ތުރުކީވިލާތުގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.