ފަނޑިޔާރުންގެ ޝަރުޠު ފުރިހަމަވާކަން ނުވަތަ ނޫންކަން ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި މެއި މަހުގެ 11 ވަނަ ދުވަހު ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާމެދު އަލުން ވިސްނާވަޑައިގެން، އެ މިންގަނޑުތައް އިޞްލާޙުކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި އެދިވަޑައިގެންފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލެއްވި މި މިންގަނޑުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މިންގަނޑުތަކަކީ މިހާރުގެ މުޖުތަމަޢާއި، ޤާނޫނީ ނިޒާމު ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު އެކަށީގެންވާ މިންގަނޑުތަކެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިގޮތަށް މި އެދިވަޑައިގަތީ، ފަނޑިޔާރުންނަކީ މުޖުތަމަޢުގެ ތެރޭގައި ޤަދަރު އުފުލިގެންވާ ހައިބަތު ބޮޑު މަގާމެއްގައި ތިބޭ ބަޔަކަށްވީހިނދު، ފަނޑިޔާރުކަމުގައި ތިބޭ މީހުންގެ ތަޢުލީމާއި ތަޖުރިބާ ބެލުމަށް ކަނޑައަޅާ މިންގަނޑާއި އަޚުލާޤީ މިންގަނޑަކީ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރާމެދު ރައްޔިތުންގެ ތެރޭގައި އިތުބާރު ޤާއިމުކުރެވިފައިވާފަދަ، ޤާބިލު، ޢަދުލުވެރި، އިންޞާފުވެރި ކޯޓުތަކެއް ދިވެހިރާއްޖޭގައި ހިންގުމަށް މަގުފަހިވާ، އަދި ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކުރެވޭފަދަ މިންގަނޑަކަށްވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުތައް ލިބިގެންވާ ކޯޓުތަކަކީ، ދިވެހި ޤައުމާއި ރައްޔިތުންނަށް ޢަދުލުވެރި، ޤާބިލު ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުތަކެއްކަން ކަށަވަރުކޮށްދިނުންކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވި ނިންމެވުމަކީ، މި މަޤްޞަދު ޙާޞިލުކުރުމަށް ދަތިވުމުގެ އިތުރުން، ކަންބޮޑުވާންޖެހޭ ކަންކަން ހުރި ނިންމެވުމެއްކަމަށް ފާހަގަކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ހަމަޖެހިފައި ހުންނަންޖެހޭނެކަން އަބަދުވެސް ފާހަގަކުރައްވާ ކަމަށާއި، އެ ކަންތައްތަކުގެ ތެރޭގައި އިތުބާރު ކުރެވޭ ފަނޑިޔާރުގެއަކީ ދިވެހި ރައްޔިތުންނާ ދައުލަތަށް ޤާނޫނުއަސާސީ ލިބިދޭ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންގެ އިތުބާރާއި ޢަދުލްއިންޞާފު ހޯދުމަށް، އަދި ޤައުމުގެ ހަމަޖެހުމާއި އަމާންކަމަށް މި ދަނޑިވަޅު އެންމެ މުހިއްމު އެއްކަމަކީ، ފަނޑިޔާރުންނީ އިތުބާރުކުރެވޭ، ތެދުވެރި، ޤާބިލު ބައެއްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން ކަމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވެ، ދުސްތޫރީ، ޖިނާއީ އަދި މަދަނީ ބޮޑެތި މައްސަލަތައް ހުށަހެޅެމުންދާ މިދަނޑިވަޅުގައި، ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކަށީގެންވާ ތަޢުލީމު ލިބިފައިވާ ފަރާތްތަކަކަށްވުމީ، އެ ދާއިރާ ހަރުދަނާކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޤައުމީ އިއްތިހާދު ޕާޓީއާއި އެމް.ޑީ.ޕީ.އާ ދެމެދު ވެވިފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ކަމަށާއި، ނައިބު ރައީސްގެ ކިބައިން އެދިވަޑައިގަންނަވާ ކަންކަން، ނައިބު ރައީސް ވަރަށް ފުރިހަމައަށް ކޮށްދެއްވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރުގެ ކަންކަމުގައި ހެޔޮލަފާ ދެއްވުމަށް ނައިބު ރައީސް ހުންނަވާކަމީ، އިތުބާރާއެކީގައި ސަރުކާރު ހިންގަވަމުން ގެންދެވޭކަމުގެ އެއްސަބަބު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ކަމަކާ ނުރުހުންވާ ކޮންމެފަހަރަކު، އެކަމެއް ގެންގޮސް އޭގައިއޮތް އެންމެ ފަލަމިނަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއްނޫން. އަޅުގަނޑު މަސައްކަތްކުރަމުން ގެންދަނީ، އަދި ކުރިއަށްއޮތްތަނުގައިވެސް ގެންދާނީ، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއި، ކެތްތެރިކަމާއެކީގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކުރެވިފައިތިބި ކުށެއްނެތް މުސްލިމުންގެ ތެރެއިން ދެމީހަކު ރާއްޖެ ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީ ބައްލަވަން ބޭނުންފުޅުވާ ކަންކަން، އެބޭފުޅުންނަށް ބެއްލެވޭނޭ މަގު، އިރާދަކުރެއްވިއްޔާ ސަރުކާރުން ވެވަޑައިގެންނެވި އެންމެ ފުރިހަމައަކަށް ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުން މިކަން ކުރައްވަމުން މިގެންދަވަނީ، އެއްވެސް ހާލެއްގައި ކަމެއް ފޮރުވުމަކަށް ނޫނެވެ. ފޮރުވިފައިވާ އެހެން އެޖެންޑާއެއް ހިންގެވުމަކަށްވެސް ނޫނެވެ. އެހެންނަމަވެސް، މިވަގުތު މިކަން މި ކުރައްވަނީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށްވެސް، ރާއްޖޭގެ ހައިބަތަށްވެސް، އެހެން ހާލުގައި ޖެހިފައިވާ މީހުންނާ ގުޅޭގޮތުން ދިވެހިން ދެކޭގޮތް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައިވެސް ފެނިވަޑައިގަންނަވާތީއާއި، ދައުލަތަށް، ސަރުކާރަށް އިތުރު ޚަރަދެއް މިކަމުގައި އުފުއްލަވަން ޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން އޮތީތީ ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމަތަށް މިކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އޮތީމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި އެމަނިކުފާނުގެ 50ވަނަ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި، އެ ޕްރޮގްރާމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާބެހޭ އިތުރު މަޢްލޫމާތު ދެއްވިއެވެ. މި ގޮތުން، އަތޮޅުތަކުގަޔާއި ޕްރޮވިންސްތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން މިހާރު ކަނޑައަޅުއްވާފައިވާ ރަށްތަކުގެ ތެރެއިން ފުރަތަމަ މަސައްކަތް ފަށާނެ ރަށްތަކެއް މިވަނީ ނިމިފައި ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށްރަށުގައި ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ހިންގާނެ ފަރާތްތަކެއް ހޯއްދެވުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އިޢުލާނު ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.