އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މުމްބާއީއަށް ވަޑައިގަންނަވައިފިއެވެ.

މުމްބާއީގެ ވައިގެބަނދަރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ މުމްބާއީގެ ގާޑިއަން މިނިސްޓަރ ދީޕަކް ވަސަންތު ކޭސަރްކާރެވެ.

ރައީސުލްޖުމްހޫރިއްޔާ މުމްބާއީއަށް ކުރައްވާ މި ދަތުރުފުޅުގައި، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންދޫބުންނާ ބައްދަލުކުރައްވައި، އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަޤުރީރުކުރައްވާނެއެވެ.

އަދި މިއަދު މެންދުރުފަހު ބާއްވާ މޯލްޑިވްސް- އިންޑިއާ ޓުވަރިޒަމް ނެޓްވަރކިންގ އީވްނިންގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.