ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދަޢުވަތަކަށް، ޕްރިންސްޓަން ޔުނިވަރސިޓީގައި މިރޭ ތަޤުރީރު ކުރައްވާނެއެވެ. މި ހަރަކާތަކީ "ޑީންސް ލީޑަރޝިޕް ސީރީޒް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެމަނިކުފާނުގެ ތަޤުރީރު ކުރައްވަން ހަމަޖެހިފައިވަނީ ޝަރަފުވެރި އާތަރ ލުއިސް އޯޑިޓޯރިއަމްގައެވެ. މި ތަޤުރީރަށްފަހު ދަރިވަރުންނާއި މުދައްރިސުންނާއެކު 'ފަޔަރސައިޑް ޗެޓް' އަކާއި ސުވާލާއި ޖަވާބު ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ދިވެހިރާއްޖެއާ ގުޅުންހުރި މުހިންމު މައުޟޫޢުތަކުގެ މައްޗަށެވެ. މީގެ ތެރޭގައި ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތައް (ސިޑްސް)، އިންޑިއާ ކަނޑު، އަދި މޫސުމަށް އަންނަ ބަދަލުތައް ހިމެނެއެވެ. މި ޒިޔާރަތަކީ ތަޢުލީމީ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި ދުނިޔޭގެ އެކި ފަރާތްތަކާއެކު ގުޅުންބަދަހިކުރުމަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތަށް ބާރުދޭ ހެއްކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޕްރިންސްޓަން ޔުނިވަރސިޓީއަށް ކުރައްވާ މި ޒިޔާރަތަކީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގައި ހިމެނޭ ކަމެކެވެ.