ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން، ނުވަތަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024)ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުالله ޚަލީލް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، އަބްދުالله ރާފިޢު، އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވާހެން، ދިވެހިރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ޗޮގަމް 2024ގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗޮގަމް 2024ގެ މައިގަނޑު ބައްދަލުވުމާއި ހަވާސާ އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއާ ގުޅުންހުރި، ބައިނަލްއަޤުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް: ބިލްޑިންގ ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ދަ ކޮމަންވެލްތު، ކޮމަންވެލްތު ބިޒްނަސްފޯރަމް: އައިލެންޑް ލީޑަރސް ރައުންޑް ޓޭބަލް އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޗޮގަމް 2024ގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ކުރައްވައިފައެވެ. ޗޮގަމް 2024ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަފާތު އެކި ދާއިރާތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅުދައްކަވައި، ތަފާތު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ސަމޯއާގެ ވެރިރަށް އަޕިއާގައި، އޮކްޓޯބަރ 21 އިން އޮކްޓޯބަރ 26ގެ ނިޔަލަށް ކުރިއަށް ދިޔަ ޗޮގަމް 2024 އަކީ، ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ޙަރަކާތްތެރިވުން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ އިޤްތިޞާދާއި، ތިމާވެށި އަދި ސަލާމަތީ ގޮންޖެހުންތަކުން އަރައިގަނެ، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމާއި، ވިޔަފާރީގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި އުސްމިންތަކެއް ހާސިލުކުރުމަށްޓަކައި ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނަށް ތަނަވަސް މަންސައެއް ފަހިކޮށްދޭ ބައްދަލުވުމެކެވެ.