މާލޭގައި މާރާމާރީތައް އިތުރުވެ، ތޫނު އެއްޗެތިން ޙަމަލާ ދިނުން ގިނަވަމުންދާތީ، އެކަންކަން ވަރަށް ޚާއްޞަ ގޮތެއްގައި ބައްލަވައި އެކަންކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބަށް މިއަދު އަންގަވައިފިއެވެ. މިޢަމަލުތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައެވެ. އަދި މިފަދަ ޢަމަލުތައް އިތުރުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެހެންކަމުން، މިކަންކަން ހުއްޓުވުމަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހޯމް މިނިސްޓަރަށް ދަންނަވާފައެވެ.

މާލޭގައި މި ހިނގާދިޔަ މާރާމާރީތަކުގައި ބޮޑެތި އަނިޔާތައް ލިބި އަދި އެކިވަރުގެ ޒަޚަމްތައްވި ކުދިންނަށާއި މީހުންނަށް މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އަވަސް ޝިފާޢަކަށް އެދިވަޑައިގަންނަވައެވެ. އަދި އެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައެވެ.

މާލޭގައި ހިނގަމުންމިދާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ޢާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާތީ ޢާންމު ރައްޔިތުން މިކަމުގައި ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވައި ފުލުހުންނަށް އެހީތެރިވެދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށާއި އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށް އެކުލަވާލައްވައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުތައްވެސް ވަރަށް އަވަހަށް ނިންމަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން މި ފުރުޞަތުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.