* މި އިންޓަރވިޔުގައި، ޕީ.އެސް.އެމް.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހުގައި ސުވާލުތައް ދެންނެވީ، އެޑިޓަރ ނިޝާން މުޙައްމަދު ދީދީ.

ނިޝާން މުޙައްމަދު ދީދީ:

السَّلَامُ عَلَيْكُمْ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، އަޅުގަނޑުމެން ޕީ.އެސް.އެމް. ނިއުސްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމް ބައްލަވާ އެންމެހައި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަން.

"ހަފްތާ 52"ގެ މި ޕްރޮގްރާމް އަޅުގަނޑުމެން ޚާއްޞަކޮށްލާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާ އެއްކޮށް.

ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ އަޅުގަނޑުމެންގެ ޕްރޮގްރާމަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ޝުކުރިއްޔާ.

ނިޝާން މުޙައްމަދު ދީދީ:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރިގެންދާއިރު، އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ، ސަރުކާރު ވެރިކަމަށް އައިސްފައި މިވަނީ، ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކަކާ އެކީގައި. ރައްޔިތުންގެ ހުރި ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަތް. އެއް އަހަރު ފުރިގެން ދިޔައިރު ސަރުކާރުން ރައްޔިތުންނަށް މިވީ ވަޢުދުތަކާއެކީ މިވީ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ޕަރފޯމަންސާމެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـه، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ފުރަތަމަވެސް ﷲއަށް ޙަމްދުކުރަން. ދެން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި، ނިމިދިޔަ ސަރުކާރަށް، ލޮބުވެތި ދިވެހި ރައްޔިތުން ވަރަށް ވަރުގަދަ މެންޑޭޓެއް ހަވާލުކުރި. އެ ބޭފުޅުން ވީ ވަޢުދުތަކެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުން އުންމީދުތަކެއް، އެ ބޭފުޅުންގެ ފަރާތުން ކުރަމުންދިޔައީ. އެހެންނަމަވެސް، ކަން ވެގެންދިޔައީ އޭރަކު އެހެނެއްނޫން. އަޅުގަނޑުމެން ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި، ސަރުކާރު ޖަވާބުދާރީކުރުވަން ކުރި މަސައްކަތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ރައްޔިތުންނަށް ތިލަވެ ހާމަވެގެންދިޔައީ. ދެން އެ ވާހަކަ އަޅުގަނޑުމެން އޭރު އެހާބޮޑަށް ދައްކާކަށްވެސް ނުޖެހޭ. އެއީ، ރައްޔިތުންނަށް އޭގެ އަސަރުތައް، ރައްޔިތުންގެ ޖީބާ ހަމައަށް ފޯރަމުންދިޔައީ. އެހެންވީމާ، ރައްޔިތުންނަށް އިޙްސާސްކުރުވި. ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ތެރެއިން، ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އުންމީދެއް ގެނެސްދޭނެ ކަމަށް ގަބޫލުކުރެވުނީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކަމަށްވާތީ، ރައްޔިތުން ބޭނުންވީ އެގޮތަށް ނިންމަން.

އެއީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެ ވަޢުދުތަކަކީ، އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކަކީ، ރައްޔިތުންގެ ތެރެއިން، މުޖުތަމަޢުގެ ތެރޭގައި ހުރި އެކިއެކި މައްސަލަތަކާ ގުޅިގެން، އެ ރައްޔިތުންގެ ތެރެއިން އެކަންކަމުގައި އުޅުއްވި ފަރާތްތަކުން ގެނެސްދެއްވި ހައްލުތަކެއްގެ މައްޗަށް ރިޢާޔަތްކޮށް، އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކެއް. މިއަދު މިހާހިސާބަށް އަޅުގަނޑުމެންގެ މަސައްކަތް އައިއިރުގައި، އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އިނގޭތޯ.

ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާނަން، އޭރުގެ ސަރުކާރުން ކަންކަން ބިނާކުރަމުން، މަސައްކަތްކުރަމުން އައި ގޮތުގެ ތެރޭގައި، ހެދިފައި ހުރި ޤާނޫނުތަކާއި، ހަމަޖެހިފައި ހުރި އުސޫލުތަކާ ޚިލާފަށް، މާލީ ނިޒާމުގެ ތެރެއިންވެސް ކަންކަން ކުރައްވަމުން އައިމާ، ހުރި ދަތިތަކެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އޭރު އަޅުގަނޑުމެން އެ ވާހަކަތައް ރައްޔިތުންގެ މަޖިލިސްގެ ތެރޭގައި، އަޅުގަނޑުވެސް ޚުދު އެ ވާހަކަތައް ދައްކަމުން އައީ. 

މިސާލަކަށް، ފާހަގަކުރާ ކަމުގައިވާނަމަ، ދައުލަތުގެ ބަޖެޓް ފާސްކުރަމުންދިޔައިރުގައި، ކޮންމެ އަހަރަކު ސަޕްލިމެންޓަރީ ބަޖެޓެއްވެސް ގެނޭ. ގެންނައިރުގައި، ޚަރަދުކޮށް ނިންމައި، ޤާނޫނުއަސާސީއާ ޚިލާފު ޢަމަލުތަކެއް ކުރަމުން މި އަންނަނީ. އޭގެ ތަފްސީލުތަކެއް ރައްޔިތުންނާ ހަމައަށް ހާމަކޮށްދިނުން، ރައްޔިތުންގެ މަންދޫބުންނާ ހަމައަށް ތިލަކޮށެއްނުދޭ. މި ވާހަކަ ފަސް އަހަރުގެ ތެރޭގައި ދެއްކީ.

ހަމަ އެގޮތަށް، ޚަރަދަށް ޒިންމާވާ ޤާނޫނު ސަސްޕެންޑް ކުރުމަށްފަހުގައި، ފައިސާ ޗާޕުކުރަމުން ދިޔައީ. މިވެސް ދުޅަހެޔޮ މުޖުތަމަޢެއް ގާއިމުކުރުމަށް ނުވަތަ އިޤްތިޞާދެއް ގާއިމުކޮށްދިނުމަށްޓަކައި، ރަނގަޅު ކަންކަމެއް ނޫންކަމުގެ ވާހަކަ އަޅުގަނޑުމެން ދެއްކީ. މިކަންކަމާ އަޅުގަނޑުމެން ދުރުނޫން މުސްތަޤްބަލެއްގައި ކުރިމަތިލާންޖެހޭނެ ކަމާއި، މީގެ އެންމެ ހިތިކަން ފޯރާނީ، އާންމު ދިވެހި ރައްޔިތުންނަށް ކަމަށް އަޅުގަނޑުމެން ވާހަކަ ދައްކަމުން އައީ. އެހެންނަމަވެސް، އެ ބޭފުޅުންގެ ސިޔާސަތަކަށްވީ، ފައިސާ ޗާޕުކޮށްގެން، ހުރި ޚަރަދުތައް ދެކޮޅުޖެއްސުމުގެ މަސައްކަތް ކުރުން.

އެހެންނަމަވެސް، އެކަން އެންމެ ފުރަތަމަ ގޮންޖެހުމަކަށް ބައްލަވައިގެން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، އެ މަނިކުފާނު އިރާދަކުރެއްވީތީ އެ ވަޢުދު ފުއްދަވައިދެއްވީ، ދިވެހި ރައްޔިތުންގެ ޙައްޤުގައި. އެއީ، ފަސޭހަކަމެއް ނޫން.

އެހެންނަމަވެސް، އެކަން އެހެން ހުއްޓުވައިލެއްވުމަށްފަހުގައި، ދެން އަޅުގަނޑުމެން މަސައްކަތްކުރީ. ދަރަނިތަކެއް އެބަހުރި. އެކި ސަރުކާރުތަކުން ވާރުތަވަމުން އައި ދަރަނިތައް ހުރި. ސަރުކާރެއް ހިންގަން ލޯނުވެސް ނަގަންޖެހޭނެ އިނގޭތޯ. މިއީ ދުނިޔޭގެ ނިޒާމު އޮތްގޮތްމެ. އެހެންނަމަވެސް، އެ ދަރަނިތައް ނަގާއިރުގައި، ދެއްކޭނެ ހަމައެއް އޮންނަންޖެހޭނެ. ދެއްކޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް، ރޭވުންތެރިކަމާއެކީ ފެންނަންޖެހޭނެ. ރައްޔިތުންނަށް ދެއްކެންޖެހޭނެ ދޮގެއްތޯ މިކަން. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ތިބި ފަރާތްތައް.

އެހެންނަމަވެސް، އަޅުގަނޑު ކުރިން ފާހަގަކުރިފަދައިން، އެއްވެސް ހަމައެއް، ހެދިފައި ހުންނަ ޤާނޫނު، އުސޫލުތަކުގެ ތެރެއަކުންނެއް ނޫން، ކަން ގޮސްފައި އޮތީ. އަޅުގަނޑުމެން ޖެހުނީ އަލުން އެކަންކަން ރީސްޓްރަކްޗަރ ކުރަން. އެހެންވީމާ، ރައީސް އެ މަސައްކަތްޕުޅު ފެށްޓެވި. އެއް ދުވަހުން، ދެ ދުވަހުން ކުރެއްވޭނެ ކަމެއްގެ ވާހަކައެއް ނޫން މި ދައްކަނީ. އެތައް ދުވަހެއްގެ ދަރަނިތަކާ އެކީގައި. ވޭތުވެދިޔަ 5 އަހަރު، އެދިޔަ 40 އަހަރާ ނުބައްދަލު ދަރަނި، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތީ.

އަޅުގަނޑުމެންނަށް ހުރި މުއްދަތުތަކެއް ދަރަނި ދައްކަންޖެހޭ. އެހެންވީމާ، އެކަންކަމަށް ވިސްނާވަޑައިގެން، އެ މަނިކުފާނު ވަރަށް ތަރުތީބުން މަސައްކަތްޕުޅު ފެށްޓެވި. ވަރަށް ކެތްތެރިކަމާއެކީގައި. އަދި ދިވެހި ރައްޔިތުންގެވެސް އުންމީދުތަކެއް އޮތްކަމާއި، އަޅުގަނޑުމެންވެސް ވީ ވަޢުދުތަކެއް އޮތުމާ އެކީގައި، މަސައްކަތްޕުޅު ކުރެއްވީ. އިރާދަކުރެއްވީތީ، މިހިސާބަށް އައިއިރުގައި، އެ ހުރިހާ ކަމެއް އެއޮތީ، ހަމަ މަގަށް އެޅުވިފައި އިނގޭތޯ. މިއީ، އަޅުގަނޑުމެންނަށް ލިބުނު އެންމެބޮޑު ކާމިޔާބީއަކީ. ރައްޔިތުންގެ ކެތްތެރިކަމާ އެކީގައި، ރައީސްގެ ޙިކްމަތްތެރިކަމާއި، ކަންކަން ތަރުތީބު ކުރެއްވުމުގައި ގެންގުޅުއްވި އުސޫލުތަކާ އެކީގައި، މިހިސާބަށް އާދެވުނީމާ މިއޮތީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކޭ، ދިވެހި ލޮބުވެތި ރައްޔިތުންނަށްވެސް ލިބިފައި.

ބަޔަކު ހީކުރީ، ސަރުކާރާ ހަވާލުވިތާ ދެމަސްތެރޭގައި، ތިންމަސްތެރޭގައި ދައުލަތް ބަނގުރޫޓުވެ، ދިވެހިން މުޅިން އެހެން ހާލަތަކަށް ހިނގައިދާނެ ކަމަށް. އެހެންނަމަވެސް، ﷲ އިރާދަކުރެއްވީތީ، ކަން މިންވަރު ކުރެއްވިގޮތަކީ މިއީއޭ. މިއިން މި ދައްކައިދެނީ ރައްޔިތުން ދެކެ ލޯބިވާ، އިޚްލާޞްތެރި ވެރިޔަކު އަޅުގަނޑުމެންނަށް ލިބިފައި ހުރުން. އެހެންވީމާ، އެ ވެރިމީހާ އިސްކުރެއްވީ، ލޮބުވެތި ރައްޔިތުންގެ ޙައްޤު. ކުރު ރާސްތާއަކަށް ނޫން. ދުރު ރާސްތާއެއްގައި މުހިންމު ބިންގާތަކެއް މި އެޅުއްވީ. އެހެންވީމާ، އެކިއެކި ދާއިރާތަކުން ވަރަށް ގިނަ ކަންކަން އިރާދަކުރެއްވީތީ މިއޮތީ ކުރެވިފައި.

ފުރަތަމަ ކަމަކަށް އިސްކަން ދެއްވީ، މި ދެންނެވި ތަރުތީބުގެ ވާހަކަ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، އެމް.ޑީ.ޕީ.ގެ ވެރިކަމުގެ، އޭގެ އަށްމަސް ކުރިން ފެށިގެން، ހިންގާފައި ހުރި އެއްވެސް ޕްރޮޖެކްޓަކަށް، ފައިސާ ނުދީ ހުއްޓުވާލާފައި އޮތީ. ދެން ސިޔާސީ ބޭނުމަށްޓަކައި، އެ ބަޔަކު ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކަންތައްތަކެއް ނުކޮށް ހުރި ވާހަކައެއް ނޫން. އެކަން އެބައޮތް، އޮޑިޓް ރިޕޯޓްތަކުން ފެންނަން. އެހެންވީމާ، މިހާހިސާބަށް އައިއިރު، އެ ހުރިހާ ފައިސާއެއް ނުދެވިހުރި ގިނަ ފަރާތްތަކަށް ފައިސާތަކެއްވެސް ދެވި، އިރާދަކުރެއްވީތީ މިހާހިސާބަށް މި އާދެވުނީ. އެހެންވީމާ، ވަރަށް ބޮޑު ކާމިޔާބީއެއް އިނގޭތޯ ހާސިލުކުރެވިފައި މިއޮތީ.

ނިޝާން މުޙައްމަދު ދީދީ:

އާދެ. ދެން މި ވޭތުވެދިޔަ ތަނުގައި، ރައްޔިތުންގެ ފާގަތިކަމާއި އަދި އެހެންމެ، ޖުމްލަކޮށް، ރާއްޖޭގެ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކާމެދު ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޙަޤީޤަތުގައި ރައްޔިތުންގެ ފުދުންތެރިކަމާއި ކާމިޔާބާ، ހުރިހާ ކަމެއް ގުޅިފައި މިވަނީ، އަޅުގަނޑުމެން މި ދައްކަމުން އަންނަ ވާހަކައާ. އަޅުގަނޑުމެންގެ ޤައުމުގެ ދާޚިލީ މަޞްލަޙަތާއި، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރެވިގެން ދާގޮތުން. ކުރުކޮށް ދަންނަވާ ކަމުގައިވަންޏާ، ޤައުމުގެ މިނިވަންކަމަށްވުރެ މުހިންމު ކަމެއް އަޅުގަނޑުމެންނަކަށް ނެތް. އެހެންވީމާ، އޭރުގައި ހާލަތު އޮތް ގޮތުން، އަޅުގަނޑުމެންގެ ސިޔާސީ ކަންކަން ބައްޓަންވާގޮތުން، އަދި ޚާއްޞަކޮށް، ޚާރިޖީ ސިޔާސަތު ބައްޓަންވަމުން އައި ގޮތުން، ބޮޑެތި ކަންބޮޑުވުންތަކެއް ހުރި. އަޅުގަނޑުމެން އެ ވާހަކަ ދައްކަންވެސް ދެއްކިން. މިއަދުވެސް އެ ވާހަކަ މި ދައްކަނީ، އަޅުގަނޑުމެންނެއް ގަބޫލެއްނުކުރާނަމޭ، އެއްވެސް ޤައުމެއްގެ މިލިޓަރީ ބަޔަކު މި ޤައުމުގައި ތިބޭކަށް އެއްވެސް ހާލަތެއްގައި. އެކަން އަޅުގަނޑުމެން ގަބޫލެއްނުކުރާނަމޭ. ދެން އޭގެތެރޭގައި ދެކެވުނު ބައެއް ވާހަކަތަކުގެ ސަބަބުން، އޭގެ ނުބައި މަންޒަރު، އެހެން ބަޔަކަށް ދައްކައިދޭން އެމް.ޑީ.ޕީ.އިން މަސައްކަތް ކޮށްފައި އޮތީ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުތަކުގެ ތެރެއިން، އިރާދަކުރެއްވީތީ އެކަން ވަރަށް ރަނގަޅަށް މިއަދު މިއޮތީ ފެންނަން. އެއީ، ހުރިހާ ޤައުމެއް ހަމަހަމަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމޭ އަޅުގަނޑުމެން އިސްކުރާނީ. ފުރަތަމަ ދިވެހި ޤައުމު. އެއީ، އަޅުގަނޑުމެންގެ މޮޓޯއަކީ. އެހެންވީމާ، އެގޮތުގެ މަތިން އަޅުގަނޑުމެން އިސްކަންދީގެން، އަޅުގަނޑުމެން މިދަނީ މަޞްލަޙަތު ހުރި އެންމެ ރަނގަޅުގޮތަށް ކަންކަން ބައްޓަންކުރަމުން.

އެހެންވީމާ، ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށްފަހުގައި، އިޖުތިމާޢީ ހަމަޖެހުން ޤައުމަށް ގެނައުމާއި، އިޤްތިޞާދީ ގޮތުން ރައްޔިތުން ބޭނުންވާ ފުދުންތެރިކަން ގެނައުމުގެ މަސައްކަތް މިދަނީ ކުރިއަށް. އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް މި ލިބެމުންދާ ކާމިޔާބުތަކުގައި މިހިރަ ކަންކަން ފާހަގަވެގެންދަނީ.

ނިޝާން މުޙައްމަދު ދީދީ:

އާދެ. ދެން ސަރުކާރު ވެރިކަމަށް ހަވާލުވީއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ރައީސްވެސް އަދި ސަރުކާރުގެ އެކިއެކި ފެންވަރުގެ ބޭފުޅުންވެސް ފާހަގަކުރައްވަމުން ގެންދަވަނީ. ދެން ކޮބައިތޯ ދިމާވި އެންމެބޮޑު ގޮންޖެހުމަކީ، މިގޮތުން ސަރުކާރަށް؟ އަދި މިވީ އެއް އަހަރުގެ ތެރޭގައި،
މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އަޅުގަނޑު ފެށިއިރު މި ފާހަގަކުރި ފަދައިން، ދަރަނީގެ މައްސަލަ، އެންމެބޮޑު ގޮންޖެހުމަކީ ދޮގެއްތޯ. އެއްވެސްކަހަލަ ތަރުތީބެއް ނެތި، ދަރަނިތައް ދެއްކުމުގައިވެސް، އެ ބޭފުޅުންގެ ނެތް މިންގަނޑުތަކެއް ކަނޑައެޅިފައިވެސް. އެހެންވީމާ، އަޅުގަނޑު ކުރިން ފާހަގަކުރި ފަދައިން، އެކަންކަން އިރާދަކުރެއްވީތީ މިއޮތީ ހައްލުކުރެވިފައި.

ދެން ދަރަނި ދައްކަންހުރި ޤައުމުތަކާވެސް ރަނގަޅު ގުޅުމެއް އަޅުގަނޑުމެންނާ ބަދަހިވެ، ޚާރިޖީ ސިޔާސަތުގެ ތެރެއިން ވާހަކަދެކެވި، ވަރަށް ބޮޑެތި ލުއިތަކެއް އަޅުގަނޑުމެންނަށް ލިބެމުން މިދަނީ. އެހެންވީމާ، މިއީވެސް އަޅުގަނޑުމެންނަށް ލިބެމުންދާ ކާމިޔާބީތައް. މި ކާމިޔާބީތައް މި ލިބެނީ، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ބައްޓަންކުރާ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުންނޭ. ދުނިޔެ ގަބޫލުކޮށްފި، އަޅުގަނޑުމެންގެ ރައީސްގެ މި ސިޔާސަތުތައް. ދެން އެއީ، އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެބޮޑު ކާމިޔާބީއަކީ. އެހެންވީމާ، އޭގެ ހުރިހާ ކަމަކުން ރައްޔިތުންނަށް މަންފާކުރާނީ ދޮގެއްތޯ. އޭރުން އަޅުގަނޑުމެން ރައްޔިތުންނަށް ކުރަންޖެހޭ ޚަރަދުތައް، ރައްޔިތުން ބޭނުންވާ ކަންކަމަށް، އަޅުގަނޑުމެން ޓާގެޓްކޮށްފައި، މަސައްކަތްތަކެއް އެބަ ކުރެވޭ.

އެހެންވީމާ، ސަރުކާރުން މިދަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން. ރާއްޖެއިން ބޭރުގެ، އެކިއެކި ޖަމުޢިއްޔާތަކާއި، ނޫނީ މި ބޭއްވޭ އެކިއެކި ފޯރަމްތަކުން ބައްދަލުވާއިރުވެސް ރާއްޖެއާ ނުބައްދަލު ސަބްސިޓީޒް ދޭ ވާހަކައާއި، ރާއްޖެއާ ނުބައްދަލު އެހެން ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނާ ހަމައަށް މި އަންނަނީ. އެހެންވީމާ، އެކަންކަން އިޞްލާޙުކުރުމަށްޓަކައި އައި.އެމް.އެފް.، ނޫނީ ވާރލްޑް ބޭންކް، މިފަދަ ފަރާތްތަކުން އަޅުގަނޑުމެންނަށް އަބަދުވެސް އަބަދުވެސް މަޝްވަރާ ދެމުން އަންނަނީ. އެ ބޭފުޅުންގެ ޚިޔާލުތަކާ އެކީގައި، މަޝްވަރާއާ އެކީގައި ޤައުމު ބައްޓަންކުރުމުގެ އަސްލު ފުރުޞަތު ކޮންމެ ސަރުކާރަކަށްވެސް، ކޮންމެ ވެރިއަކަށްވެސް ލިބެމުންދޭ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ރައީސް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާ، އެފަދަ ފަންނީ ފަރާތްތަކުގެ ޚިޔާލުތަކާ އެކީގައި، މަޝްވަރާއާ އެކީގައި މި ޤައުމު ކުރިއަށް އޮތްތާ ބައްޓަންކުރަން. އޭރުން ދޮގެއްތޯ، ދެމެހެއްޓެނިވި ގޮތެއްގައި މިކަންކަން ހަމައަކަށް އަޅުވައިގެން ދެވޭނީ. އެހެންވީމާ، މުއްސަނދިންނަށާއި، ފަޤީރުންނަށް އެއްވެސް ހަމައެއް ނެތި، އާސަންދައާއި ސަބްސިޑީޒް ދިނުމުގެ ކަންތައްތައްވެސް އިރާދަކުރެއްވީތީ މިހާރު ހައްލުކުރެވިގެން މިދަނީ. މި ޤައުމުގައި އެތައް އަހަރުތަކެއް ވަންދެން، ދުވަސްތަކެއް ވަންދެން ހުރި ވަރަށް ބޮޑެތި މައްސަލަތަކެއް ހައްލުކުރުމަށް، އަޅުގަނޑުމެންނާ މި ދެންނެވި ފަރާތްތަކާ މަޝްވަރާ ކުރަމުން މިއައީ. އެހެންވީމާ، އެ ފިޔަވަޅުތައް އަޅަމުން މި އަންނައިރުގައި، އަޅުގަނޑު މި ދަންނަވަނީ، މިދިޔަ އެއް އަހަރުގެ ތެރޭގައި ރައްޔިތުންނާ ދަތިތަކެއް ކުރިމަތިވިއޭ.

އެހެންނަމަވެސް، ރައްޔިތުންގެ ކެތްތެރިކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން އަދިވެސް އެއްފަހަރު. އަދިވެސް އެކަހަލަ ދަތި އުނދަގޫތަކެއް ހުރެދާނެމެ. އެހެންނަމަވެސް، އޭގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުވެ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ނިކަމެތި ރައްޔިތުންނަށް ލިބެންޖެހޭ ބައި ބޮޑުވެގެންދިޔުން، މުއްސަނދިންނެއް ނޫން.

އެހެންވީމާ، މިފަދަ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި ފެށުމުގެ ބިންގާތަކެއް އެޅެމުން މިދަނީ. ދައުލަތް އޮތީ އެކީ ލޫޓުވާލާފައި. އިޖުތިމާޢީ ފޭރާން އޮތީ އެކީ ވީދިފައި. އެއީ، ބަޔަކު ސިޔާސީގޮތުން މަސައްކަތް ކުރަން ފެށިގޮތުން، ވާ ކަންކަން މިހުރީ. އެހެންވީމާ، މި ބިންގާތަކުގެ ސަބަބުން ނަތީޖާ ފޮނިވެގެން މިދަނީ އިނގޭތޯ.

ނިޝާން މުޙައްމަދު ދީދީ:

އާދެ. ދެން ބޭރު ޤައުމުތަކާއި ރާއްޖެއާ މި އޮންނަ ގުޅުމާއި، އަދި ހަމައެހެންމެ، ބޭރުގެ އެކިއެކި ޖަމާޢަތްތަކާ އެކީގައި ރާއްޖެއަށް މަންފާކުރުވަނިވި އެކިއެކި ކަންކަން ކުރުމުގައި، އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ، މަނިކުފާނުގެވެސް ހަރަކާތްތެރި ދައުރެއް. މިކަމުގައި ކުރިއަށް ވަޑައިގަންނަވާއިރު، ކޮންކޮން ކަންތައްތަކެއްތޯ ފާހަގަކުރެއްވެނީ؟ އަދި ރާއްޖެއަށް އެހީތެރިކަން ޚާއްޞަކޮށް، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގައި އެއްވެސްކަހަލަ ގޮންޖެހުންތަކެއް އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އަޅުގަނޑަށް ފުރަތަމަވެސް ފުރުޞަތުތައް ލިބިގެން މިދަނީ އިރާދަކުރެއްވީތީ، ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ރައީސް މުޢިއްޒު އަޅުގަނޑަށް ވަރަށް އިތުބާރު ކުރައްވާތީ. އެހެންވީމާ، މި ލިބޭ ފުރުޞަތުތަކުގައި އަޅުގަނޑަށް ހަމަ ގިނަ ދަތުރުތައްވެސް ކުރެވިއްޖެ. ކޮމަންވެލްތު، މިހެންގޮސް އެކި ފޯރަމްތަކުގައި ބައިވެރިވެވިއްޖެ. މިއިން ކޮންމެ ބައެއްވެސް މަސައްކަތް ކުރައްވަނީ، އެ ބައެއްގެ ނެޓްވާރކް ތެރޭގައި ހިމެނޭ ޤައުމުތަކާ އެކީގައި. އެ ބޭފުޅުން އަޅުގަނޑުމެންނަށް މިއަދު ކުރާ އިޙްތިރާމު ފާހަގަކުރެވޭ އިނގޭތޯ. އަޅުގަނޑުމެންނާ ދޭތެރޭ ދެކޭގޮތް. އެއީ، އެންމެންވެސް ގަބޫލުކުރަނީ، މިއަދު އަޅުގަނޑުމެންނަކީ، ދިވެހިރާއްޖެއަކީ، އެ ބޭފުޅުންގެ ހިތޭ. އެހާވެސް ލޯބިވާ ޤައުމެއްގެ ގޮތުގައި އެ ބޭފުޅުން އަޅުގަނޑުމެންނަށް ސިފަކޮށްދެއްވަމުން ގެންދަވަނީ. އެ ބޭފުޅުން ސިފަކޮށްދެއްވަނީ. އަޅުގަނޑުމެން ނުޖެހޭނެ ސިފަކޮށްދޭކަށްވެސް.

އެހެންވީމާ، މި ތަނުގައި އޮތް ހަމަޖެހުމާއި، މި ތަނުގައި ދިވެހި ރައްޔިތުންގެ މިޒާޖާއި، އެ ހުންނަ ޚުލްޤުގެ ރީތިކަމުގެ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާ ކުރަމުންދަނީ. އަދި ޚާއްޞަގޮތެއްގައި، އޭގެ އިތުރަށް، މިއަދުގެ ސަރުކާރުން ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުން މި އަންނަ ގޮތް އެ ބޭފުޅުންނަށް ވަރަށްކަމުދޭ. އެ ވާހަކަވެސް އަޅުގަނޑުމެންނާ ދައްކަވާ. އެހެންވީމާ، އަޅުގަނޑުމެންނަކަށް ނުފެނޭ، އަޅުގަނޑުމެން މި އެދޭ ކަންކަމުގައި، އެއިން އެއްވެސް ފަރާތަކުން މިއަދާ ހަމައަށް ނޫނެކޭ ބުނެފައި އޮތް ތަނެއް. އެ ބޭފުޅުން އަޅުގަނޑުމެންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަން އެ ތިއްބެވީ ތައްޔާރަށް. އެކަން އަޅުގަނޑުމެންނަށް، ޤައުމަށް ފެންނަން، ދިވެހި ލޮބުވެތި ރައްޔިތުންނަށްވެސް ފެންނަމުން މިދަނީ. އޭގެ ތެރޭގައި އަރަބި ޤައުމުތަކާއި، އަދި އެހެނިހެން އަވަށްޓެރި ޤައުމުތަކާއި، އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އެހީތެރިކަންވެސް އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. ފަންނީ ގޮތުންނާއި، އެކިއެކި ދާއިރާތަކުން ފައިސާގެ އެހީތައްވެސް ލިބިގެން އެބަދޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭނެ ކަމެއް.

ދައުލަތް، ހަރުދަނާ ނިޒާމެއްގެ ތެރެއިން، އަޅުގަނޑު ކުރިން ދެންނެވިހެން، އިރާދަކުރެއްވީތީ އަޅުގަނޑުމެން މާލީ ނިޒާމު ތަރުތީބުކޮށްފައި މިއޮތީ. އެހެންވީމާ، އޭގެތެރެއިން ދެން އަޅުގަނޑުމެން ޚަރަދުތައް ކުރަމުންދާއިރު، ސީދާ ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތަކާއި، ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް އިސްކަންދީގެން، އެ ތަރުތީބުގެ ތެރެއިން ކުރިއަށް ގެންދެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ ވަރަށް ގާތް ގުޅުމެއް އެބަ އުފެދޭ ހުރިހާ ޤައުމަކާއެކުވެސް. މިއީ، ލިބޭ ބޮޑެތި ކާމިޔާބީތައް އިނގޭތޯ.

ނިޝާން މުޙައްމަދު ދީދީ:

އާދެ. ދެން ފާހަގަކުރައްވައިފި، ރާއްޖޭގެ އިޖުތިމާޢީ ހާލަތު އޮތްގޮތް ދޮގެއްތޯ، ސަރުކާރު ވެރިކަމާ ހަވާލުވިއިރު. އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، މި އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ތަން. ކޮބައިތޯ މި ހާލަތުން އަރައިގަނެ، އިޖުތިމާޢީ ހާލަތު ޚާއްޞަގޮތެއްގައި ރަނގަޅު ކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކަކީ؟ އަދި މިކަމުގައި ދިމާވާ ގޮންޖެހުންތަކާއެކު، މިގޮންޖެހުންތަކުން އަރައިގަތުމަށް، ކޮންކޮން މަސައްކަތްތަކެއްތޯ މި ކުރެވެނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އިޖުތިމާޢީ ގޮތުން އަޅުގަނޑަށް ފާހަގަކުރެވިއްޖެ، އަޅުގަނޑުމެން ހީނުކުރާވަރުގެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި އޮތްކަން. ޤައުމުގެ ތެރޭގައި އޮތް ހަމަޖެހުމެއް ނެތޭ. އެގޮތުން، ބަލާއިރުގައި، ވެރިކަމަކަށްފަހު ވެރިކަމެއް އަންނައިރު މި އަންނަނީ، ވެރިން ހައްޔަރުކޮށް، ސިޔާސީގޮތުން ވެރިންގެ ފަހަތުންދުވެ، މިކަހަލަ ކަންތައްގަނޑެއް ހިންގީމާ، މި ވާގޮތަކީ މުޖުތަމަޢުގެ ތެރޭގައި މި ހުންނަ ބައެއް ކަންތައްތައް ހަމައިން ނެއްޓިގެން މިދަނީ. ސިޔާސީގޮތުން ބަޔަކު މަގުމައްޗަށް ނުކުންނަންޖެހި، އިޖުތިމާޢީ ފޭރާމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއޭ. އޭގެ ތެރޭގައި، ޖީލެއް ހަލާކުވެގެން މި ދިޔައީ. ޒުވާން ޖީލެއް ޙަޤީޤަތުގައި ސިޔާސީގޮތުން ހަލާކުކުރަމުން މިގެންދަނީ. ކޮންމެފަހަރަކު ސިޔާސީ ބޭނުމަށް އެ ޒުވާނުން ބޭނުންކުރަނީ. އެ ޒުވާނުންގެ ކުށް އޮތީކީ ނޫން. އަޅުގަނޑުމެން މި އަންނަނީ ޒުވާނުންނަށް، ނޫނީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް، ރަނގަޅަށް މަސައްކަތް ކުރެވޭނެ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރާގޮތުން، އެ ފަރާތްތަކަށް މަޖުބޫރުކުރުވަނީ، އެކި ކަހަލަ ގޯސް ޢަމަލުތަކުގެ ތެރެއަށްދާން.

އެހެންވީމާ، އެ ފަރާތްތަކަށް މަގު ދައްކަން އަޅުގަނޑުމެން އެބަޖެހޭ. އަޅުގަނޑުމެންގެ ޤާނޫނުތަކެއް ހެދިފައި ހުރޭ. ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ މުހިންމު ކަންތައްތަކެއް މިއަދު ކުރެވިއްޖެ، އިޖުތިމާޢީ ގޮތުން. އެ ކުށްތަކަށް އަރައިގަނެވޭ ފަރާތްތަކާ ދޭތެރޭގައި، ޤާނޫނީ ފިޔަވަޅު އަޅައި، އެންމެ ހަރުކަށި ކަންކަންވެސް ކުރެވެން އެބަހުރި. އެހެންނަމަވެސް، އޭގެ ބޭރުން އަޅުގަނޑު މި ދަންނަވަނީ، ސަރުކާރަކަށް އެންމެ މުހިންމުވާނީ، އެ ފަރާތްތަކަށް މަގު ދެއްކުމޭ. ކުށްތައް މަދުވެއްޖެ.

އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން، މިއަދު ކުށްތައް، މާރާމާރީތައް މަދުވެއްޖެ. އާންމު މަޞްލަޙަތު ހުރި ކަންކަމުގައި، ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބެމުން އެބަދޭ. އާންމުން ދިރިއުޅޭ ތަންތަނުގެ އެ އިތުބާރު ރައްޔިތުންނަށް ލިބެމުން އެބަދޭ. އެހެންވީމާ، މިއީ އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންނަށް ލިބެމުން އަންނަ ކުރިއެރުން.

ދެން ކުޅިވަރު ދާއިރާތަކާއި އަދި އެހެނިހެން ތަޢުލީމީ، ޞިއްޙީ ދާއިރާތަކަށް ބަލައިލިކަމުގައިވީ ނަމަވެސް، ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، އަޅުގަނޑުމެން އެންމެ ލޯބިކުރާ އެއްކަމަކީ، ރާއްޖޭގެ ފުޓްބޯޅަ. މި ވާހަކަ ދައްކާކަށްވެސް ނުޖެހޭ. ދިވެހި ކޮންމެ ރައްޔިތަކަށް، އަދި އަޅުގަނޑުމެންގެ ރަށްތަކުގައި ދިރިއުޅޭ ޒުވާން ކުދިންނަށް ވަރަށް ސާފުކޮށް މިކަން އެނގެން މިއޮތީ. ކުޅޭނެ ތަންތަނެއް ނެތް. ދަނޑެއް ނެތް. 16 އަހަރު، 18 އަހަރު ފުރިގެންދިޔައިމާ، ދެން ނުކުމެ ކުލަބުތަކުގައި ތަމްސީލުކޮށް ނޫނީ، ޤައުމީ ލެވެލްގައި، ނުކުންނަން، އެ ހިތްވަރެއް އެފް.އޭ.އެމް. ތެރޭގައި އެ އޮންނަ ބޮޑީގެ ތެރެއިން ދެވިފައެއް ނެތް.

ބޮޑެތި ގޮންޖެހުންތަކެއް މިހިރީ. އެހެންވީމާ، މިކަންކަން ހައްލުކުރުމަށްޓަކައި، އިރާދަކުރެއްވިއްޔާ މިހާރު އެއޮތީ އެފް.އޭ.އެމް.ގެވެސް ކޮމިޓީ އަލުން އުފެދި، އެއް އަހަރު ދުވަހަށް އެކުލަވައިލެވިފައި. އޭގެތެރެއިން ސަރުކާރާ ގުޅިގެން ވަރަށް ބާރަށް މަސައްކަތްތަކެއް ކުރިއަށް އެބަދޭ.

އެހެންވީމާ، އަލުން ކޮންމެ ކަމެއް ސުމަކުން ފަށަން މިޖެހުނީ. ސުމަކުން ފަށަން މިޖެހުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންކަމުން ފުޓްބޯޅައިގެވެސް ކުރިމަގު އުޖާލާވެގެންދާނެ. އެސޯސިއޭޝަންތަކާ ގުޅިގެން، އެފަރާތްތަކުގެ ހުރި ގޮންޖެހުންތައްވެސް ދެނެގަނެވި، އެފަރާތްތަކަށްވެސް ލިބެންޖެހޭ އެއްބާރުލުން ސަރުކާރުގެ މުއައްސަސާތަކުން ދެމުން އެބަގެންދޭ. މީގެ ނަތީޖާ އަޅުގަނޑު މި ދަންނަވަނީ، މިދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެން މިއައީ ބިންގާ އަޅަމުންނޭ. ފެށިގެންނޭ. އެހެންވީމާ، ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި، ވަރަށް ފޮނިކޮށް ފެނިގެންދާނެ.

ތަޢުލީމީ ގޮތުން، ތަޢުލީމީ ނިޒާމު ބައްޓަންކުރަމުން އައިގޮތުން، އަޅުގަނޑުމެންގެ ބެލެނިވެރިން، މައިންބަފައިންގެ ތެރޭގައި މާޔޫސްކަން އޮތް. ދަރިން ތަރުބިއްޔަތު ކުރުމުގައި ދަތިތަކެއް ހުރި ވާހަކަ އަޅުގަނޑުމެން އަޑުއަހަމުން އައީ. އެހެންނަމަވެސް، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، އެ މަނިކުފާނު މަސައްކަތްޕުޅު ފެށްޓެވުމާ ހިސާބުން، ވަރަށް ބޮޑެތި ހިތްހަމަޖެހުންތަކެއް، ނޫނީ އަޅުގަނޑުމެންގެ ދީނަށް އޮތް ލޯތްބާއި، އަޅުގަނޑުމެންގެ އަޚްލާޤަށް ދެވޭ ސަމާލުކަން، ކުދިން ތަރުބިއްޔަތު ކުރުމުގައި ދެވޭ ސަމާލުކަން އިތުރުވެގެން ގޮސްފައި މިވަނީ. އެހެންވީމާ، މި އަންނަނީ ޤައުމަށް ބޮޑެތި ބަދަލުތައް.

ޚާއްޞަގޮތެއްގައި، އަޅުގަނޑުމެންގެ މި އިޤްތިޞާދީ އެޖެންޑާތަކުގެ ތެރޭގައި، ހުރި ކަންކަން ތަންފީޒުވަމުން ދާއިރުގައި، އިޖުތިމާޢީ ގޮތުން އެ ހުންނަ ކަންކަން ހަމަޖެހިގެންދާނެކަން ފާހަގަކޮށްލަން. އަޅުގަނޑު ކުރިން ފާހަގަކުރިހެން، މިއިން ކޮންމެ ކަމެއްވެސް ގުޅިފައި މި އޮންނަނީ އަޅުގަނޑުމެންގެ މާލީ ނިޒާމާ ދޮގެއްތޯ. އެ ބުރަ އުފުލަން މިޖެހެނީ. އެ ނިޒާމު ހަރުދަނާވެގެން ދިޔައިމާ، އިޖުތިމާޢީ ގޮތުން މި ހުންނަ ކަންކަންވެސް ޙައްލުވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން އެކިއެކި ޖަމުޢިއްޔާތަކާއި، އެކިއެކި ފަރާތްތަކާއި، އާންމުންގެ ފަރުދުންގެ ތެރެއިން، އެކިއެކި ޚިޔާލު ދެއްވާ ފަރާތްތަކާވެސް ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. ރައްޔިތުން ބޭނުންވާ ކަހަލަ ދުޅަހެޔޮ އިޖުތިމާޢީ މިންގަނޑަށް ފެތޭ މުޖުތަމަޢަކަށް އިރާދަކުރެއްވިއްޔާ މި މުޖުތަމަޢު ވެގެންދާނެ.

 ނިޝާން މުޙައްމަދު ދީދީ:

އާދެ. ދެން ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެހީތެރިވެދެއްވަން ހުންނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ދެން ކޮބައިތޯ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާއާއި މަނިކުފާނާ ދެމެދު މި އޮންނަ ގުޅުމާމެދު ކީކޭތޯ ވިދާޅުވާނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާއާ އެކީގައި މަސައްކަތް ކުރަން އަޅުގަނޑަށް ފުރުޞަތު ލިބުނީތީ އިނގޭތޯ، ފުރަތަމަ ކަމަކަށް. ވަރަށް ޚުލްޤު ހެޔޮ، މިޒާޖުގެ ގޮތުން ވަރަށް ރަނގަޅު، ހެޔޮ ބޭފުޅެއް. ކޮންމެ ކަމެއްގައިވެސް ވިސްނުން، ހެޔޮ ބުއްދި އިސްކުރައްވާ، ޙިކްމަތްތެރި ބޭފުޅެއް. ކަމެއް ދިމާވިޔަސް، މަޝްވަރާ ކުރައްވާ ބޭފުޅެއް. އެހެންކަމުން، މަސައްކަތް ކުރަން ފަސޭހަވޭ. އަބަދުވެސް ކެބިނެޓާ އެކީގައި އެ އޮންނަ ގުޅުން ދަމަހައްޓަވާ. ކެބިނެޓުގައި ތިއްބަވާ ވަޒީރުންގެ ޚިޔާލުފުޅުތައް، ކޮންމެ ކަމެއްގައިވެސް ހޯއްދަވާ. އެހެންވީމާ، ކަންކަން ރަނގަޅަށް ގެންދިޔުމުގެ ހެޔޮ ނިޔަތް އޮތްކަން، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ކަމަކަށް ސާފުވެގެންދަނީ.

އަބަދުވެސް ރައްޔިތުންނާ ގުޅުވައިގެން، އެއިރެއްގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް، މިސާލަކަށް ދަންނަވަންޏާ، ހަފްތާއެއްގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް މަސައްކަތް ކުރައްވާ. އޭގެއިތުރަށް، އަޅުގަނޑު މި ދެންނެވީ، އެންމެ ބޮޑު އިސްކަމެއް އެ މަނިކުފާނު ދެއްވަމުން މި އަންނަނީ، އެންމެ ދެ ދުވަހުން، ތިން ދުވަހުން ކޮށްލައި ނިންމާލާ ކަންކަމަކަށް ނޫން. ދުރު ރާސްތާއަކަށް އަޅުގަނޑުމެން ދާންޖެހޭ ކަމާއި، އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްފަހު، ޤައުމީ ތަރައްޤީގެ ޕްލޭނެއް މިއަދު އެކަލަވައިލަން ފަށްޓަވާފައި އެއޮތީވެސް މި ސަބަބުތަކަށްޓަކައި. އެއީ، މާދަމާ އަޅުގަނޑުމެންގެ ސަރުކާރު ނިމިގެން، ރައީސުލްޖުމްހޫރިއްޔާ ވަކިވެގެންދާއިރުގައި، އެ މަނިކުފާނު ފަށްޓަވާފައި ހުރި ޤައުމީ ތަރައްޤީގެ ޕްލޭންތައް، އަންނަ ބަޔަކު އައިސް ބަދަލުކުރީމާ، ރައްޔިތުންނަށް ދޮގެއްތޯ، މި ދަތިތައް އިޙްސާސް ކުރައްވަން މިޖެހެނީ.

އަޅުގަނޑު މިސާލެއް ދަންނަވާ ކަމުގައިވާނަމަ، އެމް.ޑީ.ޕީ. ސަރުކާރުން މިފެށްޓެވީ ތިލަމާލެ ބުރިޖުގެ މަސައްކަތް. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުމެއްނުވޭ، ރައީސް ބޭނުންފުޅުވެވަޑައެއްނުގަންނަވާ އެކަން އެއީ، ހުއްޓެންޖެހޭނެ ކަމެއް ކަމަކަށް. ރައީސަށް ފެނިވަޑައިގަތީ އެކަން އަވަސްކުރަން. އޭގައި ދަތިތަކެއް ކުރިމަތިވެފައި ހުރީ. އެއީ، އެއްކަލަ ފައިސާ ދޭންޖެހޭ އުސޫލުން، ހަމައިގެ ތެރެއިން ނުދެވި ހުރީމާ.

ހަނިމާދޫ އެއަރޕޯޓުވެސް މިގޮތަށް. ވަރަށް ސްލޯކޮށް އައީ. އެހެންނަމަވެސް، ރައީސް އެއަށް ހައްލު ހޯއްދަވައި ދެއްވި. ދައްކަންޖެހޭ ޕޭމަންޓްސްތައް ދައްކަން ފެށްޓީމާ، މަސައްކަތް ބާރު ސްޕީޑްގައި ދާތަން އެބަ ފެނޭ ދޮގެއްތޯ. ސަރުކާރަކާއެކު އެ ހެދޭ ކޮންޓްރެކްޓަރަކާ އެކީގައި އެ އޮންނަ ގުޅުން އެބަ ފެނޭ. އެ ހުރިހާ ސިފަތަކެއް އެބަ ފެނޭ ރައީސްގެ ފަރާތްޕުޅުން. އެހެންވީމާ، އޭގެ މާނައަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ލަސްވިޔަދޭކަށް، އެ މަނިކުފާނު ބޭނުންފުޅުވެވަޑައެއްނުގަންނަވާކަން. ކަންކަން އަވަހަށް ނިންމަވަން ބޭނުންފުޅުވާނެކަން.

މި ދެންނެވި ގޮތަށް، ޤައުމީ ތަރައްޤީގެ ޕްލޭނެއް ހަދައި، ޤާނޫނުން އެއަށް ބާރު ލިބިދިނުމަކީ ޙަޤީޤަތުގައިވެސް މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއް ސަރުކާރުން އައިސް، އަނެއް ސަރުކާރަކުން ކުރާ ކަންކަމަށް ޖެއްސުން ކުރީމާ ރައްޔިތުންނަށް މިއިން ދަތިވަނީ.

ބޯހިޔާވަހިކަމުގެ ސިޔާސަތުތަކެއް، އެ މަނިކުފާނު ކަނޑައަޅުއްވާފައި ވަނީ. އަންނަ އަހަރުގެ ހިޔާ ބަޖެޓެއްގެ ގޮތުގައި. ބަޖެޓުވެސް ސިފަކުރައްވާފައި އެއޮތީ. ރައްޔިތުންވެސް ދެކޭނީ އެގޮތަށް. އެހެންވީމާ، އާދަޔާ ޚިލާފު އަހަރަކަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ވެގެންދާނެ. އަޅުގަނޑުމެން ވަޢުދުވީ ފަސް އަހަރުގެ ތަރައްޤީ. އެހެންވީމާ، ފަސް އަހަރުގެ ތެރެއިން އެއް އަހަރު އަޅުގަނޑުމެން މިދިޔައީ، މި ހުރި ބޮޑެތި ކަންކަމުގައި، އަޅުގަނޑުމެންގެ ޤައުމު ހަމަ މަގަކަށް އެޅުވުމަށް.

އެކަން ތަރުތީބުވެގެން އައިއިރުގައި، ރައީސް އަޅުގަނޑާ މަޝްވަރާ ކުރައްވާ. އަޅުގަނޑާ ޚިޔާލު ބަދަލުކުރައްވާ. ދެން ވަރަށް އުފާވޭ އަޅުގަނޑު އެކަމާ. އަޅުގަނޑުގެ މެސެޖެއް ރައީސަށް ހިނގައްޖެ ކަމުގައިވާނަމަ، އެންމެ އުފާވާ ކަމަކީ، ވަރަށް އަވަހަށް ޖަވާބު ދެއްވާކަން. ދެން ރައްޔިތުންނަށް ފެންނާނެ، ވަރަށް ގުޅިގެން މަސައްކަތް ކުރާތަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް.

ނިޝާން މުޙައްމަދު ދީދީ:

ރާއްޖޭގައި މި ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތައް. ޚާއްޞަގޮތެއްގައި މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގު ކުށްތަކާއި، މި ނޫނަސް ބިދޭސީންގެ މައްސަލަތައްވެސް ހައްލުކުރުމަށްޓަކައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާ ތަން، އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އަހަރެއް ފުރިގެން ދިޔައިރު، ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މި ކުރެވުނު މަސައްކަތްތަކާ މެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ؟ އަދި މުޅި ދައުރުގެ ތެރޭގައި މި މަސައްކަތްތައް، ޚާއްޞަކޮށް، ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރެއްވި މަސައްކަތްތައް ކިހާވަރަކަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑުމެން ފުރަތަމަވެސް މަސައްކަތް މި ފެށްޓީ، ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލަން ދޮގެއްތޯ. އަޅުގަނޑު ކޮންމެ ކަމެއްވެސް ފާހަގަކުރަނީ، އަޅުގަނޑުމެން ފަށަން މި ޖެހެނީ ސުމަކުންނޭ. އެގޮތުން ބަލާއިރު، މިސާލަކަށް، ޑުރަގުގައި، މީގެ ތެރެއަށް ވަދެވޭ ކުދިންގެ ކަންކަން ހައްލުކުރުމަށް، ނޫނީ އެ ކުދިން ހޯދައިގަތުމަށް މި ކުރަންޖެހޭ މަސައްކަތުގައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ހުރިހާ ބަދަލުތައް އިރާދަކުރެއްވިއްޔާ ގެނެސް، އެ މަސައްކަތް ކޮށް ނިމޭނެ.

ދެން މި އަންނަނީ އަނެއް މަރުޙަލާ. މި ފަރާތްތައް ހޯދައި ދެނެގަނެ، އަދި ފަރުވާ ދިނުމުގެ ކަންކަން. އޭގެ އިތުރަށް، މިކަންކަން ހުއްޓުވުން. މިއީ އެންމެ އުނދަގޫ ކަމަކީ ދޮގެއްތޯ. މި ވިޔަފާރީގައި އުޅޭ ފަރާތްތައް ދެނެގަނެ، މިކަންކަން ހުއްޓުވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން. އެއީ، ރައްޔިތުންނަށް ލިބިދޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. އަޅުގަނޑުމެންގެ ޖީލެއް ސަލާމަތްކުރުމަށްޓަކައި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި، ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ. އޭގެ ތެރޭގައި ވޭޕްސް އަޅުގަނޑުމެން މި މަނާކުރީ. އެއީ، ވޭޕްސް އެތެރެކުރުމުގައި އަޅުގަނޑުމެންނަށް ނުބެލެހެއްޓޭ. ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރެވިފައެއް ނެތޭ، ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް.

އޭގެ ސަބަބުން އަޅުގަނޑުމެންގެ ކިޔަވާ ކުދިންގެ ތެރޭގައިވެސް ނޭއްގާނީ އާދަތަކެއް އެބަ އުފެދިގެން އާދޭ، މުޖުތަމަޢު ގަބޫލުނުކުރާ. މައިންބަފައިންވެސް، ބެލެނިވެރިންވެސް މިކަންކަން ހުއްޓުވަން އެދިއެދި މި ތިބެނީ. އެހެންވީމާ، ސަރުކާރުން މި ފިޔަވަޅުތައް މިއަޅަނީ، އަޅުގަނޑުމެންގެ މާދަމާގެ މުސްތަޤްބަލް ސަލާމަތްކުރުމަށްޓަކައި. އެއީ، ޒުވާނުންނަކީ މާދަމާ ނުކުމެ، މާދަން ޤައުމުގެ މުހިންމު މަގާމުތަކުގައި، ނޫނީ މުހިންމު ސިޔާސަތުތައް ތަންފީޒުކުރަން ތިބޭ ފަރާތްތައްވީމާ، ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމުގެ ނިޔަތުގައި، މިކަންކަން މިކުރަނީ ހެޔޮ ނިޔަތުގައި. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވީތީ މިއޮތީ ފެށިފައި.

ދެން މި އަންނަނީ އަޅުގަނޑު ކުރިން ފާހަގަކުރިން، ސިޔާސީގޮތުން ބަޔަކު ޒުވާނުން ބޭނުންކޮށްފައި ތިބި ގޮތުން، ނޭދެވޭ އާދަތަކެއް އުފެދިފައި އޮތްއޮތުން. އެހެންވީމާ، އޭގެތެރޭގައި، ތިން ހަތަރު ކުދިން އެއްވެގެން، މި ހިންގޭ ގޯސް ކަންތައްތައް ހުއްޓުވުމަށްޓަކައި، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ. ޤާނޫނު އެބައޮތް. ޤާނޫނުން އެ ލިބެންޖެހޭ ހުރިހާ ބާރެއް އިރާދަކުރެއްވިއްޔާ ލިބިދިނުމަށްފަހު، ދެން މިއޮތީ އަޅުގަނޑުމެންގެ ޒިންމާ. އެ ފަރާތްތައް މުޖުތަމަޢަށް ގެންނަން ކުރަންޖެހޭ މަސައްކަތް ކުރުން. އެގޮތުން، ހޯޕް އައިލެންޑަކާއި، މިހެންގޮސް އަޅުގަނޑުމެން ކަންތައްތަކެއް ރޭވި، ތަރުތީބު ކުރެވެމުން މި އަންނަނީ، ރައްޔިތުންގެ ތެރެއަށް، މުޖުތަމަޢުގެ ތެރެއަށް އަނބުރާ އެ ފަރާތްތައް ގެނައުމަށް.

ޙަޤީޤަތުގައި އެ ކުދިން އެކަންކަމުގެ ތެރެއަށް ވަންނަނީ، އެ ކުދިން ބޭނުންވެގެނެއް ނޫނޭ. ބަޔަކު އެކަން ކުރުވީމާ، ދެން އޭގެތެރޭގައި އުޅެން މަޖުބޫރުކުރުވަނީ. ދެން އެ ކުދިންވެސް ބޭނުމެއްނުވާނެ ދޮގެއްތޯ، މައިންބަފައިންވެސް ބޭނުމެއްނުވާނެ ދޮގެއްތޯ، އުމުރުދުވަހު އެކުދިން އެ ހާލުގައި، ނޫނީ އެ ކުދިންވެސް ހަމައަކަށް އެޅުނީމާ، އެ ވާހަކަ އަޅުގަނޑުމެން ދައްކަން. އަޅުގަނޑުމެން ކެމްޕެއިންތެރޭގައި ވަރަށް ގާތްކޮށް މިތިބި އެތައް ގިނަ ޒުވާނުންތަކަކާ އެކީގައި މަޝްވަރާކޮށް ވާހަކަ ދެކެވުނު. އެހެންނަމަވެސް، އެ ކުދިން މިކަންކަމުން އަރައިގަންނަން ބޭނުންވެފައި ތިބި މިންވަރު އެނގޭ. އެހެންވީމާ، އެ ކުދިންނަށް ދައުލަތަކުން އެބަ އެހީތެރިކަން ބޭނުންވޭ.

އެހެންވީމާ، އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދިނުމުގެ ނިޒާމުގެ ތެރެއިން ކަންކަން މި އަންނަނީ ތަރުތީބު ކުރެވިގެން. އެކުދިން އެކަހެރިކޮށް، މުޖުތަމަޢުގައި ބައިތިއްބާ ވާހަކައެއް ނޫން. އެހެންނަމަވެސް، މިކަހަލަ އައިލެންޑެއް، ހޯޕް އައިލެންޑެއްގެ ގޮތުގައި އަޅުގަނޑުމެން ޑިވެލޮޕް ކުރީމާ، އަދި ހުރިހާ ފެސިލިޓީތަކެއް އެތާ ގާއިމުކުރެވި، އަދި އަޅުގަނޑުމެންގެ ބަޖެޓަށްވެސް ލުއިތަކެއްވޭ. އެހެންވީމާ، ވަރަށް ގިނަ ކަންތައްތަކެއް އެތާ އެތެރެއިން، އެ ކުދިންގެ ކުރިމަގަށްޓަކައި ކުރެވޭނެ. އާމްދަނީ ހޯދޭނެ މަސައްކަތްތަކެއްވެސް ކުރެވޭ އިންތިޒާމެއްގެ ތެރެއިން މިކަންކަން މި ކުރެވެނީ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތްތަނުގައި އިޖުތިމާޢީ ގޮތުން މިހިރަ ބޮޑެތި މައްސަލަތަކާ ހިތްހަމަޖެހި، ރައްޔިތުން ގަބޫލުކުރާ ފެންވަރުގައި ހައްލުތަކެއް ލިބިގެންދާނެ ކަމަށް. މިހާރުވެސް މިދަނީ އެކަން ފެންނަމުން އިނގޭތޯ. އެހެންވީމާ، ރައީސް އެ ނިންމަވާ ނިންމެވުންތަކަކީ، ޙަޤީޤަތުގައި މާދަމާ، މުސްތަޤްބަލަށްޓަކައި ރައްޔިތުންނަށްޓަކައި ނިންމަވާ ވަރަށް ބޮޑެތި މުހިންމު ނިންމުންތަކެއް. އޭގެ ފައިދާވެސް ކުރާނެ.

ދެން ބިދޭސީންގެ ވާހަކަ. އަޅުގަނޑުމެން މި މާލެތެރޭގައި ޚާއްޞަކޮށް، އެކިއެކި ވިޔަފާރިތަކުގެ ކޮންޓްރޯލް ނަގައިގެން ބިދޭސީން އެބަތިބި. މިއީ، އަޅުގަނޑުމެންނަށް މާލެތެރެއިން އެންމެ ގަދައަށް އަޑުއިވެމުން އައި ވާހަކަތައް. އިރާދަކުރެއްވިއްޔާ މިހާރު އެ ވާހަކަތައް އިވޭލެއް މަދުވެގެންދާނެ. އެއީ، ލޯމަރާލާފައި، އަޅުގަނޑުމެން އެ މަސައްކަތް ފެށްޓީ. ދިވެހި ފުލުހުންނާއި، އިމިގްރޭޝަނާ ގުޅިގެން މި ކުރެވުނު މަސައްކަތުން، އަދި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކުގައި މި ކުރެވުނު މަސައްކަތުގައި، ބިދޭސީންގެ އެފަދަ ވިޔަފާރިތައް މިއޮތީ ހުއްޓުމަކަށް ގެނެވިފައި. އަދިވެސް މި މަސައްކަތް އެދަނީ ކުރިއަށް. އިރާދަކުރެއްވީތީ، 17000 މީހުން މިހާތަނަށް އައިއިރު، އެކި ގޮތްގޮތުން ހޯދައިގަނެވި، އޭގެތެރެއިން ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންނަށް އަނބުރާ ރާއްޖެއަށް ނާދެވޭގޮތަށްވެސް ފޮނުވިއްޖެ. ޤާނޫނީ އިމުގެ ތެރެއިން ބައެއް މީހުން ގެނެސްފައިވެސް ވާނެ.

މިފަދަ ބޮޑެތި މަސައްކަތްތަކެއް މިދަނީ ކުރެވެމުން. ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ދެ މައްސަލައިގެ ވާހަކަ ތިޔަ ވިދާޅުވީ. ތި ދެ މައްސަލައިގައި ރައްޔިތުން ގަބޫލުކުރާ މިންވަރަށް މިހާރު މަސައްކަތް ފެށިފައި މިވަނީ. އެހެންވީމާ، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ބޮޑެތި ބަދަލުތަކެއް މިކަމުގައި ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން. އަދި ރައްޔިތުންނާ ހަމައަށް އުންމީދުތަކެއް އަޅުގަނޑުމެން ގެނެސްދޭނަން. އިރާދަކުރެއްވިއްޔާ އެކަން ވާތަންވެސް ފެންނާނެ.

ނިޝާން މުޙައްމަދު ދީދީ:

ދެން އަޅުގަނޑުމެންގެ ޕްރޮގްރާމް ނިންމާލަން، ފަހު ސުވާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާލާހިތްވޭ، ނައިބު ރައީސް ފާހަގަކުރައްވައިފި ތަފާތު ކަންތައްތަކެއް. ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުކުރުމާއި، އަދި އެހީ ހޯދުމާއި، އެނޫނަސް އޭގެ އިތުރަށްވެސް، އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް. ދެން މި މަސައްކަތްތަކާއެކުވެސް މި އަހަރުގެ ތެރޭގައި ކުރެވުނު ކަންތައްތައް ދޮގެއްތޯ ތިޔަ ފާހަގަކުރެއްވީ. ކޮބައިތޯ ކުރިއަށް މި އޮތް ދުވަސްތަކަށް ރައްޔިތުން އުންމީދު ކުރަންވީ ކަންކަމަކީ؟ އަދި ޚާއްޞަކޮށް، މި ފުރިގެންދިޔަ އަހަރާ އެކީގައި، ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ޔަގީންކަމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އަޅުގަނޑުމެން މިއައީ، ރައީސް ވަޑައިގެންނެވީ ފުރިހަމަ މެނިފެސްޓޯއަކާއެކީ، ރައްޔިތުންގެ ޚިޔާލުތަކާ އެކީގައި. އަޅުގަނޑުމެން އެ ތަންފީޒު ކުރުމުގެ މަސައްކަތް ކުރާތަން އިރާދަކުރެއްވިއްޔާ މިއޮތް ދުވަސްތަކުގައި ފެނިގެންދާނެ. ތަންފީޒުވަމުންދާ މަންޒަރު. އެއީ، އެންމެ ދަތިކަމަކީ، އިޖުތިމާޢީ ގޮތުންވެސް ކަންކަން ހައްލުކުރުމުގައި އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަން. ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ރައްޔިތުންނަށް ދެއްކުން. އެ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އެއީ، ރައްޔިތުން ކުރަމުން އަންނަ ވަރަށް ބޮޑު އުންމީދެއް. އެކަމަށް ބޮޑު ހައްލެއް ރައްޔިތުންނަށް ލިބިގެންދާނެ. އެއީ، ބަޖެޓުގެ ބޮޑުބައި އެއޮތީ އިރާދަކުރެއްވީތީ އެކަމަށް ޚާއްޞަކުރެވިފައި.

އަޅުގަނޑުމެންނަށް މިދިޔަ އަހަރު ލިބުނު ބަޖެޓަށް ބަލާއިރު، އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީ އޮވެގެން، ޙަޤީޤަތުގައި ބުނާ ކަމުގައިވާނަމަ، މި ދެންނެވި ގޮތަށް ޖެއްސުން ކުރުން ކަހަލަ ކަމެއް އެކުރީ. އެއީ، އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއްނޫން. މީގެ ކުރީގެ ވެރިކަމެއްގައިވެސް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އޭރުގައި ނިމިދިޔަ ސަރުކާރު ޕާޓީ އިސްވެ އޮތްއިރު، މާލިއްޔަތު ކޮމިޓީގައި އިން މީހެއްގެ ހައިސިއްޔަތުންވެސް، މުޅި ބަޖެޓް މުޤައްރިރަށް ދާންދެން އެ ބޭފުޅުން ބޭނުންވާގޮތަށް އެކަން ކުރުމަށް ފުރުޞަތު ދީގެން ތިބި.

އެހެންނަމަވެސް، އެ ބޭފުޅުން ޢަމަލުކުރެއްވީ އެހެނެއްނޫން. ތިން ބިލިއަން، ނުވަތަ ތިރީސް މިލިއަން، ޕްރޮޖެކްޓަކަށް އެ ބޭފުޅުން ބަޖެޓްކޮށްފައި އެބައޮވޭ، އެއް މިލިއަން ރުފިޔާ. މިއީ ކަނޑައެޅިގެން ޖެއްސުން ދޮގެއްތޯ. ދިވެހި ރައްޔިތުންގެ ލޯކުރިމަތީ ފެންނަންހުރި ކަންކަމުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އެހެންވީމާ، މިގޮތަށް ބަޖެޓް އެކުލަވައިލާފައި ދިނީމާ، އަޅުގަނޑުމެންނަކަށް ފަސޭހައެއް ނުވާނެ ދޮގެއްތޯ، އެ ތަންފީޒުކުރާކަށެއް. މިހާރު އިރާދަކުރެއްވީތީ، ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން، އުފެދިގެން އައި ޚިޔާލުތަކާ އެކީގައި، ފާސްކުރެވޭ ބަޖެޓަކަށް މި ބަޖެޓް ވެގެން މިދަނީ. އަޅުގަނޑުމެންގެ ޕާޓީން މިކަން މިކުރަނީ. އެހެންވީމާ، ރައްޔިތުންނާއި މަޞްލަޙަތަށް އިސްކަންދީގެން، އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދުމަށްޓަކައި ވަރަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ.

އަޅުގަނޑުމެންނަށް ބޭރުން މި ލިބޭ، ބޭރުގެ ފަރާތްތަކުން މި ލިބޭ އެހީތެރިކަމާއި އަދި އަޅުގަނޑުމެންގެ ޤައުމުގެ އުފެއްދުންތެރިކަމުގެ ތެރެއިން މި ލިބޭ އެހީތެރިކަމާ އެކީގައި، ކުރިއަށް އޮތް ފަސް އަހަރު، ރައްޔިތުން މި އެދޭ، އުންމީދުކުރާ މިންގަނޑާ ކައިރިއަށް، މާބޮޑަށްވެސް ކައިރިއަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް.

އަޅުގަނޑު ފުރަތަމަވެސް ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އުންމީދު ކުރައްވާށޭ. މި ސަރުކާރަކީ އުންމީދު ގެނެސްދޭނެ، އަދި އެކަން ޔަގީންކޮށްދޭނެ ސަރުކާރެކޭ. ރައީސުލްޖުމްހޫރިއްޔާއަކީ، އޭގައި ރައްޔިތުން ބޭނުންވާ ތަރައްޤީ، ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކެތްމަދުވެފައި ހުންނެވި ބޭފުޅެއް. އެ ޔަގީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދެން މި ފުރުޞަތުގައި.

ނިޝާން މުޙައްމަދު ދީދީ:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަޑައިގެން، ތިޔަ ޙިއްޞާކޮށްލެއްވި މަޢުލޫމާތަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީވެ. ޕީ.އެސް.އެމް.ގެ އިސްވެރިންނަށާއި އަދި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ނިޝާން މުޙައްމަދު ދީދީ:

އާދެ. ޝުކުރިއްޔާ އިނގޭތޯ.