ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ފުރިހަމައަށް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި މިރޭ ތަޤުރީރުކުރައްވަމުން، މި ތަޞައްވުރަށް ވާޞިލްވުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިތުރުން ޤައުމުގެ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަމުގެ ބޭނުންހިފަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މުއައްސަސާތަކަށް އިޞްލާޙީ ބަދަލުތައް ގެނެސް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށް، އައި.ސީ.ޓީގެ ވިއުގައާއި ޑިޖިޓަލް ލިޓަރަސީ އިތުރަށް ހަރުދަނާކުރެއްވުމަށް ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޑިޖިޓަލް އިޤްތިސާދަކީ 2030 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޢަޒުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އާ ޞިނާޢަތްތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ ހަރުދަނާ މާލީ ދާއިރާއެއް ބިނާކުރުމަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކެއް އުފައްދަވާފައިވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ދައުލަތުގެ މަޤާމުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވުމުގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގައި ޒުވާނުންގެ ބޭނުންތައް ސީދާ ދެނެގަތުމަށްޓަކައި އުފެއްދެވި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މަޢުލޫމާތުވެސް ހިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ބިނާކުރަނިވި ގޮތްތަކަށް މަސައްކަތް ކުރުމާއި ރާއްޖޭގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ފުޅާކުރުމުގެ ތެރެއިން އެކަމަށް އިތުރު ބާރެއް އެޅިގެންދާނެކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.