ސަރުކާރު އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ކޮމިއުނިކޭޝަން އޮފިސަރުން ތަމްރީނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރއާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިވަޑައިގެން ހިންގެވި ތަމްރީނު ޕްރޮގްރާމް ނިމި، ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރ ޢަލީ ޝިޔާމެވެ.

މިރަސްމިއްޔާތުގައި އަލީ ޝިޔާމް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވާ ތަފާތު މަޝްރޫޢުތައް ކާމިޔާބު މަޝްރޫޢުތަކަކަށް ހެއްދެވުމުގައި ކޮމިއުނިކޭޝަން އޮފިސަރުންގެ ދައުރު މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުން ލިބިވަޑައިގެންނެވި މަޢްލޫމާތުގެ ބޭނުން ހިއްޕަވައިގެން، އޭގެ ފައިދާ މުޅި ޤައުމަށް ކުރާނެ ގޮތަކަށް އެބޭފުޅުން ޢަމަލު ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

ކޮމިއުނިކޭޝަން އޮފިސަރުންނަކީ، ދައުލަތުގެ މަޢުލޫމާތު ހާމަކުރެއްވުމުގެ ނިޒާމް ހަރުދަނާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަންގަވައިގެން ކުރައްވާ މަސައްކަތްތަކުގެ ދަށުން މުހިންމު ޒިންމާއެއް އުފުއްލަވަމުން ގެންދަވާ ބޭފުޅުންނެވެ.

ކޮމިއުނިކޭޝަން އޮފިސަރުން ތަމްރީނު ކުރެއްވުމަށް މިފަހަރު މި ހިންގެވި ހަތަރު ދުވަހުގެ ޕްރޮގްރާމްގައި ފަންސާހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބޭފުޅުންނަށް ތަމްރީނު ދެއްވީ އެމެރިކާގެ ތަޖުރިބާކާރެއް ކަމުގައިވާ ޓެރީ އަންޒޫރެވެ.