އިޓަލީވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ރޫބެންސް ފެޑެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އިޓަލީވިލާތުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެނައުމުގައި އިޓަލީވިލާތުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކުރައްވަމުން އިޓަލީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިޓަލީވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން، އަންނަ ޖޫން މަހުގެ 23ގައި އިޓަލީވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ކްލައިމެޓް ޗޭންޖް"ގައި ބައިވެރިވެވަޑައިގެންނެވުމަށާއި، އިޓަލީވިލާތުގެ ރައީސާ ބައްދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާ ދަޢުވަތާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ސަފީރުވަނީ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާވެސް ބަދަލުކުރައްވައި މި ދަޢުވަތާ ބެހޭ އިތުރު މަޢްލޫމާތު ދެއްވާފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، ސަފީރު ދެއްކެވި ވާހަކަފުޅުގައި މިދަތުރުފުޅުގެ ޚަރަދުތައް ދެއްވާގޮތަށް ހަމަޖެހިފައިވަނީ ކޮންފަރެންސް އިންތިޒާމްކުރައްވާ ފަރާތުންކަމަށާއި، މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާ އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.