ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ، ޑޮކްޓަރ ޒާކިރު ނައިކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ޑޮކްޓަރ ނައިކަށް ރައްދުކުރެއްވިއެވެ. އަދި ޑޮކްޓަރ ނައިކަކީ، ރާއްޖޭގައި ވަރަށް މަޤުބޫލު ބޭފުޅެއް ކަމަށާއި، އޭނާ މިދެއްވާ ދަރުސްތައް އަޑުއެހުމަށްވަރަށް ގިނަ ބަޔަކު ޝައުޤުވެރިވާ ކަމުގައި ވިދާޅުވިއެވެ.
ޑޮކްޓަރ ނައިކް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ފުރުސަތުލިބިވަޑައިގަތުމަކީ އޭނާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، ޑޮކްޓަރ ނައިކް ހިންގަވާ އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ދަށުން ހިނގަމުންދާ ޕީސް ޓީ.ވީ.އާއި، އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލާބެހޭ މަޢުލޫމާތުވެސް ސްޕެޝަލް އެންވޯއިއަށް ދެއްވިއެވެ.