އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރު ތާވާރް ޗާންދު ގެހްލޯތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ މުހިންމުކަމާއި، އަވަށްޓެރި ދެޤައުމުގެ ގޮތުގައި އޮތް ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެހެއްޓެނިވި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާ ސަރުކާރުން ދެއްވަމުންގެންދަވާ ދީލަތި މެހްމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބޭއްވެވި މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި، ޚާއްޞަކޮށް ނިއުދިއްލީ އާއި މުމްބާއީގައި ކުރިއަށް ދިޔަ ބިޒްނަސް ފޯރަމްތަކުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަދު ބެންގަލޫރުގައިވެސް އެފަދަ އިތުރު ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައި، އެ ސްޓޭޓްގެ ޗީފް މިނިސްޓަރ ސިއްދަރާމައްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ޗީފް މިނިސްޓަރ ސިއްދަރާމައްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކަރްނާޓަކާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަޢުލީމާއި ޘަޤާފަތާ ގުޅުން ހުރި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ތަޖުރިބާ ޙިއްޞާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް ދެ ބޭފުޅުން ވައުދުވެވަޑައިގަންނަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.