بســم اللّـه الرّحمـن الرّحيــم
اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ޢިމާރާތްކުރާ އިޖްތިމާޢީ ތަޢުލީމުގެ މަރުކަޒު ނުވަތަ ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ ބިންގާ އަޅައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި އުފަލެއް. މިކަހަލަ މަރުކަޒެއް ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ކުރިއްސުރެ ވިސްނަމުން އައިސްފައިވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ޢިމާރާތް ކުރެވިފައި ހުރި އެންމެ މުހިންމު އަދި އެންމެ ފެންވަރު ރަނގަޅު ޢިމާރާތް ކަމުގައިވާ އިސްލާމީ މަރުކަޒު ބިނާކޮށް ނިމުމަށްފަހުގައި، މިކަހަލަ ތަނެއް ހެދުމުގެ ޚިޔާލު ސަރުކާރުން ކުރަންފެށި.
އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމީ މަރުކަޒަކީ މުހިންމު ވަރަށް ގިނަ ޙަރަކާތްތަކެއް އެތާނގައި ހިނގަމުންދާ ތަނެއް. ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ހުރީ އިސްލާމީ މަރުކަޒުގެ ޢިމާރާތުގެ ތެރޭގައި. އެތާނގައި ފަރުޟު ފަސް ނަމާދު ޤާއިމުކުރެވޭ. ހުކުރު ނަމާދު ޤާއިމުކުރެވޭ. ޢީދު ނަމާދު ޤާއިމުކުރެވޭ. އަދި އޭގެ އިތުރުން، އެތާނގައި ހުރި ބޮޑު ހޯލުގައި ވަރަށް ގިނަ ޖަލްސާތައް ކުރެވޭ. އެކިއެކި މުހިންމު ޤައުމީ މުނާސަބަތުތަކުގައި، ސަރުކާރުން އިންތިޒާމު ކުރާ ޖަލްސާތަކާއި އަދި ބޭރު ޤައުމުތަކާ ގުޅިގެން ދިވެހިރާއްޖޭގައި ބޭއްވޭ މުހިންމު ޖަލްސާތައްވެސް އެތާނގައި ކުރެވޭ. ހަމައެއާއެކު، އިސްލާމީ ކުތުބުޚާނާއެއް ނުވަތަ ލައިބްރަރީއެއް އިސްލާމީ މަރުކަޒުގައި ވަނީ އުފެއްދިފައި. އޭގެ އިތުރުން، ކްލާސްރޫމްތަކެއްވެސް އެތާނގައި ހުރޭ. އެތަންތާނގައި އެކިއެކި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގޭ.
އާދެ، އަޅުގަނޑުމެންގެ ތަރައްޤީގައި ކަންތައްތައް ކުރިއަށްދާ ގޮތުން، އިސްލާމީ މަރުކަޒުގައި ހުރި ފަސޭހަތައް ބޭނުންކުރުމުގެ އިތުރަށްވެސް އެކަހަލަ ފަސޭހަތަކެއް ހުންނާނެ އެހެން ތަނަކަށް މިއަދު ވަނީ ބޭނުންވެފައި. މިކަމުގެ އިޙްސާސް އަޅުގަނޑުމެންނަށް ކުރެވެން ފެށީ، ކުރިންވެސް ދެންނެވި ފަދައިން، އިސްލާމީ މަރުކަޒު ޢިމާރާތްކުރެވި ހުޅުވުމާ ވިދިގެން. އެއީ، އެތާނގައި ހުރި ގިނަ ބޭނުންތަކަށް ފުދޭ ހޯލް، އަޅުގަނޑު ކުރިން މި ދެންނެވި އެކިއެކި ޖަލްސާތައް ކުރާ ހޯލް މިހާރަށް ފުދޭވަރަށްވުރެ ކުޑަކަމަށްވާތީ. އެތާނގައި ބޭއްވޭ ޖަލްސާތަކަށް ޙާޟިރުވުމުގެ ޖާގަ އެތާނގައި އޮންނަނީ ގާތްގަނޑަކަށް 400 މީހުންނަށް. އެހެންކަމުން، ސަރުކާރުން ވިސްނަމުން ގެންދިޔައީ އެފަދަ އެހެން ތަނެއް، އެއަށްވުރެ ބޮޑު ތަނެއް މާލޭގައި އުފެދޭނެގޮތަކާ ދޭތެރޭގައި. އެގޮތުން، މިއަދު އެތަނެއްގެ ބިންގާ މި އެޅުނު އިޖްތިމާޢީ ތަޢުލީމުގެ މަރުކަޒުގެ ޚިޔާލު ސަރުކާރުން ކުރަންފެށި.
އާދެ، އެންމެ ފުރަތަމަ ސަރުކާރުން ވިސްނަމުން ގެންދިޔައީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިކަހަލަ ތަނެއް ހެދޭތޯ. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ހިނގާ ތަރައްޤީގެ ކަންތައްތައް ގިނަކަމާއި، ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ގިނަކަމުން، މިކަހަލަ ޢިމާރާތަކަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ސަރުކާރުގެ ބަޖެޓުން ކުރުންވާނީ ދަތިކަމަކަށް. އެހެންކަމުން، ދެން ސަރުކާރުން ވިސްނަމުން ގެންދިޔައީ ބޭރުގެ އެހީއެއް ހޯދައިގެން ނަމަވެސް، މިފަދަ ތަނެއް ޤާއިމުކުރެވޭތޯ. އެގޮތުން އެންމެ ފުރަތަމަވެސް ދިވެހި ސަރުކާރުން ގުޅީ ޖަޕާނު ސަރުކާރާ. އެނގިވަޑައިގަންނަވާނެ ފަދައިން، ޖަޕާނު ސަރުކާރަކީ ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާ ސަރުކާރެއް. އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކަށް ޖަޕާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމެއް.
އާދެ، ކޮންމެއަކަސް، ޖަޕާނު ސަރުކާރުގެ އެހީ މިކަމަށް ލިބުނު. އަޅުގަނޑުމެން ފުރަތަމަ އުންމީދުކުރީ، ރާއްޖޭގައި ސާރކް ސަމިޓް ބޭއްވޭއިރަށް، އާދެ، ދެކުނު އޭޝިޔާގެ އެއްބާރުލުމުގެ ޖަމުޢިއްޔާގެ އިސްވެރިންގެ ޖަލްސާ ރާއްޖޭގައި ބާއްވަންވާއިރަށް، މި މަރުކަޒު ޤާއިމުކުރެވޭނެ ކަމަށް. އެހެންނަމަވެސް، އެހާ ހަލުވިކޮށެއް ކަންތައްތަކެއް ނުގެންދެވުނު. މިދިޔަ އަހަރަކީ ރާއްޖޭގައި ސާރކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ އަހަރު ކަމަށްވާތީ، އަޅުގަނޑުމެންނަށް ޖެހުނީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަމަށް އެކަށީގެންވާ ހޯލެއް ތައްޔާރުކުރަން. އެގޮތުގެ މަތިން، އަޅުގަނޑުމެން ތައްޔާރުކުރި ހޯލް ނުވަތަ ދަރުބާރުގެ މިހާރު އެހެރީ މިފަދަ ޖަލްސާތައް ކުރުން އެކަށީގެންވާ ތަނެއްގެ ގޮތުގައި ޤާއިމުކުރެވިފައި.
އާދެ، މިހާރު މިތާނގައި މި ޢިމާރާތް ކުރެވޭ ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގައި ހުންނާނީ ކުރިން މި ދެންނެވި ބޭނުންތަކަށް ހަމައެކަނި ފުދޭވަރުގެ ހޯލެއް ނޫން. ދެންމެ ތިޔަބޭފުޅުންނަށް އިވިވަޑައިގެންނެވި ފަދައިން، އެފަދަ ތަފާތު ބޭނުންތަކަށް ބޭނުންކުރާ ހޯލެއްގައި ތަޢުލީމުގެ ކަންތައްތަކެއް އިތުރަށް ކުރުމަށްވެސް ވަނީ ޚިޔާލުކުރެވިފައި. އަދި އެކަމަށް ޢިމާރާތް ކުރުމުގެ މަގުވެސްވަނީ ތަނަވަސްވެފައި. އާދެ، މި މަޝްރޫޢުގެ ފުރަތަމަ ފޭސް ނުވަތަ ފުރަތަމަ މަރުޙަލާގައި ވަނީ، މި ދެންނެވި ތަފާތު ބޭނުންތަކަށް ބޭނުންކުރާ ހޯލް ޢިމާރާތްކުރުން. އެތާނގައި ބޮޑެތި ޖަލްސާތައް ކުރުމުގެ އިތުރަށް، އާދެ، އެއްހާސް ދުއިސައްތަ މީހުން ޙާޟިރުވެގެން ބޭއްވޭ ބޮޑެތި ޖަލްސާތައް ކުރުމުގެ އިތުރަށް، ކުޅިވަރު ކުޅުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައި. ދެންމެ ތިޔަބޭފުޅުންނަށް އިވިވަޑައިގެންނެވި ފަދައިން، ބާސްކެޓްބޯލް، ވޮލީބޯލް، ޖިމްނާސްޓިކްވެސް އެތާނގައި ކުޅެވޭނެ. އެކަންތައްތަކަކީވެސް ވަރަށް މުހިންމު ކަންތައްތަކެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޒުވާނުން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހިފައިވާ ކަމެއް. އަދި ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އެކަމަށްޓަކައި މި އަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ޤަސްދުކޮށްފައިވާ ކަމެއް. ޒުވާނުން ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ ޒުވާނުންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުން. އެއީ، ޢާންމު ތަޢުލީމު ކަމުގައިވިޔަސް، އެކިއެކި ހުނަރުވެރިކަން ދަސްކޮށްދޭ ތަޢުލީމު ކަމުގައިވިޔަސް، ޒުވާނުންނަށް އެކަށީގެންވާ ފަންނީ، ނުވަތަ ޢާންމު ތަޢުލީމު ލިބިދޭންޖެހޭނެ. އެ ތަޢުލީމުގެ އިތުރަށް، ޒުވާނުން ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު އަނެއް ވަސީލަތަކީ ކުޅިވަރު ކުޅުން. ކުޅިވަރު ކުޅުމުގެ ވަރަށް މަތިވެރި މަޤްޞަދުތަކެއްވޭ. އެ މަޤްޞަދުތައް ތަފްޞީލުކޮށް ތިޔަބޭފުޅުންނަށް ނުދެންނެވި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، ޒުވާނުން ޑިސިޕްލިނަށް ހޭނުވުމުގައި އަދި ޒުވާނުންގައި ރަނގަޅު އުޞޫލުތަކެއް ޤާއިމުކުރުމަށްޓަކައި. އެމީހުންގެ ވިސްނުން ހަރުދަނާކުރުމަށްޓަކައި ކުޅިވަރު ކުޅުމަކީ ވަރަށް މުހިންމު ކަމެއްކަން.
އާދެ، އެގޮތުގެ މަތިން އިޖްތިމާޢީ ތަޢުލީމުގައި މި ހިމެނެނީ އެ ދެބައި. ޒުވާނުންނަށް ބޭނުންވާ އެކިއެކި ރޮނގުރޮނގުން އެމީހުން ތަމްރީނު ކޮށްދިނުން. އޭގެ އިތުރުން، ކުޅިވަރު ކުޅެވޭނެ މަގު ތަނަވަސްކޮށްދީ، ކުޅިވަރުގެ ތެރެއިންވެސް ޒުވާނުންނަކީ ހަރުދަނާ ބައެއް ކަމުގައި ހެދުމުގެ މަސައްކަތްތަކެއް ކުރުން. އާދެ، މި މަޤްޞަދުތައް ޙާޞިލްކުރުމަށް މި މަރުކަޒު މި އުފެއްދުނީ. އެ މަޤްޞަދުތަކަކީ އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުގައިވެސް ވަރަށް އިސްކަންދެވޭ މަޤްޞަދުތަކެއް. މީހުން ބިނާކުރުމަކީ ނުވަތަ އިންސާނީ މުއްސަނދިކަން ތަރައްޤީކުރުމަކީ ހުރިހާ ޤައުމެއްގައިވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް. ކޮންމެ ތަނެއްގެވެސް އެންމެ އަގުހުރި ރައުސްމާލަކީ އެތަނެއްގެ މީހުން. އެތަނެއްގައި ދިރިއުޅޭ ރައްޔިތުން. ރައްޔިތުންގައި ހަރުދަނާ ގޮތްތަކެއް ހުރެގެން، ރައްޔިތުންގައި ހުންނަ ޤާބިލިއްޔަތު އިތުރުކުރެވިގެން އެއްވެސް ޤައުމެއް ކުރިއަށްދާނީ. އެހެންކަމުން، އަޅުގަނޑުމެންގެ ރާއްޖެވެސް ތަފާތު ރޮނގުރޮނގުގައި ތަރައްޤީކުރަން މަސައްކަތް ކުރާއިރު، ރާއްޖޭގައި މީހުން ބިނާކުރުމަކީ ވަރަށްބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމެއް. މީހުން ބިނާކުރުން ނުވަތަ އިންސާނީ މުއްސަނދިކަން ތަރައްޤީކުރުން އެއީ، މިވަގުތު އަޅުގަނޑުމެން އެންމެ އިސްކަންދޭން ޖެހިފައިވާ ކަމަކީ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރާގޮތުގައި މިފަދަ މަރުކަޒެއް ޤާއިމުވުމުން، އޭގެ ސަބަބުން ރާއްޖޭގައި މީހުން ބިނާކުރުމަށް ނުވަތަ އިންސާނީ މުއްސަނދިކަން އިތުރުކޮށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ.
އާދެ، ކުރިންވެސް ދެންނެވިފަދައިން، މިތަނަކީ ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ހަދަމުންގެންދާ ތަނެއް. ނުވަތަ ހެދުމަށް ޚިޔާލުކޮށް، އެކަމުގެ މަޝްރޫޢެއް ރޭވިފައިވާ ތަނެއް. ޖަޕާނަކީ ވަރަށް ގިނަ އެހީތައް އަޅުގަނޑުމެންނަށް ވެދެމުން ގެންދާ ޤައުމެއް. އޭގެތެރޭގައި، ޖަޕާނު ސަރުކާރުން ތަޢުލީމީގޮތުން ވެދީފައިވާ އެހީތައް މިއަދު ފާހަގަކޮށްލުމަކީ، އަޅުގަނޑު ހިތުން މިއަދުގެ މުނާސަބަތާ ގުޅޭވެސް ކަމެއް. އާދެ، ރާއްޖެތެރޭގައި ޢިމާރާތް ކުރެވިފައިވާ ވަރަށްގިނަ މަދަރުސާތަކެއް ޢިމާރާތް ކުރެވިފައި ވަނީ ޖަޕާނުގެ ހިލޭއެހީގައި. 15 އަތޮޅެއްގައި 15 މަދަރުސާ އެބަހުރި ޖަޕާނުގެ ހިލޭއެހީގައި ޢިމާރާތް ކުރެވިފައި. އޭގެއިތުރުން، މާލޭގައި އެންމެފަހުން ޢިމާރާތް ކުރެވުނު އިބްތިދާއީ މަދަރުސާ، އާދެ، ކަލާފާނު ސްކޫލް އެއީވެސް ޖަޕާނު ސަރުކާރުގެ ހިލޭއެހީގައި ޢިމާރާތް ކުރެވިފައިވާ ތަނެއް. މި ދެންނެވީ ތަޢުލީމީ ގޮތުން ނުވަތަ ތަޢުލީމީ ދާއިރާގައި ޖަޕާނު ސަރުކާރުން މިހާތަނަށް ވެދެއްވަމުން ގެންދަވާފައިވާ އެހީތައް. މީގެ އިތުރަށް، ވަރަށްގިނަ ދާއިރާތަކުގައި ޖަޕާނު ސަރުކާރުން އަޅުގަނޑުމެންނަށް ހިލޭއެހީ ވެދެއްވަމުން ގެންދަވާ. އާދެ، ޘަޤާފީ އެހީގެ ޕްރޮގްރާމެއްވެސް ހިނގާ. އަދި ކާބޯތަކެތީގެ އެހީވެސް ޖަޕާނު ސަރުކާރުން ދެއްވާ. އަދި މުވާޞަލާތު ތަރައްޤީކުރުމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ ޚިދުމަތްތައް، ހަތަރު މަރުޙަލާއަކަށް ބަހާލެވިގެން، އެކަމުގެ ހިލޭއެހީވެސް ވަނީ ޖަޕާނު ސަރުކާރުން ދެއްވާފައި.
އާދެ، ޓެލެކޮމިއުނިކޭޝަން ޕްރޮޖެކްޓްގެ ހަތަރު މަރްޙަލާ ހިންގިފައިވަނީވެސް ޖަޕާނު ސަރުކާރުގެ އެހީގައި. މީގެއިތުރުން، މާލޭގެ ކަނޑުތޮށިލުމާއި އަދި އެނޫންވެސް މުހިންމު ވަރަށް ގިނަ ކަންތައްތަކުގައި ޖަޕާނު ސަރުކާރުން ވެދެމުން ގެންދާ އެހީއަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހަނދާންނައްތާލާނެ އެހީއެއް ނޫން. ހިލޭއެހީގެ ގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ ގިނަ ހިލޭއެހީ ދޭ ޤައުމަކީ ޖަޕާނު. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި، ޖަޕާނުގެ އެކުވެރި ރައްޔިތުންނަށާއި، ޖަޕާނުގެ ރަޙްމަތްތެރި ސަރުކާރަށް، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އާދެ، މި މުހިންމު މަޝްރޫޢުގެ މަސައްކަތާ ޙަވާލުވެގެން އެކަން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީވެސް އަޅުގަނޑުމެންނަށް އާ ކުންފުންޏެއް ނޫން. ޖަޕާނުގެ މިޓްސުވީ ކޮންސްޓްރަކްޝަން ކޮމްޕެނީ. އެއީ، އަޅުގަނޑުމެން ދަންނަ، އަޅުގަނޑުމެންނަށް ތަޢާރުފްވެފައިވާ ކުންފުންޏެއް. ރާއްޖެތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވިފައިވާ ސްކޫލްތައް ޢިމާރާތް ކޮށްދީފައިވަނީ އެ ކުންފުނީގެ ފަރާތުން. އަދި މާލޭގައި ޢިމާރާތް ކުރެވިފައިވާ ކަލާފާނު ސްކޫލް އެއީވެސް އެކުންފުނީގެ ފަރާތުން ޢިމާރާތްކުރި ސްކޫލެއް. އެހެންވީމާ، އެމީހުންގެ މަސައްކަތުގެ ފެންވަރާއި، އެމީހުން އެކަމަށް ބަހައްޓާ އިޚްލާޞްތެރިކަމާއި ފަރުވާތެރިކަން އެއީ، އަޅުގަނޑުމެންނަށް މިހާރު ތަޖުރިބާ ކުރެވިފައިވާ ކަންތައްތަކެއް. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، މިއަދު އެތަނެއްގެ ބިންގާ މި އެޅުނު އިޖްތިމާޢީ ތަޢުލީމުގެ މަރުކަޒު ނުވަތަ ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ ޢިމާރާތް ކުރުންވެސް، އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، މި ދެންނެވި މަތިވެރި ފެންވަރަށް މިޓްސުވީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ކުރައްވަމުން ގެންދަވާނެ. އާދެ، އެހެންކަމާއެކު، މިހާތަނަށްވެސް އެ ކުންފުނީގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައިވާ އެހީއާއި އަދި މި މަޝްރޫޢުގައިވެސް އެފަރާތުގެ އެހީ ހިމެނިފައިވާތީ، އެފަރާތަށް ޝުކުރު އަދާކުރުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އާދެ، މިއަދުގެ މި މުހިންމު އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނުގެ ސަފީރު ވަޑައިގަތުމަށް ޚިޔާލުކުރައްވާފައި އޮތް ކަމުގައިވިޔަސް، އެ މަނިކުފާނަށް ވަޑައިނުގެންނެވުމުގެ ސަބަބުން، އޭނާ އެ ފޮނުއްވި މެސެޖް އަޅުގަނޑުމެންނަށް ދެންމެ އިވިގެން ހިނގައްޖެ. އެ މެސެޖުގައި ފާޅުކުރައްވާފައިވާ ރަޙްމަތްތެރިކަމާއި، އެއްބާރުލެއްވުމުގެ ޝުޢޫރުތަކަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެ މަނިކުފާނަށް ޝުކުރު ދަންނަވަން. އަދި އެމަނިކުފާނު މެދުވެރިކޮށް، ޖަޕާނުގެ ރައްޔިތުންނަށާއި ސަރުކާރަށްވެސް ޝުކުރު ދަންނަވަން.
މި މަޝްރޫޢުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން ކަމުގައި ދެންމެ އަޅުގަނޑަށް ދެންނެވިއްޖެ. ޝައްކެއްނެތް، އެއީ ވަރަށް މުހިންމު މަސައްކަތެއް. މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއަށް ވިސްނާލާއިރު، ޒުވާނުންނަކީ އާބާދީގެ ވަރަށް ބޮޑު ބައެއް. އަދި މުސްތަޤްބަލްގައިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ޒުވާނުން ދާނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އެހެންކަމާއެކު، ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަން ޖެހެނީ. ރާއްޖޭގެ މުސްތަޤްބަލް އޮންނާނީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި. ރާއްޖޭގެ ހުރިހާ ކަމެއް ހިންގަން ތިބޭނީ ޒުވާނުން. އެހެންކަމާއެކު، އެމީހުންނަކީ އެފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަން ޤާބިލް ބަޔަކަށް ހަދަން އެބަޖެހޭ. އެމީހުންގެ މަސްއޫލިއްޔަތު ދަންނަ، މަސްއޫލިއްޔަތަށް ރައްކާތެރިވާ އަދި އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބަޔަކަށް އެމީހުން ހަދަންޖެހޭ. އެހެންކަމުން، ޒުވާނުން އެ މުހިންމު މަސްއޫލިއްޔަތު އުފުލުމަށް ތައްޔާރުކުރާއިރު، އެ މީހުންނަށް ޖިސްމާނީ ގޮތުންނާއި، ވިސްނުމުގެ ގޮތުން ކޮށްދޭންޖެހޭ ޚިދުމަތްތަކެއް އޮންނާނެކަން ޔަޤީން. އެމީހުންގެ ވިސްނުން ހަރުދަނާކޮށް، އެކަށީގެންވާ އުޞޫލުތަކެއް އެމީހުންގައި އަށަގަންނުވައި އަދި ޖިސްމާނީ ގޮތުންވެސް މުސްތަޤްބަލްގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ޞިއްޙަތެއް ހުރި ބަޔަކަށް އެމީހުން ހަދަން އެބަޖެހޭ.
މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ކަންތައްތަކަށް ވިސްނާލާއިރު، ޒުވާނުންގެ ވަރަށް ގިނަ ބަޔަކީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރަމުން ގެންދާ ބައެއްކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައިވެސް ޒުވާނުން ވަރަށްގިނަ. މި ޒުވާނުންގެ ޚިދުމަތް ސަރުކާރަށް ދަނީ ވަރަށް އެކަށީގެންވާ ގޮތެއްގައި ލިބެމުން. އަދި ސަރުކާރު ނޫން އެހެން ދާއިރާތަކުގައިވެސް ރާއްޖޭގެ ޒުވާނުން ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރަމުން ގެންދާތަން އަޅުގަނޑުމެންނަށް މިއަދު ފެނޭ. އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ވަރަށް އުފާކުރާނެ ކަމެއް. މި ކަންތައްތައް މިހެންހުރި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ މުޖުތަމަޢެއްގައިވެސް އެކަން އޮންނާނެ ފަދައިން، ހަރުދަނާ ނޫން ޒުވާނުންވެސް ދިރިއުޅެމުން އެބަގެންދޭ. ތަނުގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްނުހިތާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ. އަދި ދިރިއުޅުމަށް އެއްވެސްކަހަލަ މަސައްކަތެއް ނުކުރާ ޒުވާނުންތަކެއްވެސް އެބައުޅޭ. އެހެންވީމާ، ޤައުމަށް ބޭނުމެއް ނެތް ކަންތައްތައް ކުރުމުގައި ނުވަތަ ޤައުމަށް ގެއްލުންހުރި ބައެއް ކަންތައްތައް ކުރުމުގައި ގިނަ ވަގުތުތަކުގައި ދެމިތިބޭ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ. އަޅުގަނޑުމެން ޖެހޭނެ އެ ކަންތައްތައް އިޞްލާޙުކުރަން. އެއީ، މުޅި ޤައުމުގެ ރައްކަލަކަށްޓަކައި. ޤައުމުގެ މުސްތަޤްބަލަށްޓަކައި.
އެހެންވީމާ، މަސައްކަތެއް ނުކޮށްއުޅޭ ޒުވާނުންނާއި އަދި ކުރިންވެސް ދެންނެވި ފަދައިން، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްނުހިތާ ޒުވާނުންނާއި، މައިންބަފައިންނަށްވެސް ޙުރްމަތްތެރިކޮށްނުހިތާ، އެބަޔަކު އުޅޭނެ ގޮތަކަށް އުޅޭ ޒުވާނުންނާއި، މި އެންމެންނަށް މަގު ދައްކައިދީ، އެމީހުންނަކީ ޤައުމަށް ފައިދާހުރި ބަޔަކު ކަމުގައި ހެދުމަކީ، އަޅުގަނޑުމެން ވަރަށްބޮޑަށް ކުރަންވެއްޖެ މަސައްކަތެއް. އެކަން އެހެން އޮތުމާއެކު، އަޅުގަނޑު މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވައިދެމުން ދެއްކި ވާހަކައިގައިވެސް، ހެޔޮގޮތުގައި ޒުވާނުން ތަރުބިއްޔަތު ކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށްޓަން ވެއްޖެއޭ ދެންނެވިން. އާދެ، އެ މަސައްކަތްތަކަކީ މާ އަވަހަކަށް ނިންމާލެވޭނެ މަސައްކަތްތަކެއް ނޫން. އެއީ، ވަރަށް ބުރަ މަސައްކަތަކަށް ވާނެ. ވަރަށް ގިނަ ދާއިރާތަކުގެ މަޝްވަރާއާއި ޚިޔާލު ހޯދަންޖެހޭ ކަމަކަށްވާނެ. އަދި ވަރަށް ގިނަ ރޭވުންތަކެއް ރާވައިގެން، ވަރަށް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަންޖެހޭނެ މަސައްކަތްތަކަކަށްވެސް އެކަންތައް ވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި އަހަރު އެ މަސައްކަތް ފެށުމަށް ސަރުކާރުން ގަސްތުކުރޭ. އެ މަސައްކަތުގެ ހެޔޮ ނަތީޖާ މާލަހެއްނުވެ އަޅުގަނޑުމެންގެ ރާއްޖެއަށް ފެނިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
އާދެ، މިއަދުގެ މި މުހިންމު މުނާސަބަތުގައި އަދިވެސް އެއްފަހަރު، އަޅުގަނޑުމެންނަށް މި އެހީތެރިވެދެއްވާ ޖަޕާނު ސަރުކާރަށް ޝުކުރު ދަންނަވަން. އަދި މިއަދު އެތަނެއްގެ ބިންގާ މި އެޅުނު އިޖްތިމާޢީ ތަޢުލީމުގެ މަރުކަޒު ޢިމާރާތްކޮށް ނިމުމުން، އެތަނުން ދިވެހި ޤައުމަށް އެދެވޭ ޚިދުމަތްތަކެއް ލިބެމުންދާނެކަން ޔަޤީންކުރަން. އެތަނުގެ ބޭނުން އަޅުގަނޑުމެންގެ ރައްޔިތުންނާއި، ޒުވާނުންނާއި، ހުރިހާ ޢުމުރެއްގެ މީހުންވެސް ހެޔޮގޮތުގައި ކުރަމުންދާނެ ކަމަށްވެސް އަޅުގަނޑު އުންމީދުކުރަން. އަދި އޭގެ ސަބަބުން، ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް ހެތޮ ތައުފީޤު ދެއްވުން. ޤައުމައިގެން ކުރިއަށްދިޔުމުގެ މަގުފަހިކޮށްދެއްވުން. ދިވެހި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދައި، ސަރުކާރާއި ރައްޔިތުން ގުޅިގެން ޤައުމުގެ މަންފާއަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ ތައުފީޤު، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ދެއްވުން.
والسّلام عليكم ورحمـة اللّـه.