ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި މިރޭ ތަޤްރީރުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ޤައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ޤައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ޤައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަޚަމްވަމުންދާކަން ހަނދުމަފުޅުކޮށް އަރުވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. ޣައްޒާގައި ޢާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ޙަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ ޢާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އދ.ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
އަދި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، އާންމު މަޖިލީހުގައި ދެއްވި މި ތަޤުރީރުގައިވެސް ތަކުރާރުކުރެއްވިއެވެ.