بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ބެންގަލޫރުގައި އަދި މިތާ ކައިރި އެހެން ހިސާބުތަކުގައި އުޅުއްވާ އަދި މި ބައްދަލުވުމަށް ވަޑައިގެންނެވި ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ދަތުރަކީ އިންޑިއާގެ ރައީސް ދެއްވި ދަޢުވަތަކަށް ކުރަމުންދާ ސްޓޭޓް ވިޒިޓެއް، ފުރަމާނެ ދަތުރެއް. އާދެ، މި ދަތުރު މިހާރު މިވަނީ ހަމަ އެންމެފަހު ވަގުތާ ހަމައަށް އައިސްފައި. މިއަދަކީ މި ދަތުރުގެ އެންމެފަހު ދުވަސް. މާދަމާ މިއީ، ރާއްޖެއަށް އެނބުރިދާ ދުވަސް. ވަރަށް އުފާކުރަން، މި ވަގުތުކޮޅު ތިޔަބޭފުޅުންނާ އެކީގައި ހޭދަކޮށްލަން ލިބިގެންދިޔައިމާ.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، ރާއްޖެއިން ބޭރުގައި، އެކި ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އެ ރައްޔިތުން އެ އުޅޭ ޤައުމެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ކަންކަން ފަހިކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި ލިޔެވިފައި އޮތް، ވަރަށް މުހިންމު ސިޔާސަތެކޭ.

އެހެންވީމާ، މި ބައްދަލުވުމުގައި، ޙަޤީޤަތުގައި އަޅުގަނޑު ބޮޑަށް ބޭނުންވަނީ، އެޖެންޑާގައި ވަކިން ހިމަނާފައި ނެތް ނަމަވެސް، ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި، ތިޔަބޭފުޅުންގެ އިޙްސާސްތައް، ނޫނީވިއްޔާ ކަންބޮޑުވުމެއް އޮތަސް، ނޫނީ ޚިޔާލެއް އޮތަސް، އެކަންކަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެދެއްވުން. އޭރުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް އަޅުގަނޑުމެންގެ ހައިކޮމިޝަން މެދުވެރިކޮށް މަސައްކަތްތައް ކުރާނަން. އެއީ، އަޅުގަނޑު އެންމެ މުހިންމު ވާހަކައަކަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ. އެކި ބޭނުންތަކަށް ރައްޔިތުން މި ޤައުމަށް އަދި އެހެން ޤައުމުތަކަށްވެސް ވަޑައިގަންނަވަނީ. އިންޑިއާއަށް އެންމެ ގިނައިން މި އަންނަ މައިގަނޑު އެއްކަމަކީ، ބޭސްފަރުވާގެ ކަންތައްތަކަށް. ތަޢުލީމު ހާސިލުކުރުމަށް. ވިޔަފާރީގެ ބޭނުންތަކަށް. މިކަހަލަ ކަންކަމުގައި.

އެހެންވީމާ، އެކަހަލަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކު، އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް، ސަރުކާރު މެދުވެރިވެގެން މި ޤައުމުގެ ސަރުކާރުގައި ދަންނަވައިގެން، ފަހިކޮށްދެވިދާނެ ކަންތައްތައް ހުރިކަމަށްވާނަމަ، އަޅުގަނޑު ވަރަށް ބޭނުން އަޑުއަހާލަން.

އާދެ، މި ދަތުރަކީ އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު ދަތުރެއް. ކާމިޔާބޭ އަޅުގަނޑު މިހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑު ކަނޑައެޅި މަޤްޞަދު ހާސިލުވާތީ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހި ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިޔައިމާ.

އަޅުގަނޑުމެންނާ އެހެން ޤައުމުތަކާ ދޭތެރޭގައި އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން، ޚާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން، އަޅުގަނޑު އެންމެ ފުރަތަމަ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށަން ބޭއްވި، މެނިފެސްޓޯ ލޯންޗް ކުރަން ބޭއްވި ޖަލްސާގައި އިޢުލާނު ކުރިން. އެ ސިޔާސަތު އެއީ، އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތަކީ. އެއީ، ކޮން ސިޔާސަތެއްތޯ؟ އެއީ، ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު. ދިވެހި ޤައުމު އިސްކުރުމުގެ ސިޔާސަތު. އަޅުގަނޑު އެރޭ ދެންނެވިން، ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށް ފަހިވާގޮތަށް، ކަންކަން ހަމަޖެހިގެންދާ ގޮތަށް، ނޫނީ ރައްޔިތުންގެ ކަންކަމަށް، ކަންކަން ފަހިކުރެވޭގޮތަށް، އަޅުގަނޑުމެންނަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާ އެކީގައި ގާތް ގުޅުން ބާއްވާނަމޭ. އެ ގާތް ގުޅުން ބާއްވާއިރުގައި، އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލު ހިމާޔަތްވާކަން، އަބަދުމެ ކަށަވަރުކުރާނަމޭ. އެއީ، ސިޔާސަތަކީ. އެ ސިޔާސަތުގެ މަތިން، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ.

އެހެންވީމާ، މިކަމުގައި ދިވެހި ލޮބުވެތި އެއްވެސް ރައްޔިތެއްގެ ހިތްޕުޅުގައި ޝައްކެއް ނުބޭއްވެވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަޅުގަނޑު މަސައްކަތް ކުރާގޮތް ފެންނާނެ. ދައްކާ ވާހަކައާ އެއްގޮތަށް ޚާރިޖީ ސިޔާސަތު މިގެންދަނީ. އިންޑިއާއަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮތް ޤައުމެއް. ޒަމާންވީ އެތައް ޤަރުނެއްގެ ގާތް ގުޅުމެއް އޮތް ޤައުމެއް. ޑިޕްލޮމެޓިކް ގުޅުން ގާއިމުވިތާ މި އަންނަ އަހަރަށް 60 އަހަރު ވާނެ. މި ދިޔަ 60 އަހަރުގެ ތެރޭގައި، އެކި ކަންކަމުގައި އަޅުގަނޑުމެންގެ ޤައުމަށް އިންޑިއާއިން އެހީތެރިވެފައިވާކަން އެއީ، އަޅުގަނޑުމެންނަށް އެނގޭ ކަންތައްތައް. އަޅުގަނޑުމެންނަށް ބޮޑުވެގެންދިޔަ ކޮންމެ ހާލަތެއްގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ފުރަތަމަ އިސްކަންދިން އެއް ޤައުމަކަށް ވާނީ، އަދި ބައެއްފަހަރު އެންމެ ފުރަތަމަ އިސްކަން ދިން ޤައުމަކަށްވެސް ވަނީ އިންޑިއާ. މިއީ ޙަޤީޤަތް. އެ ޤައުމަކީ އަޅުގަނޑުމެންނާ އެންމެ ކައިރި ނެއިބަރ، އަވަށްޓެރިޔާ.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކި ކަންކަމުގައި، އެންމެ ފަހިވާނެގޮތަށް ކަންކަން ބައްޓަން ކުރުމުގައި، ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެން ދިޔުމަކީ، އަދި އަބަދުވެސް އެގޮތުގައި އޮތުމަކީ، ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑު އެ ދުވަހު އިޢުލާނު ކުރި ސިޔާސަތުގެ ދަށުން ކުރިއަށްދާނެ، އަދި މިކަން އޮންނަންވާނެ ގޮތް ކަމަށް އަޅުގަނޑު ދެކެން.

އިރާދަކުރެއްވިއްޔާ، މި ދަތުރުން އެކަމަށްޓަކައި ވަރަށް ގިނަ މަގުތައް މިދިޔައީ ފަހިވެގެން. ޚާރިޖީ ގޮތުން، އިޤްތިޞާދީ ގޮތުން، އިޖުތިމާޢީ ގޮތުން. އިޖުތިމާޢީ ގޮތުންނޭ މި ދެންނެވީ، މިސާލަކަށް، ޞިއްޙީ ދާއިރާއިން، ދިވެހި ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގައި. އަޅުގަނޑުމެންގެ ޑޮކްޓަރުން، ސްޕެޝަލިޓީ، ސުޕަރ ސްޕެޝަލިޓީ އެކިއެކި ތަމްރީނުތައް ހޯދުމަށް. އަދި ތަޢުލީމީ އެކިއެކި ދާއިރާއިން، ޑޮކްޓަރު ކަމުގެ ދާއިރާއިން، ޞިއްޙީ ދާއިރާއިން، ތަޢުލީމު ހޯދުމުގައި ކުރިއަށްދިޔުމަށް. މިކަހަލަ ކަންކަން. ތަޢުލީމީ ދާއިރާއިންވެސް އަދި ކުޅިވަރު، ދެން މިހެން ގޮސް އިޖުތިމާޢީ އެކިއެކި ދާއިރާތަކުން ކުރިއަށްދިޔުމުގެ މަގު ފަހިކުރެވުނު.

އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި، އަޅުގަނޑު އިޢުލާނުކުރި ހަނދާން، ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު ދެންނެވިން، ބޮޑު ދަރަންޏެކޭ އަޅުގަނޑުމެންނަށް ވާރުތަވީ. އެހެންވީމާ، އެ ދަރަނި އަޅުގަނޑުމެން އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 10 މަހާއި 11 މަސް. 11 ވަނަ މަސް މި ހިނގަނީ. ހިނގާއިރުގައި އަޅުގަނޑުމެން ނެގި މިކަހަލަ އެއްވެސް ދަރަންޏެއް ނެތި، އެ ދަރަނި ދެއްކުމަށްޓަކައި، އެހާތަނަށް އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، އިޤްތިޞާދު އޮތް ހާލަތުން ނަގައި ކޮޅަށްޖެހުމަށްޓަކައި ކުރެވޭ މަސައްކަތުގައިވެސް ވަރަށް ބޮޑު ކުރިއެރުމެއް، މި ދަތުރުން ލިބިގެން މިދިޔައީ. އަދި ތަރައްޤީގެ މަގުގައި، ގެދޮރު ބިނާކުރުމާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެކި ކަންކަން، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ޓޫރިޒަމާއި، އެގްރިކަލްޗަރ، މަސްވެރިކަން، މިހެންގޮސް ވަރަށް ގިނަ ދާއިރާތަކަށް އިންވެސްޓްމަންޓް ގެނައުމާއި، އަދި އެކިކަހަލަ ލުއި ގޮތްގޮތަށް، އެހީތެރިކަން ލިބޭނެ މަގުތައް ފަހިކުރުން. އެއީ، މި ދަތުރުގެ އަނެއް އައުޓް ކަމަކަށްވީ.

އެހެންވީމާ، މިހެންގޮސް އަޅުގަނޑު މި ދެންނެވީ ފުރަތަމަ ދުވަހު އިޢުލާނު ކުރި ސިޔާސަތުގެ ދަށުން، ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް، އެންމެ ފަހިވާނެ ގޮތަށް. އެންމެ ފައިދާވާނެ ގޮތަށް، އެހީތެރިކަން ހޯދުމުގެ މަސައްކަތް މި ކުރެވުނީ. އަޅުގަނޑުމެންގެ މި ސަރަޙައްދުގެ ހަމަޖެހުމާއި ރައްކާތެރިކަންވެސް ގާއިމުވެގެންދާ ގޮތަށް. އަޅުގަނޑުމެންގެ ޤައުމަށް އެއިންވެސް ފައިދާވާނެ. ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަޙައްދުގެ ރައްކާތެރިކަމާއި އަމާންކަން ބޭއްވިގެން ދާގޮތަށް، ކަންތައްތައް ބައްޓަންވެގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ ޤައުމަށް އޭގެ އެންމެ ފައިދާހުރި ގޮތް.

އޭގެ ކުރީގައި، އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި، ބައެއް ކަންކަން ޚާރިޖީ ގޮތުން ގޮސްފައި ހުރި ގޮތަށް، ދާނެ ކަމަށް، ބައެއް މީހުންނަށް، ބައެއް ފަރާތްތަކުން މި ދަތުރާ ގުޅޭގޮތުން ދައްކާ ވާހަކައިން ހީވިޔަސް، އެއީ، އެކަން އޮތް ގޮތެއް ނޫން. އެހެންވެ ވަރަށް ސާފުކޮށް ބަޔާންކުރުމުގެ ގޮތުން މި ވާހަކަތައް މި ދަންނަވަނީ.

އަޅުގަނޑުމެންގެ މިނިވަންކަން އެއީ، އަޅުގަނޑަށް އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުމެންގެ ސޮވްރެނިޓީ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، އަޅުގަނޑުމެންގެ ޤައުމުގައި އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ. އިންޑިއާއާއި ރާއްޖެއާ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން، ރިވެތި އަޚްލާޤުގެ ތެރެއިން، ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ ތެރެއިން، އެކަމަށް އެ އޮތީ ދާއިމީ ހައްލެއް އައިސްފައި. ކުރިއަށް އޮތް ތާނގައިވެސް ނުތިބޭނެ.

އެހެންވީމާ، ބައެއް ނޫސްތަކުގައި، އަޅުގަނޑުމެންގެ ޤައުމާ ބެހޭގޮތުން، މި ޚާރިޖީ ސިޔާސަތަށް ފާޑުކިޔުމުގެ ގޮތުން، ޙަޤީޤަތާ ޚިލާފަށް، އެންމެ ނޫހެއް، ދެ ނޫހެއްގައި ފެނުނީ. ގިނަ ނޫސްވެރިން، ޖަރނަލިޒަމް، އެ ދާއިރާގައި އުޅުއްވާ ބޭފުޅުން، ވަރަށް ޒިންމާދާރު. ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި، ޤައުމީ ބޮޑެތި މައްސަލަތަކުގައި އަދި އަމުދުން، ވަރަށް ޒިންމާދާރު. އަދި އެހެން ކަންކަމުގައިވެސް މަސައްކަތް ކުރައްވާ ތަން ފެންނަނީ. އެކަމަށް ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ޝުކުރުވެސް ދަންނަވަން.

އެހެންނަމަވެސް، މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ޤައުމުގައި އަނެއްކާވެސް އެހެން ޤައުމެއްގެ ސިފައިން އައިސް ވަޒަންވެރިވާނެއޭ. އަޅުގަނޑުމެންގެ ކަންކަން ކުރުމުގައި އެހެން ޤައުމެއްގެ އަތްމައްޗަށް، ކަންތައްތައް ދޫކޮށްލާނެއޭ. ނޫން. އަޅުގަނޑުމެން މިއަދު މި ދަތުރުގައި މި އިޢުލާނު ކުރި ދެ ޤައުމުގެ ގުޅުމުގެ ތެރެއިން، ނިންމައިގެން މި އިޢުލާނު ކުރި "ވިޝަން ފޮރ ކޮމްޕްރިހެންސިވް ޕަރޓްނަރޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ ލިޔެވިފައި އޮތް އެއްޗެއް. އެއީ، މިހާރުވެސް ތިޔައިން ކޮންމެ ބޭފުޅަކު ބައްލަވައިލަން ބޭނުންފުޅުވިޔަސް، ފެންނަން އޮތް، އަކުރުން ފިއްޔަށް ލިޔެފައި އޮތް އެއްޗެއް. އޭގައި ދިފާޢީ ގޮތުން، ޑިފެންސްގެ ދާއިރާއިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ، އެމް.އެން.ޑީ.އެފް.އިން ބައްލަވައި، ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި ހުރި އެއްޗެތި. އޭގައި އޮންނާނީ، އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީހެނެއް ކަންކަމެއް ނޯންނާނެ އެއަކު. އަޅުގަނޑުމެންގެ ކަންކަން، އެހެން ބަޔަކު ކުރާގޮތަށް ދޫކޮށްލާ ގޮތަކަށް. އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑްކުރާ ވާހަކަ އޮންނާނީ. އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން، އަޅުގަނޑުމެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންގެ ޤައުމުގައި ހުރި ހުރިހާ ކަމެއް ކަންކަމުގައި ކެޕޭސިޓީ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުކޮށްގެން ކުރާ ވާހަކަ އޮންނާނީ.

ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް އެންމެ މުހިންމު އަނެއްކަމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު. އަޅުގަނޑުމެންގެ ދިވެހި ބަސް. އިސްލާމްދީން. އެކަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް ނޯންނާނެ. މިހެން ގޮސް، ވަރަށް ސާފުކޮށް އޮތް ވިޝަން ޑޮކިއުމެންޓެއް އަޅުގަނޑުމެން މި އިޢުލާނު ކުރީ.

އެހެންވީމާ، މިއީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ހިންގާ ސަރުކާރެއް. މި ވިޝަން ޑޮކިއުމެންޓަކީ ފެންނަން އޮންނަ އެއްޗެއް. ބައްލަވައިލައްވާ.

އަޅުގަނޑު އެދެނީ، ލޮބުވެތި ހުރިހާ ރައްޔިތުންވެސް މި ކަންކަމުގައި ޙަޤީޤަތް ބައްލަވައިގެން، އަޅުގަނޑުމެންގެ މި ދެފުށް ފެންނަ، ދެ ގޮތެއްނުވެ، އަބަދުވެސް އެންމެ ފުރަތަމަ ދުވަހު އިޢުލާނުކުރި ގޮތަށް، މިއަދާ ހަމައަށް މި އައި ޚާރިޖީ ސިޔާސަތުގައި މިއޮތް ކަންކަން، އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް. އެހެން ބަޔަކު ދައްކާ ވާހަކައަކަށް، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަމުގައި ފިކުރު ނުކުރެއްވުމަށް. ޙަޤީޤަތް ސާފުކޮށް ފެންނަން އޮތީމާ. މި ދެންނެވިގޮތަށް އޮތީމާ.

އާދެ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ، ކުރިންވެސް ދެންނެވި ގޮތަށް، ވަރަށް އުފާކުރަން، އަޅުގަނޑު ދާ ކޮންމެ ޤައުމެއްގައިވެސް ދިވެހި ރައްޔިތުންނާ މި ގޮތަށް ބައްދަލުކޮށްލަން ފުރުޞަތު ލިބޭތީ.

އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން މިތާ ތިއްބަވާއިރުގައި، ތިޔަބޭފުޅުންނަށް މިހާރަށްވުރެވެސް ރަނގަޅުވާނެ ގޮތަށް، ފަހިވާނެގޮތަށް އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ކަންކަން ކޮށްދެން.

އެހެންވީމާ، މި ބައްދަލުވުމުގައި، ފަހުގެ ވަގުތެއްގައިވެސް، އެކަހަލަ އެއްވެސް ކަމެއްގައި އަޅުގަނޑާ ވާހަކަފުޅެއް ދައްކަވަން ބޭނުންފުޅުވާ ބޭފުޅަކު ހުންނެވިނަމަ، އަޅުގަނޑު އެ ފުރުޞަތު ދޭނަން. އަދި އޭގެ އިތުރަށް، ސަރުކާރު މެދުވެރިކޮށް މި ތަނުގައި، މި ޤައުމުގެ ސަރުކާރަށް ދަންނަވައިގެން، ފަހިކޮށްދެވިދާނެ ކަމެއް އޮތް ކަމަށް ފެނިވަޑައިގަންނަވާނަމަ އެކަންވެސް ވިދާޅުވެދެއްވާ.

އިރާދަކުރެއްވީތީ، ރާއްޖެއާއި އިންޑިއާއާއި އޮތް ގުޅުމަކީ ވަރުގަދަ ގުޅުމެއް. ދެ ޤައުމަކީ އެކުވެރި، ގާތް ރަޙްމަތްތެރި ދެ ޤައުމު. އިރާދަކުރެއްވިއްޔާ އެކަމުން ދިވެހި ރައްޔިތުންނަށް ކުރާނީ ފައިދާ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.