މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ގެނައުމުގައި 1960އިގެ އަހަރުތަކުގެ ތެރޭގައި ހިނގިފަދަ ރައްޔިތުންގެ ސީދާ ހަރަކާތްތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އިނގިރޭސިވިލާތުގެ މަޝްހޫރު ތަޤާފީ ހަރަކާތެއް ކަމުގައިވާ "ހޭ ފެސްޓިވަލް"ގައި އިއްޔެ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮންޖެހުންތަކާ ބެހޭގޮތުން ބޭއްވި މި ހަރަކާތުގައި އިނގިރޭސި ވިލާތުގެ ކުރީގެ މޫސުމާބެހޭ ވަޒީރު އެޑް މިލިބަންޑާއެކު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވަނީ ސެޓެލައިޓް މެދުވެރިކޮށް ވީޑިއޯގެ ޒަރީޢާއިންނެވެ.

އެއްގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކުގައި ރާއްޖެއަށް މިހާރު އައިސްފައިވާ ޑިމޮކްރެޓިކް އިސްލާހުތަކާ ބެހޭގޮތުންނާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ތެލުގެ މައްޗަށް ކަމަށާއި، އަދި މިތެލަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކަމަށްވުމުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށްކުރާ ކޮންމެ އަސަރެއްވެސް ރާއްޖެއަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ ކަމުގައި ވިދާޅުވިއެވެ. އަދި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ނިންމީ، އޭގައިހުރި ތިމާވެށީގެ ފައިދާތަކުގެ އިތުރުން، އިޤްތިސާދީ ފައިދާތަކުގެވެސް ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހޭ ފެސްޓިވަލްގައި ރާއްޖެ ބައިވެރިވުމާ ގުޅިގެން، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، މިއީ ފަތުރުވެރިންނާއި އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި، ހަމައެއާއެކު މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ހަރަކާތެރިކަމުގެ މުހިންމުކަމަށްވެސް އިތުރު ސަމާލުކަމެއް ގެނެސްދޭނެ ކަމެއް ކަމުގައެވެ.

ހޭ ފެސްޓިވަލްއަކީ އިނގިރޭސިވިލާތުގެ ވޭލްސްގައި އަހަރަކު އެއް އަހަރު ބާއްވަމުންގެންދާ ތަޤާފީ އަދި އަދަބީ ފެސްޓިވަލެކެވެ. މިފެސްޓިވަލް މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާއްވަމުން ގެންދެއެވެ. މިއަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގައިވެސް ހޭ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލް އޮންނާނީ އާރަށުގައެވެ.