އިޖްތިމާޢީ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ފައިސާގެ ޢަދަދު، ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުނު މިންވަރަކުން އިތުރުކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވުނީމާ ނޫނީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެކަން ބަޔާންކުރައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން އިތުރު ފައިސާ ހޯއްދަވަމުން ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ މަޝްރޫޢުގެ ބޭނުންފުޅަކީ، ނިކަމެތި ރައްޔިތުންގެ ފަހަތުގައި ސަލާމަތުގެ ދަލެއް އަޅުއްވައިދެއްވައި، އޭގެ ފަހަތަށް ވެއްޓުނަނުދީ، ހިފެހެއްޓޭނެ ގޮތެއް ހޯއްދަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި އެކަން ކުރެއްވުމަށްޓަކައި ތަފާތު ޖުމްލަ 10 ބާވަތެއްގެ ސީދާ އެހީ ރައްޔިތުންނަށް ފޯރުއްވައިދެއްވަމުން ގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެ އެހީތައް ފޯރުއްވައިދެއްވުނީމާ ރައްޔިތުމީހާއަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، މަސައްކަތާއިގެން ކުރިއަށް ދެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ހިންގަވާ އަނެއް ކަމަކީ، ވެލްފެއަރ ދައުލަތެއް ނުވަތަ އޯގާތެރި ދައުލަތެއް ހޯއްދަވައިދެއްވުން ކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް މިވަގުތު ބޭނުންވެފައި އޮތް އެންމެ މުހިންމު ކަމަކީ، އެއީ ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ފަސްދޮޅަސް ފަސްއަހަރުން މަތީގެ ރައްޔިތުންނަށް، އެހީ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުން އުނިކުރެއްވި ޢަދަދު، އަނބުރާ އިޢާދައެއް ނުކުރައްވާނެ ކަމަށާއި، އެ ޢަދަދު އެއޮތް ގޮތުގައި އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެން ބޭނުމިއްޔާ އަޅަންވީކީ ކޮންކްރީޓެއް ނޫން ކަމަށާއި، އަޅުގަނޑުމެން ޚަރަދު ކުރަންވީ މީހުންނަށް ކަމުގައި ވިދާޅުވިއެވެ. އެ ޚަރަދު މި ކުރަންވީ، މީހުންނަށް ތަންދޮޅު އޮޅުންފިލުވައިދިނުމަށް، މީހުންނަށް ތަޢްލީމު ދިނުމަށް، ބޭސްފަރުވާކޮށްދިނުމަށް، ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް، އެމީހުން މުނިފޫހިފިލުވައިދިނުމަށް، އުފާކުރުވުމަށް، އެމީހުންނަށް މަސައްކަތެއް ހޯދައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން، ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ މައިގަނޑު ޚިދްމަތްތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޕެންޝަން، މަދަނައިގެ ދަށުން ދެވޭ ބޭސްފަރުވާގެ އެހީ، އެކަނި ދަރިން ބަލާ މައިންނާއި ބަފައިނަށް ދެވޭ އިނާޔަތް، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އިނާޔަތް، ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ދެވޭ އިނާޔަތް، ދިރިއުޅުމުގެ ޟަރޫރީ ޚަރަދުތައް ނުފުއްދޭ ފަރާތްތަކަށް ދެވޭ އިނާޔަތް އަދި ލޯފަން މީހުންނަށް ދެވޭ ޚިދުމަތްތައް ހިމެނެއެވެ.