ. އަޅުގަނޑުމެންގެ ފަރާތުން ދޭ ޔަޤީންކަމަކީ، ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، މިފަދަ އެއްވެސް ކަމެއް ހުއްޓުވާކަށް އިރާދަކުރެއްވިއްޔާ މިއަދުގެ ސަރުކާރުން މަސައްކަތެއް ނުކުރާނެއޭ.

މާހަތު ޙުސައިން ރަޝީދު:

ރާއްޖޭގައި މިވަގުތު މިއޮތް މާލީ ދަތިތަކާ އެކީގައި، ވަށައިގެން ނަޒަރު ހިންގާލިޔަސް މި ފެންނަނީ އަޅަން ޖެހިފައި ހުރި އަވަސް ފިޔަވަޅުތަކެއް. މުހިންމު ފިޔަވަޅުތަކެއް. އަދި ޚާއްޞަގޮތެއްގައި ވަރަށް ވިސްނުންތެރިކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް މިއީ.

ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުން ލިބޭނެ މަގު ހޯއްދެވުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ބައެއް ސިޔާސަތުތައް ތަންފީޒުވެސް އެބަ ކުރެވޭ. ކޮބައިތޯ ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުން ލިބެން އޮތް ގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އަޅުގަނޑުމެންނާ މި ބައްދަލުވާ، ނޫނީ އަޅުގަނޑުމެން މިދާ ހުރިހާ ފޯރަމްތަކުން، ނޫނީވިއްޔާ އަޅުގަނޑުމެންގެ މާލީ ނިޒާމާ ގުޅޭގޮތުން، ލަފާދޭ ފަރާތްތަކުން އަބަދުވެސް ލަފާދެމުން، މިއަދަކު ނޫން އިނގޭތޯ، މީގެ އެތައް ޒަމާންތަކެއް ކުރިންވެސް، އެތައް ވެރިކަމަކަށް ލަފާ ދެއްވާފައި ވަނީ، ރާއްޖޭގެ ސަބްސިޑީ މި ނިޒާމު ރަނގަޅުކުރުމަށްޓަކައި އިނގޭތޯ. އެންމެންނަށް ދެވޭ ކަހަލަ ނިޒާމެއްގެ ތެރެއިން މިހާހިސާބަށް އައި އައުމަކީ، ވަރަށް ބޮޑު އިސްރާފުތަކެއް، އޭގައި އެކުލެވިގެންދިޔަ ކަމެއް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ތިބިއިރު، ބައެއްފަހަރު އަޅުގަނޑުމެން ބައިވެރިވާ ފޯރަމްތަކުގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި އެ ވާހަކަ ދެކެވިފައި ވަނީ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަރަށް ގިނަ ޓްރިޕްތައް ހުންނާނެ ގޮސްފައި، އެކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުވެ، އެކި ކަހަލަ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގިފައި.

އޭގެ ތެރޭގައިވެސް މި އަންނަ އެންމެ ބޮޑު ވާހަކައަކީ، ދައުލަތުގެ މި މާލީ ނިޒާމު ހަރުދަނާ ކުރުން. އެއީ، އަޅުގަނޑުމެން ޑިޕެންޑް މިވަނީ ހަމައެކަނި ޓުއަރިޒަމަށް. 90 އިންސައްތަ އެއަށް ޑިޕެންޑްވެގެން އުޅޭ ޤައުމަކުން ކޯވިޑް ކަހަލަ ހާދިސާއެއް ދިމާވީމާ، އަޅުގަނޑުމެންނަށް މި އެނގުނީ، އަޅުގަނޑުމެންނަށް އިޙްސާސް ކުރެވުނީ، އަޅުގަނޑުމެން އެބަޖެހޭކަން އިޤްތިޞާދީ ގޮތުން އެހެން ދިމާއަކަށް މިސްރާބު ގެންދަން.. އެހެންވީމާ، އިރާދަކުރެއްވީތީ ރައީސް މިއަދު މަސައްކަތްޕުޅު ފަށްޓަވާފައި އެއޮތީ، އިކޮނޮމީ ޑައިވަރސިފައި ކުރެއްވުމަށްޓަކައި. އޭގެ ނަތީޖާވެސް ފެނޭ. އެއަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން އެބަ ގެންދަވާ. ނުވަތަ ބޭރު ދުނިޔޭގައިވެސް އަޅުގަނޑުމެން މި ދައްކާ، ހޯދައިދޭން ބޭނުންވާ، ދިވެހީންނަށް ހޯދައިދޭން ބޭނުންވާ ފުރުޞަތުތަކަކީ، މިގޮތަށް އިތުރު ފުޅާ ދާއިރާތަކެއް ހޯދައިދިނުން. އެހެންކަމުން، ހޯދައިދޭނެ ފުރުޞަތުތަކެއް ތަނަވަސްވެގެންދިޔުން.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި، ރައީސަށް އެންމެބޮޑަށް ދަތިފުޅުވެގެންދިޔަ އެއްކަމަކީ، އެމް.ޑީ.ޕީ.ގެ ވެރިކަމުގައި ހިންގަން ފަށާފައި ހުރި މަޝްރޫޢުތަކާއި އަދި އޭގެ ކުރިންވެސް ހިނގަމުން އައި މަޝްރޫޢުތައް ވަރަށް ބޮޑަށް ހުއްޓިފައި ހުރުން. އެވެސް މާލީ ނިޒާމުގައި، އެ ބޭފުޅުން މެނޭޖްކުރި ގޮތުން ވެފައިހުރި ކަންކަން. އެ ބޭފުޅުން ބަރާބަރަށް ފައިސާ ނުދެއްކެވުމާއި، ނޫނީ އިހުމާލުވެފައި ހުރި ހުރުން.

އެހެންވީމާ، އަޅުގަނޑުމެންނާ އެފަރާތްތަކާ ވާހަކަ ދެކެވި، ހައްލު ހޯދައިގެން ގެންދިޔައީ. މިސާލަކަށް، ތިލަމާލެ ބުރިޖް ފަދަ ތަންތަނުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިއަދު ދާތަން ދިވެހި ރައްޔިތުންނަށް ފެންނާނެ. އަޅުގަނޑުމެންނަށް ފުރަތަމަ ފެނުނުގޮތާ ތަފާތުކޮށް ބުރިޖެއްގެ ސިފަ އަޅުގަނޑުމެންނަށް މިހާރު ފެންނަން ފަށާފައި އެއޮތީ. ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި އެބަދޭ.

ދެން މިއޮތީ، އަޅުގަނޑުމެން އެކަމަށްޓަކައި އެންމެ ބޮޑަށް އުންމީދުކުރާ އަޅުގަނޑުމެންގެ މައި އެއަރޕޯޓުގެ މަސައްކަތް. އަޅުގަނޑުމެން މި އުންމީދު ކުރަނީ، އިޤްތިޞާދީ ގޮތުން އަދި ވަރަށް ބޮޑު ތަން އިތުރުވެގެން އަންނާނެ ކަމަށް. ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށް. އެއާ ގުޅިފައި އެބަހުރި ދޮގެއްތޯ، އަޅުގަނޑުމެންގެ ރާއްޖޭގެ އެތެރޭގެ އެހެނިހެން އެއަރޕޯޓުތަކެއް. އެއީ، އަޅުގަނޑުމެން އެ އެއަރޕޯޓުތައް ބޭނުންކުރަން މިއުޅެނީ، އެ ތަންތަނުން ޑިވެލޮޕްކުރާ އިތުރު ރިޒޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ކޭޓަރ ކުރުމަށްޓަކައި އިކޮނޮމީ ގޮތުން، އަޅުގަނޑުމެން މި ތަޞައްވުރު، ރައީސްގެ ތަޞައްވުރު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި، ނޫނީ އަޅުގަނޑުމެންގެ އިންކަމް އިތުރުކުރުމަށްޓަކައި އަވަސްކުރެވޭ މަސައްކަތުގައި. މިއަދު އެއަރޕޯޓުގެ މަސައްކަތް ވަރަށް ހަލުވިކޮށް ބާރަށް އެބަދޭ. ވަރަށް ބޮޑުބައި އޮތީ ނިމިފައި. ރައީސް ވިދާޅުވި އިހަކަށްދުވަހު، މި އަންނަ އަހަރު ޖޫންއަށް އިރާދަކުރެއްވިއްޔާ، އެތަން ހުޅުވި، އެތަން ބޭނުންކުރެވޭވަރަށް މަސައްކަތްކޮށް ނިންމައިލެވޭވަރު ވާނެ ކަމަށް.

އަޅުގަނޑުމެން ބޭނުންވާ ދިމާއަށް މިސްރާބު ޖެހިފައި މިއޮތީ. އެހެންވީމާ، މި މިސްރާބުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭ ކަމުގައިވާނަމަ، އަޅުގަނޑު ކުރިން ފާހަގަކުރިފަދައިން، ރައީސްގެ ތަޞައްވުރާ އެކީގައި އެކުލެވިގެން، ފާސްކުރެވިގެން އަންނަ ބަޖެޓުން، އަޅުގަނޑުމެން ބޭނުންވާ ކަންކަމަކީ ރައްޔިތުންގެ ޚިޔާލާއެކީގައި ބޭނުންވި ކަންކަން. އެހެންވީމާ، އެކަންކަން އިރާދަކުރެއްވިއްޔާ ތަންފީޒުވާން ފަށާނެ. އެ ޔަޤީންކަން އެބައޮތް. މި ފާއިތުވެގެން މިދިޔައީ، ގޮންޖެހުންތަކެއް ހުރި އަހަރެއް. އެހެންނަމަވެސް، އެ ކުރެވުނު މަސައްކަތްތަކަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިކަމާ އެކީގައި އުފާކުރަން އިނގޭތޯ.

މާހަތު ޙުސައިން ރަޝީދު:

މީގެ ކުރީގައި، ރާއްޖެ ކޮންމެވެސް އެއް ޤައުމަކަށް ބަރޯސާވެފައި އޮތްތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ނުވަތަ ދެތިން ޤައުމަކަށް ބަރޯސާވެފައި. ދެ ޤައުމަކަށް ބަރޯސާވެފައި މިއޮތީ. އެކަން ނިމުމަކަށް ގެނައުމަށްޓަކައި ރައީސްގެ ސިޔާސަތަކަށްވީ، އެކަންކަމުން ނާޖާއިޒް ފައިދާ ނެގުމުގެ ފުރުޞަތު ޤައުމުތަކަށް ލިބިގެންނުވާނެ ކަމަށް. އަދި ޚާއްޞަގޮތެއްގައި، އެންމެ ފުރަތަމަ އިސްކުރެވިގެންދާނީ ދިވެހިރާއްޖެ ކަމަށް. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި، މީގެ ކުރީގައި އޮތް ކަންތައްތަކަކީ އެއީ. ވަކި ބަޔަކަށް ބަރޯސާވެފައި އޮތް އޮތުން. މިހާރު އެކަންކަމަށް ބަދަލުތަކެއް އެބަ އަންނަކަމަށް، ސަރުކާރުން އެބަ ފާހަގަކުރައްވާ. ބޭރު ދުނިޔޭގައި ޤައުމުތަކުގެ މެދުގައި ރާއްޖެއަކީ އެ ޤަދަރާއި އެ ޢިއްޒަތް ލިބިފައިވާ އަދި ޚާއްޞަ ގޮތެއްގައި، އިޙްތިރާމް ލިބިފައިވާ ޤައުމަކަށް ހެދުމުގެ މުހިންމުކަން އެބަ ފާހަގަކުރައްވާ. ރައީސް ވަރަށް ގިނަ ޤައުމުތަކަށް ދަތުރުވެސް ކުރައްވައިފި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި. ޚާރިޖީގޮތުން ކޮބައިތޯ ރާއްޖެއަށް މިއައި ބަދަލުތަކަކީ؟ އަދި ރާއްޖޭގެ ސްޓޭންޑް ދެމެހެއްޓުމަށްޓަކައި، ކޮބައިތޯ ކުރެވިފައި ހުރި މަސައްކަތްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޙަޤީޤަތުގައި އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ތިޔަ ވިދާޅުވި ގޮތަށް، ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތެރޭގައި، ޚާރިޖީ ސިޔާސަތު ބައްޓަންވަމުންދިޔައީ، އެކިފަހަރު އެކިގޮތަށް. އެހެންވީމާ، އަޅުގަނޑުމެން އޭރު އިދިކޮޅު، ނޫނީ ވާދަވެރި ޕާޓީއެއްގެ ގޮތުގައި ތިބިއިރުވެސް އަޅުގަނޑުމެން ދައްކަމުން އައީކީ ވަކި ޤައުމަކާ ދެކޮޅުވެރި، ނޫނީ ޙަސަދަވެރިކަން އޮތް ކަމުގެ ވާހަކައެއް ނޫން. ތިޔަބޭފުޅުންވެސް އަޑުއައްސަވާނެ. އަޅުގަނޑުމެން ދައްކަމުން އައި ވާހަކައަކީ، މި ޤައުމުގައި އޮންނަން ވާނީ، މި ޤައުމުގެ މިނިވަންކަމޭ. ރައްޔިތުންގެ މިނިވަންކަމޭ. އެއޭ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ހަމަޖެހުމަކަށް ވާނީ. އެތެރޭގެ މަޞްލަޙަތުވެސް ނެގެހެއްޓޭނީ އޭރުންނޭ. އެހެންވީމާ، ފުރަތަމަ ޤައުމުގެ ނަމުގައި އަޅުގަނޑުމެން ވާހަކަ ދައްކަން ފެށީ. އެއީ، ސަބަބުތަކެއް އޮވެގެން.

އެއީ، މި ޤައުމުގައި މިލިޓަރީ އެއްވެސް ބަޔަކު ތިބެގެން ނުވާނޭ. މި ޤައުމުގައި ތިބެންޖެހޭނީ ދިވެހިރާއްޖޭގެ ސިފައިންނޭ. އެހެނެއް ނޫނޭ، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން އަޅުގަނޑުމެން ހޯދާނަމޭ. އެކިއެކި ތަމްރީނުތަކުގައި އެފަރާތްތައް މިތަނަށް އައިސް ތިބެންވެސް އެބަތިބި ދޮގެއްތޯ. އެހެންނަމަވެސް، ދާއިމީގޮތެއްގައި މި ތަނުގައި ޔުނީފޯމްއެޅި އެއްވެސް ބަޔަކު ތިބެގެން ނުވާނެކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކަމުން އައީ. ދެން އިރާދަކުރެއްވީތީ އެ ފުރުޞަތު އަޅުގަނޑުމެންނަށް ތަނަވަސްވެގެން އައުމާ އެކީގައި، ރައީސް އެންމެ ފުރަތަމަވެސް ފެށްޓެވީ އެ މަސައްކަތް. އެ މަސައްކަތް އެއީވެސް އަޅުގަނޑުމެންނަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެގެންދިޔަ.

އެހެންނަމަވެސް، އިސްކުރެއްވީ ވަރަށް ޞުލްޙަވެރި، ޙިކުމަތްތެރި ގޮތްތަކެއް. އޭގެ ބޭނުން އިރާދަކުރެއްވިއްޔާ ހިއްޕަވައިގެން މިއަދު އަޅުގަނޑުމެންނަށް އާދެވުނީ. ބޭރު ދުނިޔޭގައިވެސް އަޅުގަނޑުމެންނާ ދޭތެރޭ ދެކޭގޮތް ވަރަށް ބޮޑުތަނުން މިއޮތީ ބަދަލުވެފައި. އޭގެ މާނައަކީ، މިއަދު އެ ބޭފުޅުންނަށް ފަސޭހަކަމާއެކީ، އަޅުގަނޑުމެންނާ ވާހަކަދައްކާލެވޭ. މީގެ ކުރިން، މީގެ އެތައް ޤަރުނެއްހާ ދުވަސް ކުރިންވެސް، ރާއްޖެއާއި ބޭރުދުނިޔޭގައި މި އޮންނަނީ ވަރަށް އެކުވެރި ސިޔާސީ ގާތް ގުޅުމެއް އުފެދިފައި. އެ ގުޅުންތަކުގެ ތެރޭގައި ޓުއަރިޒަމް ފުޅާވެގެން އައުމާ ގުޅިގެން، ދުނިޔޭގެ އެތައް ބައެއްގެ ކަޅި ރާއްޖެއަށް ހުއްޓިގެން އައި. އައިއިރުގައި، ފަހަކަށްއައިސް މި ދިމާވި ކަންތައްތަކުގެ ތެރޭގައި، އުނދަގޫތަކެއް ކުރިމަތިލާން މިޖެހުނީ.

އެ އުނދަގޫތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ދަރަނިތައްވެސް ދައްކަން ފަސޭހަނުވެ ދިޔަތަން ފެނިގެންދިޔަ. އެހެންނަމަވެސް، ރައީސްގެ ސިޔާސަތު ބައްޓަންކުރެއްވި ގޮތުން، ހުރިހާ ޤައުމަކީ ހަމަހަމަ ޤައުމުތަކެއްގެ ގޮތުގައި ބެއްލެވީ، އެންމެ ފުރަތަމަވެސް. އެހެންނަމަވެސް، އެބަ ވިދާޅުވޭ، ތިމަންނާމެންނަށް އެންމެ މުހިންމުވާނީ ތިމަންނާމެންގެ ޤައުމޭ. އެންމެ ފުރަތަމަ ދިވެހިންނޭ. އެހެންވީމާ، އެ ސިޔާސަތުގެ ދަށުން މަސައްކަތްޕުޅު މި ކުރައްވަނީ. އެއަށް އިޙްތިރާމު ކުރެއްވުމަށް. އަޅުގަނޑުމެން ނުކުރި އިޙްތިރާމެއް އަޅުގަނޑުމެންނަށް ކުރާނެ ބަޔަކު ނާންނާނެ ދޮގެއްތޯ. އެހެންވީމާ، ރައީސް އެ މަސައްކަތްޕުޅު އެގޮތުގައި ހިފެހެއްޓެވީތީ މިއަދު، އިރާދަކުރެއްވީތީ ވަރަށް ކާމިޔާބޭ، އަޅުގަނޑުމެން ބޭރު ދުނިޔޭގައި މި ކުރެވޭ މަސައްކަތުގައި. އެހެންވީމާ، އަޅުގަނޑުމެންނަށް އެ ދޭންޖެހޭ ފުރިހަމަ އިޙްތިރާމުދޭ. އެ ދޭންޖެހޭ ލޯބިދޭ. އެބޭފުޅުންވެސް ގަބޫލުކުރައްވަނީ، މިއަދު އެ ބޭފުޅުންގެ ހިތްކަމަށް ދިވެހިރާއްޖެއަކީ. އެއީ، ދިވެހިންނަކީ ވަރަށް އަޚްލާޤު ރަނގަޅު، ޠަބީޢީގޮތުން މީހުންނާ ވަރަށް ގުޅޭ، ވަރަށް މިޒާޖު އެއްގޮތް ބަޔަކަށްވާތީ، އެހެންވީމާ، އަޅުގަނޑުމެންނަކީ، ކޮންމެ ބައަކަށްވެސް ވަރަށް ފުރިހަމައަށް، ވަރަށް އިޙްތިރާމާއެކީ މަރުޙަބާ ކިޔާ ބައެއް. އެކަން އެމީހުން ގަބޫލުކުރޭ.

އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް މިއަދު ލިބެންއޮތް ހިތްހަމަޖެހުމެކޭ. އެ ކުރިއެރުންތައް އިރާދަކުރެއްވިއްޔާ ލިބިއްޖެ. އަދި އަޅުގަނޑުމެންނާ ދޭތެރޭގައި އެކި ގޮތްގޮތަށް، ވާހަކަދައްކާ ޤައުމުތަކުންވެސް މިއަދު އަޅުގަނޑުމެންނާ އިޙްތިރާމު ކުރަން ފަށައިފި. އެއީ، ރައީސްގެ މި ދެންނެވި ކަހަލަ ހަރުދަނާ ސިޔާސަތުގެ ތެރެއިން.

މާހަތު ޙުސައިން ރަޝީދު:

ދެންމެ ތިޔަ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ސައުވީސް ގަޑިއިރު ބެލެހެއްޓުމުގެ އެ ނިޒާމު، ދިވެހި ސިފައިންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެން މިދިޔައީ. މީގެ ކުރީގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، ނުވަތަ އިތުރު އެހެން މަސައްކަތްތައް ކަމުގައިވީނަމަވެސް، ކޮންމެވެސް އެއްބައެއްގެ އެހީއާއެކީ، ކޮންމެވެސް އެއްބަޔަކަށް ބަރޯސާވެ މި ކަންތައް ކުރެވެމުން މިދިޔައީ. ރައީސްގެ ސިޔާސަތަކަށް ވެފައި މިއޮތީ، މިކަންކަމުގައި ހަރަކާތްތެރިވާނީ، ދިވެހި ސިފައިންނޭ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ޑޯނިއަރތަކެއް ގެނެވިއްޖެ. އަދި ހަމައެއާއެކީގައި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކުރެވޭނެ މުހިންމު މަސައްކަތްތަކުގެ ވާހަކަ، ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އިޢުލާނު ކުރެވިގެން ހިނގައްޖެ. ކިހާވަރެއްގެ މުހިންމު ކަމެއްތޯ މިއީ؟ އަދި ހަމައެއާއެކީގައި ކުރީގައިވެސް މިކަންކަމަށް ވަކާލާތު ކުރެވުނު. ދިވެހި ސިފައިންނަށް ލިބެންޖެހޭ ފުރުޞަތުތަކެއް ނުލިބުނީ ކީއްވެގެންތޯ؟ ޢަސްކަރީ ދާއިރާއިން ދިވެހިރާއްޖެއަށް ލިބެންޖެހޭ ކުރިއެރުންތަކެއް ނައިސް މިއޮތީ ކީއްވެގެންތޯ؟ މި ސަރުކާރުން އެ މަސައްކަތް އެބަ ކުރައްވާކަންނޭނގެ. ކިހިނެއްތޯ އެ ކާމިޔާބީ ފާހަގަކުރާނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ދެން އަޅުގަނޑަކަށް ނޭނގެ، ކުރީގައި މަސައްކަތް ކުރެއްވި ބޭބޭފުޅުންގެ ވިސްނުމުގައި އެކަން އެހެން ނުކުރައްވަނީ ކީއްވެގެން ކަމެއް؟ ނޫނީ އެބޭފުޅުންގެ އަޞްލު މަޤްޞަދެއް ނޭނގެ. އެހެންނަމަވެސް، އެކަން ނުކޮށް އެއޮތީ ދޮގެއްތޯ. ނުކޮށް އޮތުމުން، އެހެން ބަޔަކަށް އެ ފުރުޞަތުތައް ދޭން، މަސައްކަތްކުރި ވާހަކަ އަޅުގަނޑުމެން ދެއްކީ އޭރުގައި، ވާދަވެރި ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިއިރުގައި. ދެން އެކަން އަޅުގަނޑުމެންނަށް ފެނިގެންވެސް ގޮސްފައި އެއޮތީ. އެހެންނަމަވެސް، އިޞްލާޙީ ބަދަލުތަކާ އެކީގައި އެ ކުރެވުނު މަސައްކަތުގައި، ވަރަށް އުޖާލާކޮށް އަޅުގަނޑުމެންނަށް މަސައްކަތް ފެށުނީ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ވިސްނުމުގައި، ރައީސްގެ ވިސްނުންފުޅުގައި އޮތީ، ދިވެހީންގެ ތެރޭގައި އެކަމަށް ޤާބިލް ބޭފުޅުން އެބަތިއްބެވިއޭ. ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރުވެސް، އެންމެ ކުރީގައި އުޅުއްވާނީ ހަމަ ދިވެހި ކިޔަވާކުދިން އިނގޭތޯ. އެހެންވީމާ، އެ ކުދިންގެ އެ ހުނަރުވެރިކަމާއި، ފަންނީގޮތުން އެ ލިބެމުންދާ ޢިލްމުތަކަށް ބަލާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި، ކީއްވެގެންތޯއޭ އެފަދަ ދަރިވަރުން، އެފަދަ ކުދިންގެ ބޭނުން ނުހިފެންވީ.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ މުއައްސަސާތަކަށް ބަލާއިރު، އެމް.އެން.ޑީ.އެފް، ޕޮލިސްއަށް ބަލާއިރުގައި ވަރަށް ޤާބިލް ބޭބޭފުޅުން، ފަންނީގޮތުން ވަރަށް ބޮޑު ކާމިޔާބީ ހޯއްދަވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، އެ ނިޒާމުގެ ތެރެއިން، އެ ބޭފުޅުންނަށް ދޭންޖެހޭ ސަޕޯޓެއް ދީގެން، އެތަންތަން އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ތަންތަނަށް ހެދުމަށްޓަކައި، ނޫނީ އެ ބޭފުޅުންނަށް ލިބެންޖެހޭ އިތުރު ތަމްރީނުތައް ދީގެންވެސް އެއީ، ދިވެހީންގެ ކުޅަދާނަކަމުން ކުރެވޭ މަސައްކަތްތަކަށް ހެއްދެވުމަކީ އެއީ، ރައީސްގެ އެންމެ މުހިންމު އެއް ސިޔާސަތުގެ ތެރެއިން އެއް ސިޔާސަތު. އެހެންވީމާ، އެގޮތަށް މަސައްކަތްޕުޅު ފެށްޓެވީ.

އެހެންވީމާ، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދެއްވުމުގެ މަސައްކަތް ވަރަށްބާރަށް އެބަ ކުރިއަށްގެންދޭ. އަދި ލިބިދޭންޖެހޭ ޓްރޭނިންގ ހޯދުމުގައި، މި ދެންނެވި ގޮތަށް، ބޭރު ދުނިޔޭގެ ޤައުމުތަކުގެ އެހީތެރިކަން ހޯދުން އެއީ، އަޅުގަނޑުމެން ކުރާނެ ކަންކަން ދޮގެއްތޯ. އެހެންވީމާ، ގުޅިގެން ހިންގަންޖެހޭ ޓްރޭނިންގތައްވެސް ހިންގާނެ. އެހެންނަމަވެސް، އޭގެ މާނައަކީ، މިތަނުގައި މިލިޓަރީ މީހުން ދާއިމީކޮށް ތިބެނީކީ ނޫނޭ. އެއީ، އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް ކުރާ ކަމެއް. އެހެންނަމަވެސް، މީގެ މަޤްޞަދު، އަޅުގަނޑުމެންގެ މަޤްޞަދަކަށްވަނީ ދިވެހީން ކުރިއަށް ތިބެ، ދިވެހީން މިކަންކަމުގައި އިސްނަގައިގެން ކަންކަމުގައި އުޅުން. ދިވެހިވަންތަ ޤައުމެކޭ. ދިވެހީންގެ ޤައުމޭ މިއީ. އެހެންވީމާ، މި ސިޔާސަތު ރައީސް ތަންފީޒު ކުރައްވަން ބޭނުންފުޅުވަނީ.

މާހަތު ޙުސައިން ރަޝީދު:

ޤައުމެއްގެ މިނިވަންކަން ކަށަވަރުކުރުމަކީވެސް އެ ޤައުމަކަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިއޮތީ. ދެން ޒަމާނަށް މިއައި ބަދަލުތަކާ އެކީގައި، ސިޔާސީ އެކި ބޭފުޅުން ފާހަގަކުރައްވާ ގޮތުން ނުވަތަ ރައީސް އެ ވިދާޅުވާގޮތަށް، ޤައުމަކަށް އަރައިގަނެގެންނެއް ނޫން ޤައުމެއްގެ މިނިވަންކަން ނިގުޅައިގަނެވޭނީ. އެހެނިހެން ގޮތްގޮތުންވެސް، އިޤްތިޞާދީ ގޮތުން އަތްގަދަކުރުމާއި، ލޯނުތަކުގެ ތެރެއިންނާއި، މިކަހަލަ އެކި ގޮތްގޮތުން.

ޤައުމުގެ މިނިވަންކަމުގެ ވާހަކަ މިއޮތީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ މަސައްކަތްތަކެކޭ މި ކުރެވެނީ. މި ދާއިރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހޯއްދަވާފައި ހުރި ކާމިޔާބީތަކަކީ ކޮބައިތޯ؟ ޑޯނިއަރގެ ވާހަކައާއި، މިކަހަލަ ވާހަކަތަކެއް މި ފާހަގަކުރެވެނީވެސް. ޖުމްލަގޮތަކަށް ބަލާއިރު، އޯވަރޯލްކޮށް މި ދާއިރާގެ ތެރެއިން ކޮބައިތޯ ސަރުކާރަށް ލިބިފައި ހުރި ކާމިޔާބީތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން އިސްކުރީމާ ވާގޮތަކީ، އެހެނިހެން ޤައުމުތަކުންވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ދެކޭގޮތް ބަދަލުވެގެން އެބަ އާދޭ. އަޅުގަނޑުމެންނަށް ކުރާ އިޙްތިރާމު އިތުރުވެގެން އާދޭ.

އެހެންވީމާ، ރައީސް އެ ކުރެއްވި މަސައްކަތްތަކުގައި، ރައީސް ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައިވެސް ވިދާޅުވެފައި އޮންނާނެ، އަޅުގަނޑުމެން ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ އާބާދީ ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެން ކުދިކުދި ރަށްތަކެއްގައި މިހެން ބެހިފައި އޮތް ކަމުގައި ވީނަމަވެސް، އަޅުގަނޑުމެންނަކީ އިންސާނުންނޭ. އަޅުގަނޑުމެންގެވެސް އަޑެއް އޮންނާނެކަމާއި، އަދި މި ފަޚުރުވެރިވާ އަމިއްލަވަންތަ ބައެއްގެ ގޮތުގައި ރައީސްވާނީ މިގޮތަށް، މި ސިފަކުރެވޭ ގޮތަށް، އެތައް ފޯރަމްތަކެއްގައި ވާހަކަފުޅު ދައްކަވާފައި.

އެހެންވީމާ، އެބޭފުޅުންނަށް އެބަ އެނގިވަޑައިގަންނަވާ، މިއަދު އަޅުގަނޑުމެންގެ ލީޑަރަކަށް އެ ހުންނެވި ބޭފުޅާއަކީ ޤައުމުދެކެ ވަރަށް ލޯބިވާ، އަދި މި ޤައުމުގެ ތާރީޚެއް އޮތްކަމާއި، އަދި މި ޤައުމުގެ މާޒީގެ ތެރޭގައި، ކަން ކޮންމެ ގޮތަކަށް ހިނގާފައި އޮތް ކަމުގައިވީނަމަވެސް، އަޞްލު ދިވެހިވަންތަ ވެރިކަމެއް ކުރައްވާނެ ބޭފުޅެއްކަން.

އެހެންވީމާ، އެންމެ ފުރަތަމަ ޤައުމު. އެ ސިޔާސަތު އެމަނިކުފާނު އެ ގެންގުޅުއްވަނީ. އެހެންކަމުން، މީގެކުރިން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައިވެސް އެ ވާހަކަ ދެއްކިން. މި ހެދޭ ކަނޑުއަޑީގެ ޗާޓުތަކުގެ އެތެރޭގެ ކުރެހުންތައްވެސް، ވަކި އެއްބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ، އެ ކަންބޮޑުވުން އޮތޭ. މިއަދު، ދިވެހިން އަމިއްލައަށް އެކަން ކުރަނީ. އެހެންނަމަވެސް، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކީގައި މި ކުރަނީ. އެއީ، އަދި މުޅިން ތަފާތު ކަމެއް. އެހެންނަމަވެސް، ދިވެހިންނޭ މުޅި ޕްރޮޖެކްޓްގެ ހުރިހާ ކަމެއްގައި މަޝްޣޫލުވެގެން އުޅޭނީ. އެހެންވީމާ، އެ ފުރުޞަތުތައް ދިވެހީންނަށް އެ މަނިކުފާނު ފަހިކޮށްދެއްވަނީ.

މުޅި ރާއްޖެ ބެލެހެއްޓުމުގެ މި ނިޒާމުގެ ތެރެއިންވެސް އޭރުގައި އަޑުއަރަމުން އައީ މިކަހަލަ ގޮތަކަށް. އެހެންނަމަވެސް، ފަހުން ރައީސްގެ ސިޔާސަތުތައް ބަދަލުކުރެއްވީ، ދިވެހިންނޭ އިސްވެ ހުރިހާ ކަމެއްގައި އުޅޭނީ. ލިބެންޖެހޭ ފަންނީ އެހީތެރިކަން އެހެނިހެން ފަރާތްތަކުން ހޯދިކަމުގައިވިޔަސް. އެހެންވީމާ، ވަށައިޖެހޭ ސިޔާސަތެއް އެ މަނިކުފާނު އެކުލަވައިލެއްވީމާ ވާގޮތަކީ، އަޅުގަނޑުމެންގެ މިނިވަންކަމާއި، ދިވެހީންގެ ތެރޭގައި މިއޮތް ކަންބޮޑުވުމަށް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން އެދިޔައީ. ދިވެހިންނަށް އޭރު އޮތް މާޔޫސްކަން އެއްކޮށް ފިލައި ގޮސްފައި މިއޮތީ.

އެހެންނަމަވެސް، ސިޔާސީގޮތުން، ބޭބޭފުޅުން ވާހަކަފުޅު ދައްކަވާފާނެ. އެހެންނަމަވެސް، އޭގެ ޙަޤީޤަތެއް ނެތްކަން މިއަދު ވަރަށް ބޮޑަށް ސާފުވެގެން އެބަދޭ. ލޯކުރިމަތިން ދޮގެއްތޯ މި މަންޒަރު، މި މަސައްކަތްތައް ފެންނަމުން މިދަނީ. ޤައުމުގެ މިފަދަ ބޮޑެތި ކަންކަމަށް ބަދަލުތަކެއް އައިސްފައި ހުރިކަން ދިވެހީން ގަބޫލުކުރޭ. ތިޔަބޭފުޅުން، އާދެ، އެންމެ ރަނގަޅަށް މިކަންކަން ދިރާސާކޮށް، ރައްޔިތުންނާ ހަމައަށް ގެނެސްދޭން ތިއްބެވި ބޭފުޅުންނަށް މި މަންޒަރު އަދި މާ ސާފުކޮށް ފެންނަމުންދާނެ.

މާހަތު ޙުސައިން ރަޝީދު:

އާދެ، ދިވެހީންގެ ރާއްޖެ މެނިފެސްޓޯއަށް ބަލާއިރު، މެނިފެސްޓޯގައި ބަހާލެވިފައި ހުރި އެކި ޗެޕްޓަރތަކެއް އެބަހުރި. މި ޗެޕްޓަރތަކުގެ ތެރޭގައި، އެންމެ ފުރަތަމަވެސް މި އޮންނަ ޗެޕްޓަރއެއްގެ ގޮތުގައި މިއޮތީ ޒުވާނުންގެ ވާހަކަތައް. ޒުވާނުން ހަމަ ވަރަށް ގިނަ އުންމީދުތަކެއް ކުރި، ސަރުކާރާ މެދު. އަދި ޚާއްޞަގޮތެއްގައި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް. އެއީ، ހުރިހާ ގޮތަކުން ބެލިކަމަށްވިޔަސް. ތަޢުލީމީ ގޮތުންނާއި، މި ހުރިހާ ދާއިރާތަކުން ދިވެހިރާއްޖެއަށް ކުރިއެރުން ލިބިގެން އަންނާނެކަމުގެ، އެ އުންމީދުތަކެއް ކުރި ޒުވާނުން. ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ ނައިބު ރައީސް، ޒުވާނުންގެ އެ އުންމީދާއި އަދި އެ ހުރިހާ ކަމަކަށް ބަލާކަމަށްވާނަމަ، އެކަންކަން އެބަ ހާސިލުކޮށްދެވޭތޯ؟ މެނިފެސްޓޯގައި ހިމަނާފައި ހުރި ކަންތައްތަކާ އެކީގައިތޯ ކުރިއަށް މި ދެވެނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑުމެންގެ ސަރުކާރެއް ގެނައުމުގައި، ވަރަށްބޮޑު އިންސައްތައެއް ޙިއްޞާކުރި ބައެއް ޒުވާނުންނަކީ އިނގޭތޯ. އެހެންވާންޖެހުނު ސަބަބަކީ، އޭރުގައި އޮތް ސަރުކާރުން ޒުވާނުންނާ ދޭތެރޭގައި ވަރަށް ބޮޑަށް އިހުމާލުވުން. ތިޔަ ވިދާޅުވިގޮތަށް، ޒުވާނުން ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމުނުކުރެވުމާއި، ފުރުޞަތުތައް ބޭނުންވާ ގޮތަށް ނުލިބުމާއި، އެހެންގޮސް މިސާލަކަށް ބުނަންޏާ، ފުޓްބޯޅަ އެކީގައި ވަޅުޖެހިގެން ދިޔުމާއި، އަދި އޭގެ އިތުރަށް، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި، މި ކުރެވޭ މަސައްކަތުގެ ތެރެއިންވެސް ގިނަ ކަންކަން ހުއްޓުމަކަށް އައީ. އަދި ތަޢުލީމީ ދާއިރާއިންވެސް ޒުވާނުން ކުރިއަށްދާން ބޭނުންވާ އެއްވެސް ދޮރެއް ހުޅުވިފައި ނެތުނީ.

އެހެންވީމާ، ޒުވާނުންގެ ނިންމުމަކަށްވީ އެ ސަރުކާރު ބަދަލުކުރުން. ޒުވާނުން އުންމީދުތަކެއް ކުރި. ޒުވާނުންގެ ވާހަކަތައް މެނިފެސްޓޯގައި ހިމެނިފައި އެއޮތީ، ޒުވާނުން ބޭނުންވިގޮތަށް. ކޮންމެ މަސައްކަތެއްގައި އުޅުއްވި ކަމުގައިވީނަމަވެސް، ޒުވާނުން ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި މި ދެންނެވި ގޮތަށް، ކޮންމެވެސް އެއް ކުޅިވަރެއްގައި އެބަ ޝާމިލުވޭ ދޮގެއްތޯ ދުވާލެއްގެ މަތިން. އެހެންވީމާ، އެ ކުޅިވަރުތައް މިއަދު ރާއްޖޭގައި ކުޅެވޭނެގޮތް، ވަސީލަތްތައް ޤާއިމުނުކުރެވި އޮތް އޮތުމަށް ބަދަލެއް ގެނައުމަށްޓަކައި، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ރައީސް ވަރަށް ގިނަ ކަންކަން ހިމަނުއްވާފައި ހުންނާނެ. އެކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާހިސާބަށް ކުރެވި، އަޅުގަނޑު މި ފާހަގަކުރި ފަދައިން، ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި، އެގްރިމެންޓްތަކުގައި ސޮއިކުރެވި، މި މަޝްރޫޢުތައް ފެށިގެންދާ ތަން އިރާދަކުރެއްވިއްޔާ ފެންނަން ފަށާނެ. އެއީ، ޒުވާނުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ. އެހެންވީމާ، ޒުވާނުންނާ ގުޅިގެން، އަދި ޒުވާނުންގެ އަޑު އުފުލުމަށްޓަކައި، ނޫނީ ރައީސުލްޖުމްހޫރިއްޔާއާއި، ޒުވާނުންގެ ކަންބޮޑުވުންތައް، ނޫނީވިއްޔާ ޒުވާނުން ބޭނުންވާގޮތަށް ޤައުމު ބައްޓަންކުރުމަށް ބޭނުންވާ ކަހަލަ ކަންތައްތައް ރައީސާ ހަމައަށް ގެންދިއުމަށްޓަކައި އެއޮތީ، ރައީސަށް ލަފާދޭ ކޮމިޓީއެއްވެސް ޒުވާނުންގެ ތެރެއިން އެކުލަވައިލެވިފައި.

މިއީ ޙަޤީޤަތުގައި، މީގެކުރިން ނުކުރެވި ހުރިކަހަލަ މަސައްކަތްތައް. އެހެންވީމާ، އެފަދަ ކަންކަމުގެ ތެރެއިން ރައީސަށް ބޭނުންވާ މަޢުލޫމާތުތައް ދިނުމާއި، އަދި ޤައުމުގެ ހުރިހާ ފަންތިއެއްގެ، ޤައުމުގެ ހުރިހާ ލެވެލްއެއްގެ ޒުވާނުންގެ އަޑު ހުންނާނެކަމުގެ ޔަޤީންކަން ޒުވާނުންނަށް މި ސަރުކާރުން ދޭނެ. އެކަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ.

ދެން މިހާރު ޒުވާނުންގެ ނާޖާއިޒު ފައިދާ ނެގުމަށްޓަކައި، ނޫނީ ޒުވާނުންނާ ގުޅިގެން ބައެއްކަހަލަ ވާހަކަތައް އެބަ ދެކެވޭ. އެ ވާހަކަތަކަށް ޒުވާނުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، އެ ވާހަކަތައް ގަބޫލުފުޅުނުކުރައްވާށޭ. ތިޔަބޭފުޅުން މަގުމަތިކުރީ އެ ބޭފުޅުންނޭ. ޒުވާނުން ބޭނުންނުވާ އެތައް ކަމަކަށް، ޒުވާނުން ގެންގޮސްފައި މަގު ބައްދާލަދިނީ އެ ފަރާތްތަކޭ. އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންނަށް ހުރި ފުރުޞަތުތައް ހުޅުވާލަދޭން. އެހެންވީމާ، އަޅުގަނޑު މި ދެންނެވި ގޮތަށް ހުޅުވާލަދޭން، އެއް އަހަރު ތެރޭގައި މި ކުރެވުނު މަސައްކަތްތައް މިހިރިއްޔޭ ފެންނަން. ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައޭ އޮތީ. އޭގެ ކޮންމެ ކަމަކާވެސް ގުޅިފައި މި އޮންނަނީ އާޚިރުގައި ދައުލަތުގެ މާލީ ނިޒާމާ.

އެހެންވީމާ، މާލީގޮތުން މިހިރަ ދަތިތައް ނައްތާލައި، އެ ހުރަސްތައް ނައްތައިލުމަށްފަހު، އަޅުގަނޑުމެން މާދަމާ ފިޔަވަޅުއަޅާއިރު، އިރާދަކުރެއްވިއްޔާ، މިކަންކަމަށް ލުއިވެގެން އަންނާނެއޭ. ޒުވާނުން ބޭނުންވާ ކުޅިވަރު ފެސިލިޓީތައް ޤާއިމުވެގެން އަންނާނެ. ޒުވާނުން އެހެނިހެން ރޮނގުތަކުން، ތަޢުލީމީގޮތުން، ކުރިއަށްދާން ބޭނުންވާ ދާއިރާތަކަށް ދޭންޖެހޭ ސަމާލުކަން ދެވޭނެ. މިހާރުވެސް އެބަދެވޭ އިނގޭތޯ. ފުދޭވަރަކަށް އެހީތެރިކަން އެބަދެވޭ. އެހެންވީމާ، އިތުރަށް ފުޅާކުރެވިގެންދާނެ.

މިއަދުވެސް އަޅުގަނޑުމެންގެ ރައީސް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި، ބޭރުގެ ގިނަ ޤައުމުތަކުން ހިލޭއެހީގެ ގޮތުގައި، ޔުނިވަރސިޓީތަކުން އެ ފުރުޞަތުތައް ހުޅުވިގެން އެބަދޭ. އެހެންވީމާ، މިއީ އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އިތުރުވެގެން އަންނާނެ ކަންކަން. އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަންޖެހޭ.

ދެން އަޅުގަނޑުމެންގެ ތެރޭގައި މިހިރަ ބޮޑެތި މައްސަލަތަކަށް އަޅުގަނޑުމެން ޝައްކުގެ ނަޒަރަކުން، ނޫނީ އެހެންގޮތަކުންވެސް ބަލާއިރު، އިޖުތިމާޢީ ގޮތުން ނުކުންނަ މައްސލަތަކަށް ބަލާއިރު، ޑުރަގުގެ މައްސަލަތަކާއި، އަދި މަގުމަތީ މާރާމާރީއާއި، މިފަދަ ކަންތައްތައް ނިސްބަތުން ބަލައިލާއިރުގައި ވަޒަންކުރަންޖެހޭނީ ތަފާސްހިސާބުތަކުން ދޮގެއްތޯ. ބަލައިލާއިރުގައި މިދިޔަ އަހަރާއި، މި ކުރިން އަހަރުތަކާ ބަލާއިރު ވަރަށް ބޮޑުތަން މިއޮތީ ކުޑަވެފައި. އެހެންވީމާ، މާނައަކީ، އިޞްލާޙީ ބޮޑެތި މަސައްކަތްތަކުގެ ނަތީޖާ އެބަ ފެނެއޭ. ޤާނޫނު ހެދިފައި އެބަހުރި. އެހެންނަމަވެސް، ޤާނޫނީގޮތުން ހުރި ހުރަސްތައްވެސް ނައްތައިލުމަށްޓަކައި ރައީސް އެ ކުރެއްވި މަސައްކަތްޕުޅުތައް އެއޮތީ ފެންނަން ރައްޔިތުންގެ މަޖިލިސްތެރެއިން. އަޅުގަނޑުމެންނަށް ސުޕަރ މެޖޯރިޓީ ލިބުމާ އެކީގައި، ވަރަށް ގިނަ ޤާނޫނުތައް، ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އިޞްލާޙު ކުރުމަށްފަހު، އެނބުރި ގެނެސް، އެ ތަންފީޒުކުރުމުގެ މަސައްކަތް އެބަދޭ.

ހަމައެއާއެކީ، އަޅުގަނޑުމެންނާއި ރައްޔިތުން، ޒުވާނުން ކުރި އުންމީދަކީ، ރަނގަޅުވާން ބޭނުންވާ ޒުވާނުން އެ ފުރުޞަތުގައި ރަނގަޅުކުރުން. ރަނގަޅު ފަރުވާދެވޭނެ ޕްރޮގްރާމްތަކެއް ހެދުން. އެ މަސައްކަތްވެސް އެބަދޭ ކުރިއަށް. އެހެންވީމާ، ވަށައިޖެހޭ ނިޒާމެއް ޤާއިމުކުރަން ބޭނުން. މާދަމާއަށް ވިސްނާފައި، މާދަމާއަށް ބޭނުންވާ ކަންކަން އެކަނި ކޮށްލުމަކުންނެއް އަޅުގަނޑުމެންނަށް ދައުލަތެއް ނުހިންގޭނެ ދޮގެއްތޯ. ހަމަ އެގޮތުގެ މަތިން، ރައީސް ތަރައްޤީގެ ބޮޑު ޕްލޭނެއް އެކުލަވައިލައްވަނީ، މާދަމާ ވެރިކަމަށް އަންނަ ބަޔަކުވެސް އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓާލުމާއި، ޤައުމީ ބޮޑެތި އެހެނިހެން ނިންމުންތައް ބަދަލުކުރުމާއި، މިކަންކަން ކުރާ ކޮންމެ ފަހަރަކު، އެތައް އަހަރުތަކެއް ފަހަތަށް ސޮއްސާލާތީ. ސޮއްސާލީމާ އަނެއްކާ ސުމަކުން ފަށަން ޖެހުނީމާ ދިމާވާ ދަތިތަކެއް އެބަހުރި. އެކަން އިޙްސާސްވާނެ، މިއަދު ދިވެހި ރައްޔިތުންނަށް. އެކަން މިދިޔަ އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށް އިޙްސާސްވާނެ. އެކަމަކު އަޅުގަނޑު އުފާކުރަން، ދިވެހި ރައްޔިތުންގެ ކެތްތެރިކަމަށް އިނގޭތޯ. އެއީ، މި ދަތިތަކާއެކީވެސް ރައްޔިތުން ގަބޫލުކޮށްފިއޭ، ކުރީގެ ވެރިކަމަކުން ތިމަންނާމެންނަށް އަޅައިނުލުމުގެ ސަބަބުންނޭ، މިކަން މިހާލަތަށް އަންނަން މިޖެހުނީ. ތިމަންނާމެންނަށް އިހުމާލުވުމުގެ ސަބަބުންނޭ، މިހާލަތަށް އަންނަން މި ޖެހުނީ. އެއީ، އަޅުގަނޑު މި ދަންނަވާ ވާހަކަ. ރައްޔިތުންނަށް އަޅުގަނޑު ޝުކުރުވެރިވާ ކަމަކީ. ދިވެހިންނަކީ ޙަޤީޤަތުގައިވެސް މުހިންމު ކަންކަމުގައި ވަރަށް، ވިސްނުންތޫނު، ވަރަށް ވިސްނުން އިސްކުރާ ބައެއް. އެގޮތުގެ މަތިން، އެ ބޭފުޅުންގެ ވިސްނުން އިސްކުރީ. ތިމަންނާމެންނަށް ހެޔޮ ވެރިކަން ކުރާ ކަމުގެ އިޙްސާސްވާތީ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ދިވެހި ޒުވާނުންނަށް ފެނިގެންދާނެ.

މާހަތު ޙުސައިން ރަޝީދު:

އަޅުގަނޑުމެންނަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި އެންމެބޮޑަށް ފެނިގެން މިދިޔަ މަންޒަރަކީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅޭގޮތުން ދައްކަމުން މިދިޔަ ވާހަކަތައް. މަގުމައްޗަށް ނުކުތުމުގެ ވާހަކައާއި، އިހުތިޖާޖުތަކެއް ކުރުމުގެ ވާހަކަތަކެއް އެބަ ދައްކާ. އަޑު އުފުލުމުގެ ވާހަކަތަކެއް އެބަ ދައްކާ. އާ ސަރުކާރާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި، ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް، ދޮގު މަޢުލޫމާތުތަކެއް ދީފައިވާ ކަމަށް، ނުވަތަ ބަޖެޓް ހުށަހެޅީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެވެސް. މިކަހަލަ އެތައްއެތައް ވާހަކަތަކެއް ދައްކަމުން އެބަ އާދޭ. ސިޔާސީގޮތުން ދަންނަވާ ކަމަށްވާނަމަ، ހަމަޖެހުން ނަގާލުމަށްޓަކައި ހުޅުވިގެންދާ ދޮރެއް މިފަދަ ކަންތައްތަކަކީ މިއީ. އެއް އަހަރުވެގެން މިދިޔައީ މި ސަރުކާރަށް. ގާތްގަނޑަކަށް ޓްރާންސްމިޝަން މުއްދަތާއި، މި ހުރިހާ ކަމެއް ކަނޑާލުމަށްފަހުވެސް ކުރު މުއްދަތެއް ލިބިގެން މިދަނީ. މަގުމައްޗަށް ނުކުމެ އިޙުތިޖާޖުކޮށް، އަޑުއުފުލައި، ސަރުކާރު ވައްޓާލަން ގޮވާލައި، ބަދަލުކުރަން ގޮވާލައި، އެފަދަ ހާލަތަކަށް ކަންކަން ގޮސްފައިތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އަޅުގަނޑުމެން އެއްވެސްއިރެއްގައި އުންމީދެއް ނުކުރަން، އެމް.ޑީ.ޕީ.އަކުން އަޅުގަނޑުމެންނަށް މި ސަރުކާރަކަށް ހެޔޮބަހެއް ބުނާނެ ކަމަކަށް އިނގޭތޯ. އެއީ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ޤައުމުގައި ހިންގަންހުރި، އޭރުގައިވެސް މީގެ ކުރީގެ ވެރިކަންތަކުގައި ހިންގަންހުރި، ރައްޔިތުންނަށް ފައިދާހުރި ވަރަށް ބޮޑެތި ބިޔަ މަޝްރޫޢުތައް، އެ ބޭފުޅުން އެބަހުއްޓޭ ނުކުމެ ހުއްޓުވާލާފައި. އެހެންވީމާ، އެ ބޭފުޅުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ސިޔާސީގޮތުން. އެއީ، ކިތަންމެ ރަނގަޅު ކަމެއް އަޅުގަނޑުމެން ކުރަން އުޅުނަސް، އޭގައި ކޮންމެވެސް ދިމާއަކުން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރާނެ، އޭގައި ގޯސްތަކެއް އެބަހުއްޓޭ. އެހެންނަމަވެސް، އޭރުގައި ހިންގަން އުޅުނު ބޮޑެތި ޕްރޮޖެކްޓްސްތައް ރާއްޖޭގައި ހިންގުނުނަމަ، ރާއްޖެ މިއަދު މި ސްޓޭޖަކު ނޫން އޮންނާނީކީ. ދިވެހީންގެ ތެރޭގައި ވަޒީފާ ނެތް މީހުންނެއް، ވަޒީފާ ނުލިބިގެން މީހުން އުޅޭކަށް ނުޖެހޭނެ. އެހެންނަމަވެސް، އެ ބޭފުޅުންނާ ހުރެ މިހިސާބަށް މިއައީ. މިދިޔަ ފަސް އަހަރު އެ ބޭފުޅުންނަށް ކޯވިޑުތެރޭގައި ލިބުނު އެހީތެރިކަމާއި، އަދި ބޭރުގެ ޤައުމުތަކުން އެހެނިހެން ގޮތްގޮތުން ލިބުނު ފައިސާގެ އެހީތެރިކަމާއެކީ، އެތައް ގިނަ އެހީ ލިބިފައި އޮތްއިރު، ވޭތުވެދިޔަ، މިދިޔަ ފަސް އަހަރު ނޫން ކުރީގެ ހުރިހާ އަހަރަކާ ނުބައްދަލުވަރަށް ދަރަނި އުފައްދާފައޭ އެދިޔައީ، އެމް.ޑީ.ޕީ.ގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު އެކަނި. އެހެން ހުރިހާ ވެރިކަމަކާ ނުބައްދަލު ދަރަނި އުފައްދާފައޭ އެދިޔައީ. އުފައްދާފައި ދިޔައިރު، މި ދަރަނި ދެއްކޭނެ އެއްވެސްކަހަލަ ހަރުދަނާ އުސޫލުތަކެއް ޤާއިމުނުކުރެވި މިދިޔައީ. ރާއްޖޭގެ ވޭތުވެދިޔަ ފަސް އަހަރުގައި، އިތުރު ފައިސާ ވައްދާނެ ދޮރުތަކެއް ހުޅުވައިނުލެވި އެދިޔައީ. ހަމައެކަނި ފައިސާ ޗާޕުކޮށްގެން، ހުރި ޚަރަދުތައް ނިންމާލުމުގެ ސިޔާސަތެއް ގެންގުޅުނީ. އަޅުގަނޑުމެން ކުރިން ފާހަގަކުރި ފަދައިން، އެއިންވެސް ވަކި ބަޔަކަށް ހުރި ބިލްތަކަކަށް ފައިސާ ދެއްކި. ނޫނީ އެޑްވާންސް ފައިސާ ދެއްކެވި. މިކަހަލަ އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގޫ ބައެއް ކަންތައްތަކެއް ކޮށްފައި ހުރީ. އެހެންވީމާ، މިއީ އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް މިވާ އުނދަގޫ.

ކޮންމެފަހަރަކު ވެރިކަމަށް އައިސްފައި، އެމް.ޑީ.ޕީ.އަށްފަހު އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ، އަޅުގަނޑުމެން މިޖެހެނީ ސުމަކުންނޭ ފަށަން. އަނެއްކާވެސް އަލަށް ބިންގާތަކެއް އަޅައިގެން، ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް މުޅި ދައުލަތް ބައްޓަންކުރާށޭ މިޖެހެނީ. ދައުލަތުގެ ކުންފުނިތަކާއި، މުއައްސަސާތަކާއި ހުރިހާ ތަނެއް. އެ މަސައްކަތް މިހާރު ކުރެވިފައި މިއޮތީ އިރާދަކުރެއްވީތީ. އެހެންވީމާ، މާދަމާ އަޅުގަނޑުމެން މި މަޝްރޫޢުތައް ފަށައިގެން ކުރިއަށްދާއިރުގައި، އެމް.ޑީ.ޕީ.އަށް އަޞްލު ބަލަން ތިބެން ހަމަ ފަސޭހަނުވާނެތީ، އެ ވާހަކަ އެ ދައްކަނީ.

އަޅުގަނޑަކަށް ނުފެނޭ، މަގުމައްޗަށް ނުކުންނަންޖެހޭ ސަބަބެއް. އެއީ، ސިޔާސީގޮތުން މިހާތަނަށް އެއްވެސް ވެރިޔަކު، ނޫނީ އެއްވެސް ވަޒީރަކު، ނޫނީ މުއައްސަސާއެއްގައި ހުރި ބޭފުޅަކުވެސް އަޅުގަނޑުމެންގެ ޤާނޫނީ އެއްވެސް ދިމާއަކަށް ހާޒިރުކޮށް، ސުވާލުކޮށް، ސިޔާސީ ބޭނުމަކަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނޯންނާނެ. ރައީސް އެ ދެއްވަނީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ދެއްވަނީ، ޔަޤީންކަން. އެކަން އެ މަނިކުފާނު ނުކުރައްވާނެ ކަމުގެ. އެހެންވީމާ، ސިޔާސީގޮތުންވެސް މި ބޭފުޅުން ބިރުގަންނަންޖެހޭ، އެއްވެސްކަހަލަ ނުތަނަވަސްކަމެއް މިތާތެރެއަކު އޮވެގެނެއް ނުވާނެއޭ. ވަރަށް ހަމަޖެހޭ، ވަރަށް ފަސޭހަ ދިރިއުޅުމެއް އުޅެވެން އެބައޮތޭ މިތަނުގައި. އެހެންނަމަވެސް، މި ހަމަޖެހުމާއެކީ ކުރިއަށްދާނަމަ، އަޅުގަނޑުމެންގެ ރައީސް ބޭނުންފުޅުވާ ތަޞައްވުރު، ރައްޔިތުން ބޭނުންވާ ތަޞައްވުރާ ހަމައަށް ވާސިލުވެދާނެ ކަމަށް އަބަދުވެސް އެމް.ޑީ.ޕީ. ހިތުގައި އެ ބިރުވެރިކަން އޮވޭ. އެހެންވީމާ، އެއީ އެ ބޭފުޅުންގެ މަޤްޞަދަކަށްވާނީ، މަޝްރޫޢުތައް ހުއްޓުވާލުން. އެނޫން އެއްވެސް މަޤްޞަދެއް އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން.

މާހަތު ޙުސައިން ރަޝީދު:

އާދެ، އެންމެފަހު ސުވާލެއްގެ ގޮތުގައި، މި ސަރުކާރުގެ ކާމިޔާބީތަކާ ގުޅޭގޮތުން، މަސައްކަތްތަކާ ގުޅޭގޮތުން ދަންނަވާލަން. އެބައޮތްތޯ ނިންމާލުމުގެ ކުރިން، ސަރުކާރުގެ ކާމިޔާބީތަކާ ގުޅޭގޮތުން ފާހަގަކޮށްލަން ބޭނުންވާ ކަމެއް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑު ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ، މި އުނދަގޫ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު. އެ މަނިކުފާނުގެ ޙިކުމަތްތެރި ރޭވުންތެރިކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވޭ. ވަރަށް ކެތްތެރި، އަދި ވަރަށް ގިނަ ވަގުތު ވަޒީރުންނާ އެކީގައި ހޭދަކުރައްވައި، ކަންކަން އިޞްލާޙު ކުރެއްވުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާ.

އެހެންވީމާ، އެ މަނިކުފާނުގެ ހުރިހާ ވަގުތެއް މިއަދު ދިވެހި ރައްޔިތުންނަށް ދީލައިލާފައި އޮތީ. އޭގެ މާނައަކީ، މި ދެންނެވި ކަންކަން ރަނގަޅުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް އެ މަނިކުފާނު ކުރެއްވި ވާހަކަ. އެ ކުރެއްވީ، އުނދަގޫ ހާލަތުގައި ހުންނަވައިގެންވެސް. އެ މަސައްކަތާ އެކީގައި މިހާ ހިސާބަށް އާދެވުނު އާދެވުމަކީ، އެ މަނިކުފާނު މިކަމަށް ބެހެއްޓެވި ޝައުޤުވެރިކަން. ރައްޔިތުންނާ ދޭތެރޭ އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަކޮށްދޭ ކަމެއް. އެހެންވީމާ، މި ފުރުޞަތުގައި، އެ މަނިކުފާނަށް ހަމަ ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މިކަންކަން ރައްޔިތުންނާ ހަމައަށް، އެންމެ ދުވަހަކުންނެއް އަޅުގަނޑުމެންނަށް ދައްކައެއްވެސްނުލެވޭނެ.

އެހެންނަމަވެސް، މި ދެންނެވުނު އުނދަގޫތަކުގެ ތެރޭގައި، ކުރެވިފައި ހުރި މަސައްކަތުގެ ނަތީޖާ، މި އަންނަ އަހަރު ފެންނަން ފެށީމާ، އެމް.ޑީ.ޕީ.ގެ ތިޔަ އަޑުހަރުކޮށް ވާހަކަ ދައްކަވާ ބޭފުޅުންނަށްވެސް ފެންނާނެ އެ މަންޒަރު. އެކަންކަމުގެ ނަތީޖާތައް މި ފެންނަނީ.

އެހެންވީމާ، އަޅުގަނޑު ރައީސަށް ޝުކުރު ދަންނަވަމުން، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، ވޭތުވެމިދިޔަ އެއް އަހަރުގެ ތެރޭގައި، ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުކުރެވިގެން ހިނގައްޖެއޭ. މަސްވެރިންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް، އެމް.ޑީ.ޕީ. ވެރިކަމުން ފައިބައިގެންދިޔައިރު، 200 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުދީ، ކުރެވުނު މަސައްކަތަށް ނުދީ އެބަހުރި. އެހެންނަމަވެސް، މާލީ ހާލަތުގެ މި އުނދަގޫތަކުގެ ތެރޭގައިވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް ހަމަ ކޮންމެފަހަރަކު ދީ ނިންމަމުން ނިންމަމުން އައިސް، މިހާހިސާބަށް އައިއިރު، ބޮޑުބައެއް ގާތްގަނޑަކަށް ނިމިފައޭ އޮތީވެސް ދެންނެވިދާނެ. އެހެންނަމަވެސް، މަސްވެރިން ބާނާ މަހަށް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް، ދުވަހުން ދުވަހަށް ފައިސާ ދިނުމުގައި ދަތިތަކެއް މިހުރީ. މިކަންކަމަށްވެސް މިހާރުގެ މިއޮތް ޕްލޭންގެ ތެރެއިން، މި އަންނަ އަހަރު ނިމޭހާ ހިސާބަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވާސިލުވެވި، މި ހުރިހާ ސެކްޓަރއަކަށް، ހުރިހާ ދިމާއަކަށް ހިތްހަމަޖެހުން ލިބިގެންދާނެ. އެ ޔަޤީންކަން ދެން އަޅުގަނޑު.

ޒުވާނުންނަށްވެސް ދޭން އޮތް ޔަޤީންކަމަކީ، ޒުވާނުން ބޭނުންވާ ކުޅިވަރު އެރީނާތަކާއި، އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވި، ޒުވާނުންވެސް ހަރަކާތްތެރިވުމަށްޓަކައި ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާ ކަމުގެ ޔަޤީންކަން. އަދި ފަންނުވެރިކަމުގައިވެސް ކުރިއަރައިދާން ބޭނުންވާ މިންވަރަށް، އެކަހަލަ ފުރުޞަތުތައް ހުޅުވިގެންދާނެއޭ. މި ހުރިހާ ކަމެއް ގުޅިފައި މިއޮތީ ދައުލަތުގެ މާލީ ނިޒާމާ.

އެހެންވީމާ، މާލީ ނިޒާމަށް ރައީސްގެ މިހާރުގެ ރިފޯރމް އެޖެންޑާގެ ތެރެއިން މި އަންނަ ބަދަލުތަކާ ގުޅިގެން، ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި ބޭރުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ޤައުމާ ދޭތެރޭގައި އޮތް އިތުބާރު އުފެދިގެން އަންނާނެ. އެހެންވީމާ، މި ހުރިހާ ކަމަކަށް ބަލައި، އިރާދަކުރެއްވިއްޔާ އޮތީ ވަރަށް އުންމީދީ އަހަރެއް. އެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން މި ފުރުޞަތުގައި.

މާހަތު ޙުސައިން ރަޝީދު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންނަށް ދެއްވި ވަގުތުކޮޅަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، ސަންގު ޓީ.ވީ.ގެ އިސްވެރިންނަށާއި އަދި މާޙަތަށް އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ އިނގޭތޯ.

މާހަތު ޙުސައިން ރަޝީދު:

ވަރަށް ބޮޑަށް ޝުކުރިއްޔާ.