ނިއުދިއްލީގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑް އޮތޯރިޓީ (އެފް.އެސް.އެސް.އައި)ގެ މައި އޮފީހަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތްކުރައްވައި އެތަނުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މިޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާ އެފް.އެސް.އެސް.އައިއާ ގުޅިގެން ކުރެވޭ މަސައްކަތުން ރާއްޖޭގައި ކާނާގެ ރައްކާތެރިކަމުގެ މިންގަނޑު އިތުރަށް ރަނގަޅު ކުރެވިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެފް.އެސް.އެސް.އައިއިން ކާނާގެ ރައްކާތެރިކަމާގުޅޭ ދާއިރާއިން ރާއްޖެއަށްދޭ އެއްބާރުލުމާއި އެހީތެރިކަމަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުންބަދަހިކުރުމާއި، ޚާއްޞަގޮތެއްގައި ކޯޑެކްސްއާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކާއި، ކާބޯތަކެތި ޓެސްޓްކުރުމުގައި ގެންގުޅޭ ބެސްޓު ޕްރެކްޓިސް ނުވަތަ އެންމެ ރަނގަޅު މިންގަނޑުތައްފަދަ މުހިންމު ކަންކަމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން އެފްއެސްއެސްއޭއައި އިން ވަނީ ކާބޯތަކެތި ޓެސްޓްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގައި ގެންގުޅޭ މޮބައިލް ޔުނިޓެއް ކަމަށްވާ "ފުޑް ސޭފްޓީ އޮން ވީލްސް" މަސައްކަތްކުރާގޮތުގެ ކުރު ތައާރަފެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.