ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅާގުޅޭގޮތުން މީޑިޔާއަށް ބަޔާނެއް ދެއްވައިފިއެވެ.

ރާއްޖެ އާއި އިންޑިއާގެ އެތައް ޤަރުނެއް ވެފައިވާ ގުޅުމަށް އިޝާރާތްކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ މަނިކުފާނުގެ ބަޔާނުގައި ވަނީ، އެކި ދާއިރާތަކުން ދެއްވާ އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާއިން ރާއްޖެއަށް ކެނޑިނޭޅި ދެއްވާ އެއްބާރުލެއްވުމާއި، ކުރައްވާ ތާއީދަށްޓަކައި ބޮޑުވަޒީރު މޯދީއަށް ނިހާޔަތަށް ޝުކުރުދަންނަވާފައެވެ.

ވަކިން ޚާއްޞަކޮށް، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އިތުރު އެހީގެ ގޮތުގައި ދެއްވި 30 ބިލިޔަން އިންޑިއާ ރުޕީޒް އާއި، ޓީ-ބިލް ރޯލްއޯވަރގެ ގޮތުގައި ދެއްވި މާލީ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެވި، އެ އެއްބަސްވުމުގެ އެހީގައި ދެ ޤައުމަށް ހުރި އިޤްތިޞާދީ ފުރުޞަތުތަކުގެ ފުރިހަމަ ބޭނުން ހިފައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތަރައްޤީގެ އެކި ދާއިރާތަކަށް އިންޑިއާއިން ކުރާ އިންވެސްޓްމަންޓް އިތުރުކުރެވޭނޭކަމުގެ އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ބާޒާރުކަމުގައި ވާ ހިނދު، އިންޑިއާއިން ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވޭނޭކަމަށް އުންމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "އަ ވިޜަން ފޯ ކޮމްޕްރިހެންސިވް އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ތަޞައްވަރު ކަރުދާހުގެ މަސައްކަތާ ގުޅުންހުރި ބައެއް ތަފްޞީލުތައްވެސް ދެއްވާފައެވެ. އެގޮތުން، މި ކަރުދާހަކީ، ތަރައްޤީ އާއި، ވިޔަފާރި އާއި ޑިޖިޓަލް، ސިއްޙީ އަދި ސަލާމަތީ ދާއިރާގައި ގުޅުން ބަދަހިކޮށްދޭނޭ އާރުކާޓީއަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރު ދިވެހިރާއްޖެ އަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލައްވާފައިވަނީ، އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ ބަދަހިކަމުގެ ސަބަބުން، ދެ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރެވޭނާކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވެއެވެ.