ދިވެހިރާއްޖެއާ އެހެން ޤައުމުތަކާ އެކު ގުޅުންތައް ބާއްވަމުން ގެންދަވަނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްވާކަން ކަށަވަރުކުރެވޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ދިވެހި ޤައުމާ ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށާ އެ ސިޔާސަތާ އެއްގޮތަށް އަދި ޤައުމަށް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކު ގާތްގުޅުން ބާއްވާނެކަމުގައެވެ. އަދި އެ ގާތްގުޅުން ބާއްވާއިރު ދިވެހިންގެ މިނިވަންކަމާ ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކުރެވޭކަން އަބަދުވެސް ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ޤައުމަކީ އިންޑިއާކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް، ޒަމާންވީ އަދި އެތައް ގަރުނެއްގެތެރޭގައި އުފެދިފައިވާ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރަކީ އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ ފަސްދޮޅަސް ވަނަ އަހަރުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ ފަސްދޮޅަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އިންޑިއާއިން އެހީތެރިވެފައިވާކަމީ އެންމެންނަށް އެނގޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއީ ހަޤީގަތް. އަޅުގަނޑުމެންނާއި އެންމެ ކައިރި ނެއިބަރ، އަވަށްޓެރިޔާ. އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަންކުރުމުގައި، ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެން ދިއުމަކީ، އަދި އަބަދުވެސް އެގޮތުގައި އޮތުމަކީ ރައްޔިތުންގެ ހައްޤުގައި، އަޅުގަނޑު އެ ދުވަހު އިޢުލާނުކުރި ސިޔާސަތުގެ ދަށުން ކުރިޔަށްދާނެ، މިކަން އޮންނަންވާނެ ގޮތް،" ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ކާމިޔާބީ މިނެކިރުއްވީ ކަނޑައެޅުއްވި މަގުސަދު ޙާސިލްވެފައިވާތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހިރައްޔިތުންގެ ހައްޤުގައި، ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިއުމަކީ މުހިންމު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.