ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގެ ޗެއަރމަން އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު މޫސާ ޙިތާމާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް އިތުރަށް ފުޅާކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ފޯރަމް އިތުރަށް ފުރިހަމަ ކުރެއްވުމަށް ބޭނުންވާ އެއްބާރުލުން ރާއްޖެއިން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުން ދިޔަ ދުވަސްވަރު، މޫސާ ޙިތާމުގެ ފަރާތްޕުޅުން ރާއްޖެއަށް ލިބިގެން ދިޔަ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މޫސާ ޙިތާމް ވަނީ، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙީ ބަދަލުތައް ގެނައުމުގެ މަސައްކަތް ހިނގަމުންދިޔަ ދުވަސްވަރު ކޮމަންވެލްތްގެ ސެކްރެޓަރީ-ޖެނެރަލްގެ ސްޕެޝަލް އެންވޯއީގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި، މޫސާ ޙިތާމް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި، މި ފޯރަމަށް، ރާއްޖޭގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މި ފޯރަމަކީ ކޮންމެ އަހަރަކު ބޭއްވޭ ފޯރަމަކަށް ހެއްދެވުމަށާއި، މިއީ މިހާރަށްވުރެ ފައިދާ ހުރި އަދި ހަރުދަނާ ނަތީޖާ ނެރެވޭ ފަދަ ފޯރަމަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމުގައި ވެސް މޫސާ ޙިތާމް ވިދާޅުވިއެވެ.