ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބައަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބޮޑުވަޒީރު އިޝިބައަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނުގެ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެން، އެމަނިކުފާނުގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ. އަދި ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް، ގިނަގުނަ އެހީތައް ވެދެއްވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލަވާފައިވަނީ ޖަޕާނުގެ އައު ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް ހެއެއެދުންތައް އަރިސްކުރައްވައި، ހަމަޖެހުމާއި ކުރިއެރުމަށް އެދިވަޑައިގަންވަމުންނެވެ.